Home » , » ކަރުނަވީ ބޭވަފާ

ކަރުނަވީ ބޭވަފާ

Written By Afey Afra on Thursday 15 August 2013 | 06:09

ދެކުލައިގެ ދެފޮތާއި ބެހޭގޮތުން ސިލްވިއާ އަހަރެންނާއި ސުވާލުކުރިއެވެ. އޭގައިވާ ފޮޓޯ ބަލާފައި ބުންޏެވެ. އޯ ރިއަލީ ނައިސް އެވެ. މީކޮން ކަމެއްހެއްޔެވެ. އިނގިރޭސި އަކުރުން ލިޔެފައިވާ ތަންތަންކޮޅު ކިޔަން ފެށިއެވެ. ސިލްވިއާއަށް އެއީ ކޯޗެއްކަން ފަހުމް ވުމުން އިތުރަށް ޝައުގުވެރިކަމާއި އެކު ފޮތާއި ދިމަ ބަހަލައްޓައިގެން އިނެވެ. އިރުކޮޅަކުން ބުނެލިއެވެ. "އައި ޑޯންޓް ތިންކް ސޯ.......ބަޓް އާރ ޔޫ މެރރރރރ" އެހިސާބަށް ބުނިތަނާ ސިލްވިއާގެ ތުންފަތުގައި އަހަރެންގެ ޝަހާދަތް އިނގިލި އަޅާލީމެވެ. އަދި ކޮނޑުގައި ހިފާ އަހަރެންގެ ކޮނޑާ ސިލްވިއާގެ ކޮނޑު ޖައްސާލީމެވެ. އެނދުމަތީގައި އިށީންދެ އިން ސިލްވިއާ އަހަރެންނާއި ދިމައަށް ބޯ އަރިކޮށްލާ ކޮނޑުގައި ބޯ އަޅާލީ ތިމަންނަ މިކޮޓަރިން ނިކުމެގެން ނުދާނަމޭ ބުނާ ފަދައިންނެވެ. އަހަރެން ސިލްވިއާގެ ރީތި މަޑު ފަން އިސްތަށިގަނޑުގައި ފިރުމާން ފެށުމުން އަނެއްފޮތް ނެގިއެވެ. ވަގުތުން އަހަރެން އެފޮތް ދަމައިގަތީމެވެ. އެވަގުތު ސިލްވިއާގެ އިޝްޤީ ކަޅިރަވައިން ފެންނަމުންދިޔަ މާޔޫސްވުމާއި ދެރަވުމުގެ މަންޒަރުތަކުން އަސަރުތަކެއް ކުރުވިއެވެ. ދޮން ކޯތާފަތްމަތިން ފައިބަމުން ދިޔަ ކަރުނަތިއްކާ ބެހޭގޮތުން އަހަރެން ބުނީމެވެ. ދެރަނުވާށޭ! ނުރޯށޭ! އެއީ ރޯވަރުގެ ކަމެއް ނޫނެވެ. ކަރުނަ އަކީ އަހަރެން ދެކެން ބޭނުންވާ އެއްޗެއް ނޫނެވެ. މާޒީގައި ތިފަދަ ބައިވަރު ކަރުނަތައްވަނީ އަހަރެންނަށް ޒަލްޒަލާއެއް ގެނުވާފައެވެ. ލޮލުން ފައިބާ ކަރުނަތަކާއި މެދު ހަމްދަރުދީވިއަސް ކޮންމެ ކަރުނައީ ވަފާތެރިއެއް ނޫނެވެ. އަހަރެންގެ ކޮނޑުމަތީގައި ބޯއަޅައިގެން އޮތް ސިލްވިއާ ތެދުވެ ވާހަކަ ދެއްކިއެވެ. އޭނާ އެދުނީ އެވާހަކަތައް ކިޔައިދިނުމަށެވެ.

ފެހިކުލައިގެ ފޮތް ނަގާފައި އަހަރެން ބުނީމެވެ. މިއީ ޒާތެއްގެ ޤާނޫނު އަސާސީއެކެވެ. މިފޮތުން އަހަރެންގެ އެޓިޓިއުޑްއަށް އަސަރުތަކެއް ކުރިއެވެ. މިފޮތުގެ ސަބަބުން އަހަރެންގެ ޕާސަނަލިޓީއަށް ބަދަލުތަކެއް އައެވެ. މިފޮތް ލިބުނު ދުވަހުން ފެށިގެން އަހަރެންގެ ބިހޭވިއާރ އަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ޤާބޫލު ކުރެވިގެން އެމަސައްކަތް ބާރަށް ފެށީމެވެ. އެމަސައްކަތުގެ ނަތީޖާ މިހާރު ފެންނަމީހަކީ ތިއީއެވެ. އަހަރެން ތަފާތެއް ނޫންހެއްޔެވެ. ސިލްވިއާ ހީލާފައި ބުންޏެވެ. ހަވް ކުޑް އައި ނޯ.. އަހަރެން ބުނީމެވެ. ނޭގޭ ހެއްޔެވެ. އަހަރެން ރުޅިއައިސްގެން އެއްޗެހި ކިޔާހެއްޔެވެ. މޫނުމަތީގައި ޒުވާބުކުރަން އުޅޭ ހެއްޔެވެ. ޒުވާބަކަށް ދާންވެއްޖެއްޔާ އަހަރެން އަމަލުކުރާގޮތް އެނގޭނުންހެއްޔެވެ. ނިދަފައި އޮއްވާ ގޮވަން އައިމާ ފޮޅާލާހެއްޔެވެ. ހެނދުނު ފޯނު ކުރީމާ ޖަވާބު ނުދޭހެއްޔެވެ. ހޭލާފައި ވާހަކަ ނުދައްކާ ރުންކުރު ވެފައި ހުރޭހެއްޔެވެ. އަޑު އަހާށެވެ.

މިފޮތަކީ އަހަރެންނަށް އުފާވެރިކަން ގެނުވި ފޮތެވެ. ޒަވާޖީ ހާޔަތް ފެށިގެން އައީ މިފޮތް މަތީގައެވެ. އާ ކަމަޅިމަތީ ހަޔާތް ފަށައިގަތީ މިފޮތް ޖީބަށް ލައިގެން ނިކުމެއެވެ. މިއީ ހަޔާތުގެ ފެށުމެވެ. ލޯބީގެ ގުލްދަސްތާގައި ނުފޮޅި ހުރި މާތައް ފޮޅިގަތީ މި ފޮތް އަތަށް ލިބިގެން ވަގުތުން ފެށިގެންނެވެ. ލޯތްބާއި އަޅާލުމާއި ކުލުނާއި އެކު ދެމީހުން ފެށި ދަތުރުގައި ކަމަކަށް ނުވާކަހަލަ ކުދިކުދި ކުނިތައް ޖެހި އޭގެން އިބްރަތް ހާޞިލްކޮށް ރަނގަޅު މިސްރާބަށް އަނބުރާލައިގެން އޮޑި ދުއްވީ މިފޮތް ޖީބަށް ލައިގެން ހުރެއެވެ. އައި ކާންޓް އަންޑަސްޓޭންޑް ވަޓް ޔޫ އާރ ޓެލިން.... ޕްލީސް ގޯ ޓު ދި އެކްޒެކްޓް ޕޮއިންޓް ... ސިލްވިއާގެ ތޫލި އަޑުން މިހެން ބުނުމާއި އެކު އަހަރެން ތިލަ ކޮށްލަދިނީމެވެ.

އަހަރެން އޭނާ ދެކެ ލޯބި ވީމެވެ. އޭނާ އުފާކޮށްދިނުމަށް މަސައްކަތްކުރެވުނެވެ. އިއްޔެވީކަމެއްހެން ހަނދާން އެބަހުއްޓެވެ. އޭނާގެ ލޮލުން ފުރަތަމަ ކަރުނަތިކި ވައްޓާލި ދުވަހަކީ އަސަރުތަކެއް ކުރި ދުވަހެކެވެ. ރުޅިއައިސްގެން އަހަރެން އޭނާއާއި ދިމާލަށް ފުރަތަމަ ފޮޅާލި ދުވަހަކީ އޭނާ އިންތިހާއަށް ދެރަވި ދުވަހެކެވެ. ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގެން ދިޔަ މަންޒަރު އަހަރެން ހުރީ ބަލާށެވެ. އަހަރެންވެސް ދެރަވިއެވެ. އެލޮލުން ކަރުނަ ނަންނާނެ ގޮތެއް ހެދުމަށްޓަކައި އަހަރެން ވިސްނީމެވެ. މީއީ ކަންވެގެން ވާނެ ގޮތެއް ނޫންކަން އަހަރެން ގަބޫލުކުރީމެވެ. އަހަރެންގެ އެއަމަލު އިސްލާހުކޮށް އޭނާއަށް ފަހުން ދެއްކީމެވެ. އަހަރެން ފޮޅާނުލިކަމުގައި ވިއަސް އަހަރެން ރުޅިއައީމާ ނުވަތަ ހިތްހަމަ ނުޖެހުނީމާ އޭނާ ދެނެގަނެއެވެ. އަދި އެކަން އިޙްސާސް ވުމުން އަހަރެން ހަމަޖައްސަން އޭނާ ޖާމިނުވެއެވެ. ކޮންމެހެން ދެވަރިން ދިނުމަކީ މުހިންމު ކަމެއް ނޫންކަން އަހަރެންނަށް ވިސްނުނެވެ. އެއީ ސަޅި ގޮތެކެވެ. ހެނދުނު އޮފީހަށް ދާންވެގެން އުޅުނު ދުވަހެއްގައި އިސްޓާކީނު ނުފެނިގެން ކުއްލިކުއްލިއަށް ރުންކުރުކޮށް އަހަރެންގެ ދުލުން ތެދިން ބަސް ނިކުމެގެން ދިޔަ އަޑު އަހާފައި އޭނާ ކަންބޮޑުވިރަރު އަހަރެން ދެކުނީމެވެ. އަދި އެދުވަހުވެސް ލޮލުން ކަރުނަ ފޭދުނުކަން އަހަރެން ދެނެހުރީމެވެ. ކަރުނަ ފޭބުމަކީ އަހަރެން އެންމެ ހިތަށް އުނދަގޫވާ ކަންތަކެވެ. އަހަރެން ކުރާ ކަމަކުން އޭނާގެ ލޮލުން ކަރުނަ ނުބާލުވާ އަހަރެން ދޭންވާ މެސެޖެއް ދެވޭނެ ގޮތަށް އަހަރެންގެ ބަސްމާގައި އަހަރެންގެ އަމަލުތައް ބަދަލު ކޮށްލީމެވެ. އެއީ އުނދަގޫ ކަމެކެވެ. އެކަންވެސް ކުރެވުނެވެ. ހެނދުނު ހޭލާއިރު އަހަރެންނަކީ ތުންބައްދައިގެން ގިނައިރުތަކެއް ވަންދެން ވާހަކަ ނުދައްކާ ހުންނަ މީހެކެވެ. އޭގެ ސަބަބުން އޭނާގެ ހިތުގައި ކޫރު އެޅޭކަން އަހަރެންނަށް ފަހުމުވިއެވެ. އަދި ނިދާފާ އޮންނަ އިރު ގޮވާލާ ގޮތަކުން އަހަރެންކައިރިއަށް ރުޅި އައުމުން އޭނާ ދެރަވެއެވެ. މިކަންކަން އިސްލާހު ކޮށްލުމަށް ދުވަސްކޮޅެއް ނެގިއެވެ. އެއްކަލަ ކަރުނަތައް ދެކެން ބޭނުންނުވާތީއެވެ. އަހަރެން ހެނދުނު ހޭލާގޮތަށް ހީފައި މަޖާކޮށް ވާހަކަ ދައްކަން އާދަކުރުމުން އޭނާގެ ހިތުގައިވާ ސިކާޔަތު ނިމުމަކަށް އައެވެ. އަދި އަހަރެން ކައިރިއަށް ހިނި އަންނާނެ ފަދަ މަގަކުން ނިދާފައި އޮންނައިރު ގޮވުމަށް އޭނާ ދަސްކުރިއެވެ. އެގޮތުގައި ދުވަސްތައް ވޭތުވެ ދިޔައީއެވެ. މިފޮތް އަލާމާރީގައި އޮއްވައެވެ. އެއީ ކުރިން މާކުރިއެވެ. އެއީ އަލަތުގެ ދުވަސްވަރުގެ ވާހަކައެވެ. އެހުރިހާ ކަމެއް ހަމަ މަގަށް އެޅި ބަރާބަރަށް އެންމެ ހިތްހަމަ ޖެހޭގޮތަށް ސިސްޓަމް މަސައްކަތްކުރަން ފެށިއެވެ. ބާރު ސްޕީޑުގައި އަތުފަތު ނުޖެހޭވަރަށް ހަޔާތުގެ ދުވެލި ދުވަމުން ދިޔައީ ހިތްހަމަ ޖެހުމާއި އެކުއެވެ. ދެފަރާތަށްވެސް ހިތާމައެއް ނުވާގޮތަށެވެ.


އޭގެފަހެވެ. މާފަހެވެ. އެތަކެއް އަހަރުފަހެވެ. ކުއްލިއަކަށް އޭނާ ބުންޏެވެ. އުޅޭކަށް ބޭނުމެއް ނުވެއެވެ. ސަބަބެއް ނުބުންޏެވެ. ދެން ބުންޏެވެ. އެހެން މީހަކު ދެކެ ލޯބިވެވިއްޖެއެވެ. އަދިވެސް ބުންޏެވެ. ވަރިކުރާށެވެ. އަހަރެން ފުންކޮށް ވިސްނާލީމެވެ. އަދި އޭނާއަށް ވިސްނާލުމަށްޓަކައި އެކަށީގެންވާ ވަގުތު ދިނީމެވެ. ނަމަވެސް ދުވެލި މަޑުވެ އޮޑި ހުއްޓުމުން އިތުރުގޮތެއް ނެތެވެ. އޭނާ ރުހޭނެ މަގަކުން އަހަރެން ކަންތައް ނުކުރާންވީ ސަބަބެއް ނެތެވެ. މާޒީގައި ބަދަލުކުރީ އަމަލުތަކެވެ. މިފަހަރު ޖެހުނީ "ބޮޑު" ނިންމުމެއް ނިންމަލާށެވެ. އަހަރެން އެނިންމުން ނިންމާލީ މަޑުމައިތިރި ކަމާއި އެކުއެވެ. ރީތި ގޮތުގައި ވާހަކަ ދައްކާލައިގެންނެވެ. އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ބޭނުންކުރެވުނު ބަސްމަގުގެ ޑިޕްލޮމެސީ އާއި އަމަލު ކުރެވުނު ގޮތާއި މެދު އަހަރެން ހިތްހަމަ ޖެހެއެވެ. އެބޮޑު މާސިންގާ ހާދިޝާގައި ހަޑިހުތުރު ބަހަކުން މުހާތަބު ނުކޮށް ވަތްކަނޑާލެވުނީތީ ތާއަބަދު އުފާކުރަމެވެ. ދެވަނަ ފޮތް ނަގާ ހުޅުވާފައި ސިލްވިއާއަށް ދައްކާފައި އަހަރެން ބުނީމެވެ. މި ރަތްކުލައިގެ ފޮތަކީ އަހަރެންނަށް ލިބުނު ސަނަދެކެވެ. ބުނަންހެއްޔެވެ. ކުރިން މާކުރިން ފެނުނު ކަރުނަތައް އަހަރެންނަށް ބޭވަފާތެރި ވީއެވެ. މިރަތް ކުލައިގެ ފޮތް އަހަރެންނަށް ލިބުނު ދުވަހު އަހަރެން ހިތަށް އެރިއެވެ. ކަރުނަޔަށްޓަކައި އުޅުން ބަދަލުކުރުމުން އެކަރުނަވީ ބޭވަފާއެވެ. އުޅުންބަދަލުކޮށް މުޅި މީހާ ކޮމްޕްލީޓް ވީތާ ލައްކަ ދުވަސްފަހުން އެކަން ރިކޮގްނައިޒްޑް ކޮށްދިނީ މިފޮތުންނެވެ. މަޑުމޮޅި ކަމާއި އެކު ބަސްހުޓިފައި އިން ސިލްވިއާ އަހަރެންނާއި ކުރީ އެންމެވެސް ކުރަމުންދާ އާއްމު ސުވާލެވެ. އޭގެ ޖަވާބުގައި އަހަރެން ބުނީ ނޯ އެވެ. އޭނާ އެކަމާއި އިންކަރު ކުރިއެވެ. އިތުރަށް އަހަރެން ބުނީމެވެ. ލޯތްބަކީ ނިމުމެއް ނުވާ އެއްޗެއްކަމަށް ބުނާތަންކޮޅު އެކަނި އަޑު އަހައިގެން ވޭހެއްޔެވެ. ނަފްރަތު ލޯތްބަށް ބަދަލުވާ ވާހަކަ އަޑު އަހަން ހެއްޔެވެ. ސިލްވިއާ ބޯޖަހާލީއެވެ. އަހަރެން ބުނީމެވެ. އެހެން ވިއްޔާ ލޯބިވެސް ނަފްރަތަށް ބަދަލުވާކަން އަހަރެން ދަލީލު ކޮށްދީފާނަމެވެ. ނުބީހެންޏާ ކަނޑާ ހަމައެވެ.


Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved