Home » , » ސިމާން

ސިމާން

Written By Afey Afra on Sunday 21 April 2013 | 22:51


"ހަޅަޔަށް ފެންއެޅުމަށްފަހު ދެންދަތުރުކުރެވޭނީ ވަރަށް ހުށިޔާރުވެގެން އެއްދުވަހު މަޑުވެފައި އޮތިއްޔާ ޖެހިގެން އަންނަ ހަތަރުދުވަހުވެސް އޮވެދާނެ ހަޅަވެފައި، މިހެންގޮސް ބަދުރުވާ ނަކަތްތަކާއި ހިސާބުން ކިރިޔާވެސް ކަނޑު ދަމާލާގޮތްވާނީ" މިއީ މީގެ ސަތާރަ އަހަރުކުރިން އަހަރެންގެ ކާފަ ބުނެފައިވާ ވާހަކައެކެވެ. މިވާހަކަ ޒުލޭއަށް ކިޔައިދިނުމުންވެސް ކުރެއް ނުކުރިއެވެ. ފްލައިޓުން ޖާގަ ނުލިބުނީމާ ދިމާކުރީ ލޯންޗުން ޓިކެޓް ނަގައިގެން ހިނދުންހިނދަށް ރަށަށް ދިޔުމަށެވެ. މިހާދުވަސްވީއިރު ޒުލޭއަށް އަހަރެންގެ ރަށް ދައްކާލަން ނުގެންދުވުމަކީ އަހަރެންނަށް ކުރެވިފައިވާ ވަރަށް ބޮޑު ބޭއިންސާފެކެވެ. އެހެންކަމުން މާވަރުތަކެއް ނާރުވާ އިރުވައި ހަޅައިގައި ދިއްދޫއަށް ދިޔުމަށް އަހަރެންވެސް އެއްބަސްވެ ދަތުރު ބަނދެފައި ލޯންޗަށް އެރީއެވެ. އަހަރެމެން ދެމަފިރިން ލޯންޗުގައި ހަމަޖެހިލިތަނާ، ސީމާ އިށީނީ އަހަރެމެން ކުރިމަތީގައި އިން ގޮނޑީގައެވެ.
އެވެސް ދެކޮޅުބަލާފައި ހުސް ގޮނޑިއެއް ނެތިގެންނެވެ، ހީވީ ފައިދަށުން ބިންގަޑުން ދަމައިގަތްހެންނެވެ. އަހަރެންގެ ވާއަތް ފަރާތުގައި އަހަރެންގެ އަންހެނުން ޒުލޭ އަހަރެންގެ ކޮނޑުގައި ބޯއަޅާލައިގެން އޮތެވެ. 5 ގަޑިއިރުގެ ދިގުރާސްތާއެއް ފެށިއިރު ކުރިމަތީގައި އިން ސީމާގެ 3 އަހަރުގެ ދަރިފުޅު އޭނާގެ އުނގުގައި ކިޔަމަންތެރިކަމާއިއެކު ބަސްއަހައިގެން ހައިރާންވެފައި އިނެވެ. އެއީ މަޑުމޮޅި ފިރިހެން ކުއްޖެކެވެ. ހުޅިގަނޑު ނަގާފައި އަންނަ ފަރުބަދައިގެ ރާޅުތަކުން ލޯންޗު ގަންބާފައިނަގާއިރު އަންހެނުން އޯކަށް ދެމި ހީވަނީ ދެންމެ ދެންމެ އެތެރެހަށި އެއްކޮށް ދޮވެލަފާނެހެންނެވެ. ކޮތަޅު އަތްމަތިކޮށްގެން ޒުލޭއަށް ފާރަވެރިވެގެން އަހަރެން އިންނައިރު، ސީމާގެ ނަޒަރު އަހަރެންނާއި ދިމާއަށް ވަގުކަޅިން ހުއްޓާލައެވެ. ސީދާސީދަލަށް އަހަރެންނާއި ދިމާއަށް ސީމާއަށް ބަލަން ނުކެރޭތާގައި އަހަންނަށްވެސް ސީމާއާއި ދިމާލަށް ބަލާކަށް ނުކެރުނެވެ. އަންހެނުންނަށް ޑަރުހީވެދާނެތީއެވެ. ސީމާ ގިނިކަންޏާއި އެކު ދަރިފުޅު ގޮވައިގެން ދަތުރުކުރަމުންދާއިރު ހަމްދަރުދީން ފުރިގެންވާ ނަޒަރަކުން އެދަރިފުޅާއި މެދު ބަލާލެވެއެވެ. ލޯބި ފުއްގަޑެކެވެ. ލިބިފައި އެހެރީ ސީމާގެ މޫނެވެ. ގައިގެ ކުލަ އަލިވެފައި، ލޯބި ތުންކޮޅެކެވެ. މޫނުމަތިން ފެންނަމުންދަނީ އުޖާލާކަމެވެ. ވަށައިގެން ފެންނަމުންދާ ގުދުރަތީ ރީތި މަންޒަރުތަކަށް އެކުޑަކުޑަ ލޮލުން ފޫހިކަމެއްނެތި ބަލަމުންދަނީ ވިސްނުންތެރިކަމާއި އެކުއެވެ. އެއީ ސިމާން އެވެ. ސީމާގެ ސިމާން އެވެ.


ށ.އަތޮޅު އޮބާލިތަނާ ވައިމަޑުވެ، މަޑުމަޑުން ކަނޑުގެ ބާނިތައް ދަމާލައި ވާންކޮށްލުމާއި އެކު ބޯއެނބުރުން ހަމައަކަށް އެޅި ޒުލޭވެސް ލޯދިލުވާލައިފިއެވެ. ވަށައިގެން ނަޒަރު ހިންގާލުމާއި އެކު ސީމާގެ އުނގުގައިވާ ކުޑަކުއްޖާއަށް ޒުލޭގެ ނަޒަރުވެސް ހުއްޓިއްޖެއެވެ. ސީމާ އާއި ދިމަބަލާލާފައި ޒުލޭ ހިނިތުންވެލިއެވެ. ސީމާގެ އުނގުގައި އިން ދަރިފުޅުގެ ކޮލުގައި ފިތާލާފައި ޒުލޭގެ އުނގަށް އެކުއްޖާ ގެނެސްފިއެވެ. އެވަގުތު ސީމާގެ މިޔަކަން ދެފަރާތަށް ދަމާލާފައި "ނުގޮތަކަށް" ހިނިތުންވެލިއެވެ. ސިމާންގެ ބޮލުގައި އަތްކާއްތާލުމަށްފަހު ޒުލޭގެ އުނގަށްލައިގެން އިދެ އިނގިލިތަކާއި ކުޅެންފަށައިފިއެވެ. ސިމާންގެ ލޯބިކަމުގެވާހަކަ އަހަރެން ކައިރީގައި ދައްކަން ފަށައިފިއެވެ. ލޯބިލޯބި ދަރިއަކު ބޭނުންވާކަމުގެ ޝުއޫރު ލޯންޗުމަތީގައިވެސް ތަކުރާރުކޮށްފިއެވެ. ސިމާންގެ އަތުގައިވާ ލަކުނުތަކުގައި ފިރުމާލާފައި ޒުލޭ ހައިރާންކަން ފާޅުކުރިއެވެ. އަދި އަހަންނަށްވެސް ސިމާންގެ އަތް ދައްކާލިއެވެ. ޑެސްފަރޯލް ލަކުނެވެ. އެއީ ލޭ އަޅާކުއްޖެކެވެ. ޒުލޭއަށް ހައިރާންކަން ލިބުނަސް އަހަރެން އެކަމާއި ހައިރާނެއް ނުވެއެވެ. އަހަރެންގެ ހިތުގައި ސިމާން އާއި މެދު އުފެދެނީ ހަމްދަރުދީއެވެ. ޒުލޭއަށް ސީމާ އަކީ ކާކަން ނޭގުނަސް އަހަރެން ސީމާގެ އާއިލާ ވަރަށް ރަނގަޅަށް ދަންނަމެވެ. ތިލަބަހުން ބުނާނަމަ އެއާއިލާ އަހަރެންވަނީ "ގިރައިގެން" ބޮއިފައެވެ. އެހާވެސް ފަރިތައެވެ. ޒުލޭ އަށް ސީމާއަކީ ކާކުކަން އެނގޭނަމަ ...... އެކުއްޖާފުޅުދެކެ އެހާ ލޯބިވާނެބާއޭ ނުވަތަ އެދެމައިންނާއި ދިމާއަށް ކަޅިހިންގާނީ ނަފުރަތުގެ ނަޒަރުންބާއެވެ، މިއީ އަހަރެން ހިތާހިތާކުރެވުނު ސުވާލެކެވެ.

އަހަރެން ސީމާ އާއި ލޯބީގެ ގުޅުން ކަނޑާލީ ގިނަދުވަސްތަކެއްގައި ރައްޓެހިވެގެން އުޅުމަށްފަހު މީގެ ތިންއަހަރު ކުރިންނެވެ. ސީމާ އާއި އަހަރެން ފުރަތަ ބައްދަލުވީ "ގ.މޫރިތިގެ" އިންނެވެ. އަހަރެން އެގޭގައި ކިޔަވަން ބަހައްޓާފައިހުއްޓާ ސީމާވެސް ކިޔަވަން އެގެއަށް އައެވެ. އަތޮޅު ކުއްޖަކަށްވާތީ ސުކޫލްދައުރު ފުރިހަމަ ކުރީ ވަރަށް އެކުއެކީގައެވެ. ސީމާއަށްވުރެ އެއްއަހަރު ކުރިން އަހަރެން ކިޔަވައި ނިމުމުން އަހަރެން ދިޔައި ވަޒީފާއަށެވެ. ސީމާ އެގޭގައި ހުއްޓައެވެ. އެހެންނަމަވެސް އަހަރެންގެ އޯލެވެލް އަހަރު ސީމާއަށް އަހަރެންގެ ހިތް ހަދިޔާކުރީމެވެ. އޯލެވެލް ނިންމުމަށްފަހު ވަޒީފާގައި މާލެއިން ބޭރުގައި ހުރިކަމުގައި ވިޔަސް ސީމާއަށް ބަރާބަރަށް ގުޅާ ލޯބީގެ މޮޅަތިހެން ހީވާ ލަފްޒްތައް ދުލުން ބޭރުކޮށް ހެދީމެވެ. ސީމާ ސްކޫލް ނިމޭނެ އިރަކަށް އަހަރެން އިތިޒާރުކޮށްކޮށް ހުރީމެވެ. އިންތިޒާރު އެގޮތަށް ކުރީ ކައިވެނީގެ ހިޔާލް ގެންގުޅޭތީކީ ނޫނެވެ. ސްކޫލް ނިމިއްޖެއްޔާ ތަންކޮޅެއް މިނިވަންކޮށް އަހަރެންނާއި އެކު ބޭރަށް ގޮސް އުޅެވޭނެކަމަށް އުންމީދުކުރާތީއެވެ. ކަންވީވެސް ހީކުރިގޮތަށެވެ. ސީމާ ސްކޫލު ނިންމުމާއި އެކު ހީވީ ޖަލަކުން މިނިވަންވިހެންނެވެ. ރަށަށްދާކަށް ކުޑަކޮށްވެސް ސީމާ ހިޔާލެއް ނުކުރެއެވެ. އޭލެވެލްއަށް ފާސްނުވީމާ ސީމާ ބޭނުންވީ ކޯހެއް ހެދުމަށް މަޑުކުރަށެވެ. އެއީ އަހަންނަށް ލިބުނު ފިސާރި ރަނގަޅު ރަނުގެ ފުރުސަތެކެވެ. އަހަންނަށް މާލެ އާދެވޭ ކޮންމެ ރެއަކު ސީމާ ގޮވައިގެން އެކެއް ދޭއް ޖަހަންދެން އެކިތަންތާގައި އުޅެވުނެވެ. އެދުވަސްތަކުގައި ލޯބީގެ ބަގީޗާގައި ނުފޮޅި ހުރި ހުރިހާމަލެއް ފޮޅުވިއްޖެއެވެ. އިހްތިޔާރުގައިވިޔަސް އަދި ބޭއިހްތިޔާރުގައި ވިޔަސް އެމާތަކުގެ ހުރިހާ ފޮނިކޮޅެއް އަހަރެންނަށް ބޯލެވުނެވެ. އިތުރަކަށް ބޯނެ ފޮންޏެއް ދެނެތްނެތޭ ހިތަށް އަރާ އަހަރެން ސީމާ އާއި ވަކިވީ އޭރު އަހަރެންގެ ހުރި ޖައްބާރުކަމާއި ޖާހިލްކަންމަތީގައި ޒުލޭއާއި ހިތާވުމަށެވެ. ހަވާސާއިން ބޭރުގައި ސީމާއަށް "ލަނޑެއް" ދީފައެވެ. ޒުލޭއާއި ކައިވެނިކުރިފަހުން އަހަރެން ހަމަމަގަށް އެޅި ޒިންމާދާރުވީމެވެ. މިހާރު އަހަރެން ދިރި އުޅެމުން މިގެންދަނީ "ސަޅި" ދިރިއުޅުމެކޭ ކޮންމެ މީހަކުވެސް ބުނާނެތެވެ. ހުރިހާ ކަމެވެސް ބަރާބަރެވެ. މައްސަލައަކީ އެންމެ މައްސަލައެކެވެ. ތާއަބަދުގެ ހިތާމައެވެ. ނުހުރުޖުފުށުގައި އަނދިރިހަޔާތެއް ވާތީ އެކަމާއި ކުރާ ހިތާމައެވެ.

ކުއްލިއަކަށް ލޯންޗުގެ ދުވެލި މަޑުކޮށް، ދިއްދޫގެ ކަނޑިންމައިން ވައްދާލުމާއި އެކު މީހުންތައް ހަލަބޮލިވެގެންފިއެވެ. ސީމާގެ ދަރިފުޅުވެސް "އަނގަފަޅައިގެން" ވާހަކަދައްކަން ފަށައިފިއެވެ. ރަށަށް އާދެވުމުގެ އުފާވެރިކަން އެކުޑަކުޑަ ކުއްޖާވެސް ފާޅުކުރިއެވެ. މިއީ ރަށްނޫންކަމާއި އަދި އެއްފަހަރު ދަތުރެއް ކުރުމަށްފަހު ރަށަށް ދާނީ އެއޮތް ލޯންޗުގައި ކަމަށް ބުނެ ސީމާގެ ޝަހާދަތް އިނގިލި ޖެޓީކައިރީގައި އޮތް އެހެން ލޯންޗަކަށް ދިއްކޮށްލައި ސިމާންއަށް ދައްކާލިއެވެ. ބަނދަރަށް ފޭބިތަނާހެން ދެމައިންގެ އިސްތިޤުބާލުގައި ހުރި ފިރިހެނަކުއައިސް ސިމާން އުރާލިއެވެ. އެއީ ސީމާގެ ފިރިމީހާއެވެ. ބައްޕައަކާއި ދަރިއަކާއި ދެމެދު އޮންނަ ފުރިހަމަ ކުލުނާއި ގުޅުން "އެދެބަފައިން" ގެ ދެމެދުގައި އޮތެވެ. އެދަނީ ހޯރަފުއްޓަށް ދިއުމަށް ލޯންޗަށް އަރާށެވެ. އަހަރެންގެ ލޮލުން ވެއްޓިގެން ދިޔައީ އަސަރުން ފުރިގެންވާ ކަރުނަތިއްކެކެވެ. މާޒީގެ ފުން ހަނދާންތައް އާލާވިއެވެ. ގަބުއަރާފައި ސިމާންއާއި ދިމަ ބަލަހައްޓައިގެން ހުރެވުނެވެ. އެއީ ހަމަ ސީމާއެވެ. ކުޑަކުޑަ ސީމާއެކެވެ. ހަރާކާތްތައްވެސް އެހެރީ ހަމަ ސީމާގެ ފުށުން ވާރުތަ ކޮށްފައެވެ. މަންމަގެ ހުރިހާ ސިފައެއް އެދަރިފުޅުގެ ބޭރުފުށުން ފެންނަން އެބަހުއްޓެވެ. އަހަރެންގެ އެއްވެސް ސިފައެއް އޭނާގެ ގައިގާ ނެތީ ކީއްވެބާއޭ؟ ނާސީބުބާއޭ؟ އެއީ ވަގުތީ "މަކުރެވެރި" ދުނިޔޭގެ ލަދުން އަހަރެން ސަލާމަތްވުމަށް ނިޔާކަނޑައެޅިފައިވާ ގޮތެވެ. އެއީ އަހަރެންގެ ދަރިފުޅެވެ. އަހަރެންގެ ލެއެވެ. އަހަރެންގެ އަލަތު އަނބިމީހާއަށް މަރުހަބާކިޔަން އައިސް ހުރި އަހަރެންގެ މުސްކުޅި މައިމީހާގެ އަލަތު މާމަ ދަރިއެވެ. (ނިމުނީ)
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved