Home » , , » ނުނިމުނު ދަތުރު

ނުނިމުނު ދަތުރު

Written By Afey Afra on Sunday 22 September 2013 | 13:55

ހެނދުނު ހޭލެވުނުއިރު މިސްޑްކޯލް ފެނިފައި ހިތަށް އެރިއެވެ. ކޮންމެސް ކަމެއް ވެއްޖެއެވެ. ތަންމަތީގައި އޮވެފައި ވަގުތުން އައިކީ އަށް ގުޅީމެވެ. ފޯން ނެގީ މުސްތަފާއެވެ. ފަހަތުން އައިކީގެ ރުއިމުގެ އަޑު ގުގުމަމުންދެއެވެ. މުސްތަފާ އަހަރެންނާއި ދިމާއަށް ހަބޭހަށް ދޭންފެށިއެވެ. "ފޯން ގެނޭ، ތީ ކަލޭގެ ފޯނެއް ނޫން އެހެންނޫނަސް މިހާރު ކަލެއަށް ތީތި ހިފެހެއްޓުމުގެ ހައްޤެއް ނެތް" އައިކީގެ އަދޭހުގެ އަޑު ފަހަތުން އިވެމުންދެއެވެ. އަހަރެން ފޯން ބާއްވާކަށް ބޭނުމެއް ނުވިއެވެ. ވަމުންދާގޮތް އެންގެން ބޭނުންވިއެވެ. ފޯން ކަނޑާނުލާ ތިބިގެން ދެމީހުން ދެމީހުންނަށް ޒުވާބުކުރާ އަޑު އިވެމުންދެއެވެ. އިރުއިރުކޮޅާއި އައި.ކީ ރޮއިގަންނަ އަޑު އިވެއެވެ. މަޖުލީހުގައި ނަން އިއްވާ ފަދައިން އަހަރެންގެ ނަން އިރުއިރު ކޮޅާ މުސްތަފާގެ ދުލުން ބޭރުކުރެއެވެ. ހަޑިހުތުރު ބަހުރަވައިން ހިނގަމުންދާ ޒުވާބުގައި އޭނާއޭ ކިޔާފައި އައިކީ އެބުނަނީ އަހަރެންގެ ވާހަކަކަން އަހަރެންނަށް އެނގުނެވެ. ފަނަރަވަރަކަށް މިނެޓްވަންދެން އަހަރެން އެމީހުން ޖަހާ ސަކަރާތް އަޑު އަހަން އޮތީމެވެ. މަޑުމަޑުން މައިތިރިވާހެން ހީވިއެވެ. އިރުކޮޅަކުން އައިކީ ފޯނުން އަހަރެންނާއި ވާހަކަ ދައްކަން ފެށިއެވެ.


"އަހަރެން މިކަމުން ސަލާމަތްކޮށްދީ" ރޮއިގަންފައި އައިކީ އަހަރެންނާއި ދިމާއަށް ބުނެލިއެވެ. ގިސްލުމާއިއެކު ވަހާކަ ކުރިއަށް ދިޔައިރު އަހަރެން އަޑުއަހާލަން އޮތީމެވެ. އެދުވަހަށްފަހު އަހަރެން މިއުޅެނީ މިހާލެއްގައި، ވަރަށް އަނިޔާކޮށްފި، ނުގޮވާކައެއްޗެއް ނެތް، އަބަދު މަށާދިމާލަށް ކޮންމެސް ފިރިހެނަކާއި އަޅުވައިގެން ކިޔަނީ، ވޯޓުލީދުވަހު ތީނަ އަހަރެންގެ އަތުގަ ހިފިފަހުން ދުނިޔޭގަ އުޅެވެން ނެތް، އެދުވަހު އަހަރެންނަށް ވަރަށް ވަރުކޮށްލި، އަހަރެންނާއި މުސްތަފާ އާއި މެރީކުރިފަހުން އުޅެމުން މިދަނީ ވަރަށް ސުމޫތުކޮށް، މެރީ ކުރުމުގެ ކުރިން ވަރަށް ޝައްކުކުރި، އެއީ އަހަރެމެން ދެމީހުން ކުރިން އޮތް ގުޅުން އޭނައަށް އެނގޭތީ، އަހަރެމެން ފަހުން އެއްވެސް ގުޅުމެއް ބޭއްވީކީ ނޫން، ދެން އެދުވަހު ތީނަ އައިސް އަހަރެންގެ އަތުގައި ހިފިފަހުން އަހަރެންނަށް މިހެން ދިމާވީ، އަހަރެން ތީނަގެ ކިބައިން މާފަށް އެދުނިން އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން ދެން ކީއްކުރާކަށް އަހަރެންގެ އަތުގައި އެއެންމެންގެ ތެރޭގައި ހިފަންވީކީ... މަށަށް ކިހާ ބޮޑު ލަންޑެއް، މުސްތަފާ އަހަރެން ވަރިކޮށްލައިފި... ފަތިހުން ފެށިގެން މިކަމެއްގައި މިއުޅެނީ އެންމެފަހުން ވަރިކޮށްފައި ނިކުމެގެން އެދިޔައީ.. މިހެންބުނެފައި އައިކީ ފަޅައިގެން ދިޔައެވެ. ބާރަށް ރޯން ފެށިއެވެ. ރުއިމުގެ ތެރޭގައި ބުނެލިއެވެ. ދެން އަހަރެން ގެންދަން ވީނުން ތިހާ ލޯބިވަންޏާމު.... މިހެން ބުނުމާއި އެކު އަހަރެންނަށް ލޯމަރާލެވުނެވެ. ވިސްނާލުމަށްފަހު އައިކީ އާއި ވާހަކަ ދައްކަން ފެށީމެވެ.

އައިކީ! އަހަރެން އައިކީ ދެކެ ލޯބިވިން އަދިވެސް ލޯބިވޭ، ލޯބިވާހާ އެއްޗަކީ ލިބޭނެ އެއްޗެއް ނޫން އެއީ މިހާރު އަހަރެންގެ ފިލޯސަފީ އަކީ، އަހަރެންނަށް އެދުވަހު އައިކީގެ އަތުގައި ހިފުނީ ޖަޒުބާތުގައި ހިތުގައި ވިންދު ޖަހާތީ އެހެންނަމަވެސް އަހަރެންގެ ކައިރީގައިއިން މުސްތަފާއަކީ އައިކީގެ ފިރިމީހާކަން އެނގޭނަމަ އަހަރެންނަށް އެކަންކުރާނެ ހިތްވަރެއް ނުލިބުނީސް، އައިކީގެވެސް މިސްޓޭކެއް އޭގައި އެބައޮތް އައިކީ އަހަރެންނަށް ހަބަރެއް ނުވީ އެނބުރިއައިސްފައި ވެސް އަނެއްކާ ދިޔައީ، މެރީކުރިކަންވެސް އަދި މެރީކުރީ ކާކަކަންވެސް ބުނީކީ ނޫން، ޤަބޫލު ކުރަން މަށަށް މަގޭ ސެލްފް ކޮންޓްރޯލް ނުކުރެވުނީ މާފުކުރޭ... މިހެން ބުނުމާ އެކު އައިކީ ބުންޏެވެ. އޯކޭ ދެން އަލުން އަހަރެންނާއި އެކު ހުރެދިފާނަން،،، ލޯބިވާ އައިކީގެ އަދޭހަށް ދުވަހަކުވެސް އަހަރެން ފުރަގަސް ދީފައެއް ނުވަމެވެ. ނަމަވެސް މިއަދު މިއޮތީ ހަލާތު ބަދަލުވެފައެވެ. އަހަރެން ހަނދާން ކޮށްލީމެވެ. އައިކީ ގެއްލިފައި އެނބުރި އައިދުވަހު ދެއްކި ވާހަކަތަކައި ގުޅުވާލީމެވެ.


އަހަރެން ބުނީމެވެ. އައިކީ ބުނިފަދައިން އަހަރެން މިއަދު މިހިރީ ދުނިޔޭން އެކީގައި ވާށެވެ. މާނައޮޅުވާ ނުލާށެވެ. ފަހުން އައިކީގެ އަތުގައި އަހަރެން ހިފިހިފުމަކީ ބޭނުންވެގެން ކުރިކަމެއް ނޫނެވެ. އަދި އައިކީ ހޯދަންކުރި މަސައްކަތެއްވެސް ނޫނެވެ. އެމަސައްކަތް ކުރެވުނީ ކުރިން މާކުރިންނެވެ. އެއްހާލަތުން އަނެއް ހާލަތަށް ބަދަލުވެޖެއެވެ. ނަމަވެސް އަދިވެސް ލޯބިވެއެވެ. ވަރަށް ލޯބިވެއެވެ. އައިކީ އަހަރެންކައިރިއަށް އެނބުރި އައި ދުވަހު އައީ ދިހަ ފޫޓުގެ ރޭޑިއަސްއަކާއި އެކުނުންހެއްޔެވެ. މިއަދު އަހަރެންގެ ބައުންޑްރީގައި ފަރާތަކަށް ވަށައިގެން ވިހި ފޫޓު އެބަހުއްޓެވެ. މިހެން ބުނިތަނާ ބަދިގެ ތެރޭގައި ހުރި އަހަރެންގެ އަންހެނުން ކޮޓަރިއަށް ވެދެފައި ބުންޏެވެ. ކޮން ބައުންޑްރީއެއް ހެއްޔެވެ. މިއަދު އޮފީހަށް ނުދާދުވަހަކީ ހެއްޔެވެ. އަހަރެން ފޯން ކަނޑާލާފައި އަންހެނުންނަށް އޮޅުވާލީމެވެ. (ނިމުނީ)
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved