ރަތްމަހަށް
ނުދޭވަރަށް ދެވަރިން ދިނުމަށްފަހު ނޭމާ ވަނީ ފެންވަރާށެވެ. ކުކަރުގައި ދިއްލިފައި
އިން ރަތްކުލައިގެ ބޮތްކާއިދިމަ އިރުއިރުކޮޅާ ބަލާލެވެއެވެ. މިއަށްވުރެ އަވަހަށް
ކެކޭނެ ގޮތެއް އޮތްނަމަ އެގޮތެއް މިއަދު އަހަރެން އިހުތިޔާރުކުރާނަމެވެ.
ފާހާނައިން ނިކުމެފައި ގޮވާލާނީ ކޯއްޗެއްކަމެއް އަހަރެންގެ ހިތަށް އިހުސާސް ވެސް
ނުކުރެވެއެވެ. އަހަރެން މިއީ ހަދަ ބަދުނަސީބު މީހެކެވެ. ޖީންސްގެ ޖީބުގައި އޮތް
މޫކޮޅު ނަގައި ދެއިނގިލިކުރިން ހިފާފައި ނޯށާއި ކައިރިކޮށްލީމެވެ.
އޭގައި އެއްވެސް
ވަހެއް ނުދުވައެވެ. އެއީ ބޭހެއް ނޫނެވެ. އާމިނާ ބުނިފަދަ ޖާދުލަކުން އަހަރެންގެ
ފިރިމީހާ ބަދަލުވެއްޖެނަމަ ހާދަހާ ރަނގަޅެވެ. އާމިނާއަކީ ކާކުކަމެއް އަހަރެންނަކަށް
ނޭގެއެވެ. އަހަރެން އާމިނާ ބުނިފަދައިން މިމޫކޮޅު ސައިތައްޓަށް ލާފައި
ގިރުވާލަންވީހެއްޔެވެ. ދެންވާނީ ކިހިނެއްހެއްޔެވެ. ހައްތާވެސް ސުވާލެވެ.
ފާޚާނާގެ ދޮރު
ހުޅުވިއަޑަށް ސިއްސައިގެން ދިޔައެވެ. އަނެއްކަވެސް ކުކަރާއި ދިމާލަށް
ބަލާލެވުނެވެ. "މަށެއް މިއަދު ނުކާނަން، ތިކަމެއް ނުވިއެއްނުން، ސައިތަށި
ހަދަދައިދީ މަށަކަށް ނެތް ހުރެވޭކަށް" ތުވާލި އަނދެގެން ހުސްގަޔާހުރި ނޭމާ ބަދިގެތެރެއަށް
ބޯކޮށްޕާލަފައި ބުނަންވާ އެތި ބުނެފައި ދިޔައީއެވެ.
ހުދުގަމީހައި އެކު
އަތްކުރި އޮޅަމުން އައި ނޭމާ މޭޒުކައިރީގައި ހުއްޓިފައި ސައިތަށީގައި
ތުންޖެހިއެވެ. އަހަރެންނަށް ލޯމަރާލެވުނެވެ. ހީވަނީ މޭގަނޑު އަތަށް
އައިސްފާނެހެންނެވެ. އެނގިއްޖެނަމަ އަހަރެންގެ ދުނިޔެ މިހިސާބުން ނިމުނީއެވެ.
ހުރިހާކަމައް ވަންހަނާވުމަށް އެދި ހިތާހިތާ ދުއާކޮށްލެވުނެވެ. "ދެން
މާދަމާއަށް ކެއްކޭތޯ ބަލާ، އަހަރެން އަންނަ ގަޑި ހިއެއްނުވޭ އޮޅިފައި
އޮންނާނެހެންނެއް" މިހެން ބުނެފައި ނޭމާ ނިކުމެގެން ހިނގައިގަތެވެ. އަހަރެންނަށް
ފުންނޭވައެއްލެވުނެވެ. ޝުކުރުވެރިކަމާއި އެކު ސިންކު ކައިރީގައި ތެމިފައި އޮތް
މޫގަނޑާއި ދިމައަހަރެންނަށް ބަލާލެވުނެވެ.
ޖެހުނު އަޑަށް
އަހަރެން ސިއްސައިގެން ދިޔައެވެ. ނޭމާގެ ހަޅޭކުގެ އަޑާއި އެކު އަހަރެން
ދުއްވައިގަތީމެވެ. ދޮރުމަތީގައި ނޭމާ އުޑުތިލަމަތިން ވެއްޓިފައި އޮތްއިރު އޭނާގެ އަނގައިން
އަހަރެންނަށް ފެންނަމުންދިޔައި ހުދުފޮނެވެ. ދެފަރާތަށް ބޯގުޑުވަމުން
ހަޅޭއްލަވަމުން ދިޔައިރު އަހަރެން ހަދާނެގޮތް ހުސްވިއެވެ.
ދުވެފައި ގޮސް ފެންތަށްޓެއް ހިފައިގެން އައިސް ނޭމާގެ މޫނަށް ފެން އުކަންފެށުމުން
ނޭމާ ލޯހުޅުވާލިއެވެ. އޭނަގެ އަނގައިގަ ފެންތަށި ޖެއްސުމުން ޕުސްކިޔާފައި
ބުރުވާލިއެވެ. އަތްފޮޅާލި ފޮޅާލުމުން ފެންތަށި ބުރުވާލިއެވެ. ތެދުވެފައި
ރަތްވެފައިވާ މޫނު އަހަރެންނާއި ދިމާލަށް ހުއްޓުވަލާއި ދެލޯ ބޮޑޮކޮށްލާފައި
ބަލާލިއެވެ. ނޭމާ ނިކުމެގެން ދިޔައީ ބަހެއްނުބުނެ ރުޅިވެރިކަން ލޮލާއި މޫނުން
ދައްކާލާފައިއެވެ.
ދެއަތް ދެއަތާއި ޖޯޑުކޮށްލާފައި މޮޅިވެރިކަމާއި އެކު ސޯފާގައި އަހަރެން
އިށިނީމެވެ. އާމިނާއަކީ ކާކުބާއެވެ. އޭނާ އެހަދަނީ ތެދުހެއްޔެވެ. އާމިނާގެ
ލޯފަންކަމާއި މެދު އަހަރެންނަށް ޝައްކުކުރެވެން ފެށިއެވެ. އަދި އާމިނާ
އަހަރެންނަށް ދިން މުލަކީ ކޮންކަހަލަ އެއްޗެއްކަމެއް ހުދު އަހަރެންނަށްވެސް
ނޭގެއެވެ. ނަމަވެސް އަހަރެންގެ ހިތްއެދި ގޮވަނީ އަހަރެންގެ ފިރިމިހާ
އޯގާތެރިކަމާއި އެކު އަހަރެންނާއި މުހާތަބު ކުރުމެވެ. އިންތިޒާރު ކުރެވެނީ
އަހަރެން ކައިރީގައި ނިދާނެ ރެއަކަށެވެ. މިފަދަ ނުނިމުނު އިންތިޒާރެއްގައި ހުރި
ކޮންމެ މީހަކުވެސް ހެޔޮއެދޭފަރަތެއް ކަމަށްބުނެ ދޭ ނަސޭހަތަކީ ގަބޫލު ކުރެވޭނެ
އެއްޗެކެވެ.
މިއަދުވީ ކަންތަކާއި މެދު އަހަރެންނަށް ދިޔައީ ވިސްނެމުންނެވެ. އަހަރެންގެ
ސަބަބުން ދާއިމީ ބައްޔެއްގެ ސިކާރައަކަށް ނޭމާ ވީހެއްޔެވެ. އާމިނާގެ ފަންޑިތައަކީ
ނޭމާ ބަލިމީހަކަށްވެ ތާއަބަދު ބަލިއެނދުގައި އޮވެ އަހަރެންނަށް އާދޭސްކޮށް
އޯގާތެރިކަމާއި އެކު ބަސްބުނުންކަމުގައި ވެދާނެއެވެ. އެހެނަސް އަހަރެންނަށް އޮތީ
ކޮންއުފަލެއްހެއްޔެވެ. ޝައްކުގެ ކުރިތަށް ފަޅައިގެން އެކިދިމަދިމަލާށް ފިކުރުތައް
ކުރެވެމުންދިޔައެވެ.
ފާހާނާއިން ނިކުމެ ނިދާހެދުމައި އެކު އަހަރެން އެނދުމައްޗަށް އެރީ ޝައްކާއި
ވަހުމާއި އެކުއެވެ. ނަމަވެސް ފިރިމާހާ އަންނާނެ ނަމައޭ ހިތަށް އަރައެވެ. ކާމިޔާބު
ވެއްޖެނަމަ ކިހާރަނގަޅުހެއްޔެވެ. އެނދުމައްޗަށް އަރާފައި އުނަގަނޑުދޮށަށް ބާލީސް
ލުމަށްފަހު ފާރުގައި ލެނގިލީމެވެ. އާމިނާ އަކީ ކާކުހެއްޔެވެ. ނޭމާއަށް ކަމެއްވެއްޖެނަމަ
އަހަރެން ބުނަނީ ކީކޭހެއްޔެވެ. އާމިނާ ހަދަނީ ތެދުނަމަ އާމިނާ އަކީ ކާކުން ނޭމާއަށް
ރަނގަޅަށް އެނގެންޖެހޭނެއެވެ. ކުއްލިއަކާ ސިހުންގެނުވީ ފެނުނު މަންޒަރާއި
އެކުއެވެ.
އަހަރެންގެ މެއަށް ހޫނުފެން އެއްޗެއް އަޅާލިފަދައެވެ. ގައިން ހީބިހި
ނަގައިގެންދިޔައީ ފަންކާގެ ވަޔާއި އެކު ހޫރެމުންދިޔަ ދޮރުފޮތިގަނޑު ފޭވިވަގުތު
ކުޑަދޮރުގެ ބިއްލޫރިގަނޑުގައިވާ ދެއަތްތިލަ ފެނުމާއި އެކުއެވެ. މާންމާއޭ ކިޔާފައި
ހަޅޭއްލަވައިގަނެވުނެވެ. މޫނުމަތީގައި ބަލީސް އަޅާލެވުނެވެ. އަނެއްކާވެސް
ބަލާލީމެވެ. ހޫރެމުންދާ ފޮތިގަނޑުތެރެއިން އެފެންނަނީ ހަޤީޤީ މަންޒަރެކެވެ. މިއީ ހުވަފެނެއް ނޫނެވެ. ކަނުއަނދިރީގެ ތެރޭގައި ކުޑަދޮރުގެ ބޭރުން
ބިއްލޫރިގަނޑުގައި ޖައްސާފައި އެވަނީ އިންސާނެއްގެ ދެއަތްތިލައިގެ ހުދުހަމެވެ.
(ނިނިމޭ)
0 comments: