Home » » ޖަޒުބާތީ ތޫނުފިލިކަން - ކާމިޔާބުގެ ތަޅުދަނޑިފަތީގައި ހިމެނޭ މުހިންމު ތަޅުދަނޑިއެއް

ޖަޒުބާތީ ތޫނުފިލިކަން - ކާމިޔާބުގެ ތަޅުދަނޑިފަތީގައި ހިމެނޭ މުހިންމު ތަޅުދަނޑިއެއް

Written By Afey Afra on Monday 15 April 2013 | 08:08


ތޫނުފިލިކަން ނުވަތަ އިންޓެލިޖެންސްއޭ އާއްމު ގޮތެއްގައި ކިޔައި އުޅޭނީ ވިސްނުމުގެ ތަނަވަސްކަން ބޭނުން ކޮށްގެން އެމީހަކު އަމިއްލައަށް ނެރޭ ނަތީޖާއެއްގެ ބުރަދަނަށެވެ. ޢިލުމީ ގޮތުން ތޫނުފިލިކަން ބައިބަޔަށް ބަހާލެވިފައިވާއިރު މިދެންނެވުނު ތޫނު ފިލިކަމުގެ އިތުރުން ޖަޒުބާތީ ތޫނުފިލިކަން ނުވަތަ އިމޯޝަނަލް އިންޓެލިޖެންސް އަކީ މީހާގެ ދިރިއުޅުމުގެ ކަންކަން ކަމިޔާބު ކުރުމުގެ މައި ތަޅުދަނޑިއެވެ. ދުނިޔޭގެ އާޖުފާޖު އެނގުމާއި އެކު އެހެން މީހުންގެ އިހުސާސްތައް ދެނެގަނެ މީހާގެ އަމިއްލަ ޒާތީ ދިރިއުޅުމާއި ވަޒީފާގެ މައިދާނުގައި ކާމިޔާބުވުމާއި ނުވުން އެމީހެއްގެ ޖަޒުބާތީ ތޫނުފިލިކަމާއި ގުޅި ލާމެހިފައިވެއެވެ. އަދި އެމުނިއެކުލެވިގެން އިޖުތިމާއީ ދިރުއުޅުމުގެ ތެރެއިން އަނެކާގެ އިހުސާސްތައް ރަނގަޅަށް ދެނެގަނެ އެކަމަށް އިހުތިރާމު ކުރުމުގެ ސިފަވެސް ގުޅިފައިވަނީ ޖަޒުބާތި ތޫނު ފިލިކަމުގެ މައްޗަށެވެ.

ޖަޒުބާތީ ތޫނުފިލިކަމުގެ ސިފަތަކަށް ނަޒަރެއް ހިންގާލާއިރު، އެކަންކަން ގުޅިފައިވަނީ އެމީހެއްގެ ކުޑައިރުގެ މާހައުލުން ކުރެވިފައިވާ ތަޖުރިބާތަކާއި އަދި ފަހުން ދަސްކުރާ ދަސްކުރުންތަކަކުން ނިކުންނަ ނަތީޖާއެއްގެ މައްޗަށެވެ. އެގޮތުން ޖަޒުބާތީ ހާލަތްތަކުގައި އެމީހެއްގެ އަމިއްލަ ހުނަރާއި އެކު  ނަފްސު ކޮންޓްރޯލް ކުރަން އެނގުމާއި، ދިމާވާ އެކިއެކި ދަތިހުރަސްތަކާއި، އުއްމީދު ނުކުރާ އަދި ދެކެން ބޭނުންނުވާފަދަ ކުއްލި ހާލަތްތަކުގައި އެންމެ ރަނގަޅު މަގުން ކަސިޔާރުނުވެ ހަރަކާތްތެރިވާން އެނގުމާއި އެކު ޖަޒުބަތެއްގައި ޖެހިފައި ހުރި މީހަކު އެމަޅިން ސަލާމަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން ހިމެނެއެވެ.
މައިގަނޑު ގޮތެއްގައި ހަތަރު މަރުހަލާއަކަށް ބަހާލައިގެން މިދެންނެވުނު ތޫނުފިލިކަން ބޭނުން ކުރެވިދާނެއެވެ. އެގޮތުން އެންމެ ފުރަތަމަ ޖަޒުބާތު ރަނގަޅަށް ދެނެގަތުން، އެގޮތުން ތިމާ އަމިއްލައަށް ކުރެވިފައިވާ ތަޖުރިބާތަކާއި އެކު ޖަޒުބާތީ ހާލަތްތައް ދެނެގަނެ އެހެން މީހަކު ބަސްބުނުމަކާއިނުލާ އޭނާގެ އަމަލުންނާއި ހަރަކާތްތަކުން އަދި މޫނުމަތިން ފެންނަ ކުލަވަރުން އެމީހާއަކީ ޖަޒުބާތެއްގައި ޖެހިފައިވާ މީހެއްކަން ދެނެގަތުން. ދެވަނަ މަރުހަލާގައި އޭނާގެ އިހުސާސްތައް ދެނެގަނެ އެއިހުސާސްތަކާއި އެންމެ ކަށީގެންވާގޮތަކަށް ހަމަބިމުގައި ހުރެގެން އޭނާއާއި ކުރިމަތިލައި ވާހަކަދެއްކުމުން ގިނަފަހަރަށް ވެގެން އުޅޭގޮތް ސާފުވެގެން ދާނެއެވެ. އެއަށްފަހު އަނެކާއަށް ދިމާވެފައިވަނީ ހިތާމަވެރި، ބިރުވެރި، އުފަވެރި، ރުޅިވެރި، ހިތްދަތި ނުވަތަ ކަންބޮޑުވުން ހިމެނޭ ޖަޒުބާތެއްކަން ދެނެގަނެވޭނެއެވެ. މިސާލަކަށް ކުޑަކުއްޖަކު މާޔޫސްވެފައިވަނީ ކޮންމެވެސް ބޭނުންވާ ކަމެއް ނުވެގެންކަން ނުވަތަ ކަންބޮޑުވެފައިވަނީ އޭނައަށް ކޮންމެވެސް ކަހަލަ އަނިޔާއެއް ލިބެމުންދާތީކަން ސީދާ ސީދަލަ ދެނެގަނެވޭނެއެވެ. އެންމެ ފަހުމަރުހަލާގައި އެކަންކަމުން އެމީހަކު ދުރުކޮށް ލިބިފައިވާ ތަޖުރިބާ އައި ޢިލުމުގެ އަލީގައި އެމީހެއް ރަނގަޅު މަގަށް އަޅުވާ އޭނާގެ ޖަޒުބާތުތައް ނިއުޓުރަލް ކުރުމަށް މަސައްކަތްކުރުމަށް މަގު ފަހިވެގެން ދާނެއެވެ. ޖަޒުބާތީ ތޫނުފިލިކަމުގެ އެންމެ މުހިންމު ކަމަކީ އެހެން މީހުން ހަމަމަގަށް އެޅުވުމާއި އެކު ތިމާ އަމިއްލައަށް އިހުސާސްކުރެވޭ ޖުޒުބާތުތައް މެނޭޖުކުރަން އެނގުމެވެ.

ޖަޒުބާތީ ތޫނުފިލިކަން ލިބުމުގައި އަޅުގަނޑުގެ ނަޒަރުގައި ދެޖީންސްގެ މީހުންނަށް އެކިއެކި ގިންތިތަކުގައި ތަފާތުތައް ހުރެދަނާއެވެ. އެގޮތުން އަނެކާގެ އިހުސާސްތައް ދެނެގަތުމާއި އަޅާލުމުގައި އަންހެނުން ފިރިހެނުންނަށްވުރެ ހޭލުންތެރިކަން އިތުރުވެއެވެ. އަދި ދިމާވާ ކަންބޮޑުވުންތަކާއި ހާސްކަމުގެ ތެރޭގައި އެކަންކަން ކޮންޓްރޯލް ކުރުމުގައި ގިނަ ފިރިހެނުންނަށް އަމިއްލަ އިތުބާރު އޮވެއެވެ. ނަމަވެސް ޖުމުލަ ގޮތެއްގައި ޖަޒުބާތީ ތޫނު ފިލިކަމަކީ ދެޖީންސްގެ މައްޗަށްވެސް ހަމަހަމަކޮށް އޮންނަ ކަމެކެވެ.

ދިރިއުޅުމުގެ އުފާވެރިކަމާއި ކާމިޔާބު ގުޅިފައިވަނީ ޖަޒުބާތީ ތޫނު ފިލިކަމާއެވެ. އަޅުގަނޑުގެ ނަޒަރުގައި ކުރިން ދެންނެވުނު ފަދައިން ސިކުނޑީގެ ތޫނު ފިލިކަމާއި، ޖަޒުބާތީ ތޫނުފިލިކަން އަޅާކިޔާއިރު އިންޓަރވިއު އަކުން ފާސްވުން ބިނާވެގެން ވަނީ ސިކުނޑީގެ ތޫނު ފިލިކަމުގެ މައްޗަށެވެ. ނަމަވެސް ވަޒިފާގައި ދެމިހުރުން ބިނާވެގެން ވަނީ އެމީހެއްގެ ޖަޒުބާތީ ތޫނުފިލިކަމުގެ މައްޗަށެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved