Home » , » އަމިއްލައަށް މަރުވުމާއި އިޖުތިމާޢީގޮތުން ގުޅިލާމެހުން

އަމިއްލައަށް މަރުވުމާއި އިޖުތިމާޢީގޮތުން ގުޅިލާމެހުން

Written By Afey Afra on Saturday 2 March 2013 | 03:03


އިންސާނާގެ ހަޔާތް އެފުށްމިފުށަށް ބަދަލުކޮށްލުމުގައި މުޖުތަމަޢެއް ނުވަތަ އޭނާގެ ވަށައިގެންވާ މާހައުލު މުހިންމު ދައުރެއް އަދާކުރެއެވެ. އެގޮތުން އިންސާނުން ކުރާ ކޮންމެ އަމަލެއްވެސް ބިނާވެފައިވަނީ މުޖުތަމަޢު އެމަލު ބަލައިގަތުމާއި ބަލައި ނުގަތުމުގެ މައްޗަށެވެ. އިންސަނާގެ މުޅި ހަޔާތް ބިނާ ވެފައިވަނީ އޭނާ އެވަގުތަކު ދިރިއުޅެމުންދާ މާހަލެއްގެ ނުފޫޒުގެ ދަށުގައެވެ. އިންސާނުން އެކިއެކި ސަބަބު ތަކާއި ހުރު އަމިއްލަ އަށް މަރުވަމުންދާ ދިޔުމުގައި ކޮންމެސް ވަރަކަށް މުޖުތަމުގެ ހިއްސާއެއް އިޖުތިމާޢީ ނަޒަރަކުން ބަލާއިރު ވާކަމަށް އަޅުގަނޑަށް ފާހަގަކުރެވެއެވެ. އަމިއްލައަށް މަރުވާ ސަބަބަބެއްކަމަށް މައިގަނޑު ގޮތެއްގައި ބުރަވެފައިވަނީ އެވަގުތާއި ހާލަތާއި ގުޅޭ ގޮތުން އެމީހަކު އަމިއްލައަށް ކޮންމެވެސް ސަބަބަކާ ހުރެ ދުނިޔޭގައި ހުރުމުގެ ބޭނުން ނެތުމެވެ.  މިވިސްނުން އިންސާނާގެ ސިނކުޑިއަށް އެވަގުތު އެވެރިވަނީ މުޖުތަމަޢުގައި ދިރިއުޅެމުންދާއިރު ދިމަވާ ކޮންމެވެސް ކަންތައްގަނޑަކާއި ހުރެއެވެ. އެހެން ކަމުން އަމިއްލަ އަށް މަރުވުމުގައި އިޖުތިމާޢީ ދައުރެއް ކޮންމެސް ވަރަކަށް ވާކަމީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ.


މައިގަނޑު ގޮތެއްގައި މީހުން އަމިއްލައަށް މަރުވަމުންދާ އެއްސަބަބެއްގެ ގޮތުގައި ބެލެވިފައިވަނީ އެމީހަކަށް މެދުވެރިވާ ދަތި އުނދަގޫ އިހުސާސްތަކެއް ތަހައްމަލު ކުރުމަށް ނުކުޅެދުމުގެ ސަބަބުން ހިތަށް ވެރިވާ ޖަޒުބާތެއްގެ ތެރޭގައެވެ. އެގޮތުން ހިތްހަމަ ނުޖެހޭ ފަދަ ކަމެއް ދިމާވެ، މީހާ މުޅިން އަމިއްލައަށް މުޖުތަމަޢުން އެކަނިވެރިވެ، ވިސްނާވިސްނާވެސް ދުނިޔޭގައި ހުރުމުގެ މުހިންމުކަން އޭނާއަށް އެވަގުތު އެއްކޮށް ގެއްލިގެން ދިޔުމެވެ. ދުނިޔޭގައި މިހާތަނަށް ކޮށްފައިވާ އެކިއެކި ދިރާސާތަކުން ދައްކާގޮތުން އަމިއްލައަށް މަރުވާ މީހުންގެ ނިސްބަތަށް ބަލައިރު، ކައިވެނިކޮށްގެން ދިރިއުޅުމެއް ފަށައިގެން އުޅޭ މީހުންނަށްވުރެ، ކައިވެނިނުކޮށް، ނުވަތަ ކައިވެނި ރޫޅިފައި ތިބޭމީހުން އަމިއްލައަށް މަރުވާ ނިސްބަތް ގިނައެވެ. އަދި ކައިވެނި ކޮށްގެން ތިބޭ މީހުންނަށް ބަލާއިރު ދަރީން ލިބިފައި ތިބޭ މީހުންނަށް ވުރެ ދަރީން ނުތިބޭ މީހުން އަމިއްލައަށް މަރުވާ އަދަދު ނިސްބަތުން ގިނައެވެ. މި ދިރާސާތަކުންވެސް ދަލީލު ކޮށްދެނީ، މުޖުތަމައެއްގައި ޒިންމާ ތަކެއް އޮތް މީހަކަށްވުރެ އިޖުތިމާޢީ ގޮތުން ޤާބޫލު ކުރެވޭ ހަޤީޤީ ޒިންމާތަކާއި ދުރުގައި އުޅޭ މީހުން އަމިއްލަ އަށް މަރުވުމުން އިތުރުކަމެވެ.

އަމިއްލަ އަށް މުރުވާން މެދުވެރިވާ އެހެނިހެން ސަބަބު ތަކަށް ބަލާއިރު އިޖުތިމާޢީ ގޮތުން އެމީހަކު އެމީހާގެ ދީނަށާއި ވަޒަނަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުންވެސް މަރުވެއެވެ. އެމީހާގެ އަމިއްލަ ނަފްސަށްވުރެ އަނެއްމީހާގެ ހަމަޖެހުމަށާއި ނުވަތަ މުޖުތަމައެއްގެ ލާބައަށާއި މަންފާއަށްޓަކއި ވިސްނުން ގެގުޅެމުން އައިސް އެޤަބޫލު ކުރާ ޤަބޫލުކުރުމުގެ ދަރަޖަ އިންތިހާއަށް އަރައިގެން ދާދިއުމުގައި އެފަދަ އަމަލަކަށް ފުރުސަތު ދެވެއެވެ. އެގޮތުން ކަނޑައެޅިގެން ދުނިޔެ އަޅާދާނެކަން އެނގިހުރެ އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން ނިކުމެ، ދުނިޔެއަޅާ ދާދިޔުމަށް އާއްމު ގޮތެއްގައި ޖާނުން ފިދާވުމޭ ކިޔާ އުޅެއެވެ.
 އަމިއްލައަށް މަރުވުމުގެ ފަހަތުގައި މިފަދަ ސަބަބުތަކެއް ހުރި އިރު، އޭނާ ދުނިޔެ އަޅާ އެދަނީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމުގައި ވީނަމަވެސް އޭގެ ފަހަތުގައި ގުޅިލާމެހިފައިވާ ކޮންމެސް އިޖުތިމާޢީ ސަބަބެއްވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. 
Share this article :

1 comments:

ލިޔުމާއި ގުޅިގެން ޝުއޫރު ފާޅުކުރެއްވުމަށް ތިރީގައިވާ (ކޮމެންޓް އޭސް) ގޮޅިން ބޭނުންވާ ގޮތެއް ހިޔާރުކުރެއްވާ

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved