އައިކީ

Written By Afey Afra on Sunday 2 June 2013 | 19:06

އުބޭދު ފޭސްބުކަށް ވަނުމަށްފަހު ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ އައިކީގެ ވޯލް ބަލާލުމެވެ. ހެނދުނު ހޭލެވުމާއި އެކު ލޯހުޅުވާލުމަށްފަހު ފޭސްބުކަށްވަދެ އައިކީގެ ވޯލްއާއި ދިމާއަށް އުބޭދު މިސްރާބު ހިފިއެވެ. ކަމަކުދާކަށް ނެތެވެ. އަނެއްކާ މިއޮތީ ފްރެންޑް ލިސްޓުން އުނިކޮށްފައެވެ. ފޭސްބުކްގައި އުބޭދުގެ ދެއައިޑީ އޮތަތީވެސް ދެއައިޑީވެސް މިނަވީ އައިކީގެ އެކުވެރިންގެ ލިސްޓުން ބަކީ ކޮށްލާފައެވެ. އުބޭއަށް މާޔޫސްކަމާއި މޮޅިވެރިކަން ގެނުވައިފިއެވެ. ހޫނުވެފައިވާ ތަންމަތީގައި އޮވެ ކަރުނަ ހިލިފައިވާ ދެލޯ މަރާލުމަށްފަހު ދެއަތް ދަމާލާ މޯޅިއަކަށް ދެމެލިއެވެ. ރޫޖެހިފައިވާ ބެޑްޝީޓާއި އެކު ބަނޑުވަތަށް ޖެހިލުމަށްފަހު ހިތުގައިވާ އުދާސްތައް ބޭރުކުރަން ފަށައިފިއެވެ. ކެކެމުންދާ އުދާސްތަކާއި އެކު އައިކީގެ ފޯނަށް ފުލުފުލުގައި އެސްއެމްއެސް ފޮނުވަން ފަށައިފިއެވެ.


"އައިކީއެވެ. އަހަރެން މީ އެއްވެސް މީހެއް ނޫންކަން މިއަދު އަހަރެންނަށް އިހުސާސް ކުރެވިއްޖެއެވެ. އެފްބީގަ އަހަރެންގެ ދެއައިޑީ އިނަތީވެސް ދެއައިޑީވެސް ރިމޫވްކޮށްލީއެވެ. ޖީމެއިލް އެހެން މީހަކު ހިސާރުކޮށްފިއެވެ. ގުޅުން ބޭއްވޭނެ ހުރިހާގޮތެއް މަޑުމަޑުން ނައްތާލަމުން ދަނީއެވެ. އައިކީއެވެ. އައިކީ އަކީ އެއްވެސް އަމިއްލަ އިހުތިޔާރެއް އޮތް މީހެއް ނޫނެވެ. މިއީ ޝަކުވާއެއްކަމުގައި ނުދެކޭށެވެ. އައިކީ ބޭނުންވާ ގޮތް ވުމުން އަހަރެންނާއި ދުރުވިވަރު އަހަރެންނަށް އިހުސާސް ކުރެވުމުން ކޮންމެސް އެއްޗެއް ހިތަށް އަރާނެކަން އައިކީވެސް ގަބޫލު ކުރާނެއެވެ. އަހަރެން އައިކީ ދެކެ އިންތިހާއަށް ލޯބިވެއެވެ. ވަރަށް ވަރަށް ލޯބިވާކަމަށް އައިކީ އަހަރެންކައިރީގައި ތަކުރާރުކޮށް ބުނެފައިވާތީ އަހަރެން އެކަން ގަބޫލު ކުރަމެވެ. އައިކީ އޮޅުވާލީ ތޯއެވެ. އެހަނަސް އެއީ އަހަރެންނަށް ލިބެން ނެތް ލޯތްބެއްކަން ސާބިތުވެއްޖެއެވެ. ނަމަވެސް އަހަރެންނާއި ގުޅުން ކެނޑުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.

އައިކީއެވެ. އާއިލައައި އެތަކެއް މޭލެއް ދުރުގައި މާޔޫސް ވެފައި ހުއްޓާ އަހަރެން އައިކީގެ އަތުގައި ހިފީ އައިކީގެ ފަރާތުން ލޯތްބަކަށް ބޭނުންވެގެންނެއް ނޫނެވެ. އަހަރަންވެސް ތަހައްމަލުކުރަމުން ދާފަދަ އިހުސާސްތަކެއް އަހަރެންގެ ރައްޓެއްސަކު ތަހައްމަލުކުރިޔަ ނުދިނުމުގެ ބޭނުމުގައެވެ. ޖީޓޯކާއި ފޭސްބުކާއި މޯބައިލް ފޯނުން ހޭދަކުރެވުނު ވަގުތުތަކުގައި އެކަކުއަނެކަކަށް ކުރެވުނު ހިއްސާތަކުން އެންމެފަހުން ހަމްދަރުދީ ސާފު ލޯތްބަކަށް ބަދަލުވީއެވެ. ދެމީހުންނަށްވެސް ލޯބި ވެވުނީއެވެ. ނޭގުމެއްގެ ތެރޭގައެވެ. އެއީ ކަނުލޯތްބެއްކަން އޭރުވެސް އިހުސާސް ކުރެވުނެވެ. ދަންޑަހިލުގެ ވާހަކަ "ކަނު ލޯބި" ގައި އެއޮތީ ހަޤީޤީތަކެވެ. އެއީ އަހަރެމެން ދެމީހުން އޭރު ތިބި ހާލަތެވެ. އެއީ އަހަރެމެންގެ ވާހަކައެވެ. ދެން އިތުރަށް އެވާހަކަ އާކުރަންވީ ކީއްކުރަންހެއްޔެވެ.

އައިކީއެވެ. އަހަރެން އައިކީގެ ވާހަކަތައް އަސަރާއި އެކު އަޑު އެހީމެވެ. ހައްލުކުރެވޭނެ ގޮތްތައް ކިޔައިދިނީމެވެ. އައިކީގެ އައިލާގެ ވާހަކަތައްވެސް ވަރަށް ކިޔުރިއަސްވެގެން އެތަކެއް ރެއަކު އަޑުއެހުނެވެ. ނަތީޖާއެއްގެ ގޮތުން ގޭއެންމެވެސް އަހަރެންނަށް ފަރިތަވިއެވެ. އަހަރެންވެސް މީ ތިގޭ މީހެކޭ ހީކުރެވުނެވެ. އެހެނަސް އެކަން ހަޤީޤަތަށް ވާނީ އައިކީ އަހަރެންގެ މީހަކަށްވެގެންނެވެ. އައިކީއެވެ. އައިކީވެސް އަހަރެންގެ މީހަކަށް ވުމަށް ހިތް އެދުނުފަދައިން އަހަރެންވެސް އައިކީގެ މީހަކަށްވުމަށް ހިތް އެދެއެވެ. އެހެނަސް މިހެން މިކަން ދިމާވާންވީ ކީއްވެހެއްޔެވެ. މިއަށްވުރެ ރީތި ގޮތްތައްވެސް ހުންނާނެއެވެ.

އައިކީއެވެ. އަހަރެންނާއި އޮންނަ ގުޅުން އައިކީ ކަނޑާލީ ކުއްލިއަކަށެވެ. އެކަމުގެ ސަބަބުން އަހަރެންނަށް ބޮޑު ޝޮކެއް ލިބުނެވެ. އަހަރެން ކުރިމަތި ލައިގެން އުޅޭ ކަންތަކުގެ ހަޤީޤަތް އެންމެ ބޮޑަށް އެނގޭ މީހާ އެމުހިންމު ވަގުތުގައި އަހަރެންނާއި ވަތް ކަންޑާލުމުން ފުން ހިތާމައެއް ލިބުނެވެ. އައިކީއެވެ. އަހަރެންގެ ހަޔާތުގައި އައި ކަޅުދުވަސްތަކުގެ ތެރެއިން އެންމެ ހިތާމަ ވެރި ދުވަހު އައިކީ އާއި ވަހަކަ ދައްކައިގެން ހިތްހަމަ ޖެހުން ހޯދަން މަސައްކަތްކުރުމުންވެސް އައިކީ ދިނީ ބީރު ކަންފަތެކެވެ. އެކަމާއި ގުޅިގެން އަހަރެން ފޮނުވި އެސް.އެމް.އެސް އަށް އައި ރިޕްލައިން މަންޒަރު ވަރަށް ރަނގަޅަށް ސާފުވެގެން ދިޔައެވެ. އަހަރެންގެ ހިތް ކުދުކުދި ކޮށްލިއެވެ. އައިކީ ބޭނުންވާ މަންޒިލު ފެނިއްޖެކަން އެމެސެޖުން ހޭރިޔާކޮށްދިނެވެ. އެހެނަސް އަހަރެންގެ ހިތް ކުދިކުދި ކޮށްލިއެވެ. އެވެސް ތަންކޮޅެއް ރީތިކޮށް ސާފު ބަހުން އަހަރެންވެސް ހިތްހަމަ ޖެހޭގޮތަކަށް ބުނިނަމަ އަހަންނަށްވެސް ކޮންމެސް ވަރެއްގެ ލުއިކަމެއް ލިބޭނެއެވެ.

އައިކީއެވެ. ލޯތްބަކީ އޯގާތެރިކަމާއި އަޅާލުމާއި އެކު އެކަކު އަނެކަކަށް ކުރެވޭ އިތުބަރުގެ މަތީގައި ދެމީހުންވެސް ފިކުރާވުމެވެ. އަހަރެމެން އެކަކު އަނެކަކަށް ލޯބި ވެވުނީ މާގިނަ ބައްދަލުވުންތަކެއް ބާއްވައިގެނެއްނޫނެވެ. އެކަކު އަނެކަކަށް ގައިގޯޅިވެގެންނެއް ނޫނެވެ. ދެކެވުނު ވާހަކަތަކުން ދެމީހުންވެސް އެއް އިހުސާސްތަކެއް ކުރެވިގެންނެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ލޯތްބެއް އެއްބުރުން ވެވޭނީ ދެމީހުންގެ ފިކުރުވެސް ދިމާވެގެންނެވެ. މިއީ ސާފު ލޯތްބެކެވެ. ކޮންމެ ގޮތަކަށް މަންޒަރު ބަދަލުވެގެން ދިޔަކަމުގައި ވީނަމަވެސް މީތި ޕިއޯ ލަވްއަކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

އައިކީއެވެ. އޭރުވެސް އަހަރެން ބުނަމުންދިޔައީ އައިކީއަށް ހިތްހަމަ ޖެހުމެއް ހޯދައިދިނުމަކީ އަހަރެންވެސް އުފާވާނޭކަމެކެވެ. އައިކީއަށް އުފާވެރި ދިރިއުޅުމެއް ލިބިއްޖެއްޔާ އަހަރެންވެސް އުފާވާނެއެވެ. ލޯބިވެއެވެ. ނަމަވެސް ޓައިމްލައިން ނިމިގެން ދިޔަގޮތް އަހަންނަށް ކަމުނުދަނީއެވެ. އަހަރެންނަށް ސިފަކުރެވުނީ އައިކީ އަޅުދާސްތުވީ ކަމަށެވެ. އައިކީގެ ހިތް އެދުނުކަމުގައި ވީނަމަވަސް އަހަރެންނާއި އައިކީ އާއި ދޭތެރޭގައި ކުއްލިއަކަށް އެހެން މީހަކު ފާރެއް ރޭނީއެވެ. އައިކީއެވެ. އަހަރެން އުފާކުރާ އެއްކަމެއް އެބައޮތެވެ. އަހަރެންގެ ސަބަބުން އައިކީއަށް ލިބުނު ހިތްވަރުން އައިކީގެ އަމަލުތައް ބަދަލުކުރުމުގެ ނަތީޖާ ވަރަށް ސާފެވެ. ނަޒީހުގެ މައްޗަށް އައިކީ ގަދަވެ ގަދަފަދަ ނަޒީހު ބަލިކަށިވީއެވެ. އަހަރަންގެ ސަބަބުން އައިކީ ގެއްލިދާނެ ކަމުގެ ބިރަށްޓަކައި ނަޒީހު ހަމަބިމަށް ތިރިވެ އައިކީއަށް އޯގާތެރިވިއެވެ. އެކަން ވަގުތީ ކަމަކަށްނުވެ ތާއަބަދު އެގޮތުގައި ދެމިހުރެއްޖެނަމަ އައިކީގެ ހަޔާތް އުފާވެރިވާނެ ކަމާއި މެދު ޝައްކެތް ނެތެވެ. އައިކީ އަށް ލިބޭ އުފަލަކީ އަހަންނަށްވެސް ލިބޭ އުފަލެވެ. ނަމަވެސް މީތީގެ ނިމުން ހަމަ ސުމެކެވެ. މިއަށްވުރެ ޗާލުކޮށް އަހަންނާއި ދުރުވެވޭނެ ގޮތް ހުންނާނެއެވެ.

އައިކީއެވެ. އަހަރެންނާއި އައިކީ އާއި އޮންނަ ގުޅުން އެއްކޮށް ކެނޑުނީ ކަމުގައި ނިންމީމެވެ. ދެން އޮތީ ފޯނެވެ. ފޯން ނަމްބަރު ބަދަކުކުރަންދެން ފޯނަށް މެސެޖް ކުރާނަމެވެ. އައިކީ އަށް އަހަރެންގެ ނަން ފެންނަން ހުރި ހުރިހާ އެއްޗެއްވެސް ޑިލީޓް ކުރެވިދާނެއެވެ. ނަމަވެސް ޝިފްޓް ޑިލީޓް ނުކުރެވޭނެއެވެ. އަދި އަހަރެންގެ ހިތުގައި އައިކީއަށް ވާ ލޯބި ޑިލީޓެއް ނުވާނެއެވެ. އައިކީއެވެ. އައިކީއަށް އަބަދުވެސް އަހަރެންގެ ހިތްހެވޭ. އައިކީއެވެ. އަހަރެން އެހެން މަގަކުން ދަތުރު ކުރަމުންދާ ދުވަހެއްގައިވެސް އައިކީ ކަމަކަށް އެދެފިނަމަ އިހުކުރިހެން ވަގުތާއި ހާލަތް ތަންދޭ މިންވަރަކުން އެކަމެއް ކޮށްދޭން ހިތް އެދެއެވެ. އައައިކީ އެކަނިވެރިވެ މާޔޫސް ކަންމަތީގައި ހުއްޓާ އަހަރެންގެ ހިތަށް އައިކީ އަށްޓަކައި ހަމްދަރުދީއާއި ލޯބި ޖެއްސެވިފަރާތުން އެލޯބި ނުގެންދަވާހާ ހިނދު އަހަރެންގެ ހިތުގައި އައިކީއަށް ހާއްސަކަމެއް ދެވޭނެއެވެ. އައިކީއެވެ. އަހަރެންވެސް އުފާވެރި ދިރިއުޅުމެއް ބޭނުންވެއެވެ. އަދި އެފަދަ މަގެއް އަހަރެންވެސް ކޮށަން މިހާރު މިވަނީ ކަތިވަޅި ނަގާފައެވެ. އައިކީ ދެއަތް އުފުލާލާ ކޮންމެ ފަހަރަކު މި އުބޭދުގެ ނަންވެސް ތިޔަ ދުލުން ކިޔަލަދޭށެވެ. ހެޔޮ ދުއާ ކޮށްދޭށެވެ. އެކަމު ބުނަން ހެއްޔެވެ. އަހަރެންނަށް މިނިމުނު ގޮތް ކަމަކު ނުދެއެވެ. އައިކީ ނިންމާލިގޮތުގެ ސަބަބުން އަހަރެންގެ ހިތުގައި ވަނީ ލައްގަނޑެއް ޖެހިފައެވެ. އެލައްގަނޑު ފޮހެލެވޭނީ އައިކީ އެނބުރި އައުމުންނެވެ. ނިމުން ހަމަ ސުމެކެވެ." ހެޔޮވަރުވަރަކަށް ރޮވިފައިވާ އުބޭދުގެ އުދާސްތައް އަދިވެސް ބޭރުކުރަން ބޭނުންވިއެވެ. ނަމަވެސް ފޯނުން ކުރެޑިޓް ހުސްވުމުން މިވަގުތަށް ނިންމާލިއެވެ. (ނިމުނީ)
Share this article :

1 comments:

  1. mee vaahaka eh tha? noonee udhaasgandeh tha? noonee haasaru bondi eh tha?

    ReplyDelete

ލިޔުމާއި ގުޅިގެން ޝުއޫރު ފާޅުކުރެއްވުމަށް ތިރީގައިވާ (ކޮމެންޓް އޭސް) ގޮޅިން ބޭނުންވާ ގޮތެއް ހިޔާރުކުރެއްވާ

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved