Home » , , » މަނިޓަރީ ސިޔާސަތު ތާށިކުރަނީ ކީއްކުރަން؟

މަނިޓަރީ ސިޔާސަތު ތާށިކުރަނީ ކީއްކުރަން؟

Written By Afey Afra on Saturday 2 March 2013 | 07:42


މަނިޓަރީ ޕޮލިސީއެއް އޮތުމުގެ މަގަނޑު ބޭނުންތަކުގެ ތެރޭގައި އަގުތައް އެވަރެއްގައި ހިފެހެއްޓުމަށް ބާރުއެޅުމާއި، އިގުތިސާދީ ނާރެސް ހަރުދަނާކުރުން ހިމެނެއެވެ. އެގޮތުން ތާށި މަނިޓަރީ ޕޮލިސީއެއް ތަންފީޒު ކުރަން ފެށުން ނުވަތަ މަނިޓަރީ ސިޔާސަތު ފިއްތާލަން މަޖުބޫރުވާ މައިގަނޑު އެއްކަމަކީ އުއްމީދު ކުރެވިފައިނުވާ ވަރަށް ބާޒާރުގައި އަގުތައް އުފުލުން ނުވަތަ އިންފްލޭޝަން މައްޗަށް ދިއުމެވެ. އާއްމުގޮތެއްގައި އިންފްލޭޝަން މިބަސް ބޭނުންކޮށް އުޅެނީ ބާޒާރުގައި އާއްމު އަގުތައް އުފެލުމުންދާ އުފުލުމަށެވެ. ނަމަވެސް މިދެންނެވުނު ފަދައިން އަގުތައް އުފުލުމާއި އެކު ފައިސާގެ އަގު ދައްވަމުންދާ ދައްވުމަށްވެސް އިންފްލޭޝަން ބޭނުންކުރެވިދާނެއެވެ.


އިގްތިސާދީ ނަޒަރަކުން ވިސްނާއިރު އިންފްލޭޝަން މައްޗަށް ދާން ދިމާވާ މައިގަނޑު ސަބަބަކީ އިގުތިސާދުގެ ތެރޭގައި ހިސާބަށްވުރެ ގިނައިން ފައިސާތައް ދައުރުވަން ފެށުމާއި އެކު އެގްރިގޭޓް ޑިމާންޑް މައްޗަށް ދިއުމެވެ. މިކަމުގައި ފޮރުވިފައިވާ ހަޤާޤަތަކީ މުސާރަތައް ބޮޑުވުމާއި، ގިނަވަޒިފާތަކެއް އުފެދުމާއި އެކު މީހުން ކުރާ ހޭދަތައް އިތުރުވުމެވެ. ކަންމިހެން އޮތް އިރު، އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް މަނިޓަރީ ސިޔާސަތު ތާށި ކުރުމަކީ ދުނިޔޭގައި ޒަމާނުއްސުރެވެސް ބޭނުންކުރަމުން އަންނަ އެންމެ އަސާސީ އުކުޅެވެ. އެގޮތުން މަނިޓަރީ ސިޔާސަތު ތާށިކުރުމުގައި ދުނިޔޭގެ އާރުލާ ބޮޑަތި މަރުކަޒީ ބޭންކްތަކުން މަގައިނޑު ގޮތެއްގައި ކޮށްއުޅޭ ކަމަކީ އިންޓަރެސްޓް ރޭޓް ބޮޑު ކުރުމެވެ.

އިންޓަރެސްޓް ރޭޓް ބޮޑު ކުރުމުގެ ސަބަބުން އެގްރިގޭޓް ޑިމާންޑް ދައްވެގެން ދެއެވެ. އެގޮތުން އަގުތައް ދައްވުމަށް ބާރުއެޅިގެން ދެއެވެ. އިންޓަރެސްޓް ރޭޓް ބޮޑުކުރުމުން އެގްރިގޭޓް ޑިމާންޑް ދައްވުމަށް ދިމާވާ ސަބަބުތަކަކީ ފައިސާ ހޯދުމުގައި ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ވިޔަފާރިކުރާ ފަރާތްތަކާއި ކޮންސިއުމަރުންވެސް އިންވެސްޓް ކުރުމަށާއި ހޭދަކުރުމަށް މޭކަރައިގަނެ، ފައިސާ ރައްކާކުރުމަށް ފަރުވާތެރިވުން އިތުރުވުމެވެ. އެގޮތުން ދައުރުވާ ފައިސާ މަދުވުމާއި އެކު ފައިސާގެ އަގު އުފުލި އެކްސްޗޭންޖް ރޭޓްވެސް ދައްވުމަށް އިތުރު ބާރަކަށް ވެގެން ދެއެވެ.

މިނިމަމް ރިޒާވް ރިކުއާމަންޓް ނުވަތަ ކޭޝް ރިޒާވް ރޭޝިއޯ އަކީ އެޤައުމެއްގައި ހުންނަ ވިޔަފާރި ބޭންކުތަކުން ކުރާ މުއާމަލާތުގެ ކަނޑައެޅިފައިވާ ވަކި އިންސައްތައެއްގެ ނަގުދު ފައިސާ މަރުކަޒީ ބޭންކްގައި ރައްކާކުރުމެވެ. މިދެންނެވުނު އިންސައްތައަށް ބަދަލު ގެނެސް ބޮޑު ކޮށްލުމުގެ ސަބަބުން ގިނައަދަދެއްގެ ފައިސާ އިޤުތިސާދުގެ ތެރެއިން ގެއްލުވާލެވޭނެއެވެ. އަދި ބޭންކުތަކަށް ލޯން ދިނުމުގައި ދަތިތަކާއި ކުރިމަތިވުމުގެ ސަބަބުން ފައިސާތައް މަދުކުރެވޭނެއެވެ.

މީގެއިތުރުންވެސް އޯޕަން މާރކެޓް އޮޕަރޭޝަންގެ ތެރެއިން ފައިސާ ޗާޕުކުރުން މަދުކުރުމާއި އެކު ބޭންކުތައް ވަރުބަލިކޮށްލުމުގެ ނިޔަތުގައި ދިގުމުއްދަތަކަށް އަމާޒުކޮށްގެން ސަރުކާރަށް ފައިސާ ގަތުމަށްޓަކައި "ގަވާރމެންޓް ބޮންޑްސް" ފަދަ ހަތިޔާރު ތައާރަފް ކުރެއެވެ. މިހުރިހާ ކަންކަމަކީވެސް މަނިޓަރީ ސިޔާސަތު ތާށިކޮށް ފިއްތުމަށް ކޮށް އުޅޭ ކަންކަމެވެ.

ނަމަވެސް އިންޓަރެސްޓް ރޭޓް ބޮޑުކޮށްގެން އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނަގާފާނެއެވެ، އެގޮތުން ހަމަޔަކަށް އެޅުމަށްޓަކައި ދޮޅު އަހަރަށްވުރެ ގިނަދުވަސް ވެސް ނަގައެވެ. އަދި އިންޓަރެސްޓް ރޭޓު ބޮޑުކޮށްގެން ކޮންމެ ފަހަރަކު ތަކެތީގެ އަގު އުފުލުން ކޮންޓްރޯލް ނުކުރެވި ހިނގައިދާނެއެވެ، އެގޮތަށް އެކަން ދިމާވަނީ ރައްޔިތުންނަށް އޮންނަ އިތުބާރެއްގެ ސަބަބުން ނަގަމުންދާ ލޯނުތައް ނެގުން ހުއްޓާނުލުމާއި، ކުރަމުންދާ އިންވެސްޓްތަކާއި ހޭދަތައް މަދުނުކޮށް ކެހެރުވަކެކޭވެސް ހީނުވާފަހަރު އަންނާތީއެވެ. މީގެއިތުރުން ކޯސްޓް ޕުޝް އިންފެލޭޝަން (މިސާލަކަށް ތެލުގެ އަގު ބޮޑުވުން) ފަދަ ކަންކަމަށް ޓާގެޓެކޮށްފައި މަނިޓަރީ ޕޮލިސީ ތާށި ކުރުމުން އެކަމުގެ ގެއްލުން ހަމަ ޔަޤީނުންވެސް އިޤާތިސާދަށް ކުރާނެއެވެ.

ޤައުމެއްގެ މަނިޓަރީ ޕޮލިސީ ތާށިކުރުމަކީ ތަކެތީގެ އަގުއުފުލުން ކޮންޓްރޯލް ކުރުމަށް ބެހެއްޓޭ އެންމެ މުހިންމު އަދި އެންމެ އަސާސީ ހަތިޔާރެވެ.
Share this article :

3 comments:

ލިޔުމާއި ގުޅިގެން ޝުއޫރު ފާޅުކުރެއްވުމަށް ތިރީގައިވާ (ކޮމެންޓް އޭސް) ގޮޅިން ބޭނުންވާ ގޮތެއް ހިޔާރުކުރެއްވާ

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved