Home » , » ބިއުރޯކުރަސީ

ބިއުރޯކުރަސީ

Written By Afey Afra on Friday 31 May 2013 | 04:35

އ.ނ.އ.އެއާރޕޯޓްގެ އިމިގްރޭޝަން ކައުންޓަރުން ޕަސެންޖަރުންނަށް ޚިދުމަތްދެނީ
ޑިމޮކްރަސީ، އޮޓޮކްރަސީ ފަދަ ނަންނަމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި އަހަރުތަކެއް ކުރިން ފެށިގެން އިވެމުންދާ  އަޑުތަކެކެވެ. ބިއުރޯކުރަސީ އަކީ އަޅުގަނޑުމެން އާއްމު ހަމަތަކުގެ މަތިން ވާހަކަ ދައްކާއިރު ވަރަށް ބީރައްޓެހި ނަމެކެވެ. ނަމަވެސް ފެންނަން އޮންނަ ހަޤީޤަތަކަކީ ދިވެހި ދައުލަތަކީ ދިގުޒަމާންތަކެއް ކުރިން ފެށިގެން މިއަދާއި ހަމައަށް އައި އިރުވެސް ދެމިގެން ގޮސްފައިވާ ދައުލަތަކަށް ވީއިރު އެދައުލަތުގައިވެސް ތަފާތު އެކިއެކި ދިމަދިމާލަށް އަމާޒުކޮށް ލަނޑުދަނޑިތައް ހާސިލު ކުރުމަށްޓަކައި އޮފީސްތައް އެކިއެކި ނަންނަމުގައި ފެންނަމުން ދިޔުމެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ތެރެއިން އަމިއްލަ ކުންފުނިތައްވެސް ދަނީ ދިގުތާރީހުން ފެށިގެން ހަރަކާތްތެރިވަމުންނެވެ. ޑިމޮކްރަސީގެ "ޅަފަތުގައި" ދިވެހިރާއްޖެ އޮތްކަމުގައި ވީނަމަވެސް ދިވެހިރާއްޖޭގައި ބިއުރޯކުރަސީ ދޮންވެ ފައްކާވިތާ އެތަކެއް އަހަރުވެއްޖެއެވެ.


ބިއުރޯކުރަސީ އަކީ އިދާރީ އޮނިގަނޑެއްގެ ތެރެއިން ބައިވަރު މުވައްޡަފުންތަކެއް ރަސްމީ ހައިސިއްޔަތަކުން އެއް އަމާޒަކަށް ވާސިލުވުމަށްޓަކައި ނުވަތަ ހިދުމަތްތަކެއް ދިނުމަށްޓަކައި މަސައްކަތްކުރާ ކުރުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ސްޓޭންޑާރޑް އޮޕަރޭޓިން ޕްރޮސީޖާ (އެސް.އޯ.ޕީ) ނުވަތަ ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ހިންގުމަށްޓަކައި މަސްއޫލިއްޔަތުތަކެއް މަތިކޮށް އެމަސްއޫލިއްޔަތުތައް ބައިބަޔަށް ކުދިކޮށް އެކިއެކި މީހުންނާއި ހަވާލުކޮށް އެއްކޮމާންޑެއްގެ ދަށުން އެއް އަމާޒަކަށް ދަތުރުކުރުމެވެ. ސޯޝަލް އަދި ޕޮލިޓިކަލް އިކޮނޮމިސްޓުންނާއި ހަވާލާދޭއިރު ބިއުރޯކުރަޓިކް ވެއްޓެއް ބޮޑަށް ބިނާވެގެންވަނީ އިންތިހާބު ކުރެވޭ ވެރިއަކު އިސްކޮށް ހުންނަ މުއައްސަސާއަކަށްވުރެ އައްޔަން ކުރެވޭ ނުވަތަ އަމިއްލައަށް ޝަރުތު ހަމަވެގެން އަންނަ ވެރިއަކު ހުންނަ އޮފީސް، ކުންފުނި، މުއައްސަސާތަކުގައެވެ. އެގޮތުން މިކަމަށް ބާރު އެޅުމުގެ ގޮތުން ބިއުރޯކުރަސީގެ މައިގަނޑު އަސާސްތައް ނުވަތަ ސިފަތަކެއް މިފަދަ މީހުން ވަނީ ބުނެފައެވެ.

ބިއުރޯކުރަސީގެ އެންމެ މުހިންމު އެއް ސިފައަކީ ކަނޑައެޅިފައިވާ ހައިރާކީއަކުން މުވައްޡަފުންނަށް ބާރުތައް ބައިބައި ކޮށްދިނުމެވެ. މިފަދަ ތަންތާގައި ވެރިއަކަށް ހުންނާނީ އެންމެ މީހެކެވެ. އޭނާގެ ދަށުން ބަޔަކު މަސައްކަތްކުރާއިރު އަދި އެމީހުންގެ ދަށުންވެސް ބަޔަކު ތިބެންޖެހެއެވެ. މިހެންގޮސް ހައިރާކީ ކިތަންމެ ދިގުވެގެންގޮސް އެކިއެކި ގިންތިތައް ހުރެދާނެއެވެ. ވެރިޔާގެ އަތުގައި މުޅިތަނުގެ ކޮންޓްރޯލް އޮންނަ އިރު ދަށުން މަސައްކަތްކުރާ މުވައްޡަފުންނަށް އެމުވައްޡަފެއްގެ ބާރުތަކާއި އިހުތިސާސްތައް ވާނީ ކަނޑައެޅިފައެވެ. މުޅިމުއައްސަސާ ހިންގުން ބިނާވެގެން ވަނީ ކަރުދާހުގައި ލިޔެވިފައިވާ ގޮތްތަކެއްގެ މައްޗަށް ނުވަތަ "ފޮތުގައި އޮންނަގޮތަށް" ކަމަށްވާއިރު އެތެރޭގެ ޤަވާއިދުތަކެއް ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ވެރިޔާ ނުވަތަ ވެރިޔާ އައްޔަން ކުރާ ބަޔަކު މުއައްސަސާ ހިންގުމަށް ބިއުރޯކުރަސީއެއްގައި ހެދިފައި ހުންނަން ޖެހެއެވެ.

މީގެއިތުރުން އެކިއެކި މަޤާމުތަކަށް މީހުން އައްޔަންކުރުމުގައި ނުވަތަ ހޮވުމުގައި އެމީހެއް ހުނަރާއި ޤާބިލިއްޔަތުކަމާއި ތައުލީމީ ފެންވަރަށް ރިއާޔަތްކުރެއެވެ. ބިއުރޯކުރަސީއެއް އެންމެ މުހިންމު ސިފަތައް ތެރޭގައި ކޮންމެ މީހަކަށްވެސް އެމީހަކަށް ލިބެންޖެހޭ އަސާސީ މުސާރަ އެނގިފައި އޮންނަން ޖެހެއެވެ. އަދި ހަމަ މިއާއި އެކު އެންމެ ދަށުންފަންތީގެ މުވައްޡަފުންގެ މަސައްކަތްތައް މޮނީޓަރކޮށް އެމީހުންނަށް ބަސްކިޔަން ބަޔަކު ތިބޭއިރު މިދެންނެވުނު ސްޕަވައިޒަރުން މޮނިޓަރކޮށް އެމީހުންގެ މައްޗަށް ބަސްކިޔަންވެސް ހައިރާކީގެ ދިގުމިނާއި އެއްވަރަށް އެންމެ މަތީ ވެރިޔާއާއި ޖެހެންދެން ބަޔަކަށްފަހު ބަޔެއް ނުވަތަ މީހަކަށްފަހު މީހެއް ހުންނާނެއެވެ. ވަކިވަކި ޑިޕާޓްމަންޓްތައް ހެދި ވަކިވަކި މަސްއޫލިއްޔަތުތައް މުވައްޡަފުންނާއި ހަވާލުކޮށްފައި ވީނަމަވެސް ހުރިހާ މުވައްޡަފުންވެސް މަސައްކަތްކުރާނީ މުޅި އޯގަނައިޒޭޝަންގައި ކަނޑައަޅާފައިވާ މައިގަނޑު ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުޅިލަމެހިފައިވާ އުސޫލަކުން އެއް އަމާޒަކަށެވެ.

ބިއުރޯކުރަސީގައި އޮންނަ އެންމެ ރިވެތި އެއްސިފައަކީ ކިތަންމެ ގާތް ދެރަހުމަތްތެރިން ވިއަސް އަދި އާއިލީ ދެމީހުންކަމުގައި ވީނަމަވެސް ރަސްމީ ކަންކަމުގައި މުހާތަބު ކުރާއިރި އޮފިޝަލްކޮށް އާދެ އަޅުގަނޑު ކިޔައިގެން މުހާތަބު ކުރުމެވެ. މީގެއިތުރުން ބިއުރޯކުރަސީގައި ހުންނަ އެހެނިހެން ބައެއް ސިފަތަކުގެ ތެރޭގައި އެންމެންނަށް އެއް އުސޫލަކުން ޚިދުމަތް ދިނުމާއި ޕޮލިޓިކަލީ ނިއުޓްރަލް ނުވަތަ ސިޔާސީ ނުފޫޒުން އެއްކިބާވުން ހިމެނެއެވެ.


އަޅުގަނޑުމެން ދިވެހިރާއްޖޭގައި އެކިއެކި ޚިދުމަތްދޭ ދައުލަތުގެ އޮފީސްތަކުން ފެށިގެން އަމިއްލަ މީހަގެ ކުންފުނީގެ އޮފީސްތަކުގައިވެސް ވަނީ ބިއުރޯކުރަސީގެ ގިނަ ސިފަތަކެއް ފެންނާށެވެ. އެހެން ނަމަވެސް އެކުރާ މަސައްކަތަކާއި ގުޅޭ ގޮތުން ނުވަތަ ދެވޭ ޚިދުމަތަކާއި ގުޅޭ ގޮތުން އެތަނެއްގައި ބިއުރޯކުރަޓިކް ވެއްޓެއް ގާއިމު ކުރުމަކީ މުހިންމު ކަމެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނަހެން ބިއުރޯކުރަސީގައިވެސް ފައިދާ ތަކެއްވާފަދައިން ގެއްލުންތަކެއްވެސް ހުރެއެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved