Home » , » ހިތް ކުދިކުދި

ހިތް ކުދިކުދި

Written By Afey Afra on Saturday 25 May 2013 | 02:51

މަޑުމަޑުން ކޮޓަރިއަށް ވަދެ ދޮރު ޖަހާ ތަޅުލުމަށްފަހު، ބުރުގާ ނަގާ އެނދުމައްޗަށް އެއްލާލިއެވެ. އެނދުމަތީގައި އިށީންދެފައި ލައިގެންހުރި މަޑު ފިޔާތޮށުކުލައިގެ ގަޔަށް ރީތި ހެދުމާއި، ބާރުކޮށް އަރުވާފައިހުރި ސްކިނީ ބާލާފައި ތެދުވެގެން ގޮސް އަލަމާރީގެ ކޮޅުގައި ތަތްކޮށްފައި ހުރި ބުޅިގަނޑުގައި އަޅުވާލިއެވެ. އަދި އެތެރޭންލައިގެންހުރި ފޭރާންތައް ބާލާފައި ކަނުގައި ހުރި ދާވަށިގަނޑުގެ އެތެރެއަށް  އެއްލާލިއެވެ. މަޑުމޮޅިކަމާއި އެކު ތެދުވެ،  އަލަމާރި ދޮރުފަތުގައި ހުރި އިސްކޮޅުގެ ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި ކަނދުރާއާއި ހިސާބަށް ކޮށާލާފައިވާ އިސްތަށިގަނޑު ނިޔުޅާލިއެވެ. އަދި ދެއަތް މައްޗަށް ނަގާ ދެއަތްދެއަތާ ޖޯޑުކޮށްލުމަށްފަހު ބޯމަތީގައި ދެއަތްއެއްކޮށް ބާއްވާލިއެވެ. ބަރަހަނާގައި ހުރި އިހުމާ އިސްއުފުލާލުމަށްފަހު އޭނާގެ ދޮން އޮމާން ހަށިގަނޑާއި ދިމަ ބަލާލިއެވެ. ފުންނޭވާއެއް ލުމަށްފަހު ލޮލުން ހިލިގަތް ކަރުނަތަކާއި އެކު ހިތް ކެކުޅެން ފެށިއެވެ. މޫނުގައި ދެއަތް އަޅާލުމަށްފަހު ގިސްލުމާއި އެކު ރޮވެން ފެށިއެވެ. އަމިއްލަ ސޫރައާއި ދިމާ ބަލަން ހުރެގެން އުދާސްތަކާއި އެކު ކަރުނަތައް ބޭރުކޮށްލަމުން އުޑަފައިން އިށީނެވެ.  އާއިލީ ނިކަމެތިކަމާއި ދެކޮޅަށް ހަނގުރާމަކުރަމުންދާ ސާދާ ޒުވާން އަންހެނާއަށް ދިމާވެފައިމިވަނީ ކޮންކަހަލަ މޮޅިވެރިކަމެއްހެއްޔެވެ. އޯގާތެރި ފިރުމުންތަކާއި އަޅާލާނެ އުނގެއްގެ ހިޔާވަހިކަން އިންތިހާއަށް ބޭނުންވެއްޖެކަން މިރޭ އިހުމާއަށް އެވަނީ ޔަޤީން ކުރެވިފައެވެ. "ފޫނެއްފަޔަށް ފެންފުރުމަކީ މިއީ ހެއްޔެވެ." މީގެ އިރުކޮޅެއްކުރިން އިހުމާގެ ކަންފަތަށް އިވިގެން ދިޔަ އަސުރަގަދަ ޖުމްލައާއި ބެހޭގޮތުން އަމިއްލަ ނަފްސާއި ހިތާއި ހިތް ސުވާލުކޮށްލިއެވެ.


އަލަމާރިތެރެއިން ހުދުކުލައިގެ ގަޔަށްދޫ ޓީޝާޓަކާއި ކަކުލާއި ހިސާބަށް އަންނަ މާޖެހި ކުރުސޯޓު ނެގުމަށްފަހު ގަޔަށް މަހާލައިގެން ޑްރެސިންގ ޓޭބަލާއި ދިމާއަށް ހިނގައިގަތެވެ. ވަތްގަނޑެއް ދަމާލުމަށްފަހު ބޭރުފުށުގައި ތުނިތުނިކޮށް ހިރަފުހުގެ ދާފަރާއެއް ލާފައިވާ ބޮޑު ފޮޓޯ އަލްބަމްނަގައިގެން އައިސް އެނދުމަތީގައި އިށީންދެ ދެފައިދަމާލުމަށްފަހު މޮޅީގެ ސާލަކާއި އެކު ހެޑްބޯޑުގައި ބުރިކަށި ޖައްސާލިއެވެ. އަލްބަމް އުނގަށްލުމަށްފަހު ގަނޑުތައް ނުހަނު ހަލުވިކަމާއި އެކު އުނކަން ފެށިއެވެ. އިހުމާގެ ދެލޯމަރާލާ ބާރުކޮށްލުމަށްފަހު ހިތްދަތިކަމާއި އެކު ކަރުމައްޗަށްނަގައި އިރުކޮޅަކު މަޑުކޮށްލިއެވެ. ފޭދިފައިވާ ދެލޯ ހުޅުވާލައި ތަސްވީރާއި ދިމަ ބަލާލިއެވެ. ފެންކަޅިވެވެނީއެވެ. އަސަރުކުރަނީއެވެ. މިސްވުން އިތުރުވަނީއެވެ. އެތަށް ދުވަހަކަށްފަހު ހޯދަން އުޅުނު ޖަވާބު ލިބުމުން ހިތުގައި އެޅިވޭން އިތުރުވީއެވެ. ގަޑިއެއްހާއިރު ކުރިން ކާސުފުރާމަތީގައި ދުލުން ބޭރުކުރެވުނު އާދޭހުގެ ސުވާލަކަށް ބައްޕަގެ ދުލުން ބޭރުކޮށްލި ޖުމްލަތަކުން ހިތްކަތިތާލީއެވެ.

އޯލެވަލްއަށް ތައްޔާރުވަމުންދާ ޒައިދުގެ އުމުރުން 5އަހަރުން ފެށިގެން، މަންމަ ނެތްކަމުގެ އުނިކަން ފޫބައްދަމުން އަންނީ އިހުމާއެވެ. އެއްބަނޑު އެއްބަފާ ކޮށްކޮ އަށް މަންމައެއްގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ އަޅާލުމާއި ހުރިހާ ޚިދުމަތެއް ދެމުންގެދިޔައީ އިހުމާއެވެ. އެއީ އާއިލީ އެއްބަނޑު އެއްބަފާ އުހުއްވަތްތެރިކަމުގެ ލާމަސީލު މިސާލެކެވެ. މިއަދު ކޮއްކޮ އިސްކޯލު ނިންމާފައި ނިކުންނަން ތައްޔާރުވާއިރު އެކަމުގެ ހުރީހާ ފަހުރަކާއި ޝަރަފެއް އޮތީ އިހުމާއަށެވެ. އެކަން އަވައްޓެރިންނާއި ދުރު ތިބީންނާއި އަދި ދުރުތާ ތިމާގެ އެންމެވެސް ޤަބޫލު ކުރާނެއެވެ. އެދެބެންގެ މުގުލުގައި ހަރުދަނާ ދަރިންނަށް ހެދުމަށްޓަކައި ހުރީ މުރާލި ބައްޕަ މިހާއެވެ. އިހުމާގެ ފަރުދާގެ ފުރަގަހުގައިވާ ޝިކުވާތައް ވަނީ ފުނިޖެހި ކުރަލާފައެވެ. މީހުންނަށް ފެންނަމުންދަނީ ބޭރުފުށެވެ. އެތެރޭގައިވަނީ ކުރަމަގާލިލާފައެވެ.
އިހުމާގެ ބައްޕަ އަކީ ޓިޕިކަލް ވިސްނުމެއް ގެންގުޅޭ ހަރުކަށި މީހެކެވެ. ގޮތްދޫނުކުރުމުގެ ލާމަސީލު މިސާލެކެވެ. ހަމައެފަދައިން ދަރިންނަށް އަޅާލުމުގައިވެސް ލާމަސީލު މިސާލެކެވެ. ހާއްސަކޮށް ހަގު ފިރިހެންދަރިފުޅު ޒައިދުއަށް މަރުދޭ ބައްޕައެކެވެ. ބައްޕަގެ ހެޔޮކަމާއި ހެދި ޒައިދު މަގުން ކަށިޔާރުވެ ގޯޅި އަޅާފާނެކަމުގެ ބިރު އިހުމާއަށް އޮވެއެވެ. އިހުމާގެ ޝަކުވައަކީ އެއީއެވެ. އުމުރުގެ ގޮތުން އިހުމާއާއި ޒައިދު އަކީ ބޮޑު ތަފަތެއް ހުރި ދެދަރިން ކަމަށްވާތީ ކަންކަން ކޮށްދިނުމުގައި ބަފަޔަކު ތަފާތުތަކެއް ގެންގުޅުމަކީ އެކަށިގެންވާކަމެކެވެ. ނަމަވެސް އެއީ އިންތިހާއެވެ.

އިހުމާގެ ޒަމާންވީ ހިތުގެ ޝަކުވާއަކީ މިއީއެވެ. ބައްޕަ ރަނގަޅެވެ. ބައްޕަ ހެޔޮކޮށް ހިތައެވެ. ނަމަވެސް ދެދަރިން ތަފާތު ކުރަނީ ކީއްވެހެއްޔެވެ. ކޮއްކޮއަކީ ގޭގެ ވެރިމީހާކަމުގައި ބައެއްފަހަރު ހިވާފަހަރު އާދެއެވެ. ކޮއްކޮ ކަންކަން ގޯސްކޮށް ކުރުމުން އެއްޗެކޭ ބުނުމުން އެކަން ދިފާއުކޮށް ބައްޕަ ވާހަކަ ދައްކަނީ ކޮއްކޮއަށް ހިތްވަރު ލިބޭ ގޮތަށެވެ. ބައެއްފަހަރަށް އަހަރެންނަކީ އެވެސް މީހެއް ނޫންކަމަށް އަމިއްލައަށް އިހުސާސް ކުރެވެނީ ކީއްވެބާއެވެ. ކޮއްކޮ ބުނާ ކޮންމެ އެއްޗެއް ހޯދާ ދިނުމަށް ބައްޕަ ހުންނަނީ ފޫގަޅާފައެވެ. ކޮއްކޮ އަކީ ރަންދަރިއެވެ. ކޮއްކޮ ކުރާ އަމުރަކީ ރަސްކަލެއްގެ އަމުރެވެ. ބައްޕަވެސް ކޮއްކޮއަށް ކިޔަމަންތެރިވެ ބޯލަނބަން ޖެހެނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ. ކޮއްކޮ ގޯސްކަމެއް ކުރީމާ މާބޮޑު ކަމަކަށް ނުހަދާ އެއްފަހަރުން ނިންމާލަނީ ކޮއްކޮއަށް ކޮން ހާއްސަ ސިފައެއް ލިބިފައިވާތީ ހެއްޔެވެ. ކޮއްކޮ އަތުންވެސް އެއްޗެހި ހަލާކުވެއެވެ. ތަށިވެސް ތެޅެއެވެ. އެވަރެއް ނާރުވެއެވެ. އަހަރެން އަތުން އެއްޗެއް ހަލާކުވާއިރަށް ބައްޕަ ހީވާނީ ގެ ބޮލަށް ވައްޓާލަފާނެހެންނެވެ. އަހަންނަށް ބައްޕަ ކައިރީގައި މިސުވާލު ކުރަން ނުކެރެނީ ކީއްވެހެއްޔެވެ.

މިހުރިހާ އުދާސްތަކާއި އެކުވެސް އިހުމާއައީ ކެތްކުރަމުންނެވެ. ކުޑަކުޑަ އާއިލާ ކައިބޮއި ހަދަމުންދަނީވެސް ތިން މީހުން އެއްކޮށެވެ. ބައްޕަ ގެއަށް އައުމުން ބައްޕައާއި ކޮއްކޮ އައި އިހުމާއެވެ. ކާގަޑީގައި ބައްޕަގެ ކަމަކަށް އޮންނާނި ދެދަރިންނަށް ނަސޭހަތް ދިނުމާއި ދިރިއުޅުން ބިނާކުރުމުގެ ނަސޭހަތްތައް ދިނުމެވެ. އެއީ ބައްޕަގެ ރަނގަޅު މުހިންމު ސިފައެކެވެ. ބައްޕަގެ ހަރުކަށިކަމާއި އެކުވެސް އިހުމާ ކައްކާ ކާއެއްޗެސަށް ދުވަހަކުވެސް ބައްޕަ ފާޑު ނުކިޔަކަމީ އޭނާ އުފާކުރާކަމެކެވެ. ކޮންމެ ކަމެއްވެސް ހިފެހެއްޓޭނީ ވަކިވަރަކަށެވެ. ވަކިވަރަކަށްވުރެ ގިނަވީމާ ފަޅައިގެން ދާދިޔުމަކީ އާއްމުކަމެކެވެ. އިހުމާ އަތުން ތަށި ތެޅުނު ވަގުތު ބައްޕަ ހީވީ ބުއްރާސް ކުކުޅެއް ހެންނެވެ. ހަޅޭއްފަޅޭއް ޖަހާ ނާޒުކުހިތް ބަލިކޮށި ކޮށްލީ ސިންގާއެއް ފަދައިންނެވެ. އިހުމާގެ ބަޑި ފަޅައިގެން ގޮސް ކެއްކުރެވޭވަރަށްވުރެ މައްޗަށް ދިޔައީއެވެ. ދުވަހަކުވެސް ބައްޕައާއި ދެކޮޅަށް އެއްޗެކޭ ބުނުމުގެ ހިތްވަރު ނެތް އިހުމަ މިރޭ އެބުނީ ހައްޤުބަހެވެ. "ބައްޕް ކީއްވެތަ އަހަރެން އަތުން ކަމެއްވާއިރަށް އަބަދު ހަޅޭއްލަވަނީ، އަހަރެން އެކަނިތަ މިގޭ އެއްޗެހި ހަލާލުކުރަނީ" މިހެން ބުނުމާއި އެކު ދެލޯރަތްވެފައި ހުރި ބައްޕަ މީހާ މަޑުމަޑުން ހަމަބިމަށް ތިރިވެލާފައި ބުނެލިއެވެ. "ނޫނޭ ދަރިފުޅާ އެއީ ބައްޕަ ރުޅި އައިސްގެނެއްނޫން، އެކަންކަން ތަކުރަރުވިޔަ ނުދިނުމަށް އެހެން ހަދަނީ" އިހުމާގެ ޝަކުވާ އިތުރު ކުރިއެވެ. "ނުވާނެ އެހެނެއް ބައްޕަ އަބަދުވެސް އަހަރެމެން ދެމީހުން ތަފަތުކުރޭ، އަހަރެންގެ ހިތުހައި ކޮއްކޮއާއި މެދު ހަސަދަވެރިކަމެއް ނެތް، އެކަމު ބައްޕަގެ އަމަލުތައް ހުންނަ ގޮތުން އަހަންނަށް އިހުސާސްވޭ ބައްޕަ އަހަރެމެން ދެމީހުން ވަރަށް ބޮޑަށް ތަފާތުކުރާކަން" އިހުމާގެ ޖުމްލަތައް ނިންމާލުމާއި އެކު ބައްޕަ ބުނެލިއެވެ. "ދަރިފުޅާ ބަހީބަލަ، މިތާ އިށީންދޭ، ދަރިފުޅަކީ އަންހެން ކުއްޖެއް، ކޮއްކޮއަކީ ފިރިހެން ކުއްޖެއް، ދަރިފުޅު ތިހިރީ މާދަމާވެސް މީހަކާ އިންނަށްވެފަ، މީހަކާއި އިނުމުން ހުންނާނީ ފިރިމީހާގެ ބާރުގެ ދަށުގަ، ފިރިހެން ކުދިންގެ ފަރާތުން ފަހުން ފައިދާ ވާނީ، އަންހެން ކުދިން ބަލާ ބޮޑުކޮށް ހެދުމަކީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމެއް، މީހަކާއި އިނުމަށްފަހު ގެއްލިގެންދާ ބައެއް، ފިރިހެން ކުދިންނަކީ މުދާގަނޑެއް"


އުނގުގައި އޮތް އަލްބަމްތެރެއިން ފޮޓޯއާއި ދިމަ ބަލަން އިން އިހުމާގެ ލޮލުން ހޯސްލަފައި ކަރުނަތައް އޮހޮރިގަތެވެ، އަންހެނުން އެހާ ނިކަމެތި ހެއްޔެވެ، ނޫނެކޭ ނިކަމެއްޗެއް ނުވާނެއެވެ، ބައްޕަގެ ވިސްނުމަކީ ބޯދާ ވިސްނުމެކެވެ. ރޮމުން ގިސްލަމުން ތަސްވީރުގައި ފިރުމާލިއެވެ. ތަސްވީރުގައި ވަނީ އުފާވެރިކަމެވެ. މޫނުގައި ފުއްޖަހާ ހުދުކޮށްގެން އިހުމާ ހުރި އިރު އިހުމާގެ އަތުގައި ހިފައިގެން އަނެއްއަތުން ކޮއްކޮ ކިހިލި ޖަހައިގެން ހިނިތުންވުމާއި އެކު ހުރި މަންމަގެ މޫނުގައި މަޑުމަޑުން ސަހާދަތް އިނގި އަޅާލިއެވެ. އެވަގުތު ގިސްލުމާއި އެކު އިހުމާ ބުނެލިއެވެ. " އަހަރެންގެ މަން.......މަ ހުރި ނަމަ..." (ނިމުނީ)
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved