އުޑުމަތިން ވިދުވަރެއް ވިދާލައިފި ނަމަ އޭގެ ފަހަތުން ގުގުރީގެ އަޑު
އިވޭނެކަން އަޅުގަނޑުމެން އެންމެންވެސް ދަނެއެވެ. ކަމެއް ވެއްޖެ ނަމަ އެކަމަކާއި
ގުޅިގެން ދެންވާނީ މިހެންކަން އެނގޭ ވަރަށް ގިނަ މީހުން ތިބެއެވެ. އަދި ބައެއް
ފަހަރު ހީކުރާ ގޮތާއި ޚިލާފްވާ ފަހަރުވެސް އަތުވެދާނެއެވެ. މިކަންކަމަށް އާޖުފާޖު
އެނގުމޭވެސް ކިޔާއުޅެއެވެ. އާއްމު ގޮތެއްގައި ކަންކަން ދަސްކުރަން ނުވަތަ
އެކަންކަމުން ތަމްރީން ލިބިގަތުމަށް ފަސޭހަވެގެން ދަނީ ވަކިނިޒާމެއްގެ ތެރެއިން
ވަކި ޤަވާއިދަކުން ވާކަންކަމުންނެވެ. ކުރިން ދެންނެވި ފަދައިން އިވޭ ގުގުރީގެ
އަޑުގެ ބާރުމިން ގުޅިފައިވަނީ ފެންނަ ވިދުވަރުގެ އަލިކަން ނުވަތަ ފަނޑުކަމާއެވެ.
ބާރަށް ވިދާލައިފި ނަމަ އަޅުގަނޑުމެން އެންމެނަށްވެސް ބޭއިހިތިޔާރުގައި ބާރު
ގުގުރިއެއް ޖަހަން އުޅޭތީ އެކަމަށް ތަބާވެވެއެވެ. އެއީ ތުއްތު އިރުން ފެށިގެން
ތަމްރީން ވެފައިވާ ތަމްރީންވުމެކެވެ. އަދި އަށަގަނެފައިވާ އާދައެކެވެ.
ހަމަ މިއާއި އެކު ވަކި ނިޒާމެއް ނެތި އެއްވެސް ޤަވާއިދެއް ނެތި ހިންގަމުންދާ
ކަމެއް ދަސްކުރަން އުދަގޫވެއެވެ. ނަމަވެސް އެކަންކަންވެސް ގިނަ ވަގުތުން ނުވަތަ ގިނަ
ދުވަހުން ދަސްވެއެވެ. ކަންކަން ދަސްކުރުމާއި އާދަކާދައަށް ތަބާވުމަކީ ހަމަ އެކަނި އަޅުގަނޑުމެން
އިންސާނުންގެ ކިބައިގައި ހުންނަކަމެއް ނޫނެވެ. ކަންކަމަށް ހޭނުމައި ކަންކަން
ދަސްކޮށް ތަމްރީން ލިބިގަތުމަކީ ދިރޭތަކެތީގެ މުޅި ނަސްލަށް ބިނަވެފައިވާކަމެކެވެ.
އަޅުގަނޑުމެން ކުޑައިރު ކިޔެވި "ހިންޏަކީ މިސާލެކޭ" މިޅެންބައިތުގައި
ހިނި ވާރޭމޫސުމަށް ތައްޔަރުވާ ވަހަކައާއި ފިންޏަށާއި ގިންޏަށް ބަލާ ވާހަކަތައް
އޮވެއެވެ. ސައިންޓިފިކް ނަޒަރަކުން ނުވިސްނި ކަމުގައި ވީނަމަވެސް އަޅުގަނޑުމެންގެ
ކާބަފައިން ލިޔެފައިވާ އެޅެންބައިތުންވެސް ދޭހަކޮށްދެނީ ދިރޭތަކެތީގެ ނަސްލުގައި
ހިމެނޭ ބައެއްތަކެއްޗަކީވެސް ދަސްކުރުމުގެ ބަރު ލިބިގެންވާ ތަކެތިކަމާއި
އެތަކެތިވެސް ދުނިޔޭގެ އާދަކާދައަށް ހޭނި ތައްޔާރުވާކަމެވެ.
އުގެނެނީ ކިހިނެތްކަމާއި އަދި އާޖުފާޖު ދަސްކުރުމާއި ބެހޭ ގޮތުން މޮޅަތި އެދުރުން
ސައިންޓިފިކް ގޮތުންވެސް ތަފާތު އެކިއެކި ނަޒަރިޔާތުތައް ވަނީ ތައާރަފް
ކޮށްފައެވެ. އަދި އެކަން ޔަޤީން ކޮށްދިނުމަށްޓަކައި އެމީހުން ވަނީ ތުއްތު
ކުދިންނާއި އެކިއެކި ޖަނަވާރު ބޭނުންކޮށްގެން ލެބޯޓަރީ ތަހްލީލުތައްކޮށް
ސައިންޓިފިކް ގޮތުން ދުނިޔެއަށް ހާމަ ކޮށްދީފައެވެ. އެގޮތުން މަސްހޫރު އެކްސްޕެރިމަންޓް
ތަކުގެތެރޭގައި ރަޝިއާގެ މަސްހޫރު ސައިކޮލަޖިސްޓެއްކަމަށްވާ އިވާން ޕަވްލޯވް ހެދި
އެކްސްޕެރިމަންޓް ފާހަގަކޮށްލެވެއެވެ. އޭނާ މިތަހުލީލުގައި ބޭނުންކުރީ ކުއްތާ
އަކާއި ރަނގަބީލަކާއި ކާނާ އަޅާފައިވާތައްޓެކެވެ. ކުއްތާ ބަނޑު ހައިކުރުވާފައި
ކާއެއްޗެހި އެއަށް ދައްކައެވެ. އެފެނުމުން ކާއެއްޗެއްސަށް އޭތި ބޭނުންވަކަމާއި
އެކުއްތާ ކުޅު ދިޔާވާކަން ދެނެގަތެވެ. ދެން އެހެން ދުވަހެއްގައި ރަނގަބީލެއް
ޖެހިއެވެ. ރަނގަބީލު ޖެހުމުން އެއަށް އެއްވެސް އަސަރެއް ނުކުރިއެވެ. ދެން
ރަނގަބީލު ޖެހުމަށް ފަހު ކާއެއްޗެހި ވެއްދުމުގައި ދުވަސްތައް ވޭތުކުރިއެވެ.
އެގޮތުން އެކުއްތާ އެކަމަށް ހޭނި ތަމްރީން ވުމުން ރަނގަބީލުގެ އަޑާއި އެކު
ކުޅުދިޔާވެ ކައެއްޗެއްސަށް ބޭނުންވާކަން ތަހުލީލުން ދެއްކިއެވެ. ދެންވާން އުޅެނީ
ކިހިނެތްކަން އެކުއްތާވެސް ދެނެގަތެވެ. އެހެންކަމުން ދެންވަނީ ކިހިނެތްކަން ނުވަތަ
ދެންވެދާނެ ގޮތަކީ ކޮބައިކަން އެނގެނީ ކުރިން ކުރެވިފައިވާ ތަޖުރިބާތަކުގެ
އަލީގައެވެ.
އަޅުގަނޑުމެން ދިވެހިންނަކީ ކުރީ ޒަމާނުގައި މާމޮޅު ސައިންޓިސްޓުން ތަކަކަށް
ނުވިކަމުގައި ވީނަމަވެސް ކުއްތާ ބޭނުންކޮށްގެން ރަޝިއާގެ ޕަވްލޯވް ހެދި ތަހުލީލާއި
އެއްފަދަ ކަންކަން ތުއްތުއިރުގައި ލޯމަތިން ދިޔައީ ފެންނަމުންނެވެ. ރަށްރަށުގައި ކުޅުކުޅުހާ
މަގުމައްޗަށް ދޫކޮށްލައިގެން ގެންގުޅުނު ޒަމާނުގައި ކޮންމެ ދުވަހަކު ހެނދުނު
ކަންއަޅާފައި އެތަކެއްޗަށް އެނގުމަށްޓަކައި އެކިރަށްރަށުގައި އެކިގޮތަށް ގޮވަމުން
ގެންދިޔައެވެ. އަޅުގަނޑަށް އަޑު އިވިފައި އޮތީ "ބާބަ އަހަ އަހަ"
މިފަދައިން ގޮވާ އަޑެވެ. އަޅުގަނޑުވެސް އޭރު އެހެން އެގޮތަށް އެބަސް ބޭނުންކޮށް
ތަޖުރިބާ ކުރީމެވެ. މާދުރުގައި ހުންނަ ކުކުޅުތައްވެސް ކާއެއްޗެހި ތައްޔާރުވީ
ކަމަށްބަލާފައި ދުވެފައި އެތަނަށް އާދެއެވެ. އެއީ އޭއްޗެތިވެސް ދެންވާނެ ގޮތް
ދަސްކޮށްފައިވާތީއެވެ. ރަޝިޔާގެ ސައިންޓިސްޓް ފަދައިން އެކަން ހިނގާގޮތް އިލުމެއްގެ
ގޮތުގައި އަޅުގަނޑުމެންނަށް އޭރު ލިޔެވިފައި ނެތީއެވެ.
ވީމާ އާޖުފާޖު އެނގުމަކީ ދުނިޔޭގައި ހިނގާ ކަންކަން އެނގި ދެން ނިކުންނާނެ
ނަތީޖާވެސް ދިރާސާކުރަން އެނގުމެވެ. އަދި އާދަކާދައިގެން މަތިން ދަސްވެފައި ހުންނަ
ދަސްވުންތައް ތަޖުރިބާކުރެވިފައިވާ ތަޖުރިބާ ތަކަކީ މުހިންމު އެއްޗެކެވެ. މިކަމަކީ
ހަމައެކަނި އިންސާނުންނަށް އޮންނަ ކަމެއް ނޫނެވެ.
ސާބަހޭ ބޮލޮގަރު!
ReplyDeletefont kamaku nudhe. mashah google chrome in link thah nufene :/ _kujjeh-
ReplyDeletechrome remove kollafa alun alhaalaba eyrun baraabaruvaane,,, nuvejjeya mail kolla
Delete:D
Delete