Home » » ކުޑަކުޑަ އަލްބާޓަށް ވީކިހިނެތް؟

ކުޑަކުޑަ އަލްބާޓަށް ވީކިހިނެތް؟

Written By Afey Afra on Saturday 21 June 2014 | 08:07

ކުޑަކުޑަ އަލްބާޓްގެ ތަހުލީލު ނުވަތަ ލިޓްލް އަލްބާޓް އެކްސްޕެރިމެންޓުގެ ވާހަކައަކީ ސައިކޮލަޖީގެ އިންޓްރޮޑަކްޓަރީ ކޯސްތަކުގައި ބައިވެރިވެފައިވާ ގިނަބަޔަކު ދަންނާނެ ވާހަކައެވެ. އަލްބާޓަކީ 1920 ވަނަ އަހަރު އެމެރިކާގެ ބިހޭވިއަރިސްޓެއް ކަމަށްވާ ޖޯން ބީ ވަޓްސަން ދަސްކުރުން ނުވަތަ ދެނެގަތުމާއި ބެހޭ ތަހުލީލެއް ހެދުމަށް ބޭނުންކުރެވުނު ކުއްޖެކެވެ.

މިތަހުލީލު ހެދުމުގައި ވަޓްސަން އާއި އޭނާގެ ބައިވެރިން އަލްބާޓް ބޭނުންކޮށްފައިވަނީ އެކުއްޖާގެ އުމުރުން އެންމެ 9 މަހުގައެވެ. އެންމެ ފުރަތަމަ އެކުއްޖާއަށް ތަފާތު ވައްތަރުގެ ޖަނަވާރުގެ ސިފަ ސިފައަށް ހުންނަ ޓޯއީ އެއްޗެހި ދެއްކިއެވެ. އޭގެތެރޭގައި ރާމާމަކުނާއި، މިދާލާއި މުސަޅު ހިމެނެއެވެ. ނަމަވެސް މިތަކެތި ދެއްކުމުން އަލްބާޓްގެ ހަރަކާތަށް (ބިރުގަނެގެން) އެއްވެސް ބަދަލެއް ނުގެނެއެވެ.

އެއަށްފަހު ހުދު ކުލައިގެ މީދަލަކާއިއެކު ކޮޓަރިއެއް ތެރޭގައި އެކުއްޖާ ބޭންދިއެވެ. ނަމަވެސް އެކުއްޖާ އެމިދާލާއި މެދު އެއްވެސް ބިރުވެރި ކަމެއް ނެތި އޭގާ އަތްލާ އެއަށް ހަނގާކޮށް ހެދިއެވެ.

ދެން އެމީހުން ހެދިގޮތަކީ އެކުއްޖާ އެމީދަލުގައި އަތްލައިފި ނަމަ ކޮޓަރި ތެރެއިން ސިއްސައިގެން ދާފަދަ ބާރު އަޑުފައްގަނޑެއް އިއްވާލަނީއެވެ. އެއަޑުފައްގަނޑާއި އެކު ކުޑަކުޑަ އަލްބާޓް ރޮއިގަނެއެވެ. މިގޮތަށް ތަކުރާރުކޮށް އެކުއްޖާ މީދަލުގައި އަތްލާ ކޮންމެ ފަހަރަކު އެއަޑު ފައްގަނޑު އިއްވައެވެ. މިހެންގޮސް އާހިރުގައި އެންމެ ފަހުން އެމީދާ ފެންނަ ކޮންމެ ފަހަރަކު އަޑެއް ނީވުނަސް އެކުއްޖާ ބިރުން ރޮއިގަނެއެވެ.

މި ތަހުލީލަކީ ކްލެސިކަލް ކަންޑިޝަނިންގ ނުވަތަ އިންސާނަކަށް ތަޖުރިބާކުރެވިފައިވާ ގުޅިލާމެހިފައިވާ ދެކަމަކުން އެއްކަމެއް ހިނގުމުން ޖެހިގެން ދެވަނަކަންތައް ވެސް ހިނގާނެކަން ހިތުތެރެއަށް ވެރިވެ، އުޅުމާއި އަމަލުތަކަށް އަންނަ ބަދަލު ލޮލުންދެކި އަތުން ހިފުމަށްފަހު ލިޔުމަކުން ތަފްސީލު ކުރުމުގެ ބޭނުމުގައި ހެދުނު ތަހުލީލެކެވެ.

އެކުއްޖާ އަށްވީ ކިހިނެތް
މިތަހުހުލީލާއި އެކު މަސްހޫރުކަން ހޯދި ކުޑަކުޑަ އަލްބާޓް އޭނާގެ އުމުރުން 6 އަހަރުގައި ވަނީ ދުނިޔެ އަޅާގޮސްފައެވެ. ދިރާސާތަކުން ދައްކާގޮތުން އެކުއްޖާ މަރުވެފައިވަނީ ހައިޑްރޯސިފަލަސް ނުވަތަ ސިކުނޑީގައި ފެންއުފެދޭ ބަލީގެ ސިކާރައަކަށް ވެގެންނެވެ. މިބަލިޖެހިފައިވާ ކުދިންގެ ބޯބޮޑުވެ، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނާނެއެވެ.

މިކަމާގުޅިގެން އުފެދުނު ފާޑުކިޔުންތައް
1920 ވަނަ އަހަރު މިފަދަ ތަހުލީލެއް 9 މަހުގެ ކުއްޖަކު ބޭނުންކޮށްގެން ހަދާފައިވާއިރު އެއީ އަންއެތިކަލް ނުވަތަ ހަމައާއި އުސޫލުން ބޭރުން ހަދަފައިވާ ތަހްލީލެއްކަން ހަމަޔަޤީނެވެ. އެފަދަ ކަންކަމަކީ މިޒަމާނަށް ބަލާއިރު ލާއިންސާނީ އަދި ކުޑަކުދިންނަށް ނަފްސާނީ ގެއްލުން ދިނުމުގެ ބާވަތުގެ ތެރޭގައި ހިމެނޭ އަމަލެކެވެ.

ޅައުމުރުގައި އަލްބާޓު މަރުވުމަށް ދިމާވި މައްސަލަ ތަހްލީލު ކުރި ފަރާތްތަކުން ބުރަވާގޮތުގައި އެކުއްޖާ އަކީ އުފެދުމުގައިވެސް އެބަލި ހުންނަ ކުއްޖެވެ. އެހެން ކަމުން ވަޓްސަން ތަހްލީލު ކުރުމުގައި ބޭނުންކޮށްފައިވަނީ ހަމައިންސާނަކަށްވުރެ ނުކުޅެދޭ ކުއްޖަކަށްވަތީ އެކަން ބަލައި ނުގަނެވޭނެކަމަށް ވާދަވެރި ސައިންޓިސްޓުން ބުނެއެވެ.

އަލްބަޓްގެ މަންމައަކީ އެމީހުންގެ ކްލިނިކްގައި "ހަޑި" މަސައްކަތްކުރަން ގެގުޅޭ ނިކަމެތި މީހަކަށްވަތީ އެމީހުން އެކުއްޖާ ގަދަކަމުން އަތުލައިގެން ހިންގި އަމަލެއްކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ފެންނައޮތް ހަޤީޤަތް

1920 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މިއަދާއި ހިސާބަށް މިތަހްލީލުގެ ވާހަކަ ތަފާތު ގޮތްގޮތަށް ތަފާތު ފާޑު ކިޔުންތަކާއި އެކު ވަނީ އައިސްފައެވެ. ނަމަވެސް ފެންނަ އޮތް ހަޤީޤަތަކީ "ސައިކޮލޮޖީ" މިއިލްމްގެ އެންމެ މުހިންމު އެއްދާއިރާކަމަށްވާ "ބިހޭވިއަރިޒަމްގައި" ޖޯން ބީ ވަޓްސަންގެ އެކްސްޕްލެނޭޝަންއަކީ މުހިންމު ހިއްސާއެއްކަމެވެ. އަދި މިއަދުވެސް ލާނިންގ ތިއަރީތަކުގައި އަލިއަޅުވާލާ މިހުންމު ތަހުލީލެއްގެ ގޮތުގައި މަސްހޫރު "ލިޓްލް އަލްބާޓް އެކްސްޕެރިމެންޓް" ވެގެންދިޔުމެވެ.

Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved