Home » , , » މަޑު އަތްތިލާގައި ހިފުނީމާ

މަޑު އަތްތިލާގައި ހިފުނީމާ

Written By Afey Afra on Monday 15 July 2013 | 16:41

އަބަދުވެސް އަހަންނާއި އެކީ ހުންނާނެ ކަމަށް އޭނާ ބުންޏެވެ. އަހަރެން ދެކެ ވަރަށް ވަރަށް ލޯވިބާކަމަށް ތަކުރަރުކޮށް އޭނާ ބުންޏެވެ. އަހަރެންނަށް ގޮތެއްވެޖެނަމަ އޭނާ ވަރަށް ދެރަވާނެ ކަމަށް ބުންޏެވެ. އަހަރެންނޫން އެހެން މީހަކު އޭނާ ބޭނުން ނުވާކަށްވެސް ބުންޏެވެ. އަދި ބުންޏެވެ. ތިމަންނައަށް ލޯބިވެވުނީ ކީއްވެކަމެއްވެސް ހުދު ތިމަންނައަށްވެސް ނޭގޭ ކަމަށެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ އުފާވެރި ދިރިއުޅުމެއްކަމަށާއި ތިމަންނަވެސް ތިމަންނަ އުފަލުގައި ގެންގުޅޭނެ މީހަކާއި އެކީ ނޫޅެންވީ ސަބަބެއް ނެތްކަމަށް އޭނާ ބުންޏެވެ. އޭނާ ދެކެ އަހަރެންނަށްވެސް ލޯބި ވެވުނީ އިންތިހާއަށެވެ. އޭނާގެ ވާހަކަތައް އެތަކެއްރެއަކު އަޑު އެހީމެވެ. ލޯބި ނުވެވެންވީ ސަބަބެއް ނެތެވެ. އެކީގައި އެތަކެއް ދުވަހު އުޅުނީމެވެ. ވަފާތެރިކަމާއި އެކުއެވެ. އޭނާ ކުއްލިއަކަށް ބަދަލު ވެފައި އަހަރެން ދުރުކޮށްލީ ކީއްވެބާއޭ ހިތަށް އެރިއެވެ. އަދިވެސް އޭނާއަކަށް ބަދަލެއް ނާދެއެވެ.

ކުއްލިއަކަށް އަހަރެންނަށް ހޭވެރިކަން ގެނުވީ މުސްތަފާ އަހަރެންގެ ކޮނޑުގައި ނިކަން ބާރަށް ޖަހާލާފައި ތިޔަ އިންނަނީ އެއްޗެއް ކާލައިގެންހޭ ބުނީމައެވެ. މުސްތަފާގެ އުޅުމަށާއި ސަމާސާކުރުމަށާއި ބަސްމަގަށް އަދިވެސް ބަދަލެއް ނާދެއެވެ. އެއީ އަހަރެންނާއި އެކު ކިޔަވަން މީގެ އަހަރުތަކެއް ކުރިން އުޅުނު އެކުވެރިއެކެވެ. އެހާގިނަ ދުވަސް ފަހުން ދިމާވެ ޖެހިގެން އިންގޮނޑީގައި މުސްތަފާ އިނދެ އަހަންނާއި ވާހަކަ ދައްކަމުން ދިޔައިރު އަހަރެންނަށް އެކުވެރިޔާގެ ވާހަކަތަކަށް ސަމާލުކަން ނުދެވުނީ ސަބަބެއް ނެތިއެއް ނޫނެވެ. ހުރިހާ ވެސް މައްސަލައަކީ އައިކީ އެވެ. ކުރިމަތީގައި އެއިނީ އައިކީއެވެ. އައިކީ ފެނުމުން އަހަރެންގެ ހިތް ބަލިކަށިކޮށްލައެވެ. ހަނދާންތައް އާވެގެން ދަނީ އިންތިހާއަށެވެ. އަދިވެސް އައިކީ އަކަށް ބަދަލެއް ނާދެއެވެ. އައިކީގެ ލޭރަތްކުލައިގެ ތުންފަތް ފެނުމުން އަހަރެންގެ މާޒީގެ ފޮނި ސަފްޙާތައް ހުޅުވުގެންދިޔައެވެ. ކުލަނުވި ހުވަފެންތަކާއި، ފެނުނު ދަޅަތަކާއި، ހަޤީޤަތެއްނެތް އުއްމީދުތައް ގުޚިފައިވަނީ އައިކީ އާއި އެކު ހޭދަކުރި "ރަން" މާޒީގައެވެ. އެރަން މާޒީއާއި އެކު އައިކީ މިއަދު އަހަރެންނާއި ކުރިމަތި ނުލާނެ ގޮތެއް އެއީ ނެތްގޮތެކެވެ. އަހަރެންގެ ހިތް ސާފެވެ. އައިކީގެ ހިތް އަހަރެންނަށް ގޯސް ނަމަވެސް ނުވަތަ އަހަރެންނާއި މެދު އައިކީއަށް ކަންކުރެވިފައިވާ ގޮތުން ފިލަން ބޭނުންވިޔަސް މިއަދަކު ނުފިލޭނެއެވެ.

ބަރިބަރިއަށް ގޮނޑިޖަހާފައިވާ ހޯލު ތެރޭގައި ގޮނޑިއަކާއި ޖެހި ގޮނޑިއެއްގައި އިށީންނަމުން އައިސް އެންމެކުރީ ބަރިއަށް އެރުމުން ހިތުގެ ތެޅުން އިތުރުވިއެވެ. ވޮޓުލާ މަރުކަޒުގައި ބަހައްޓާފައިވާ ވޯޓިންގ ބޫތުން ކޮންމެ މީހަކުވެސް ނިކުމެގެން ދަނީ ދިގު ކިއުއެއްގައި ތިބުމަށްފަހު ވޯޓުލުމުގެ ހިތްހަމަ ޖެހުމާއި އެކުއެވެ. ކިއުގައި ދެންތިބި މީހުން އިންތިޒާރު ކުރަމުން އެދަނީ ވޯޓު ކަރުދާސް ދޫކުރާ މޭޒުތަކާއި ހަމައަށް އެމީހުންނަށް ދެވޭނެއިރަކަށެވެ. އަހަރެން ކިއުގައި މިހާ ގިނައިރު މިއިނީ ކީއްކުރަންހެއްޔެވެ. އަހަރެންނަށް އިންތިޒާރު ކުރެވެނީ އައިކީގެ ކުރިމަތީގައި އިށީންދެވޭނެ ވަގުތަށެވެ. ނިކުމެގެންދާ ކޮންމެ މީހެއްގެ ސަހާދަތް އިނގިލީގެ ނިޔަފަތިން ފެށިގެން މެދުބަދައާއި ހަމައަށް އެވަނީ އައިކީގެ ފާހަގައެވެ. ވޯޓުލީކަން އަންގައިދޭ ނިޝާން ކޮންމެ މީގެއްގެ އިނގިލީގައިވެސް އައިކީ ޖަހައިދެނީ ހިނިތުންވުމާއި އެކުވެ. އަހަރެންގެ އިނގިލީގައިވެސް މާކަރު ދަމާލާނެކަން ޔަގީނެވެ. ފާހަގަ ޖަހަމުން އެހެން މީހުންގެ އިނގިލީގައި އައިކީގެ އަނެއް އަތުން ހިފަހައްޓާފަދައިން އަހަރެންގެ އިނގިލީގައިވެސް އައިކީ ހިފަހައްޓާނެވެ.



ގޮނޑިން ތެދުވެގެން މަޑުމަޑުން ވަގުކަޅިން އައިކީ އާއި ދިމަ ބަލަމުން ގޮސް ކަރުދާސް ދޫކުރާ މޭޒުގައި އިށީންދެފީމެވެ. އައިޑީ ކާޑު ދިއްކޮށްލުމާއި އެކު ލިސްޓް ހާވަމުން އެމީހުން ދިޔައިރު ޖެހިގެން އިން މޭޒުގައި އިން އައިކީ އަހަރެންނާއި ދިމަ ބަލާލި ވަގުތު އަހަރެންނަށް ބަލާލެވުނެވެ. އައިކީ އަށް ކުއްލި ޝޮކެއް ލިބުނުކަން ހަމަ ޔަޤީނެވެ. ނަމަވެސް ހީލިއެވެ. އެއްކަލަ ހިނިތުންވުން ދައްކާލިއެވެ. އަދިވެސް އަހަރެން ލޯބިވެއެވެ. ކަރުދާސް ކޮޅު ހިފައިގެން ތެދުވެ އައިކީ ކުރިމަތީގައި އިން ގޮނޑީގައި އިށީނުމުން އައިކީ އަހަރެންނާއި މުހާތަބު ކުރީ ނުކެރި އިނދެ ދުރު މީހަކާއި މުހާތަބު ކުރާފަދައިންނެވެ. އިނގިލި ދިއްކޮށްލެވުނު ވަގުތު އަހަރެންގެ ލޯ ފެންކަޅި ވިއެވެ. އަހަރެން މަޑުމަޑުން އައިކީ އަށް ގޮވާލީމެވެ. އޭރުވެސް ގޮވާލާހާ ލޯބިންނެވެ. އައިކީ މަޑުމަޑުން އާއެކޭ ބުންޏެވެ. އަހަރެންގެ އިނގިލީގެ ދެފަރާތުގައި އައިކީގެ ދެއިނގިލިން ހިފަހައްޓާލީ ފަރުވާތެރިކަމައި އެކު ލޯބިންނެވެ. ތިން އަހަރަށް ފަހު އައިކީގެ ފުރަތަމަ ބީހިލުމާއި އެކު އަހަރެންގެ އިހުސާސްތައް ބަދަލުކޮށްލިއެވެ. އަހަރެން ދެކެ އަދިވެސް އައިކީ ލޯބިވަކަމަށް އަހަރެންނަށް އިހުސާސް ކުރެވުނެވެ. ފާހަގަ ދަމާލުމާއި އެކު އައިކީގެ އަތުގައި އަހަންނަށް ބާރަށް ހިފަހައްޓާލެވުނެވެ. އައިކީ ފޮޅުވާލަން އުޅުން ކަހަލައެވެ. އައިކީގެ ކަނާއަތުގެ މަތީގައި އަހަރެންގެ އަތް ބާއްވާފައި އޮބާލީމެވެ. ލޯބީގެ ފޮނިމާޒީގެ ވަގުތުކޮޅު ހަނދާން އާވެގެން ދިޔަވަގުތުގައި ދެމީހުން ދެމީހުންގެ މޫނަށް ބަލަހައްޓައިގެން ތިބެވުނެވެ. އައިކީގެ ލޯދަށުން ކޯތާފަތްމައްޗަށް ފައިބަމުންދާ ކަރުނަ ތިއްކަކީ ލޯބިނޫން ކޯއްޗެއްހެއްޔެވެ. އެކަރުނަތައް ސިފަކޮށްދެނީ ހާލަތެއް މެދުވެރިވެގެން އަހެރެންނާއިމެދު ކަންކުރެވިފައިވާ ގޮތުން އައިކީ އަބަދުވެސް  ދެރަވާކަމެވެ. ހަމްދަރުދީއެވެ. އަހަރެންގެ އަތް އައިކީގެ އަތާއަތް ޖޯޑުކޮށް ބާރުކޮށްލެވުނެވެ. ޖަޒުބާތުތައް އުތުރި އަރައިގެން ދިޔަވަގުތު މޭޒުގެ އަނެއްފަރާތުގައި އިށީންދެ އިން އައިކީގެ ކޯތާފަތްމަތީގައި އަހަރެންގެ އިނގިލީގެ ކޮޅު ޖައްސާލީމެވެ. އެކަރުނަތިކި އަހަރެންގެ އިނގިލީގެ ކޮޅަށް ނަކަލުކޮށްލީ މާޒީގައިވެސް އައިކީ އާއިމެދު ކަންކޮށްފައިވާ ގޮތަށެވެ. ނަމަވެސް އަކީގެ ލޯބިލޯބި ދޮންކޮލުގައި އަހަރެންގެ އިންގިލި ޖެހުނު ވަގުތު އައިކީގެ ދެލޯ ބޮޑުކޮށްލާފައި އަހަރެންގެ ބޯމަތިން ދުރަށް ނަޒަރު ހުއްޓާލިއެވެ. ހައިރާންކަމާއި އެކު އަހަރެންގެ މޫނު ފުރަގަހަހަށް އަނބުރާލީމެވެ. އެވަގުތު އަހަރެންގެ ކަންފަތްމަތީގައި ފަހަތުން މީހަކު އައިސް އެތިފަހަރެއް ޖެހުމާއި އެކު އައިކީގެ އަޑުވެސް ގަދަވިއެވެ. އައިކީގެ ރުއިމުގެ އަޑާއިއެކު ހޯލު ގުގުމާލިއެވެ. މުސްތަފާ ހަޅޭއްފަޅޭއް ޖަހާފައި އައިކީ އެތަނުން ނެރެގެން ގެންދިޔައީ އަހަރެންނާއި އައިކީވެސް ރޮއްވާފައެވެ. އައިކީ އެބުނާ މަޖޫބޫރީ ހާލަތަކީ  މުސްތަފާއެވެ. އައިކީ އަދިވެސް އަހަރެން ދެކެ ލޯބިވެއެވެ. މުސްތަފާއަށް ދޮންކަޅުވެސް ނޭގޭނެއެވެ. މުސްތަފާއަށްވުރެ ކުރިން އައިކީގެ އަތުގައި ހިފިމީހަކީ އަހަރެންނެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved