Home » , » މުޖުތަމަޢުގެ ވިންދާ ފިކުރުގެ ހައިބަތު ބޮޑުވަނީ ކީއްވެ؟

މުޖުތަމަޢުގެ ވިންދާ ފިކުރުގެ ހައިބަތު ބޮޑުވަނީ ކީއްވެ؟

Written By Afey Afra on Saturday 20 April 2013 | 01:53


އުމާރާނީ ގޮތުން ބަލާއިރު ވިލެޖުތައް އަވަށްތަކަށް، އަވަށްތައް ސިޓީ ތަކަށް ބަދަލުވުމުގައި ފިނިހަކައިގެ ދުވެލި ފެންނަމުން ދިޔަކަމުގައި ވީނަމަވެސް ވިސްނުމުގެ ގޮތުން އިންސާނާ މިވަނީ އުމުރާނީ ތަރައްޤީ އަށް ގޮންޖަހާފައެވެ. މުޖުތަމަޢު އިއްޔެގައި ބަލައިނުގަނެ އެކަމަށް ނަފުރަތު ކުރި ކިތަންމެ ކަމެއް ސޯޝަލީ އެޕްރޫވްޑް ޓެގް ޖަހާ އިޖުތިމާޢީ ގޮތުން މިއަދު މިވަނީ ބަލައި ގަންނަން ފަށާފައެވެ. ވިސްނާ ފިކުރުކޮށްފިނަމަ މިކަމުގެ ފޮރުވިފައިވާ ހަޤީޤަތަކީ އިންސާނުންގެ ވިސްނުމަށް އަންނަމުންދާ ބަދަލުތަކެވެ. މިއަދުގެ ޖީލަށް ވިސްނާއިރު އިޖުތިމާޢީ ގޮތުން އިންސާނުންގެ ސިކުނޑިއަށް އަންނަ ތަރައްޤީއަކީ ހަލުވި ދުވެލީގައި އަތުފަތު ނުޖެހޭ ވަރަށް ބާރަށް ބަދަލަވަމުންދާ އެއްޗެއްކަން ވަރަށް ރަނގަޅަށް މިދަނީ ފެނި އެކަން ސާބިތުވަމުންނެވެ.


އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަކީވެސް ޒަމާންވީ ދައުލަތެކެވެ. ތާރީޚީ ދިގު ޒަމާން ތަކަކާއި އެކު ޤާނޫނުނާއި ޤާވާއިދުތައް ފޮތްފޮތުގައި ލިޔެގެން، އަދި ޒަމާނަށް އަންނަ ބަދަލާއި ގުޅިގެން އެއަށްވެސް ގެންނަން ޖެހޭ ބަދަލުތައް މަދުން ނަމަވެސް ގެންނަމުންދެއެވެ. ނަމަވެސް މަޒީވީ ސަފްހާތަކަށް ބަލާއިރު އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން އެގަވާއިދުތައް ލޮލުންދެކި އޭގާއި ވަކި ގޮތަކަށް ލިޔެފައިވާތީއޭ ކިޔާފައި ދިރިއުޅުން ބައްޓަން ކުރީ ކިތައްމީހުން ހެއްޔެވެ. ނަމަވެސް އެބައިމީހުންގެ ތެރެއިން ބޮޑު އާބާދީއެއް ދުނިޔެ އަޅާ އެދިޔައީ އެއްވެސް މައްސަލައެއް ނުޖެހި ދުނިޔެ އާރާސްތު ކުރުމަށް ދުނިޔޭގައި ދިރިއުޅެފައެވެ. އެމީހުން ދިރިއުޅުނީ އެވަގުތެއްގައި މުޖުތަމައު ބަލައިގަންނަ ކަންތައްތަކަށް ތަބާވެގެންނެވެ. ޤަނޫނުނެއް ޤާވާއިދެއް އެނގުނަސް ނޭގުނަސް އެމުޖުތަމައެއްގެ ވިންދާއި ފިކުރު ހުންނަ ގޮތަކަށް ދިރިއުޅުން ފަރުމާކޮށްލައިފި ނަމަ އެމީހަކީ މީހުން ބަލައިގަންނަ މީހަކަށްވެއެވެ. ކުރެވޭ ކޮންކެ ކަމެއްވެސް އިޖުތިމަޢީ ގޮތުން ބަލައިގަނެފިނަމަ އެކަމަކީ ހުއްދަ ނުވަތަ ރަނގަޅު ކަމެއްގެ ގޮތުގައި ބެލެވެއެވެ. އެއީ ޤަވާއިދާއި ޚިލާފަށް ކުރެވުނު ކަމެއްނަމަވެސް މުޖުތަމަޢު އެކަމަށް މަރުހަބާ ކިޔައިފި ނަމަ އެކަމުގެ ނަތީޖާ އަކީ ގޯސް ނަތީޖާއަކަށް ނުވެއެވެ. އަޅުގަނޑުގެ ނަޒަރުގައި ދީނީ ގޮތުންނައި އިޖުތިމާޢީ ގޮތުން އަދި ސިއްހީ ގޮތުން އެކަމަކަށް މަރުހަބާ ކިޔާ ކޮންމެ ކަމަކީ ރަނގަޅު ކަންކަމެވެ. މިނޫން ކޮންމެ ކަމަކީ ޤަވާއިދާއި ޚިލާފް ކަންކަމެވެ. މުޖުތަމައުގެ ވިންދާއި އެއްގޮތަށް ޤަނޫނެއް ލިޔެފައި އޮތުމުގެ ބޭނުމަކީ މިއީ އެވެ.

ބަޔާންކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް ވަރަށް ތިލަކޮށް މިސާލެއް ޖަހާނަމަ އަޅުގަނޑުގެ ހަނދާނަށް އަންނަނީ ރިޕޯޓް ފޯމްގެ ނުހުރުޖު ފުށުގައިވާ ސުކޫލުކުދިންގެ ޤަވާއިދެވެ. އެޤަވާއިދަކީ އެއްޒަމާނެއްގައި މުޅި މުޖުތަމައު ބަލައިގަނެ އެކަމަށް ބޯލަނބާ، އަދި ސްކޫލުތަކުން ހެސްކިޔާފައި ތަންފީޒު ކުރަމުންދިޔަ ޤަވާއިދެކެވެ. އަދި އެޤަވާއިދަށް ބޯނުލަބާ ކުދިންނަކީ އިޖުތިމާޢީ ގޮތުން ބަލައި ނުގަންނަ ކުދިންނަށް އޭރުވަނީ ވެފައެވެ. ނަމަވެސް  ދީނީ ގޮތުންނާއި އެހެނިހެން ޢިލުމީ ފަންނު ތަކުން މީހުންގެ ސިކުނޑިތައް ހުޅުވި އިޖުތިމާޢީ ގޮތުން އައި ހަލުވި ބަދަލާއި އެކު މިދެންނެވުނު ޤަވާއިދު ތަންފީޒު ކުރުމުގައި މިހާރު ސުކޫލްތައް ވަނީ ނުކުޅެދިފައެވެ. ސަބަބަކީ އެއަށް އަމަލު ނުކުރިއަސް މުޖުތަމަޢު އެކަމަށް މަރުހަބާ ކިޔުމެވެ. އޭގައިވާ ގިނަ ކަންކަމަކީ "އޮއްޓަރެއް ނެތް" ކަންކަމަށް އިޖުތިމަޢީ ގޮތުން މިއަދު ބެލެވިފައިވަތީއެވެ.

މީގެ އަނެއްކޮޅަށް ވިސްނާލާއިރުވެސް މިކަންކަން ދަނީ ހަމަ މިމަގުންކަން މިއޮތީފެންނާށެވެ. ތަންކޮޅެއް ދުރުން މުޅި ދުނިޔެއަށް މިސާލެއް ޖަހާމަ ހިންގާށެވެ. ކައިވެންޏާކީ ޔުނިވާރސަލް ފިނޯމިނާއެކެވެ. މުޅިދުނިޔޭގައި ހުރިހާ ދީނެއްގައިވެސް އަދި ހުރިހާ މުޖުތަމައެއްގައިވެސް އެކަމަކީ ކުރެވޭކަމެވެ. ކައިވެނި ކައިވެންޏަކަށް ވަނީ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށް މުޖުތަމައު އެކަން ބަލައިގަންނަ ހިސާބުންނެވެ. މުޖުތަމައު އެކަން ބަލައިގަންނާނި މުޖުތަމެއްގައި އުޅޭ ބަޔަކު ގަބޫލު ކުރާ ދީނަކާއި އެއްގޮތަށް އެކަން ކުރީމައެވެ. އެގޮތުން އެއްވެސް ދީނެއް ޤާބޫލު ނުކުރާ މީހަކު ދީނެއް ޤަބޫލު ކޮށްގެން ހުރި މީހަކާއި ކައިވެނި ކުރާނަމަ ދީން ގަބޫލު ނުކުރާމީހާވެސް ހިނދުކޮޅަކަށް ނަމަވެސް ކައިވެނި ކުރެވޭ މީހާ ޤާބޫލު ކުރާ ދީނުގައި އޮންނަ ގޮތަށް ތަބާވެ ކައިވެނީގެ ކަންކަން ނިންމަން ޖެހެއެވެ. އެއީ މުޖުތަމައުގެ ރުހުން ހޯދުމަށެވެ. އިޖުތިމަޢީ ގޮތުން އެކަން އެޕްރޫވް ކުރުމަށެވެ.

ވީމާ އިޖުތިމަޢީ ގޮތުން ބަލައިގަނެވޭ ކަންކަމަކީ އެންމެ ރަނގަޅު އަދި އޮއްޓަރު ހުރި ކަންކަމަށް ވާއިރު އިޖުތިމާއީ ގޮތުން ބަލައި ނުގަންނަ ކަންކަމަކީ ގޯސް އަދި "ދެއުޅިއެއް ނުވާ" ކަންކަމެވެ. ބަދަލުވަމުންދާ ދުނިޔޭގެ އަސްލަކީ އިންސާނާގެ ވިސްނުމަށް އަންނަ ބަދަލެވެ. އިންސާނާގެ ވިސްނުމަށް އަންނަ ބަދަލު ބިނާވެފައި އޮންނަނީ ހަސިލުކުރެވޭ ތައުލީމަށެވެ. ޓެކްނޮލޮޖީ ގޮތުން އަންނަ ކުރިއެރުމަށެވެ. މާސްމީޑިއާގައި ޕްރޮޕެގޭޓް ކުރާ ކަންކަން ޤަބޫލު ކުރާ މިންވަރަށެވެ. މަދަނީ ތައުލީމު އުނގެނޭ އުގެނުމަށެވެ. ދީނީ ގޮތުން ވިސްނުމާއި ފިކުރު ގެންގުޅޭ މިންވަރަށެވެ. އަމިއްލައަށް ބުއްދިކުރާ ކުރުމުގެ މައްޗަށެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved