Home » , » ތުއްތުކުދިންގެ ތަރުބިއްޔަތާއި ތަރައްގީގެ މަރުހަލާތަކުގެ ހުލާސަ

ތުއްތުކުދިންގެ ތަރުބިއްޔަތާއި ތަރައްގީގެ މަރުހަލާތަކުގެ ހުލާސަ

Written By Afey Afra on Saturday 27 September 2014 | 00:49

އިންސާނާގެ ޖިސްމާއި ނަފުސު ތަރައްޤީވުމާއި ހެދިބޮޑުވުން ފެށިގެން އަންނަނީ މައިމީހާ ބަލިވެއިންނަ ވަގުތުން ފެށިގެންނެވެ. ނަމަވެސް މިސުރުހީގައި ބަލާލެވިފައި މިވަނީ ދުނިޔެއަށް އުފަންވާ ވަގުތުން ފެށިގެން ފުރާވަރަށް އެރުމާއި ހަމައަށް ކުޑަކުއްޖާ ހެދިބޮޑުވުމާއި ތަރައްޤީވުމުގައި ކަޑަތުކުރާ މަރުހަލާތަކެވެ.\



އިންފެންސީ ނުވަތަ އެންމެ ތުއްތު މަރުހަލާ ދެމިގެންދަނީ އުފަންވާ ވަގުތުން ފެށިގެން ދެހަފްތާގެ މުއްދަތަށެވެ. ވޭތުވެދިޔަ ނުވަމަސް ދުވަހު މައިމީހާގެ ބަނޑުގައި އޮވެ ހެދިބޮޑުވަމުންއައި ހަލުވި ދުވެލި މިމުއްދަތުގައި ހުއްޓުވާލައެވެ. އެގޮތުން ވިހާއިރު ހުންނަ ބަރުދަން އެއަށްވުރެ ބަރުނުވުމާއި ބައެއްކުދިން ލުއިވުންވެސް ހިމެނެއެވެ. މިހެން މިދިމާވާ މައިގަނޑު ސަބަބަކީ ދުނިޔޭގެ ވެއްޓަށްހޭލުމާއި އެކު ވެއްޓަށް ހޭނުމަށް ވަގުތު ނަގާތީއެވެ.


ބޭބީހުޑް މަރުހަލާއަކީ ފުރަތަމަ ދެއަހަރެވެ. މިއީ ހަޤީޤީ ތަރުބިއްޔަތުގެ ބިންގަލުގެ އުމުރުކަމުގައި ބުނެވިދާނެއެވެ. އެގޮތުން އެތަނެއްގެ ދީނާއި، ސަޤާފަތާއި އާދަކާދައާއި ބަސްމަގުބޭނުން ކުރާގޮތުގެ ބިންގާ އަޅާލެވިގެން އަންނަނީ މިމަރުހަލާގައެވެ. ކުއްޖާ ކަންކަން ދަސްކުރުމާއި ދައްކާ ވާހަކަ އަޑުއަހާ އެއަޑުތަކުން ދޭހަވާ މާނައިގައި އަމިއްލަ ބަސްއުފައްދާ ވާހަކަ ދައްކަން ފަށައެވެ. މިއުމުރަކީ ކުޑަކުއްޖާ ކޮންމެ ބަހުރަވައަކަށްވެސް ހާނާލަން އެންމެ ފަސޭހަ އަދި އެންމެ ފަސޭހައިން ބަސްދަސްކުރާ އުމުރެވެ.

ދުނިޔެއަށް އުފަންވާތަނުން ކުއްޖާގެ ޖިންސަކީ ކޮބައިކަން އެހެންމީހުންނަށް އެނގުނުކަމުގައި ވީނަމަވެސް ބޭބީހުޑްގެ މަރުހަލާއަކީ އެކުއްޖާ އަމިއްލައަށް އެކުއްޖާގެ ޖިންސަކީ ކޮބައިކަން ދެނެގަންނަ އުމުރެވެ. އެގޮތުން އުޅޭ މާހައުލަށް ބިނާކޮށް ކުޅެން ބޭނުންވާ ތަކެތިން އަންހެން ކުދިން ކުޅެން ގެންގުޅޭ އެއްޗެއްސާއި، ފިރިހެން ކުދިންނަށް ހާއްސައީ ކޮންއެޗެއްކަން ކުއްޖާ ދެނެގަނެއެވެ. ބޭބީހުޑްގެ ދުވަސްވަރަކީ ތުއްތުކުއްޖެގެ ހަޔާތުގައި އެންމެ ޗާލު، އެންމެ  ލޯބި އަދި އެންމެ ލޮއީފް އުމުރެވެ.

އިންފެންސީ އަދި ބޭބީހުޑް މިދެމަރުހަލާއަކީ ނުރައްކާއެކުލެވިގެންވާ ދެމަރުހަލާއެވެ. އެގޮތުން ފަރުވާކުޑަކޮށްލެވުމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސް ލިބޭ ކުޑަ ގެއްލުމަކުންވެސް ދުނިޔެއުމުރައް އޭގެ އަސަރު ކުއްޖާއަށް ކޮށްފާނެއެވެ.


އާރލީ ޗައިލްޑްހޫޑް - މިމަރުހަލާއަކީ އުމުރުން ދެއަހަރާއި ހައަހަރާއި ދެމެދުގައި ގުނެމުންދާ މަރުހަލާއެކެވެ. މިމަރުހަލާއާއި މެދު ބެލެނިވެރިންގެ ބަހެއް ހޯދާލުމުން ގިނަބެލެނިވެރިން ބުނަމުންދަނީ މިއީ އުނދަގޫ މަރުހަލާއެއްކަމަށެވެ. އެގޮތުން ހަލަބޮލިވުން އިތުރުވުމާއި، ބޮޑާހޭކުމާއި، އުޅުމާއި އަމަލުތަކަށް ބޮޑު ބަދަލުތަކެއް އަންނަ މަރުހަލާއެއްކަމަށެވެ. ބައެއް ކުއްދިން އެމީހުން ބޭނުންވާ ކަންތައް ނުވުމުން ރުޅިގަދަވެއެވެ. އަދި މިއީ ކުއްޖާގެ ކިބައިގައި އެއްވެސް ތަރުތީބެއް ނެތި ކުޅޭ އެއްޗެހި ފަދަ ތަކެތި އުކާލާ މަރުހަލާއެވެ. މިމަރުހަލާގައި ބޭނުންކޮށްފައި ތަކެތި ތަރުތީބުން ބަހައްޓަން ކުއްޖާއަށް ދަސްކޮށްދީ އަދި އެއްބާރުލުން ދީފިނަމަ މިމައްސަލަ ހައްލުވެގެން ދެއެވެ.

މިމަރުހަލާއި އާއި ބެހޭގޮތުން ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ މީހުން ކުރުކޮށް ފޮނިކޮށް ބުނަނީ މިއީ ޕްރީސްކޫލް އުމުރުކަމަށެވެ. އެގޮތުން ނާސަރީ ސްކޫލްތަކަށާއި، ކިންޑަގާރޓެން ފަދަ ތަންތަނަށް ކުއްޖާ ގެންގޮސް، ރަސްމީ ތައުލީމަށް ފެށުމުގެ ކުރިން އުގެނުމުގެ މާހައުލަކަށް ކުއްޖާ ހާނުވާލަން ޖެހޭ ވަގުތަކީ މިމަރުހަލާކަމަށް އެމީހުން ބުނަމުންދެއެވެ.

ނަފްސާނީ އިލްމުވެރިން އާރލީ ޗައިލްހޫޑް ސިފަކުރަނީ މައިގަނޑު ތިންގޮތަކަށެވެ. ފުރަތަ ގޮތަކީ ސޯޝަލް ލައިފްގެ ބިންގާގެ ގޮތުގައެވެ. އެގޮތުން އުމުރުފުރާގެ ކުދިންނާއިއެކު އެމުނިއެކުލެވުން ދަސްވުމާއި، އުގެނުންފަދަ ކަންކަމުގައި ވަކި ގަޑިތަކެއް ހޭދަކުރަން ޖެހުމުން އޯގަނައިޒްޑް ސޯޝަލް ލައިފެއް އަށަގެނެވޭނެކަމަށް ސިފަކުރެއެވެ.
ނަފްސާނީ އިލުމުވެރިން މިކުދިން ސިފަކުރާ ދެވަނަ ގޮތަކީ ކަންކަން ހޯދާ ކުދިބައެއްގެ ގޮތުގައެވެ. އެގޮތުން އެކިއެކި ކަންކަމާއި މެދު ބޮޑަތިމީހުންނާއި ސުވާލުކުރުން އިތުރުވުމާއި، ކަންކަމާއި މެދު ވިސްނާމިންވަރު އިތުރުވެގެން ދެއެވެ.
ތިންވަނައަށް އެބައިމީހުން ބުނަނީ މިއީ ކޮޕީކުރާ މަރުހަލާއެއްކަމަށެވެ. އެގޮތުން ބޮޑެތިމީހުން އުޅޭގޮތަށް އުޅެން ލޯބިކުރުން ހިމެނެއެވެ.

ލޭޓް ޗައިލްޑްހޫޑް - މިމަރުހަލާއަކީ ހައަރުން ފެށިގެން ބާލިޤުވަންދެން ނުވަތަ ފުރާވަރަށް އެރުމާއި ހަމައަށް ތަރައްޤީ ކަޑަތުކުރާ މަރުހަލާއެވެ. އެގޮތުން ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮވެ ހަރުގޮތްތަކާއި ވިސްނުންތަކެއް ކުއްޖާގެ ކިބައިން ފެންނަން ފަށާމަރުހަލާއެވެ.
މިމަރުހަލާއި އާއިމެދު މައިންބަފައިން ބުނަނީ މިއީ ކުއްޖަކު ބަލަހައްޓަން އެންމެ އުނދަގޫ ދުވަސްވަރުކަމަށެވެ. ބުނާގޮތަށް ކަންކަން ނުކުރުމާއި އަމިއްލަ ގޮތްތައް އިސްކުރުމާއި، ރައްޓެހިންގެ ނުފޫޒު ކުއްޖާގެ މައްޗަށް ބުރަވެގެންދާ މަރުހަލާއެއްކަމަށެވެ. ހާއްސަގޮތެއްގައި ފިރިހެންކުދިން ލާންގެންގުޅޭ އަންނައުނު ފަދަ ތަކެއްޗަށް ބެލުން ކުޑަވުމާއި ތަރުތީބެއް ނެތުމާއި، ވީހާވެސް ކަންނެތް ދިރިއުޅުމަކަށް ލޯބިކުރާ އުމުރެއްކަމަށް މައިންބަފައިން ބުނެއެވެ.

އަދި މީގެއިތުރުން މައިންބަފައިން ބުނަމުންދަނީ މިއުމުރުފުރާއަކީ އާއިލީ މައްސަލަބޮޑު، އެއްބަނޑު އެއްބަފާ ކުދިންނާއި އެކު ކޫސަނި ކަންކަމުގައި ކޯޅުން ބޮޑު އުމުރުފުރާއެއްކަމަށެވެ.

މިކުދިންނާއި މެދު ތައުލީމީ ދާއިރާއިން ބުނަމުންދަނީ މިއީ ރަސްމީ ތައުލީމުގެ އުމުރުކަމަށެވެ. މިއުމުރުގައި އުގެނޭ އުގެނުމަކީ ކުއްޖާގެ ކެރިއަރުގައި މިހިންމު ހިއްސާއެއްކުރާނެ އެއްޗެއްކަމަށެވެ.

މިއުމުރުފުރާގެ ކުދިންނާއި މެދު ނަފްސާނީ އިލުމުވެރިން ބުނާ ބަހަކީ މިއީ "ގޭންގު" އުމުރުފުރާކަމަށެވެ. ކުރާގިނަ ކަންކަން މިއުމުރުގައި ކުރެވޭނީ ގްރޫޕެއްގެ ގޮތުގައެވެ. ކުއްޖާގެ ކަންކަމަށް ވަށައިގެންވާ ރައްޓެހިންގެ ނުފޫޒު އެންމެ ބޮޑަށް ވަންނަ އުމުރަކީ މިއީ ކަމަށެވެ. އަދި އެގޮތުން މައިން ބަފައިންގެ ރުހުމަށްވުރެ އެކުވެރިން ރުހުން ހޯދުމަށް މިއުމުރުގައި ކުއްޖާ މަސައްކަތްކުރަން ފަށައެވެ. މިހާހިސާބަށް އަންނައިރު ކުއްޖާ ބޭނުންކުރާ ހަޑި ނުވަތަ ރީތި ބަހުރަވައަކީ ވަށައިގެންވާ އެކުވެރިން ނުވަތަ ގްރޫޕްގެ ނުފޫޒުކަމަށް ނަފްސާނީ އުލްމުވެރިން ބުނެއެވެ.

އަދި މީގެއިތުރުން މިއުމުރުފުރާއަކީ ރީތި ސާފުތާހިރު އުޅުމަކަށްވުރެ ކުޅުމަށް ލޯބިކުރާ ކުޅެން އުޅޭ އުމުރެއްކަމަށް އެބައިމީހުން ސިފަކުރެއެވެ. މިހެން އެމީހުން ބުނަމުންދަނީ މިއުމުރުފުރާއަކީ އެއްވެސް ހާލެއްގައި އިދިކޮޅު ޖިންސްގެ ކުއްޖާ އާއި މެދު އިޝްޤީ ނަޒަރަކުން ބަލާނެ އުމުރަކަށް ނުވާތީއެވެ.


ރީތިކަމާއި ޗަލުކަމަށް ލޯބިކުރަން ފަށާނީ ފުރާވަރަށް އެރުމުންކަމުގައި ނަފްސާނީ އިލުމުވެރިން ބުރަވެއެވެ. އެގޮތުން އެމީހުން ބުނަނީ އިޝްޤީ އޮއިވަރު ހިންގަން ފަށާނީ ޗައިލްޑްހޫޑް ނިމުމުންކަމަށާއި އިދިކޮޅު ޖިންސްގެ ކުދިންނާއި މެދު ވިސްނާ އެކުދިންގެ ހިތްފަތަހަ ކުރުމަށްޓަކައި ރީތިކަމަށް ލޯބިކުރަން ފަށާނީ ލޭޓް ޗައިލްޑްހޫޑް ނިންމައި ފުރާވަރަށް އެރުމުންކަމަށެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved