Home » , , » ކަނު ލޯބި

ކަނު ލޯބި

Written By Afey Afra on Thursday 30 May 2013 | 15:46

ލޯތްބަކީ ކަނުއެއްޗެކޭ ކުޑައިރު ބުނާތީ އަހަމެވެ، އެކަމަށް ޖޯކުޖެހި މީހުންގެ ތެރޭގައި އަހަރެންވެސް ހިމެނެއެވެ، ނަމަވެސް މިއަދު މިއޮތީ އެކަނު ލޯބީގައި އަހަރެން ބެދި ހަފުސްވެފައެވެ. ސަލަމަތްވެވޭނޭ ގޮތް އޮތަސް އެގޮތެއް ބޭނުމެއް ނުވެއެވެ، އެއަށްވުރެ އަހަންނަކީ ހިތްބޮޑު މީހެކެވެ. ޅަފުރައިގެ ދުވަސްވަރު އަންހެން ކުދިންނާއި އެކު ބިޓުހިއްލާ ތަންތަނަށް ގޮސް ހެދިކަމުގައި ވީނަމަވެސް ހަޔާތުގައިވެސް އަހަންނަށް ހަޤިޤީ ލޯތްބެއްވެވުނީ އެންމެ ދެމީހުންދެކެކަން މިއަދު އަހަރެންގެ އިހުސާސްތައް ހެކިދެއެވެ، އެއީ "އަލި" ލޯތްބަކާއި އެއަށްފަހު "ކަނު" ލޯތްބެކެވެ. އަލި ލޯތްބަކީ އަހަރެންގެ އިހުތިޔާރެވެ، އެއީ އަހަރެން އިހުތިޔާރު ކުރި ފަރާތެވެ، އެންމެ ލޯބިވީ މީހާއެވެ. އެލޯތްބަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. ނަމަވެސް އެލޯބީގެ ބަގީޗާގައި މާތަށް ފޮޅި، އާރޯކަން ގެނުވާ މޭވާ އަޅާ ހަރުވުމަންދަނިކޮށް ކުއްލިއަކަށް ހަރީފުވެ މިލާ މޯޅިވީއެވެ، އަލި ކަމަކަށްފަހު އަނދރިމެއް އަންނަހެން އެއަލިކަން ފަނޑުވެ ހަޔާތް ބަނަވެގެން ދިޔައީ ހިތްދަތިކޮށްލާފައެވެ، އެހިތްދަތިކަމާއިއެކު މާޔޫސްކަންމަތީ ކަނިވެ ނިވެމުންދިޔަ ލޯބިއަލުން އާލަކޮށް އަލިކުރެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އެއަތްތެޅިއަސް އަޑު ކިޔާނި ކިހިނަކުންހެއްޔެވެ. ދެން އެވާހަކަ ބާއްވަމާ ހިނގާށެވެ. އަލިމަގެއް ހޯދުމަށް ކުރެވުނު މަސައްކަތުގައި އެންމެފަހުން އަހަރެންގެ ހިތުން ނިކުމެގެން ދިޔައީ ކަނު ލޯތްބެކެވެ، ޔަގީނުންވެސް އެއީ އަލިކަމެއްނެތް އަދި އެއްވެސް އުއްމީދެއްނެތް ލޯތްބެކެވެ، އަލިވިއަސް ކަނުވިއަސް ލޯބިވަނީ ލޯތްބަށެވެ. އެކަމެއް ބަދަލެއް ނުކުރެވޭނެއެވެ.


އައިކީ އާއި އަހަރެންގެ ގުޅުން އަތްނުފޯރާފަށަށް ދާނެކަން ކުޑަކޮށްވެސް ވިސްނާލެވިފައެއް ނުވެއެވެ. ހަމްދަރުދީ އަކީ ލޯތްބަށްވުރެ ނުރައްކާތެރި އެއްޗެއްކަން އަހަރެންގެ އެކުވެރިއަކު ބުނީ ދާދި މިދާކަށްދުވަހުއެވެ. އަހަރެންނަށް އައިކީ ދެކެ ލޯބިވެވުނީ އައިކީ ފެނިގެން އައިކީގެ ރީތިކަމަކުން ނޫނެވެ. ނަމަވެސް އެއީ މަޑުމޮޅި ރީތި ޒުވާން ދޮންމޫނެއް ލިބިފައިވާ، ޗާލު ޕަރީއެކެވެ. އަންހެންވަންތަ ހަށިގަނޑާއި ސާދާ ހީލުމަކީ އާދައިގެ ފިރިހެނުންގެ ހިތްތައް ކަތިލާލާ ފަދަ ޖާދުވީ ކަމެކެވެ. ނަމަވެސް އަހަރެންނަކީ އާދައިގެ ފިރިހެނަކަށް ނުވާތީ އަހަރެންގެ ހިތް އޭނާގެ ރީތިކަމަށް އެދުވަހު ލަންބައެއް ނުލައެވެ. ނަމަވެސް އެރީތި ޒުވާން އަންހެނާއަށް ލިބިފައިވާ ރީތިކަމުގެ އިތުރަށް އެންމެ ފުރިހަމަ ކަމަކީ އެކަމަނާގެ މަޑުމޮޅިކަމާއި ސާދާ މިޒާޖެވެ. ބަސްމަދުކަމާއި ލިބިފައިވާ ރިވެތި އަޚްލާޤުގެ މަތިވެރިކަމެވެ.

އަހަރެމެން ދެމީހުން ފުރަތަމަ ދިމަވީ މީގެ އަށްމަސް ދުވަސް ކުރިން މިހާރު މިމަސައްކަތްކުރާ އޮފީހުގައި ހިންގި އޮރިއެންޓޭޝަން ޕްރޮގްރާމުންނެވެ. އަހަރެމެން ދެމީހުންނަކީވެސް އެއްގްރޫޕަކަށް ނިސްބަތްވާ ދެމީހުންނެވެ. ނަމަވެސް ގުރޫޕްގައި ދެންތިބި މީހުންނާއި އައިކީ އާއި އަހަރެންނަކަށް ތަފާތެއް ނެތެވެ، ހައްތާވެސް އެކުވެރިންނެވެ، އަހަރެމެންވެސް މަސައްކަތްކުރަނީ އެއް އަމާޒަކަށެވެ، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ތާފުތު މިޒާޖުގެ ދެޖީންސްގެ ކުދިންނާއި އެކު އެއީ ކާކުކަން މިއީ ކާކުން ދަނެގަނެ، އެންމެ ފުރިހަމަ ޑިސިޕްލިންނާއި އެކު، ގާތްކަމާއި އެކުވެރިކަން ބާއްވަން ޖެހޭ ހުދޫދުގެ ތެރޭގައެވެ. އަހަރެންނަށް އެންމެވެސް އެއްވަރެވެ، ސަމާކުރުމުގައިވެސް އެމީހެއްގެ މިޒަޖާއި ގުޅޭގޮތަށް ވަކިމީހަކު ތަފާތު ނުކޮށް އެކަންވެސް ކުރަމުންދިޔައީމެވެ. އަހަރެމެން ދެމީހުން ފުރަތަމަ ފަހަރަށް އަމިއްލަ ޒަތީ ވާހަކައެއް ހިއްސާކުރެވުނީ މީގެ ތިންމަސް ކުރިން އައްޑޫއަށް ކުރެވުނު ތިންގަޑިއިރުގެ ދިގު ދަތުރުގެ ތެރޭގައެވެ. ކަންދިމާކުރި ގޮތުން އެދުވަހު އަހަރެމެން ދެމީހުން ތިބެން ޖެހުނީ ކައިރިކައިރީގަ ޖެހިޖެހިގެންނެވެ. ދަތުރުގެ ދިގުކަމާއިއެކު ސަމާސާއަކުން ފެށުނު ބަސްމަގު މަޑުމަޑުން ކަތާކޮށް އޭގެ މިސްރާބު ބަދަލުވެ، އޭގެ އެންމެ ފުންމިނަށް ދިލާލީ ދެމީހުންގެ ދޭތެރޭގައި ދެކެވުނު މައުލޫއެއްގެ ސަބަބުންނެވެ. އެމައުލޫއާއި ހަވަލާދީ އައިކީގެ ކުޑައިރުގެ ހަނދާންތަކެއް ކިޔާލަދޭން ފެށުމުން އަހަރެން އެވާހަކަތަކަށް ޝައުގުވެރިވެ ކަނުލާ ހިމޭނުން އިންނަން މަޖުބޫރު ކުރިވިއެވެ.

އަހަރެން އޭނާގެ ވާހަކަތައް އަޑުއަހަން އިނީ ޝައުގުވެރިކަމާއި އެކުއެވެ. މަޑުމޮޅިކަމާއިއެކު އަނެއްފަރާތަށް މޫނު އަނބުރައިގެން އިނދެ ވާހަކަތައް ކިޔައިދެމުން ދިޔައިރު އަހަރެންނަށް އިނދެވުނީ އެކަމަށް ގެއްލި ހުސްވެފައެވެ. ޖުމްލަތައް ނިންމާލަމުން މޫނު އަނބުރާލާ އަހަރެންނާއި ދިމާއަށް ބަލާލައެވެ. އެވަގުތު އަހަރެންނަށް ބޯޖަހާލަމުން އޭނާއާއި ބައިވެރިވެވެއެވެ. ތިންގަޑިއިރުގެ ރަސްތާ ނިމިގެން ދިޔައިރު އައިކީގެ ހަޔާތުނަމާގެ ކުރި ފަޅަމުންގޮސް ތަންތަން ކޮޅު ކަނޑާފައި ނަމަވެސް މުހިންމު ބައިތައް ސުރުހީއެއްގެ ގޮތުގައި އަހަރެންނަށް އަޅާލަދިނެވެ. ވަގުތު ދިޔައީ ކިހިނެތް ކަމެއްވެސް އަހަރެންނަށް ނޭގެއެވެ. އައްޑޫ އަށްގޮސް އެނބުރި އައި މަގުމަތީގައިވެސް އަހަރެމެން ދެމީހުން ތިބީ ޖެހިޖެހިގެން އިން ގޮނޑީގައެވެ. ނަމަވެސް މިފަހަރު އިއްތިފާގެއް ނޫނެވެ. ގަސްތުގައެވެ. މިފަހަރު އަހަރެންނެވެ. އަހަރެން ބޭނުންވީ އޭނާ އަށް ހިތްވަރު ދިނުމެވެ. އަހަރެންގެ އަމިއްލަ ހަޔާތުން ގުޅުންހުރި ބައިބަޔާއި އަދި ދިމާވެފައިވާ އެކިއެކި މީސްމީހުންގެ ފަރާތުން ލިބިފައިވާ ތަޖުރިބާތަކުން މިސާލު ދައްކާ އޭނާގެ މާޔޫސްކަމަށް ދިރުމެއް ގެނެވުމަށް އަހަރެން މަސައްކަތްކުރީ ހިތްމަ ޖައްސައިދީ ކުރިމަގެއް އޮތްކަން ބުނެދިނުމަށެވެ.

އައިކީއަކީ ކުޑައިރުން ފެށިގެން ގޭތެރޭގައި އުޅެ ބޮޑުވެފައިވާ ކުއްޖެވެ. މިއަދު އޭނާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ މީހުންގެތެރޭގައި އެމުނިއެކުލެވިގެންވާ އިޖުތިމާޢީ ދިރިއުޅުމެއް އުޅުމަށް ހުރި ގޮންޖެހުންތަކެވެ. ވަޒީފާގެ މައިދާނުގައި ސޯޝަލް ލައިފްގެ ތަޖުރިބާ މަދުވުމުން ލިބޭ އުނިކަމެވެ. އޭނާއަކީ ޒުވާން ރޫހެއް ލޭގައި ހިނގާ، ޒަވާޖީ ހަޔާތެއް ފެށުމަށް ދަތުރު ފަށާފައިވާ ކަންކަމުގައި ޖޯޝްއެއް ހުރި ޒުވާން ޖިންސުއްލަތީފެކެވެ. ނަމަވެސް އެކަމުގައިވެސް އޭނާގެ ކުރިމަގު އެހާ އުޖާލާ ނުވާނެކަން އޭނާގެ ވާހަކަތަކުން ދަލީލުކޮށްދެއެވެ. ލޯބިވެރިޔާ އޭނާ ވަޒިފާއަށް ފޮނުވަން ބޭނުންނުވެއެވެ، އިޖުތިމާއީ ގޮތުން އެކުވެރިންނާއި އެކު އުޅުމަށް ދެކޮޅު ހަދައެވެ. އެނާގެ ލޯބިވެރިއާ އޭނާ އާއި މެދު ކުރާ އިތުބާރައި މެދު އެނާއަށް ޝައްކުގެ އިނގިލި ދިއްކުރެވެއެވެ. މިކަންކަމަކީ އައިކީއަށް މިއަދު ދިމާވެފައިވާ ހިތާމައެވެ. އޭނާގެ ހިތުގައި ވަނީ ރުއިމެވެ، ކެކުޅުމެވެ. ނަމަވެސް އައިކީ ބޭނުންވަނީ މީހުންގެ ތެރޭގައި ގުޅިގެން އުޅުމާއި، ޤައުމަށްޓަކައި ކޮންމެވެސް ރަނގަޅު ހިދުމަތެއްގައި ދެމިހުންނާށެވެ، އަދި ލޯބީގައި އިތުރު ސަފްހާއެއް ނުހުޅުވާ، ލޯބިވެސް ދަމަހައްޓާށެވެ. އޭނާ އޭނާގެ ލޯބިވެރިޔާދެކެ އިންތިހާއަށް ލޯބިވެއެވެ.

އެދުވަހަށްފަހު އަހަރެމެން ދެމީހުންގެ ހިއްސާކުރުންތައް ކެނޑިނޭޅި އަބަދާއި އަބަދު ދިޔައީ އޭގެ އެންމެ ހަލުވި ދުވެލީގައި އަތުފަތު ނުޖެހޭވަރަށް ބާރަށެވެ. އައިކީގެ އުދާސްތައް އަހަރެންގެ ކަންފަތުން އަޑުއަހަން އެތަށް ގަޑިއިރެއް ހޭދަކުރަމެވެ. އަދި އޭނައަށް އަހަރެން ހިތްވަރުދެމުން ގެންދިޔައީ ރަނގަޅު ނަސޭހަތާއި އެކު އަހަރެންގެ ހިތުގައި އެއްވެސްކަހަލަ އިޝްޤީ އޮއިވަރެއް ނެތިއެވެ. ގާތް އެކުވެރިއެއްގެ ގޮތުގައެވެ. އަދި އަހަރެންނަށް ދިމާވެފައިވާ ބަނަކަންވެސް އައިކީ އާއި އެކު ހިއްސާކޮށް ހިތަށް ހިތްހަމަ ޖެހުން ހޯދީމެވެ. މިހުރިހާ ދުވަހު އަހަރެންގެ ހިތުގައި އެޅި ރިހުންތައްވެސް ކޮންމެސް މީހަކަށް ކިޔައިދޭން ޖެހޭނެކަން އަހަރެންނަށްވެސް ޤަބޫލު ކުރެވުނެވެ. އަބަދު ހިތުގައި ބަހައްޓައިގެން ނުހުރެވޭނެކަން ކޮންމެ މީހަކުވެސް ޤަބޫލުކުރާނެއެވެ. އެކަކަށް ދިމާވެފައިވާ ހިތާމައެއްގައި ބައިވެރިވެ އެވާހަކަތައް ޝައުގުވެރިކަމާއި އެކު ހިތުގެ އެންމެ ފުންމިނުން ޤަބޫލު ކުރާނީވެސް އެފަދަ ހިތާމައެއް ތަހައްމަލު ކުރަމުންދާ މީހެއްކަން އެއީ ދުނިޔެ ދައްކާ ހަޤީޤަތެވެ. އަހަރެމެން ދެމީހުންނަށްވެސް ދިމާވެފައި މިވަނީ އެގޮތެވެ. އަހަރެންގެ ހިތުގައި އައިކީ އާއި މެދު އޮތީ ހަމްދަރުދީ އާއި ކުލުނެވެ. ހަމްދަރުދީ އާއި ކުލުނަކީ ލޯބި ނޫން ދެން ކޮންއެއްޗެއްކަން އަހަރެންނަކަށް ނުވިސްނުނެވެ. އައިކީގެ ހިތުގައިވެސް އަހަރެންނާއި މެދު ފުރިހަމަ ހަމްދަރުދީއެއް ވާކަން އަހަރެންނަށް އިހުސާސް ކުރެވެއެވެ.

އަހަރެންމެން ދެމީހުން އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވެ ދެރަހްމަތްތެރިންގެ ގޮތުގައި ވަގުތައް ހޭދަކުރީމެވެ، އައިކީގެ ދުލުން ބޭރުކުރާ އަސަރުގަދަ ހިތަމަވެރި ބަސްތަކާއި އެކު ގިސްލުމުގެ އަޑު އިވޭ ކޮންމެ ފަހަރަކު އޭނަގެ ކަރުނަތައް ފޮހެލަދިނުމަށް އަހަރެންގެ ހިތް އެދެއެވެ. ނަމަވެސް ހާލަތު އެކަމަށް ހުރަސް އަޅައެވެ. އަހަރެންގެ ހިތުގައި އައިކީ އަށްޓަކައި ވަނީ ފުރިހަމަ ސާފު ލޯތްބެކެވެ. އަދި އަހަރެންގެ ހަޔާތުގައިވާ ބަނަކަން އައިކީ އާއި ހިއްސަކުރާ ކޮންމެ ފަހަރަކު އަހަންނަށް ހިތްވަރުދެއެވެ. އަހަރެންވެސް އައިކީއަށް ހިތްވަރުދޭ މޭރުމުންނެވެ. އަހަރެމެން ދެމީހުންގެ މައުނަވީ ގުޅުމުގެ ތީމަކަށް ވެފައިވަނީ ދެމީހުންވެސް ދިރިއުޅުން ފާގަތިކުރުމެވެ. އެކަކު އަނެކަކު ކައިރިން ހިތްވަރު ލިބިގެންނެވެ. ނަމަވެސް ދެމީހުންވެސް ތަފާތު ދެދިމާލަކުން އެންމެ ލޯބިވާ މީހާއާއި އެކު ހަޔާތް ވޭތުކުރުމެވެ.

ފަހުވަގުތު އަހަރެމެން ދެމީހުންގެ ހިތުގައިވެސް ވަނީ ސާފު ލޯތްބެއްކަން އެނގި ކަށަވަރުވެގެން ދިޔައީ ފުރަދަންވަރެއްގައި ހިތުގެ އުދާސްތައް ބޭރުކުރެވުނުވަގުތެވެ. އެއީ ހަޔާތުގައި އައި މުހިންމު ވަގުތުތަކުގެ ތެރެއިން އެންމެ މުހިން އެއްވަގުތެވެ. ބުނަން ނުކެރިފައިހުރި ޖަޒުބާތު އުތުރިއަރައިގެން ދިޔަ ވަގުތެވެ. ލޯތްބަކީވެސް ބާވަތްތަކަކަށް ބެހިގެންވާ އެއްޗެއްކަން ހާމަވެގެން ދިޔަ ހިމޭން ވަގުތެވެ. އަހަރެންގެ ހިތުގައި އައިކީއަށްޓަކައި ވަނީ ސާފުލޯތްބެކެވެ. އަދި އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން އައިކީ ހާމަކުރުން ވެގެން ދިޔައީ އަހަރެންމެ ދެމީހުން އެކަކު އަނެކަކަށްވާ ހަމްދަރުދީއާއި އަޅާލުމަކީ ހިތުގައިވާ ލޯބިކަމެވެ. އައިކީގެ ލޯބިވެރިޔާއަކީވެސް އަހަރެންފަދަ މީހަކަށްވާނެ ނަމައޭ އައިކީގެ ދުލުން ބޭރުކުރިއެވެ. އަދި އަހަރެންގެ ގެންގުޅޭ ފިލޯސަފީއަކީ އައިކީއަށް އެންމެ ކަމުދާ ސިފަކަމުގައި އަހަރެންކައިރީގައި ބުނުމުން އަހަރެންނަށް ލޯމަރާލެވުނެވެ. ހަމަ އެނޭވާގައި އެކަމު އަހަރެން އައިކީއަށް ލިބެން ނެތްކަމާއި ބައެއްގެ ދިރިއުޅުމުގެ ތެރެއަށް ދުވަހަކުވެސް އެރިނުގަންނާނޭކަމަށް ތަކުރާރުކޮށް އައިކީ ބުންޏެވެ. އަހަރެންގެ ހިތުގައި އައިކީއަށްޓަކައި އިންތިހާއަށް ލޯބި އުތުރިގެން ދިޔަކަމުގައި ވިއަސް ލޯބިވެރިއެއްގެ ޓެގް ދެވޭކަށް ނެތެވެ. އެކަމަށް މިއަދު އަހަރެންމެން ދެމީހުންގެ ހާލަތުވެސް ހުރަސް އަޅައެވެ. އަހަރެމެން ދެމީހުންނަކީ މިހާރު ދެއެކުވެރިންނެއް ނޫނެވެ. އަދި ދެ ލޯބިވެރިންނެއްވެސް ނޫނެވެ. މި ލޯބި ވަޒަން ކުރާނެ ކެޓަގަރީއެއް އަދިވެސް އަހަރެންނަކަށް ނުވިސްނުނެވެ.

އެކަކު އަނެކަކު ދެކެ ލޯބި ވުމާއި އެހީތެރިވުމާއި އެކަކު އަނެކަކަށް އޯގަތެރިވުމާއިއެކު ހަމްދަރުދީ ވުމަކީ އަހަރެން ދެކޭ ގޮތުގައި މައްސަލައެއް ނޫނެވެ. އަހަރެންގެ ހިތުގައި އައިކީއަށް ދެވިފައި ވަނީ ހާއްސަ މަޤާމެކެވެ. ހާނދާން ނުނެތޭނޭ މަޤާމެކެވެ. އަދިވެސް އަހަރެމެން ދެމީހުންވެސް ބޭނުންވަނީ ދިރިއުޅުން އާރާސްތު ކުރާށެވެ. އައިކީ ބޭނުންވަނީ އުފާވެރި ޒަވާޖީ ހަޔާތެއް ފަށާށެވެ، އަހަރެން މިހުރީ އެކަމުގައި ފަރުދާގެ ފުރަގަހުން އެހީވުމުގައި ކެތްމަދުވެފައެވެ. އަހަރެން ބޭނުންވަނީ އަހަރެންގެ ކަނިވެ ނިވެމުންދާ "އަލި" ލޯބީގެ ހުޅުގަނޑު ބޮޑުކޮށް، ލޯބީގެ ބަގީޗާގައި އެޅި މޭވާތައް ދޮންވެ ފައްކާކުރާށެވެ. މިކަމުގައި އައިކީވެސް ހުރީ އަހަރެންގެ ބަގީޗާ މިލިޔަ ނުދީ ތާޒާކުރުމުގައި ކަސްފުނުވެ އެހީތެރިވާށެވެ. އެކަކު އަނެކަކަށް ލޯބިވާ ހާލުގައެވެ. އެހެނަސް ދެން ދެމީހުން ވަކިވުމަކީ އުނދަގޫ ކަމެކެވެ. އަހަރެން އައިކީދެކެ އިންތިހާ ދަރަޖައަށް ލޯބިވެއެވެ. އެއީ އަހަރެން އިހުތިޔާރު ކުރި ލޯތްބެއް ނޫނެވެ. ބޭއިހުތިޔާރުގައި އަމާޒެއް ނެތި ދަތުރު ކުރަމުން ލައްވަލި ލޯތްބެކެވެ. ވެވުނު ހަމްދަރުދީގައި އާލާވެގެން ދިޔަ "ލޯ" ނެތް ލޯތްބެކެވެ. ކުލުނުން ފުރިގެންވާ އޮއްޓަރުހުރި ލޯތްބެކެވެ. އަލިމަގެއް ނެތް ލޯތްބެކެވެ. ނަމަވެސް ލޯބިވާނީ ލޯތްބަށެވެ. އެއީ ކަނު ލޯތްބެކެވެ. ލޯބީގެވެސް އެންމެ ނުރައްކާތެރި ވައްތަރެވެ. އެކުވެރިޔާ ބުނިފަދައިންނެވެ. ލޯތްބަށްވުރެ ހަމްދަރުދީ އަކީ ނުރައްކާތެރި ޖަޒުބާތެކެވެ. އަހަރެން އައިކީ ދެކެ އިންތިހާ އަށް ލޯބިވެއެވެ. އައިކީވެސް ލޯބިވާކަން މެންދުރުގެ އިރުފަދައިން ސާފެވެ. މިއީ ސަމާސާއެއް ނޫނެވެ، ޖޯކެއްވެސް ނޫނޫނެވެ. ނުބީހެންޏާ ކަނޑާ ހަމައެވެ. (ނިމުނީ)
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved