ބޯހިމެނުމަކީ އާބާދީއާއި
ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ވަކި އުސޫލެއްގެ ތެރެއިން ސަރަހައްދެއްގެ
ނުވަތަ ޤައުމެއްގެ އާބާދީގެ ކޮންމެ މެންބަރެއްގެ އަތުން އިޤުތިސާދީ، އިޖުތިމާޢީ
އަދި ކަމާއި ގުޅޭ އެހެނިހެން މައުލޫމާތުތައް އެއްކުރުމަށް ކުރެވޭ މަސައްކަތެވެ. ބޯހިމެނުމުގެ
މަސައްކަތް ކުރެވެނީ ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި އެއްފަހަރުއެވެ.
އާއްމު ގޮތެއްގައި ބައެއް ގައުމުތަކުގައި 10 އަހަރުން އެއްފަހަރު ބޯހިމަނާއިރު
ބައެއް މަދުގައުމުތަކުގައި 5 އަހަރުން އެއްފަހަރުވެސް ބޯހިމެނުމުގެ
މަސައްކަތްކުރެއެވެ.
ބޯހިމަނަން ޖެހޭ
އެންމެ މުހިންމު އެއްސަބަބަކީ ބޯހިމެނުމުގެ ނަތީޖާއީ އެތަނެއްގެ އިޖުތިމާއީ،
އިގްތިސާދީ އަދި އާއްމު ދިރިއުޅުމުގެ ހާލަތު ވަޒަންކުރެވޭތީއެވެ. އެގޮތުން
ތައުލީމާއި، ސިއްހަތާއި، ވަޒީފާގެ ފުރުސަތުފަދަ ކަންކަން ހުރި ނެތްގޮތް
ބޯހިމެނުމުގެ ނަތީޖާއިން އެނގިގެން ދެއެވެ.
އަދި މީގެ އިތުރުން
އާއްމުދަނީ ހޯދުމަށް އެކިއެކި ސަރަހައްދުތަކުގައި ކުރެވޭ މައިގަނޑު މަސައްކަތްތަކަކާއި،
ލިބޭ އާމުދަނީގެ ހިސާބުއެނގިގެން ދެއެވެ. އަދި އާއްމުދަނީ ހޯދުމަށް
މަސައްކަތްކުރަނީ ކިތައް މީހުންކަމާއި، މަސައްކަތްނުކޮށް ކާންތިބެނީ ކިތަށް
އަނގަކަން (ޑިޕެންޑެންސީ) އަކީ ކޮބައިކަން އެނގިގެންދެއެވެ.
އަދި ކުދިން
އުފަންވަމުން އަންނަ ރޭޓާއި މަރުވާ ރޭޓާއި، ހިޖުރަކުރާ އަދަދާއި، އެޤައުމެއްގައި
ދިރިއުޅޭ މީހުން ދުނިޔޭގައި ހޭދަކުރާ އެވްރެޖް އުމުރަކީ
ކޮބައިކަން ދެނެގަނެވެއެވެ.
ބޯހިމެނުމުން
އާބާދީގެ ޖުމްލަ އަދަދު އެނގިގެން ދާއިރު ކުރެވޭ ސުވާލަކީ ނޭޝަނަލް ރަޖިސްޓްރޭޝަނުންވެސް
އެއަދަދު އެނގިގެންދާނެކަމެވެ. ނަމަވެސް ބޯހިމެނުމުގެ ނަތީޖާގެ ތަފާތަކީ އެތަނެއްގައި
ނުވަތަ އެސަރަހައްދެއްގައި ރަޖިސްޓަރީގައި ހިމެނިފައިވާ އާބާދީއަށްވުރެ،
ބޯހިމެނުގެ ނަތީޖާއިން އެތަނެއްގައި މީހުން އިތުރުވެ ނުވަތަ މަދުވުން ހިމެނޭތީއެވެ.
މިކަން މިހެން ދިމާވާ ސަބަބަކީ، ވަޒީފާއާއި ހިދުމަތްތަކަށް ބަރޯސާވެ ހިދުމަތާއި
ވަޒީފާ ލިބޭތަނެއްގައި މީހުން ހިޖުރަކުރުމުގެ ނުވަތަ ދިރިއުޅުމުގެ ސަޤާފަތް ކޮންމެ
ތަނެއްގައިވެސް އޮންނާތީއެވެ.
މިގޮތަށް މިކަން
އޮތްއިރު ބޯހިމެނުމުގެ ނަތީޖާއީ މުޅިގައުމުގެ ހާލަތާއި އެކިއެކި ސަރަހައްދުތަކުގެ
ހާލަތު ވަކިވަކިން އެނގިގެންދެއެވެ. އަދި ވަކިވަކި ސަރަޙައްދު ތަކުގެ "ދިރިއުޅޭ
އާބާދީ" އަކީ ކޮބައިކަން އެނގިގެން ދެއެވެ. އެހެންކަމުން ތައުލީމާއި
ސިއްހީކަންކަން ފަދަ ހިދުމަތްތަކުގެ ސިޔާސަތުތައް އެކިއެކި ސަރަހައްދުތަކަށް ހިންގުމުގައި
މިމައުލޫމާތަކީ މުހިންމު މައުލޫމާތެކެވެ.
ވީމާ ގައުމުގެ ބޮޑު ރަޖިސްޓަރީގައި
ނުވަތަ ރަށެއްގެ ރަޖިސްޓަރީގައިވާ ފުރިހަމަ އަދަދަށްވުރެ، ސާފުކޮށް އެނގެންޖެހޭ
ކަމަކީ އެތަނެއްގައި ސިޔާސަތު ކަނޑައެޅުމުގައި މުހިންމުވަނީ އެތަނެއްގައި ދިރިއުޅޭ
އާބާދީގެ ނިސްބަތްކަމެވެ. މިސަލާކަށް ދަންނަވާނަމަ މާލޭގެ ރަޖިސްޓަރީގައިވާ
އަދަދަށްވުރެ ދިރިއުޅޭ ނިސްބަތްގިނައެވެ.
ބޯހިމެނުގެ
ނަޒަރިއްޔާތައް ބަލާއިރު ބޯހިމަނަން ޖެހޭ މުހިންމު ސަބަބުތަކުގެ ތެރޭން އަޅުގަޑުގެ
ނަޒަރުގައި މިވަގުތަށް ދިވެހިރާއްޖެއަށް އެންމެ މުހިންމު އެއްސަބަބަކީ ބިމުގެ
އަދަދަށް ނުކަތާވަރަށް މީހުން ދިރިއުޅެމުންދާ ތަންތަން ދެނެގަނެ، ހިދުމަތްތަކާއި
ވަޒީފާތައް އެހެން ދިމަދިމާލުގައި އުފެއްދުމެވެ. އަދި ދެންނެވުނު ތޮއްޖެހިފައިވާ
އާބާދީތަކުން މީހުން އެހެން ތަންތަނަށް ހިޖުރަކުރުމަށް މަގުފަހިކޮށްދިނުމެވެ.
ބޯހިމެނުމާއި މެދު
ކުރުކޮށް ދަންނަވާނަމަ، ބުނެވޭނީ އާބާދީ ރަޖިސްޓަރީ ކުރުމާއި ބެހޭ އިދާރާތަކުގައި
ހުންނަ "ވިހާ މަރުވާ" ފޮތުން އާބާދީގެ ހަޤީޤީ އަދަދު ނުފެންނާނެކަމެވެ. އެތަނެއްގައި
ދިރިއުޅޭ އާބާދީގެ ހަގީގީ އަދަދު އެނގެގިންދާނީ ބޯހިމެނިގެންކަމެވެ.
0 comments: