Home » » ޗެލެންޖް ކަޕާއި ކުރިމަތިލާއިރު ކުރީގެ ކުޅުންތެރިންގެ ހަނދާންތައް

ޗެލެންޖް ކަޕާއި ކުރިމަތިލާއިރު ކުރީގެ ކުޅުންތެރިންގެ ހަނދާންތައް

Written By Afey Afra on Monday 19 May 2014 | 00:19









ފުޓްބޯޅައިގެ އީދާއި އެކު މުޅި ރާއްޖެ ރަތްވެފައިވާއިރު އެއްއަޑަކުން އިވެމުންދަނީ މަގޭ ގައުމު މަގޭ ޓީމު މިހެން ކިޔަމުންދާ އަޑެވެ. އޭފްސީ ޗެލެންޖް ކަޕްގައި ދިވެހި ޓީމު މިފަހަރު ދިވެހިންގެ ލޯމަތީގައި ކުޅެމުންދާއިރު މުޅި ދިވެހި ރާއްޖެވެސް އޮތީ ގައުމީ ދިދަތަކާއި އެކު ޓީމުގެ ފަހަތުގައެވެ. ދިވެހި ފުޓުބޯޅަ މިހާހިސަބަށް އައުމުގައި އެތަކެއް ޒަމާންވަންދެއް ކުލަބްތަކާއި، ކޯޗުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މީގެއިތުރުން ޒަމާންތަކެއް ވަންދެން ދިވެހި ގައުމީޓީމު ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ވާދަކުރަމުން އަންނައިރު ކުރިން ގައުމީ ޓީމަށް ހިދުމަތްކޮށްފައިވާ މުހިންމު ބައެއް ކުޅުންތެރިންގެ ނަންނަތައް ފާހަގަކޮށްލުމަކީ އަޅުގަނޑުގެ ނަޒަރުގައި އޮންނަން ޖެހޭކަމެކެވެ.

ފުޓުބޯޅައިގައި އެންމެ އަވަހަށް މަސްހޫރު ވެގެންދާނެ ނަންތަކަކީ ހަމަލާގައި އިސްނަގަމުންދާ ކުޅުންތެރިންގެ ނަންތަކެވެ. އެގޮތުން ދިވެހި ފުޓުބޯޅަ ޒަމާނާ އެއްގޮތަށް ބަދަލުވެގެން އަންނަފެށިއިރު ގައުމީޓީމުގެ އެންމެ ކުރީގައި ހަމަލާގައި އިސްނަގަމުންއައި ޝާހު އާއި ލައްޗޭއަކީ ގައުމީޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ދެކުޅުންތެރިންނެވެ. ނިއުރޭޓިއަންޓާއި ގައުމީޓީމުގައި ޝާހުއާއި ލައްޗޭގެ ކޮމްބިނޭޝަންއަކީ އޭރު ދިވެހިފުޓު ބޯޅައިގައި އެންމެ ރަނގަޅު އެކުލެވުމެވެ. އެއަށްފަހު އަލީ އުމަރާއި، ތޮއްޑޫ ނިޒާމް އަދި ހުރާގެ އަލި ޝިހާމް ހިމެނޭ ފޯވާޑް ލައިނަކީ ދިވެހި ގައުމީ ޓީމު ތަޖުރިބާކުރި އެންމެ ހަލުއި އެއް ފޯވާޑް ލައިނެނެވެ. އެއީ ދިވެހިންގެ އުންމީދުތައް މަތިކޮށްލައިދިން ހުނަރުވެރި ކުޅުންތެރިންނެވެ. މިކުޅުންތެރިންނާއިއެކު ހުރާގެ މައުސޫމް އާއި ވިލްދާން ފަދަ ހަލުއި ކުޅުންތެރިންނަކީ ގައުމީޓީމަށް ލަނޑު ޖަހައިދީ ދިވެހިން އުފާކޮށްދީފައިވާ ފޯވާޑުންނެވެ. މީގެއިތުރުން ނިހާން ނަސީރު ކުޑަހީނަމެން ފަދަ ކުޅުންތެރިންގެ ހަނދާންތައް އަދި ދިވެހިންގެ ހިތުން ފޮހެވިގެން ނުދާނެއެވެ. އަދި ގައުމަށް ލަނޑު ޖަހައިދިނުމަށްފަހު ދިވެހިމަސްވެރިންގެ "ހޯރަ" ދަމާލަދޭ ކުޅަދާނަ ފޯވާޑް ޓޮމް އަކީ ފުޓުބޯޅައަށް ލޯބި ކުރާ މީހެއްގެ ހައިސިއްޔަތުން ހަނދާނުން ފޮހެލަން ދަތި އެއްނަމެވެ.

އެޑްގަ ޑާވިޑްސް އަކީ ދިވެހި ކުޅުންތެރިއެއް ނޫނެވެ. ހޮލެންޑްގެ ކުޅުންތެރިއެވެ. ނަމަވެސް މިހާރުގެ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިއާ ބަކާފަދައިން ނަޒީހު އަކީވެސް އިދިކޮޅު ޓީމުގެ ކުޅުން ހަލާކުކޮށްލުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ އޭރުގެ ނިސްބަތުން މޮޅު ޑިފެންސިވް މިޑްފީލްޑަރެކެވެ. އޮއިއްޓޭ އާއި ސަމްޕަތު ދިވެހިރާއްޖޭގެ މެދުތެރޭގައި ވަރުބަލިކަމެއް ނެތި ދުވިދުވުމަކީ ހަމަޔަގީނުންވެސް އިއްޔެވީކަމެހެން ހަނދާން ހުންނާނެ މަންޒަރެކެވެ. މިދެކުޅުންތެރިންނާއި އެކު ރާއްޖޭގައި އުފެދު އެންމެ މޮޅު އެއް ޕްލޭމޭކަރ ހުރާ އަބްޅޯ މެދުތެރޭގައި ހަރަކާތްތެރިވާން ފެށުމުން ދިވެހިންގެ ކުޅުން އިހުނަށްވުރެ ރީތިވާންފެށިއެވެ.

ދިވެހި ފުޓުބޯޅައިގެ ރަންޔޫބިލް ފާހަގަކުރަމުން ދިޔަ ދުވަސްވަރަކީ ދިވެހި ގައުމީޓީމުގެ ވާތުފިޔަ އެންމެ ބާރަށް ފިޔަޖަހަމުން ދިޔަ ދުވަސްވަރެވެ. ހުސައިން ލުތުފީ ލުއްޑާ ދުވެހި ގައުމީޓީމުގެ މުޅި ވާތްފަޅީގައި ދުވެ އެކުއެކީގައި އެޓޭކް ކުރުމާއި ޑިފެންސްކުރުމުގައި ވަމުންދިޔަ ގުރުބަނީގެ ވިދުވަރު ފަނޑުކޮށްލީ ގޯލްޑަން ޖުބުލީ މުބާރާތުގައި ރާއްޖެއަށް ލިބުނު ނާކާމިޔާބާއި އެކުއެވެ. ނަމަވެސް މާޔޫސްވެފައިތިބި ދިވެހިންގެ ހިތްތައް އޭގެ 8 އަހަރު ފަހުން އުފަލުން ފޮޅުނީ ދިވެހި ޓީމުގެ ކަނާއަތު ފިޔައިން ފޮނުވާލި ވަރުގަދަ ހަމަލާއިން އިންޑިއާގެ ގޯލް ފޫއެޅުމުންނެވެ. މުހުތަރު ނަސީރު ޓޫކިލޯ ފޮނުވާލި ބޯޅައާއި އެކު ދިވެހިންގެ މޭމަތީގައި ރަންމެޑަލް ޖަހައިދިން ހަނދާނުން މިއަދު ހިތްވަރު ލިބެންޖެހެއެވެ. މީގެއިތުރުން އިސްމާއިލް މުޙައްމަދު އާއި އައްމަޓީ ދިވެހި ގައުމީ ޓީމުގެ އަރިމަތީގައި ކުޅުނު ރީތި ހުނަރުވެރި ފުޓުބޯޅައަކީ މިއަދުގެ ޓީމަށް ވާރުތަކޮށްފައިވާ މުހިން ހުނަރުތަކެވެ.


އޭރު މިސަރަހައްދުގައި ހުރި އެންމެ ނުރައްކާތެރި ކުޅުންތެރިޔާ ބުޓިޔާ އާއި ކުރިމަތިލައި، ގައުމަށް ނަސްރު ހޯދައިދިނުމުގައި ހަރަކާތްތެރިވި މުޙައްމަދު އިބްރާހީމް (ކައްޕި) ، އަޒުމޫން، އާލީ ޝާހީން ފަދަ ޑިފެންޑަރުންނަކީ ދިވެހިންގެ އިތުބާރު ހޯދި ވަރުގަދަ ޑިފެންޑަރުންނެވެ. މިކުޅުންތެރިންނާއި އެކު ދިފާއުގައި ހަރަކާތްތެރިވި ޔޫއްޓޭގެ ނުރައްކާތެރި ޓެކްލަތަކަކީ ދެވިހިންގެ ކޮޅަށް ވަންނަންދިޔަ އެތަކެއް ބޯޅައެއް ސަލާމަތްކުރެވިފައިވާ ޓެކްލްތަކެއްކަން ހަންދާން އާކޮށްލުމަކީވެސް އޮންނަން ޖެހޭ ކަމެކެވެ.
އެއަށްފަހު ކޮރެއާ، ޗައިނާ ފަދަ އޭސިޔާގެ ގަދަފަދަ ބާރުތަކާއި ކުރިމަތިލައި ދިވެހިންގެ ކޮޅަށް ވަންނަން ޖެހޭ އެތަކެއް ބޯޅަތަކެއް ސަލާމަތްކޮށްލަދީ، 17-0 ލަނޑުން އީރާން އަތުން ބަލިވި ބަލިވުން ހަނދާން ނައްތާލަދިނީ އައްސަދާއި، ސޮބާ އަދި ޖަމީލްގެ ސޮލިޑް ޑިފެންސް ލައިނުންނެވެ. އެދުވަހު ދިވެހިން ދިވެހިރާއްޖޭގެ ޑިފެންސަށް ކުރި އިތުބާރު ހަގީގަތަކަށް ވެގެން ދިޔައީ ރަންޖީލުގެ ކެޕްޓަން އައްސަދުގެ އަތުން ސަރަހައްދީ މުބާރާތުގެ ތަށި އުފުލާލި ހިސާބުންނެވެ.

އިގުބާލު، އަސްލަމް އަދި ކީޕަރު ޒަރިޔަންދަކީ ދިވެހި ގައުމީޓިމުގެ ގޯލް ބެލެހެއްޓުމުގައި މުހިންމު ޑައިވްތަކެއް އަޅާދީފައިވާ ފުޓުބޯޅައިގެ ތާރީހުގައި ފަނޑު ނުވާނޭ ނަންތަކެވެ. އެއަށްފަހު ހުރާގެ ކީޕާރު އިސްހާގު އީސާ ދިވެހި ޓީމުގެ އަންގި ލެއްވުމާއި ހިސާބުން ދިވެހި ރާއްޖޭގައިވެސް ކުރިއަށްވުރެ މޮޅަތި ކީޕަރުން އުފެދިއްޖެކަން ދިވެހިން ގަބޫލު ކުރަންފެށިއެވެ. އެދުވަހު ދުވެހި ކީޕަރާއި މެދު ދިވެހިން ކުރި އިތުބާރު ބަދަލުނުކޮށްލައި ހިފަހައްޓާލަ ދިނުމުގައި އިސްހާގަށްފަހު އޭރުވެސް މިހާރުވެސް ކީޕަރު އިމްރާންގެ ހުށިޔާރުކަމުގެ ހިއްސާ ބޮޑެވެ.

އަދި މީގެ ކުރިއަށް ޖެހިލާނަމަ މާއްޓޭ، ކަލީމް، އަބުޖީ، އަންދަރޭ، އަދި ގަރުނުގެ ފުޓްބޯޅަ ޝަހުސިއްޔަތު މޫސާމަނިކުމެން ފަދަ ބޭފުޅުންގެ ވާހަކަތަކަކީ ލިޔެ ކޮޅުންލާނޭ ވާހަކަތަކެއް ނޫނެވެ.

މިއަދު ދިވެހި ޓީމު އޭއެފްސީ ޗެލެންޗްކަޕްގައި ވާދަކުރާއިރު މުޅި ޓީމުގެ ހުރިހާ ދިމާލެއްގައިވެސް ތިބީ ކުރިން ބުނެވިދިޔަ ކުޅުންތެރިންނަށްވުރެ ހުނަރުގެ ގޮތުން ފުރިހަމަ އަދި އެއަށްވުރެ ޒަމާނީ ފުޓުބޯޅައިގެ އުކުޅުތަކަށް ލޯހުޅުވިފައި ތިބި މޮޅަތި ކުޅުންތެރިންނެވެ. ދެވެހިން އެކުޅުންތެރިއަކާއި މެދު ފަހުރުވެރިވާ އަދި އެންމެ އިތުބާރު ކުރެވޭ ކުޅުންތެރިއާ އަލީ އަސްފާޤަކީ ދިވެހިންގެ ލެއާއި ގުޅިފައިވާ ދިވެހިންގެ އުންމީދެވެ. އަޅުގަނޑުމެންގެ ހުވަފެނަކީ ދަގަނޑޭފަދަ ހުނަރުވެރި އިތުރު ކުޅުންތެރިން ދިވެހި ފުޓުބޯޅައިގެ އުދަރެހުން އަރައިގެން އައިސް ގަލޮޅު ދަނޑަށް ހުއްޓުމެވެ. އަޅުގަނޑުމެންގެ އުއްމީދަކީ ބުނެވިދިޔަ ކުރީގެ ގައުމީ ކުޅުންތެރިން ދެއްކިފަދަ ޖޯޝާއި ފަންވަރު ގައުމަށްޓަކައި ދައްކާ މިހާރު ތިބި ކުޅުންތެރިންގެ މިންނެތް މަސައްކަތުން ޗެލެންޖް ކަޕްގެ ތަށި ރާއްޖޭގައި ބެހެއްޓުމެވެ.

Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved