އިޤުތިސާދީ
ސިޔާސަތެއް އޮތުމުގެ ބޭނުމަކީ އިޤުސާދުގެ ދުވެއްޔަށް އަންނަ ބަދަލު ދެނެގަނެ އިގުތިސަދީ ގޮތުން ރައްޔިތުންގެ
ފުދުންތެރިކަން އިތުރުކުރުމާއިއެކު ޤައުމުގެ އިޤުތިސާދީ ރޫފަ
ރަނގަޅުކުރުމަށްޓަކައި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކެއް ހާޞިލުކުރުމެވެ. އެގޮތުން
އާއްމުގޮތެއްގައި އިޤުތިސާދީ ސިޔާސަތުތައް ފަރުމާކުރެވިގެން ދަނީ މައިގަނޑު ދެ
ސިޔާސަތެއްގެ ތެރެއިންނެވެ. އެއީ މަނިޓަރީ ޕޮލިސީ އާއި ފިސްކަލް ޕޮލިސީއެވެ.
ފައިސާގެ ބާޒާރަށް މަނިޓަރީ ޕޮލިސީ އަމާޒު ހިފާފައި ވާއިރު ފިސްކަލް ޕޮލިސީ ފޯކަސް
ކުރަނީ ސަރުކާރަށް ލިބޭ އާމްދަނީ އައި ސަރުކާރުން ކުރާ ހޭދައިގެ މައްޗަށެވެ.
މަނިޓަރީ ސިޔާސަތު ތަންފީޒުކޮށް ހިންގާ ފަރާތަކީ އެގައުމެއްގެ މަރުކަޒީ ބޭންކެވެ.
އަދި ފިސްކަލް ސިޔާސަތު ތަނފީޒުކޮށް ހިންގާ ފަރާތަކީ އެގައުމެއްގެ ސަރުކާރެވެ.
މަނިޓަރީ ޕޮލިސީގެ
މައިގަނޑު އަސާސަކީ މަނީ ސަޕްލައިގެ ސަބަބުން އަސަރުފޯރާ ކަންކަން ކަމަށްވާ ތަކެތީގެ
އަގު އުފުލޭއުފުލުމާއި ފައިސާ ގަނެވިއްކާ އަގުތަކާއި އުފެއްދުންތެރިކަން ހަމަ
މިނެއްގައި ހިފެހެއްޓުމަށްޓަކައި މަނީ ސަޕްލައި ކޮންޓްރޯލް ކުރުމެވެ. މަނީ
ސަޕްލައި ކޮންޓްރޯލް ކުރުމަށްޓަކައި މަނިޓަރީ ޕޮލިސީގެ ތެރެއިން އިންޓަރެސްޓް ރޭޓާއި
، ރިޒާވް ރިކުއާމަންޓް ކަނޑައެޅުމާއި އޯޕަން މާރކެޓް އޮޕަރޭޝަން ކުރިއަށް
ގެންދިޔުން ހިމެނެއެވެ. އިންޓަރެސްޓް ރޭޓަށް ގެނެވޭ ބަދަލާއި ގުޅިގެން ލޯނުތައް
ނެގުމާއި އާއްމު ފަރުދުން ބޭންކުގައި ފައިސާ ޖަމާކުރާ ކުރުމަށް ބަދަލުތަކެއް
އާދެއެވެ. އެގޮތުން އިންޓަރެސްޓް ރޭޓް ބޮޑުވެއްޖެ ނަމަ އާއްމުފަރުދުންގެ ފައިސާ
ބޭންކްތަކުގައި ރައްކާކޮށްފައި ބެހެއްޓުމަށް އިތުރުބާރެއް ލިބިގެންދާއިރު ލޯން
ނަގާފަރާތްތަކުން ލޯން ނެގުމާއި ފެއަށް ޖެހެވޭގޮތްވެއެވެ. މީގެނަތީޖާއެއްގެ ގޮތުން
ފައިސާގެ ބާޒާރަށް ބަދަލުތަކެއް އާދެއެވެ. އިންޓަރެސްޓް ރޭޓް ކުޑަކޮށްލައިފި ނަމަ
ބޭންކްތަކުގައި ފައިސާ ޖަމާކުރާމީހުންނަށް މަޔޫސްކަން ލިބި އެމީހުންގެ ހޭދަތައް
އިތުރުކުރެއެވެ. އަދި ހަމަ މިއާއިއެކު ލޯން ނަގާފަރާތްތަކަށް އިތުރު ހިތްވަރެއް
ލިބި ލޯންތައް ނަގާ އިތުރު އިންވެސްޓްތައް ކުރަން ފެށުމުން ފައިސާދައުރުވުން
ގިނަވެ، އިންފްލޭޝަން މައްޗަށް ދިއުމާއި އަމިއްލަ ފައިސާގެ އަގުވެއްޓުން ފަދަ
ކަންކަން ދިމާވެއެވެ.
ރިޒާވް
ރިކުއާމަންޓާއި އޯޕަންމާރކެޓް އޮޕަރޭޝަނަކީވެސް ފައިސާގެ ބާޒާރަށް އަސަރުފޯރުވާ
ކަންކަމެވެ. ބޭންކްތަކުން ބަހައްޓަންޖެހޭ ރިޒާވްގެ އަދަދު ބޮޑުކޮށްފިނަމަ ފައިސާ
ދޫކުރުމުގައި ދަތިތަކާއި ކުރިމަތިވެ، މަނީ ސަޕްލައި މަދުކުރެވެއެވެ. އޮޕާން
މާރކެޓް އޮޕަރޭޝަންގެ ތެރެއިން ހިންގާ ކަންކަމަށް ބަލާއިރު އަޅުގަނޑުމެންގެ
ތެރޭގައި އެންމެ މަޝްހޫރުވެފައިވަނީ ޓްރޭޝަރީ ބިލް (ޓީ-ބިލް) ގެ ކަންތަކެވެ.
ބޭންކްތަކުންނާއި ޕްރައިވެޓް ސެކްޓާރގައި ހަރަކާތްތެރިވާ ބޮޑަތި މަހުޖަން ކުންފުނިތަކުން
ސަރުކާރަށް ފައިސާގަންނަ ގަތުމުގެ ސަބަބުން އިޤުތިސާދުގެ ތެރޭގައި ދައުރުވާ ފައިސާ
މަދުކުރެވެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިކަމުގެ އަސަރު ފައިސާގެ
ބާޒާރަށް ނުކުރާ ފަހަރުވެސް އާދެއެވެ. މިސާލަކަށް ދައުލަތް ހިންގާވަރަށް ފައިސާނެތިގެން
އޯޕަން މާކެޓް އޮޕަރޭޝަންގެ ތެރެއިން ފައިސާގަނެ، ދައުލަތް ހިންގުމުގެ ތެރެއިން
ހޭދަކޮށް މުސާރަދިނުން ފަދަ ކަންކަން ކުރެވޭނަމަ މަސްނިމޭތަނުން އަނެއްކާވެސް
އެފައިސާތައް ބާޒާރުގެ ތެރެއަށް ނިކުމެގެން ދެއެވެ.
ފިސްކަލް ޕޮލިސީގެ
މައިގަނޑު އަސާސަކީ އިގްތިސާދީ ލަނޑުދަނޑިތައް ކަމަށްވާ އެންމެނަށް އާމްދަނީ
ލިބޭނެ މަގު ހޯދައިދިނުމާއި، އިގްތިސާދު ރަނގަޅުކުރުމާއި އަގުތައް އޭގެ ޒާތުގައި
ހުންނަންޖެހޭ ހެޔޮވަރުވަރަށް ހިފެހެއްޓުމަށްޓަކައި އެގްރިގޭޓް ޑިމާންޑް ކޮންޓްރޯލް
ކުރުމަށް މަސައްކަތްކުރުމެވެ. އެގޮތުން ފިސްކަލް ޕޮލިސީގެ ތެރެއިން ކަންކަން
ތަންމިނަށް ހުޅުވާލައިގެންނާއި ތާށިކޮށްގެންވެސް ކުރެއެވެ.
ފުޅާ ނުވަތަ
ހުޅުވިފައިވާ ފިސްކަލް ޕޮލިސީއެއްގެ ސިފަތަކުގެ ތެރޭގައި ޓެކްސް ނަގާ މިންވަރު
ކުޑަކުރުމާއި އެކު ސަރުކާރުގެ ހޭދަތައް އިތުރުކުރެވެއެވެ. އަދި ސަރުކާރުން ބޮޑަތި
ހޭދަތައްކޮށް އުމުރާނީ ތަރައްޤީއާއި ގުޅިފައިވާ ކަންކަމާއި އާއްމުދަނީ ހޯދުމަށް
ލުއިފަސޭހަކުރުމުގެ ގޮތުން ހޭދަތައް ކުރާނަމަ ގިނަބަޔަކަށް އާއްމުދަނީ ލިބޭނެ މަގު
ތަނަވަސްވެގެން ދެއެވެ. އެގޮތުން ގިނަބަޔަކަށް އާމުދަނީ ލިބި ކުންފުނިތަކަށް
މަންފާކުރަން ފެށުމުން ޓެކްސްގެ ގޮތުގައި ސަރުކާރަށް ވަންނަބައިވެސް ބޮޑުވެގެން
ދެއެވެ. ނަމަވެސް މިފަދަ ފިސްކަލް ޕޮލިސީ އެއްގެ ތެރެއިން ރިކަރަންޓް ހަރަދު
ބޮޑުވެގެން ގޮސްފިނަމަ ގިނަފަހަރަށް އޮންނަނީ ދަރަނި ބަޖެޓަކުން
ސަލާމަތްނުވެފައެވެ. މައިގަނޑު ސަބަބަކަށް ވެފައިވަނީ ދެމެހެއްޓެނިވި ހޭދައަށްވުރެ
ރިކަރަންޓް ހަރަދުތައް އިތުރުވުމާއި އެކު ޓެކްސްއިން ލިބޭވަރު ނިސްބަތުން މަދުވުމުވެ.
ތާށި ފިސްކަލް ޕޮލިސީއެއްގެ ތެރޭގައި ޓެކްސް ނަގާމިންވަރު ބޮޑުކުރުމާއި އެކު ސަރުކާރުން
ކުރާ ހޭދަތައް ކުޑަކުރުމުން ފައިދާ ބަޖެޓެއް ލިބެއެވެ.
މަނިޓަރީ ސިޔާތު
ތާށިކުރުމާއި ހުޅުވާލުމާއި ފިސްކަލް ޕޮލިސީ ތާށިކުރުމާއި ހުޅުވަލުމަކީވެސް އިޤުތިސާދީ
ނަޒަރަކުން ވިސްނާއިރު ކުރަންޖެހޭ ރަނގަޅު ކަންކަމެވެ. ނަމަވެސް އެފަދަ ސިޔާސަތު
ކަނޑައަޅަނީ ހާލަތާއި ގުޅޭގޮތަށް އެބައެއްގެ އިޤުތިސާދު ބަރޯސާ ވެފައިވާ މައިގަނޑު
ކަންކަމަށާއި ނަފާވާ މިންވަރަށް ރިއަޔަތްކޮށްފައެވެ. މިފަދަ ބައެއް ސިޔާސަތުތައް
ހިންގާއިރު ބައެއްފަހަރަށް އަވަސް މުދައްތެއްގެ ތެރޭގައި ނަތީޖާ ފެންނަ އިރު
އަނެއްބައިފަހަރަށް ވަރަށް ދިގުމުއްދަތަކުންވެސް ނަތީޖާ ހާޞިލުކުރެވިދާނެއެވެ.
ކަންމިހެން ހުރިއިރު
މިފަދަ ކަންކަމަކީ ދެކޮޅަށްވެސް ވާހަކަދެއްކޭނޭ އަދި ބަހުސްކުރެވޭނޭ ކަންކަމެވެ. އިޤުތިސާދީ
ނަޒަރިއްޔާތުތަކަށް ހަވާލާދޭ އިރު ވަކިމިވެނިކަމަކީ ގޯސްކަމެކޭ
ނުބެނެވޭނެއެވެ. ކޮންމެ ގޮތަކަށް
ކޮށާމަށައިގެންވެސް ނަތީޖާ ނެރެފިނަމަ އެވަނީ ރަނގަޅުކަމަކަށެވެ. މީގެ އެންމެ ބޮޑު
ހެއްކަކީ ކްލެސިކަލް އިކޮނަމިސްޓުންގެ ވިސްނުމާއި ކެނީސިއަން ތިއަރީއާއި އޮންނަ
ބޮޑު ކޯޅުމެވެ. ކްލެސިކަލް އިކޮނޮމިސްޓުންނަކީ އިޤުތިސާދީ އިލުމު ފޮތްތަކުގައި
ލިޔެ އެންމެ ފުރަތަމަ ދުނިޔެއަށް ތަޢާރަފް ކުރި މީހުންނެވެ. އެއަށްފަހު ބޮޑު
ހަނގުރާމަގައި ދުނިޔެއަށް ކުރިމަތިވި ބޮޑުތަދުން އަރައިގަތުމަށްޓަކައި މަޝްހޫރު
އިކޮނަމިސްޓް ކޭންސް އޭނާގެ އަމިއްލަ ވިސްނުމެއް (ކޭނީސިއަން ތިއަރީ )
ތައާރަފްކުރިއެވެ. އަދި ހަތްދިހައިގެ އަހަރު ތަކުގެ ތެރޭގައި ޔޫރަޕްގެ
ގައުމުތަކަށް ދިމާވީ އިޤުތިސާދީ ހާއްސަ ހާލަތްތަކާއި ގުޅިގެން މިވިސްނުންތައް
ކަމުނުދާކަމަށްބުނެ ނިއޯ ކްލެސިކް ނުވަތަ ސަޕްލައި ސައިޑް އިކޮނޮމިސްޓުންތަކެއް
އާގޮތްތަކެއް ތައާރަފްކުރިއެވެ.
ނަމަވެސް މިއަދުގެ
އިޤުތިސާދީ ހަޤީޤަތަކީ ބުނެވިދިޔަ ކޮންމެ ވިސްނުމަކީވެސް އޭގެ ޒާތުގައި
ތަންފީޒުކުރެވިއްޖެނަމަ ރަނގަޅު ކަންކަމެވެ. މިއަދުގެ ކުރިއަރާފައިފާ
ޤައުމުތަކުގައި ނުވަތަ ފްރީ މާރކެޓް އިކޮނޮމީއެއްގައި ކްލެސިކަލް އިކޮނިމިސްޓުންގެ
ނަޒަރިއްޔާތުތަކަކީވެސް މުހިންމު އެއްޗަކަށްވާއިރު ތަރައްޤީވާން މަސައްކަތްކުރާ
ޤައުމުތަކުގެ ސިޔާސަތުތަކަށް ލޯހުޅުވާލާއިރު އެންމެ މުހިންމު ދައުރެއް އަދާކުރަނީ
ކޭންސް އިޤުތިސާދީ ނަޒަރިއްޔާތެވެ. މިއީ ފެންނައޮތް ހަޤީޤަތެވެ.
0 comments: