Home » , » އާއްމު މީހާގެ ދިރިއުޅުމުގެ ނިޒާމު ބައްޓަން ކުރެވޭނީ ދައުލަތަށް

އާއްމު މީހާގެ ދިރިއުޅުމުގެ ނިޒާމު ބައްޓަން ކުރެވޭނީ ދައުލަތަށް

Written By Afey Afra on Saturday 31 May 2014 | 02:35








އާއްމު މީހާގެ ދިރިއުޅުމުގެ ނިޒާމު ބިނާވެގެންވާ މައިގަނޑު ފަސްކަމަކީ ވަޒީފާ އަދާކުރާ ވަގުތާއި، ދަރިފުޅު ސުކޫލަށްދާ ވަގުތާއި، މުނިފޫހިފިލުވުމާއި އެކުވެރިންނާއި އެކު އުޅޭވަގުތާއި، ގެވެހި މަސައްކަތްކުރާ ވަގުތާއި، ވިޔަފާރިއާއި ކެއިންބުއިމުގެ ހިދުމަތްތައް ލިބޭ ވަގުތުތަކެވެ. މިހުރިހާ ކަމެއްގެވެސް ވަގުތު ކަނޑައެޅިގެންދަނީ ދައުލަތުން މިބުނެވިދިޔަ ކަންކަމަށް ވަގުތު ބަހާލެވިފައިވާ ގޮތްތަކެއްގެ މަތިންނެވެ. އަދި މިކަންކަން ފުރިހަމަވުމާއި ނުވުމާއި ކަންކަން ދިގުމެދިގެން ދިޔުން ބިނާވެގެންވަނީ ދިވެހި މީހާ ހޭލާހުންނަ ވަގުތާއި ނިދަން އަރާ ވަގުތާއި ދެމެދުގައެވެ.


މިހާރުގެ ބަދަލުވަމުންދާ ސަޤާފަތަށް  ވިސްނާއިރު ދިރިއުޅުމުގެ ނިޒާމު ހަމައިން ނެއްޓި ހޭލާއުޅުމުގައި ވަކި ގަޑިއެއް ނިދަން އެރުމުގައި ވަކިގަޑިއެއް ނޯވެއެވެ. އެހެން ކަމުން ދިރިއުޅުމުގެ ނިޒާމު ހިންގުމުގައި މުޖުތަމައު ވަނީ ބައިބައިވެފައެވެ. މުޖުތަމައު އެއްސޯބެއްގެ ގޮތުގައި ވަކި އުސޫލަކުން އަނބުރާލެވޭނީ މިހާރު ބޭނުންކުރެވޭ ގަޑިތަކުގެ ބަދަލުގައި އާވަގުތަކެއް ދައުލަތުން ކަނޑައަޅާދެވިގެންނެވެ. އެގޮތުން ވަޒިފާ އަދާ ކުރާ ވަގުތާއި ވިޔަފާރި ކުރާ ވަގުތަކީ މީގެތެރެއިން އެންމެ މުހިންމު ހިއްސާއެއްވާ ދެކަންތަކެވެ.

މިހާރު އޮންނަ ގޮތާއި ހިލާފަށް ހެނދުނު 6:00 ގައި އޮފީސްތައް ހުޅުވާ އަދި މަޤުރިބު ނަމަދަށް ބަންގިގޮވުމާއި އެކު އެދުވަހެއްގެ ވިޔަފާރި ބަންދު ކުރެވޭގޮތަށް އޮންނަ ނަމަ ވަކި ނިޒާމަކަށް އެޅިގެން ދާނެކަމަށް ބެލެވެއެވެ. މިހާރު އޮންނަ ގޮތުން ފަތިސް ނަމާދަށްފަހުވެސް ދޮޅުގަޑިއިރެއް ދެގަޑި އިރެއްހާއިރު ސްކޫލު ފެށުމާއި ދެމެދު އޮންނާތީ ފަތިސް ނަމާދަށް ކުއްޖާ ނެގުމަށް ފަހު ބެލެނިވެރިޔާ އުޅެން ޖެހޭނީ އެކުއްޖާ ނިދާފާނެތީ ނުވަތަ ގެއިން ބޭރަށް ގޮސްފާނެތީއެވެ. ނަމަވެސް ސުކޫލްތައް ހެނދުނު 5:45 ގައި ފަށާނަމަ މިކަންތައް ހައްލުވެ މިހާރު ފަތިސް ނަމާދުކުރުމަށް ކުއްޖާއަށް ނުގޮވާ ބެލެނިވެރިންވެސް އެކުދިންނަށް ގޮވާ ފަތިސް ނަމާދު ކުރުމަށްފަހު ސުކޫލަށް ފޮނުވާކަށް އުދަގުލެއް ނުވާނެއެވެ. އޮފީސްތަކާއި ފިހާރަތަކާއި، ބޭންކްތަކާއި، އަމިއްލަ ގަރާޖު ތަކާއި މިފަދަ އާއްމު ހިދުމަތްދޭ ހުރިހާ ތަނެއްވެސް ހެނދުނު 6:00 ޖަހާއިރު ހުޅުވާނަމަ، 5:45 އަށް ދަރިފުޅު ސުކޫލަށް ލާފައި 6:00 ގައި އޮފީހަށް ވަދެވޭނެއެވެ. މީގެ ސަބަބުން މެންދުރު ބަންގި ގޮވަންވާއިރަށް ސްކޫލްގެ ކިޔެވުން ނިމިފައިވާއިރު، އޮފީސްތަކުގެ ގަޑި 12:30 ގައި ނިމޭނެއެވެ. އެގޮތުން މެންދުރު ނަމާދަށް ފަހު ވަޒީފާ އަދާކުރާ މީހާއަށް ގެވެހި މަސައްކަތް ކުރުމާއި، ރައްޓެހިންނާއި އެކު ކޮފީ ބޯލުމާއި، މަހަށް ޖައްސާލުން ފަދަ ކަންކަން ކުރެވޭނެއެވެ.

މިހާރު ރޭގަނޑު ގަޑީގައި ބާއްވަމުންދާ ހަފްލާތަކާއި، ޕަޓީ ތަކާއި އެކިއެކި ޖަލްސާ ތަކާއި ރަސްމީ ކަންކަމާއި، ރެސްޓޯރެންޓް ތަކަށް ގޮސް ސަބްމެރިން ކެއުންފަދަ ކަންކަން އަސުރު ނަމާދާއި މަޤުރިބު ނަމާދާއި ދޭތެރެއަށް ހަވީރަށް ފިޓުކޮށްފައި އިރު އޮއްސުމާއި އެކު މިބާވަތުގެ ހުރިހާ ކަމެއް ނިންމާލެވޭނެއެވެ. އަދި  ފަތިހު ހުޅުވާ ފިހާރަތައްވެސް ހަވީރު 6:00 ގައި އެދުވަހަށް އެއްކޮށް ބަންދުކުރެވޭނެއެވެ. މަގުރިބު ނަމާދާއި އިޝާ ނަމާދާއި ދޭތެރޭގައި ލިބޭ ކުޑަ ވަގުތު ކޮޅަކީ ސްކޫލު ކުދިން ކިޔެވުމާއި އަދީ ޓީވީ ތަކުން ހަބަރު ފޮނުވާ ގަޑިކަމުގައި ކަނޑައެޅިދާނެއެވެ. އިޝާނަމާދަށް ފަހު ކައިގެން އަންނަ މީހާ އޭރުން ކުރާނެ އިތުރު ކަމެއް ނޯންނާނެއެވެ. ފިހާރަތަށް ހުންނާނީ ބަންދުކޮށްފައެވެ. ހޮޓާތައް ރޭގަނޑު 9:00 ގައި ބަނދުކުރަން ފެށުމުން  ހޮޓާ އަދި ރެސްޓޯރަންޓުން ރޭގަނޑު ކާން ޖެހޭ މީހުން އެވަގުތަށް ތިބޭނީ ކައިގެންނެވެ. ރޭގަނޑު 9:00 ގެފަހުން އާއްމުކޮށް ކުރާނެ އެއްވެސް ކަމެއް ނެތުމާއި އެކު އެވަގުތު ޒަރޫރީ ބޭނުމެއް ނެތި ބޭރުގައި އުޅުމަކީ ކަމާބެހޭ ފަރާތްތަކުން ސުވާލު ކުރެވޭނެ ކަންކަމުގައި ކަނޑައެޅިދާނެއެވެ.

މިގޮތަށް މިނިޒާމް ބައްޓަން ކުރެވިއްޖެ ނަމަ ރޭގަނޑު 9:00 ގައި އެނދަށް އަރާ މީހާ 10:00 ގައި ނިދާފައި ސީދާ އޮފީހަށް ދާން ހޭލުމުގެ ބަދަލުގައި ފަތިސް ނަމާދަށް ހޭލާނެވެ. އަޅުގަނޑުގެ ނަޒަރުގައި މިއީ ވަރަށް ތަހުޒީބީ ނިޒާމެކެވެ. މިފަދަ ގޮތަކަށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ނިޒާމް ބައްޓަން ކުރެވިއްޖެ ނަމަ އާއްމު ކުށްތައް ކުރުން މަދުވެގެން ދާނެއެވެ. އަދި މިކަންކަން މިގޮތަށް ބަދަލު ކުރެވޭނީ ހިދުމަތްދޭ ވަގުތުތަކާއި ވިޔަފާރި ކުރާ ވަގުތުތަކާއި ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތުތައް ބަދަލު ކުރެވިގެންނެވެ. އެހެން ކަމުން ދިރިއުޅުމުގެ ނިޒާމަކީ ދައުލަތުން ވަގުތު ކަނޑައަޅާފައިވާ މިންވަރެއްގެ މައްޗަށް ބިނާވެގެންދާ ކަމެކެވެ. ރޭގަނޑު ދަންވަރު ފިހާރައެއް ހުޅުވަފައި ހުންނަ ނަމަ އާއްމު މީހާ އެކަމަށް ބަރޯސާވާނެއެވެ. ނަމަވެސް އިރު އޮއްސުމަށްފަހު އެއްވެސް ފިހާރައެއް ނުހުޅުވާނެކަން ޔަޤީންވާނަމަ އާއްމު މީހަ އެކަމަށް ދުރާލާ ތައްޔާރު ވާނެއެވެ. ދިރިއުޅުގެ ނިޒާމަކީ މިފަދަ ގޮތަކަށް ހިނގާ އެއްޗެކެވެ. އެނިޒާމު ބައްޓަންވެގެން ދާނީ ދައުލަތުން އެނބުރި ގޮތަކަށެވެ. 

Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved