Home » , » ނޭދޭން ވަކިވާކަށް

ނޭދޭން ވަކިވާކަށް

Written By Afey Afra on Monday 29 September 2014 | 20:31








އަހަރެންނަށް ނިދެނީ ލިމްޔާގެ ހިޔާލުގައި އޮވެގެންނެވެ. ލިމްޔާ ކައިރީގައި ބުންނަން ނުކެރެނީ ހީކޮށްފާނެ އެއްޗަކާއިމެދު ވިސްނޭވަރުންނެވެ. ލިމްޔާއުޅެނީ މީހަކާއި ރައްޓެހިވެގެން ކަމެއް ނުވަތަ ނޫންކަމެއް އަހަރެންނަކަށް ނޭގެއެވެ. ކަނޑައެޅިގެން އެނގޭ އެއްޗަކީ މީހެއްގެ އަންބެއް ނޫންކަމެވެ. ލިމްޔާގެ ވާހަކަތަކުން އެކަން އެނގެއެވެ. ރޭގަނޑު ކޮފީއަކަށްދާން ނިކުންނަން ވާނެއޭ ބުނުމުން ދިން ޖަވާބަކީ މަންމަ ނުފޮނުވާނެވެއެވެ. މިހެންނެވެ. ލިމްޔާގެ ވާހަކައަކީ ބޭކާރު ގޮތުގައި ގެއިން ބޭރަށް ނިކުންނަ ކުއްޖެއް ނޫންކަމެވެ.

އިހުސާސްވާ އެއްކަމަކީ ޓްރެއިނިންގ ސެޝަންތަކުގައި އެންމެގާތް އެކުވެރިއަކީ ލިމްޔާކަމެވެ. އެތަނުގައި ލިމްޔާގެ އެންމެ ގާތް އެކުވެރިއަކީ އަހަރެންކަމެވެ. ނަމަވެސް ޕާރސަނަލް ކަންކަން ހިއްސާކޮށްފައި ނުވާތީ އަހަރެންނަށް އެފަދަވާހަކައެއް ދައްކާކަށް ނުކެރެވެ. ގިނަފަހަރަށް އެފަދަ ވާހަކަ ފަށާނީ އަންހެން ކުދިންނެވެ. ނަމަވެސް އަހަރެންނަށް ލިމްޔާދެކެ ލޯބިވެވިއްޖެއެވެ. އެހެން ނޫނަމަ މިހިޔާލުތަކުން މިންޖުވާންވެއްޖެއެވެ.

ހިޔާލުތަކުގައި އޮއްވައި ހީނުކުރާ ގަޑިއެއްގައި ލިމްޔާ ގުޅަންފެށުމުން އަހަރެންނަށް ސިހުމެއް ލިބުނެއެވެ. ހިތަށް އެރިއެވެ. އަހަރެން ލިމްޔާއާއި މެދު ވިސްނާފަދައިން ލިމްޔާވެސް ނިދަން އޮވެގެން އަހަރެންނާއި މެދު ވިސްނަނީބާއެވެ.  

"އޭ ވަރަށް ބޮޑު ކަމަކު" ވަރަށް ހާސްވެފައި ބުންޏެވެ.
އަހަރެން ބުނީމެވެ. ކޮންކަމެއްހެއްޔެވެ. އަވަހަށް ބުނާށެވެ.
"މިއުޅެނީ މަންމަ ވަރަށް ބޮޑަށް ބަލިވެގެން އަހަރެންނާއި އެކު ޑޮކަށް ދެވިދާނެތަ، މީހަކު ނެތިގެން"
އުފަލާއި އެކު އަހަރެން އަވަސްވެގަތީ ލިމްޔާ އާއި އެކު ފުރަދަންވަރުގައި ހޮސްޕިޓަލަށް ދިޔުމަށެވެ. ލިމްޔާމެންގެ ކައިރީގައި ސައިކަލް ބަހައްޓާފައި އަހަރެންވެސް އެމީހުންނާއި އެކީގައި އެރީ ޓެކްސީއަށެވެ.
" ވަރަށް ބޮޑަށް ސޮރީ އުނދަގޫކުރެވުނީމަ" ފަހަތު ޝީޓުގައި އިނދެ ލިމްޔާ އަހަންނާއި ދިމާއާށް މަޑުމަޑުން ބުނެލިއެވެ.
އަހަރެން ހިނިތުންވުން ދައްކާލާފައި އޯކޭއޭ، ރައްޓެއްސަކު ބުނީމާކޮށްދެން ޖެހޭނެއެވެ. ހަމަ ހުރެފައެއް ނުބުނާނެއެވެ. ބުނާނީ ކޮންމެސް ކަމެއް ވީމައެވެ. މިހެން ބުނެފައި ފަހަތް ބަލާލުމުން ލިމްޔާ އަހަރެންނާއި ދިމާއަށް ހީލިއެވެ.

ހޮސްޕިޓަލްތެރޭގައި ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބި އުޅެނިކޮށް ލިމްޔާގެ މަންމަ އިންޖެކްޝަން ޖަހަން ވެއްދުމުން އަހަރެމެން ދެމީހުން ޖެހިގެން ތިބި ދެނގޮނޑީގައި އިށީނީމެވެ.
އަނެއްކާވެސް ބުނެލިއެވެ. "ސޮރީ އިނގޭ"
"ނޫން ދެން ތިހެން ނުކިޔާ" ލިމް ބުނެފިއްޔާ އަހަރެން ކޮންމެކަމެއްވެސް ކޮށްދޭނަން، މިހެން ބުނުމުން ލިމްޔާގެ ވާހަކަފެށިއެވެ.

" އަސްލު ލިމް އާއި މަންމަ އެކަނި ގޭގައި އުޅެނީ، ނުހުންނާނެ އިތުރު މީހެއް، ދަންވަރުވީމަ ގުޅާލީ،  މަންމައާއި ބައްޕަ އުޅެނީ ސެޕަރޭޓްވެގެން، ލިމް ގްރޭޑް ނައިންގަ އުޅެނިކޮށް ބައްޕަ ދިޔައީ، އޭގެ ފަހުން ތަންތަން ކުއްޔަށް ހިފައިގެން މަންމަ އާއި ދެމީހުން މިއުޅެނީ، މަންމަ ވަޒީފާއެއް އަދާކުރި ލިމްއަށް ކިޔަވަދޭންވެގެން، މިހާރު ލިމްއަށް މަންމަ ބެލޭވަރަށް ލާރި ލިބޭ" ލިމްޔާގެ ވާހަކަ ތަކަށް އަހަރެން ކަންފަތްދީގެން އިނީ ޝައުގުވެރިކަމާއި އެކުއެވެ.
"ދެން ތިހެންނެއް އަބަދަކު ނޫޅެވޭނެނުން، މެރީކުރުމުގެ ހިޔާލެއް ނުގެންގުޅެންތަ"
އަހަރެން މިހެން ބުނުމާއި އެކު ލިމްޔާ ބޯ ހޫރާލާފައި ބުނެލިއެވެ.
"ނޫން މަންމަ ބިރުގަނޭ ލިމް މަންމައާއި ވަކިވެދާނެތީ، ކުރިންވެސް ކުއްޖަކާ ރައްޓެހިވެގެން އުޅުނިން އެހާ ރަނގަޅު ތަޖުރިބާއެއް ނޫން، އަނެއްކޮޅުން މަންމައަށް ދިމާވިގޮތުން، އެބިރުވެރިކަން އިންނަނީ"
މިގޮތަށް ލިމްޔާ ބުނުމާއި އެކު އަހަރެން ބޭނުންވާ ޖަވާބު ލިބުނެވެ. ދުވަސްކޮޅަކު އުޅުމަށްފަހު އަހަރެން ލޯބި ހުށަހެޅީމެވެ. ލިމްޔާވެސް ލޯބިވާކަމަށް ބުނެ، ދެމީހުން އެކުގައި ދުވަސްތައް ގުނަމުންގޮސް ކައިވެންޏާއި ހަމަޔަށް މިސްރާބު ޖެހީމެވެ.

"ލިމް ބޭނުންވަނީ ވައިޓް ވެޑިންގ ޑްރެސްއެއް، ލިމްއާއި ވަރަށް ގުޅޭނެ، ވަރަށް ރީތިވެސްވާނެ"
ލިމްޔާގެވާހަކައަށް އަހަރެން އެއްބާރުލުންދިނީ ސަމާސާގޮތަށް އޭނާ އުފާވާނެ ގޮތަކަށެވެ.
"ހޫމް، ވަރަށް ރީތިވާނެ، ތިޔަކަހަލަ ދޮން ހަށިގަނޑަކަށް ގުޅޭނީ ހަމަ ވައިޓް، ހީވާނީ .... ދެން ބުނާނެ އެއްޗެއްވެސް ނޭގެ"
މިހެން ބުނުމާއި އެކު ލިމްޔާ ހެމުންހެމުން އަހަރެންގެ ބުރަކަށީގައި ތަތްވެލާފައި ދެއަތުން އަހަރެންގެ ބަނޑަށް ފިތާލިއެވެ.
ސައިކަލުން ފައިބައިގެން ގެއަށްވަންނަމުން ބުނެލިއެވެ.
"ގެއަށް ގޮއްސަ ގުޅާލަބަލަ، އެބައޮތް ވަރަށް ސީރިއަސް ވާހަކައެއް ދައްކަންވެފަ"
"ކޮންވާހަކައެއް، މިހާރު ބުނޭ" އަހަރެން މިހެން ބުނުމުން ލިމްޔާ އިންކާރުރިއެވެ.
"ނުން، ފޯނުން ބުނަނީ، ދެންދޭ" ލިމްޔާ ޓާޓާ ކިޔާފައި ދޮރުން ދެމިގަނެގެން ދިޔައެވެ. އަހަރެން ގެއަށް އައިސް ލިމްޔާ އަށް ގުޅީމެވެ.

" އެނގޭތަ އޭރު ކައިވެނީގެ ވާހަކަ މާމައްޗަށް ދެއްކުނީމަ، މިވާހަކަ ބުނަން ބޭނުންނުވީ އުފާވެރިކަން ގެއްލިދާނެތީ، ހިނގާ އެހަށް ލަސްކޮށްލަން"
ލިމްޔާ އެގޮތަށް ބުނުމާއި އެކު އަހަރެންނަށް ހައިރާންކަން ލިބުނެވެ.
"ކިހިނެތްވީ ބުނެބަލަ"
އަހަރެންގެ ސުވާލަށް ލިމްޔާ ޖަވާބުނދިނެވެ.
" ލިމްއަށް ރަނގަޅީ އެގޮތަށް ހަދާދީފިއްޔާ، އަސްލު މަންމަ ޖެހޭ އޮޕަރޭޝަން ކުރަން، އެނގެއެއްނުން، ލަންކާއަށް ދާންޖެހެނީ، ލިމް ބޭނުންވަނީ އެކަން ނިންމާފައި އައިސް ކައިވެނިކުރަން"
ނުކެރި ހާސްވެފައިހުރި ލިމްޔާ ހިތްހަމަ ޖައްސާލުމަށް އަހަރެން ބުނީމެވެ، ތިއައީ ފޯނުން ނޫނީ ބުނަން ނުކެރޭވަރުގެ ވާހަކައެއް ހެއްޔެވެ، ލިމްވެސް ބޭނުންވާ ގޮތެއް އޮތިއްޔާ އަހަރެން ހަދާނެކަން އެނގޭނުންހެއްޔެވެ. ވަރަށް ލޯބިވެއެވެ.
މިހެން ބުނުމުން ލިމްޔާ ހިތްހަމަޖެހުނެވެ.
"ހާދަ ރަނގަޅެވެ، ތިކަހަލަ ރަނގަޅު މީހަކު ފިރިއަކަށް ވާނެކަމުގެ އިންތިޒާރުގަ މިހުންނަނީ"

އަހަރެންގެ އިންތިޒާރަކީ ކައިވެންޏެވެ. ލިމްޔާ ގޮސް އެނބުރި އަންނާނެ ދުވަހަކަށް އަހަރެން އިތިޒާރުކުރާނީ ރުހުމާއި އެކުއެވެ. ފެރީ ތޮށިގަނޑަށް ކައިރިކުރުމާއި އެކު ލަގެޖް ޓްރޮލީ ދަމަމުން ޓާމިނަލްތެރެއަށް އަހަރެން އައިއިރު ފަހަތުން ދެމައިން ހިނގާފައި އައެވެ.
" ޗެކިން ފަށައިފި ދެންވަންނަ ވީނުން" އަހަރެން މިހެން ބުނުމާއި އެކު ލިމްޔާ ސްކްރީނާއި ދިމަ ބަލާލިއެވެ.
"މަންމަ މިތާ އިށީދެބަލަ އެބަ އަންނަން" މިހެން ބުނެފައި ލިމްޔާ އަހަރެންގެ އަތުގައި ހިފައިގެން ދުރަށް ހިނގައިގަތެވެ.
" ލިމްއަށް ނުގެއްލެއްޗޭ، ވަރަށް ވަރަށް ލޯބިވޭ"
ލިމްޔާގެ އާދޭހުގެ ލޯތްބާއި އެކު އަހަރެން ފުންނޭވާއެއް ލީމެވެ.
" ލިމްޔާ ނޫން މީހަކު އަހަރެންގެ ހަޔާތަށް ބޭނުމެއްނޫން، ދެން ތިކަހަލަ ވާހަކަ ނުދައްކާ، ގޮއްސަ މެސެޖްކޮށްލާތި ވަރަށް މިސްވާނެ"
ލިމްޔާ ބޯޖަހާލިއެވެ.
ލިމްޔާ ދެރަވެފައި ހުރިވަރުން އަހަރެން މައުލޫ ބަދަލުކޮށްލީމެވެ.

"ބުނީމެއްނުން، މަންމަގެ ރައްޓެއްސަކު ހޯދަދިން ދިވެހި ބައެއްގެ ކައިރީގައޭ ތިބެނީ، އެމީހުން ބަލާއަންނާނެތަ"
"ހޫމް އެއީ އެއްކަލަ ހައްވައްތަ، ފުރަންއުޅެނިކޮށް ގެއަށް އައިއްސަ ބުނި މަންމަ ކައިރީގައި އެމީހުން އެއާރޕޯޓަށް ދަނެއޭ ބަލާ" ލިމްޔާ މިހެން ބުނެފައި ހިނގައިގަތެވެ.
ޗެކިން ކައުޓަރާއި ދިމާއަށް ދެމައިން ޓޮރޮލީ ދަމަމުން ހިނގާފައި ދިޔައިރު ބޭރުގައި އަހަރެންނަށް ބަލަން ހުރެވުނެވެ.

ބޭރު ނަމްބަރަކުން "މިސް ޔޫ" ޖަހާފައި އޮތް މެސެޖެއް ލިބިއްޖެވެ. ފޯނުން ގުޅާލުމާއި އެކު ލިމްޔާ ވާހަކަ ދައްކަން ފެށިއެވެ. ވިހިމިނެޓްގެ ކޯލްގައި އެކޮޅުގެ ހާލަތާއި އަދި މާދަމާ މަންމަގެ ކަންކަން ފެށޭނެ ވާހަކައާއި އަދިވެސް އިތުރު ވާހަކަތައް ދެއްކުނެވެ.

ދުވަސްތައް ފާއިތުވެގެން ދާވަރަކަށް ލިމްޔާގެ ހަބަރުވުން މަދުވެއެވެ. މެސެޖަށް ރިޕްލައި ކުރަނީވަރަށް މަދުންނެވެ. ގުޅިއަސް ފޯނެއް ނުނަގައެވެ. ފޯނުނެގި ވަގުތުގައިވެސް ހަލޯއޭ ބުނިތަނާ ކެނޑުނީއެވެ. ހިތްހަމަ ނުޖެހުމަށްވުރެ ދެރަވުން އިތުރުވެ، އަބަދުވެސް އިންތިޒާރުކުރެވެނީ ލިމްޔާގެ މެސެޖަކަށެވެ.

އޮފީހުގައި އިންދާ މެންދުރު ވަގުތު ގުޅުމުން ފޯނުނެގީމެވެ.
ފޯން ނެގިވަގުތު އިވެމުން ދަނީ ރުއިމުގެ އަޑެވެ.
"ލިމް، ލިމް ކިހިނެތްވީ" އަހަރެން ހާސްވިއެވެ.
ގިސްލުމާއި އެކު ރޮމުންދިޔަ ލިމްޔާ ބުންޏެވެ.
"މަންމަ.... މަންމަ ނިޔާވެއްޖެ"

މަންމަ ނިޔާވުމަށްފަހު ލިމްޔާގެ ހަބަރެއް ނުވެއެވެ. ކެއުމާއި ދުރުވެ ކަންކަން ކުރާހިތް ނުވެ، ދުނިޔެމަތިން ފޫހިވެއްޖެއެވެ. ގުޅިއަސް ބިޒީކޮށްލައެވެ. ތިންދުވަސްފަހުން ލިމްޔާގެ ރާއްޖޭ ނަމްބަރުން މެސެޖްކޮށްލިއެވެ.
"މިހުރީ އެއާރޕޯޓްގައި، ފެރީއަށް އަރަނީ ލިމް ދެކެން ބޭނުމިއްޔާ ފެރީލަފާ ދިމާލަށް އަވަހަށް އާދޭ، އެކަމު ލިމްއާއި ވާހަކަ ނުދައްކައްޗޭ ޕްލީސް، މިމެސެޖަށް ރިޕްލައިވެސް ނުކުރާތި"
މެސެޖު ކިޔުމަށްފަހު ނަސަންދުރާއާއި ދިމާލަށް ދިއުމަށް އަވަސްވެގަތީމެވެ. އަހަރެން ހިތަށް އެރިއެވެ. އެހެނެއް އެކަމެއް ނުވާނެއެވެ.

ހަލަބޮލި ބައިބޯ މާހައުލުގައި ޓެކްސީ ހޯދުމަށް މީހުން މަސައްކަތް ކުރަމުން ދިޔައިރު މަޑުނޫކުލައިގެ ހުދުމުގައި ހުރި ލިމްޔާއަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ.
"ލިމް، ކިހިނެތްވީ، ކޮންކަހަލަ މެސެޖެއް އެއޮތީ ކޮށްފައި، ވެގެން އުޅޭ ގޮތް ކިޔައިދީބަލަ"
ތުން ބެދިފައި ހުރި ލިމްޔާ އަނގަ ހުޅުވާލިއެވެ.
"ފަހުން ބުނާނަން"
މިހެން ބުނިތަނާ، ޓޭކްސީއަކަށް އިޝާރާތްކޮށްފައި މިކާރަށް އަރާށޭ މީހަކު ލިމްޔާއައި ދިމާއަށް ބުންޏެވެ. އަހަރެން ލިމްޔާގެ ފޮށީގައި ހިފެހެއްޓީމެވެ. އަދި ނަގައިގެން ގެނެސް ޑިކީ ތެރެއަށް ލީވެސް އަހަރެންނެވެ. ލިމްޔާ އާއި އެކު ފިރިހެނަކު ކާރުގެ ފަހަތަށް އެރިއެވެ. އަހަރެން ގޮސް ކުރީ ޝީޓަށް އެރީމެވެ.

ކާރަށް އަރާފައި ދާންވީތައް ލިމްޔާ ބުނުމާއި އެކު ޑްރައިވަރު ދުއްވަން ފެށިއެވެ. ލިމްޔާގެ ލޮލުން ކަރުނަ ފައިބަމުންދާ މަންޒަރު ވަރަށް ސާފުކޮށް ލޯގަނޑުން ފެނެއެވެ. ލިމްޔާ އިނީ އަހަރެންނާއި ދިމަ ބަލަހައްޓައިގެންވެ.

ގޭދޮށަށް ކާރު މަޑުކުރުމާއި އެކު ފޮށިހިފައިގެން ލިމްޔާއާއި އެކު ފަހަތު ޝީޓުގައި އިން ފިރިހެން މީހާ ގެއަށް ވަންނަ ހިނގައިގަތެވެ. ބަލާބެލުމަށް އެއީ އަހަރެންފަދަ ޒުވާނެކެވެ. އެއީ ކާކުމައް އަހަރެންނަކަށް ނޭގެއެވެ. ވާނުވާ ނޭގުމުގެ ތެރޭގައި ހުރެފައި އެމީހާއާއި ދިމަ ބަލާލާފައި ލިމްޔާއަށް ލޮލުން އިޝާރާތްކޮށްލީ ކާކުތޯ ސުވާލުކޮށްލުމަށެވެ.

ފޮށި ހިފައިގެން ގެއަށް ވަންނަން ދިޔަ މީހާ ދޮރުމަތީގައި މަޑުކޮށްފައި އެނބުރުނެވެ. އެނބުރުމާއި އެކު އަހަރެންނާއި ދިމަ ބަލަން ހުރި ލިމްޔާ ވަރަށް ބާރަށް ހިނގައިގަތެވެ. އަދި ދެމީހުން ގެއަށް ވެދެގެން ދިޔައީ އަހަރެންގެ މޫނު މަތީގައި ސުވާލުމާކެއް ޖަހާފައެވެ. ހިތްދަތި ކުރުވާފައެވެ.

ލިމްޔާ އަހަރެންނަށް މެސެޖް ކުރިއެވެ. ނުގޮސް މަޑުކޮށްލައްޗެވެ. އިރުކޮޅަކުން ބަޑިއަކަށް ދޮރުޖަހާފައި ނިކުމެގެން ދުވެފައި އައިސް އަހަރެންގެ ގައިގާ ބައްދާގަތެވެ. އަދި ބަޑިފަޅައިގެން ގޮސް ރޯންފެށިއެވެ.
" ސޮރީ، ވަރަށް ބޮޑަށް ސޮރީ، ވަރަށް ވަރަށް ލޯބިވޭ އެކަމު މިނޫން ގޮތެއް ނެތް" ލިމްޔާ މިހެން ބުނުމުން އަހަރެން ބުނީމެވެ.
" މިނޫން ގޮތަކީ ކޮބައިހެއްޔެވެ، ރީތިކޮށް ބުނެބަލާށެވެ"
ލިމްޔާގެ ލޮލުގައިވާ ކަރުނަތައް އަހަރެންގެ އަތުން ފޮހެލަދިނީމެވެ. ލިމްޔާގެ އަތް އަހަރެންގެ އަތާއި ޖޯޑުކޮށްލާފައި ބުންޏެވެ.

" އަހަރެން މިއައީ އެނބުރި އަނެއްކާވެސް ލަންކާއަށް ދާން، ވިސާޖަހަން، ދެން ކައިވެނި ކުރަން، އެކަމަކު އޭނައާ ކުރަންޖެހެނީ"
މިހެން ބުނެފައި އަނެއްކާވެސް ބަޑި ފަޅައިގެން ދިޔައެވެ.
" މަންމަގެ ކަންތަކުގައި ހީނުކުރާ ވަރަށް ހަރުދު ދިޔަ، ހަދާނެ ގޮތް ހުސްވި، ގުޅަންވެސް އުޅުނިން، ގުޅާނެ ފުރުސަތެއް ނުދިން، އެމީހުން ޚަރަދުގައި ހިފީ"
ލިމްޔާގެ ވާހަކަ ހުއްޓުވާލަމުން އަހަރެން ބުނީމެވެ.
"އެކަމާއި މިކަމާއި ހުރީ ކޮންގުޅުމެއް"
އަނެއްކާވެސް ރޯންފެށިއެވެ.
" އެއީ އެއްބަސްވެވުނު ގޮތް، މަންމަ އެގޮތަށް އެއްބަސްވީ އެމީހުންގެ ދަރިއާއި އަހަރެން ކައިވެނިކުރަން، އޭނަ އެއައީ ލިމް ގޮވައިގެން"
އަހަރެން ބުނީމެވެ. އެހެން ހެއްޔެވެ، ގެއްލުނީ ކާކުހެއްޔެވެ.

" ޕްލީސް ލިމް އެނބުރި އަންނާނަށް، ވަކިވާކަށް ނޭދޭން، މިދަނީކީ ދިރިއުޅުމަކަށް ނޫން، މަޖުބޫރުވެގެން، މިކަން ނިމޭނެ، ލޯތްބާ ނުލާ ކޮން ދިރިއުޅުމެއް" ލިމްޔާ އޭނާގެ ހިތުގެ އެދުން އިއްވާލިއެވެ.

ހަލާތު ބަދަލުވެ ދިޔައީ އެވެ. ލިމްޔާ ހަދަނީ ތެދުކަމެއް، ނޫނީ ލިމްޔާ ހަޤީޤަތުގައިވެސް އަހަރެން ދެކެ ލޯބިވެ ހުރެ މަޖުބޫރުން ދަނީކަމެއް އަހަރެންނަކަށް ނޭގެއެވެ.
އެނގޭ ކަމަކީ އަހަރެން ލިމްޔާ ދެކެ އިންތިހާއަށް ލޯބިވާކަމަވެ، ވަކިވުމަށް ދުވަހަކުވެސް ނޭދޭކަމެވެ.
ލިމްޔާގެ ކުރިމަތީގައި އަހަރެން ހިތްވަރު ގަދަކުރީމެވެ.
"ދެން ނުރޮއި، ވާންހުރި ގޮތެއްވާނެ، މިއަދުވެސް މާދަމާވެސް،"

މިހެން ބުނިތަނާ، އެޒުވާނާ ގެއިން ނިކުމެގެން އައިސް ލިމްޔާގެ އަތުގައި ހިފުމުން "ރުހުމާއި" އެކު ގޮސްފިއެވެ.  (ނިމުނީ)
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved