Home » , » ސިޔާސީ ފިކުރު ދެނެގަތުން

ސިޔާސީ ފިކުރު ދެނެގަތުން

Written By Afey Afra on Thursday 8 August 2013 | 16:47

ތިމާ އަމިއްލައަށް ސިޔާސީވެގެން ނުވަތަ ސިޔާސީ އެކިއެކި ކަންކަމަށާއި އެކިއެކި މީސްމީހުނަށް ތާއީދު ކުރާއިރު ތިމާގެ އަމިއްލަ ފިކުރަކީ ކޮބައިކަމާއި ތިމާގެ ފިކުރާއި ގުޅެނީ ކޮން ސިޔާސަތުތަކެއްކަމާއި މެދު އަމިއްލަ ނަފްސާއި ސުވަލު ކޮށްލަނީ ކިތައް މީހުންބާއެވެ. ޕޮލިޓިކަލް އައިޑިއޮލޮޖީ ނުވަތަ ސިޔާސީ ފުކުރު މައިގަނޑު ގޮތެއްގައި އޭގެ އަސްލު ސޫރާގައި ބެހިގެންވަނީ ދެ ފިކުރެއްގެ މައްޗަށެވެ. އެއީ ވާއަތުގެ ފިކުރާއި ކަނާއަތުގެ ފިކުރެވެ. އެފަދަ ފިކުރު ގެންގުޅޭ މީހުންނަށް ކިޔާނީ ލެފްޓިސްޓުން ނުވަތަ ރައިޓިސްޓުންނެވެ.


ކޮންމެ ސިޔާސަތެއްވެސް އަދި ކޮންމެ މެނިފެސްޓޯއެއްވެސް އެކަށައެޅިގެން އަންނަނީ އިޤުތިސާދީ އަދި އިޖުތިމާއީ ސިޔަސާސަތުގެ ތެރެއިން ކުރިތައް ފަޅައިގެންކަމަށްވަތީ ޕޮލިޓިކަލް އައިޑިއޮލޮޖީ ބިނާވެގެން ވަނީ އިޖުތިމާއީ އަދި އިޤުތިސާދީ ކަންކަމުގެ މައްޗަށެވެ. ވާއަތުން ކަނާއަތަށް ދަމާލެވިފައިވާ ރޮނގެއްގެ ސިފަގައިވާ ޕޮލިޓިކަލް ސެޕެކްޓަރަމްއަށް ނަޒަރު ހިންގާލާއިރު ވާއަތު ފިޔަ ނުވަނަ ލެފްޓް ވިންގު ގެ ފިކުރަކީ އިޖުތިމާއީ އަދި އިޤުތިސާދީ ކަންކަމުގައި ސަރުކާރުން ސީދާ އެކަންކަން ކުރުމާއި އެފަދަ ކަންކަމުގައި ސަރުކާރުގެ ދައުރު ބޮޑުކުރުމަށް ވަކާލާތު ކުރުމެވެ. ކަނާއަތު ފިޔަ ނުވަތަ ރައިޓް ވިންގުގެ ފިކުރަކީ އިޖުތިމައީ އަދި އިޤުތިސަދީ ކަންކަމުގައި ސަރުކާރުގެ ދައުރު ކުޑަކޮށް އާއްމުފަރުދުންނަށް މިނިވަންކަން ދިނުމަށް ވަކާލާތުކުރުމެވެ. އެގޮތުން އެންމެ ބޮޑަށް އިންތިހާއަށް  ވާއަތަށް ޖެހިފައިވާ މީހުން (ކޮމިއުނިސްޓުން) ގެ ފިކުރަކީ ހުރިހާ ކަމެއްވެސް ސަރުކާރުގެ ކޮންޓްރޯލްގެ ދަށުން ކުރުމެވެ. އަދި އެންމެ ބޮޑަށް އިންތިހާއަށް ކަނާއަތަށް ޖެހިފައިވާ މީހުން (އެނާކިސްޓުން) ގެ ފިކުރަކީ ހުރިހާކަމެއްގައި ރައްޔިތުންނަށް މިނިވަންކަންދީ ސަރުކާރުން އެފަދަ އެއްވެސް މައްސަލައެއްގެ ތެރެއަށް ނުވަނުމެވެ.

ނަމަވެސް މިޒަމާނަށް ވިސްނާއިރު ރަނގަޅު ޑިމޮކްރަސީތަކުގައި ސިޔަސީ ވެރިން ވަނީ މިދެންނެވުނު ދެފިކުރު އިންތިހާއަށް އެއްފަޅިއަށް ގޮސް ހުސްވުމުގެ ބަދަލުގައި މެދާއި ކައިރިއަށް އެބައިމީހުންގެ ފިކުރުތައް ދަމާލާފައެވެ. އެހެން ކަމުން މިޒަމާނަށް ބަލާއިރު މައިގަނޑު ދެފިކުރަކީ ސެންޓަރލެފްޓް ( ކުޑަކޮށް ވާއަތުގެ) ނުވަތަ ސެންޓަރރައިޓް (ކުޑަކޮށް ކަނާއަތުގެ) ފިކުރުތަކެވެ.

ސެންޓަރ ލެފްޓް (ލެބެރަލް) ފިކުރަކީ އިޖުތިމާއީ އަދި އިޤުތިސާދީ ކަންކަމުގައި ރައްޔިތުންނަށް ކުޑަމިންވަރަކަށް މިނިވަންކަން ދިނުމަށްފަހު ގިނަ ކަންތައްތަކެއް ސީދާ ސަރުކާރުން ކުރުމާއިއެކު ސަރުކާރުން މައިގަނޑު ވިޔަފާރިތަކެއް ކުރުމެވެ. ސެންޓަރ ރައިޓް (ކޮންޒަރވޭޓިވް) ފިކުރަކީ އިޖުތިމާޢީ އަދި އިޤުތިސާދީ ކަންކަމުގައި ރައްޔިތުމީހާއަށް ބޮޑު މިނިވަންކަމެއް ދިނުމަށްފަހު ސީދާ ސަރުކަރުން އެކަންކަމަށް ވަނުމާއި ސަރުކާރުން ވިޔަފާރިތައް ކުރުމުގެ ބަދަލުގައި ފްރީ މާރކެޓް އިކޮނޮމީގެތެރެއިން އެކަންކަން ރެގިއުލޭޓް ކުރުމުވެ. ކަންމިހެން ހުރިއިރު މިދެންނެވުނު ދެފިކުރަކީވެސް ރަނގަޅާއި ނުބައި އެކުލެވިގެންވާ ދެފިކުރެވެ. އަދި ދެފިކުރުގައިވެސް ދެކޮޅަށްވެސް ވަހާކަދެކެވޭނެ މުހިންމު ރަނގަޅު ކަންތައްތަކެއް ހުރި ފިކުރުތަކެވެ. އެހެންކަމުން ތާއީދުކިރެވޭ އަމިއްލަ ފިކުރު ދެނެގަތުމަށް މިތިން ސުވާލާއި ކުރިމަތިލަމާ ހިނގާށެވެ.
1.ކުރަނީ ކޮންކަމެއްތޯއެވެ؟
2. އެކަން ކުރަނީ ކިހިނަކުންތޯއެވެ؟
3. ކޮށްދޭނީ ކޮންބަޔަކަށް ތޯއެވެ؟
މިތިން ސުވާލުގެ ޖަވާބު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ސަރުކާރުގެ ސިޔާސަތު ތަކުންނާއި ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯއިން ރައްޔިތުންނަށް ދެނީ މަތީގައި ބުނެވިދިޔަ ސެންޓަރރައިޓް ނުވަތަ ސެންޓަރލެފްޓް ފިކުރުގެ ތެރެއިންނެވެ. ދުނިޔޭގައި އެންމެ މަސްހޫރު ސެންޓަރރައިޓް ފިކުރު ގެންގުޚޭ ސިޔާސީ ޕާޓީއަކީ އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީއެވެ. އަދި އިނގިރޭސި ވިލާތުގެ ލޭބަރޕާޓީއަކީ ސެންޓަރ ލެފްޓް ފިކުރުގެ ޕަޓީއެވެ. އެމެރިކާއަށް ނަޒަރު ހިންގާލާއިރު ގިނަ މުހައްލިލުން ބުރަވަނީ ރިޕަބްލިކަން އަކީ ސެންޓަރ ރައިޓް ކަމަށާއި އަދި ޑިމޮކްރަޓިކް އަކީ ސެންޓަރ ލެފްޓް ފިކުރުގެ ޕާޓީއެއްކަމަށެވެ.

އަޅުގަނޑުމެންނަށް މިދެންނެވުނު ޒާތުގެ ނަންނަމުގެ ސިޔާސީ ފިކުރަކީ ބީރައްޓެހި އެއްޗަކަށް ވިޔަސް ދުނިޔޭގައި ސިޔާސީ ވެރިން ވިއްކަނީ ކޮންފިކުރެއްކަން އެގައުމުގެ ރައްޔިތުން ދެނެގަންނަނީ އެފަދައިންނެވެ. އިނގިރޭސި ވިލާތުގެ ރައްޔިތުންގެ މަޖުލީސް ނުވަތަ ހައުސް އޮފް ކޮމަންސް ގައި މެންބަރުން ބެންޗުތަކުގައި އިށީންދެ ވަޑައިގަތުން އިންތިޒާމް ކުރެވިފައި ވަނީވެސް އިށީންނަ ބެންޗުން އެމީހާގެ ފިކުރު ދެނެގަނެވޭނެގޮތަށެވެ. ރިޔާސަތުގެ ކަނާއަތް ފަޅީގައި ކޮންޒަވޭޓިވުންނާއި އެޕާޓީގެ ކޯލިޝަންގެ މެންބަރުންނެވެ. ވާއަތް ފަޅީގައި ލޭބަރޕާޓީއާއި އެޕާޓީއަށް ތާއީކުރާ މެންބަރުންނެވެ.

އަމިއްލައަށް ސިޔާސީ ވެގެން ސީޔާސީ މީހުންގެ ޒަތީކަންކަމާއި ބެހި ބަހުސްތައް ކުރުމުގެ ބަދަލުގައި ތިމާ ތާއިދުކުރާ ލީޑަރުން ނަވަތަ ތާއީދުކުރާ ޕާޓީގެ ޕޮލިޓިކަލް އައިޑިއޮލޮޖީ އަކީ ކޮބައިކަން ދެނެގަނެ އެއަށް ފިކުރާވަނީ ކީއްވެކަމާއި މެދު ވާހަކަ ދެއްކުމަކީ އަމިއްލައަށް ލޯހުޅުވި އެހެން މީހުންނަށްވެސް އަޑުއަހާލަން ފަސޭހަ ބަސްތަކަކަށް ވެދެއެވެ. އަދި ބުނެވިދިޔަ ބޮޑު ތިން ސުވާލަށް ސިޔާސީ ލީޑަރުންގެ ސިޔާސަތު ތަކުންނާއި މެނިފެސްޓޯގެ ޒަރިއްޔާއިން ޖަވަބުދީފައިވަނީ ކޮން ފިކުރެއް ނުވަތަ ފިކުރުތަކެއްގެ ތެރެއިންތޯ ވަޒަންކުރަން ފަސޭހަވެގެން ދެއެވެ.  ހަޤީޤީ ސިޔަސީ ފިކުރަކީ އެއީއެވެ.


Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved