Home » , » އެރޭގެފަހުން........

އެރޭގެފަހުން........

Written By Afey Afra on Wednesday 27 February 2013 | 21:55

މަޑުމަޑު ތަތްމޫޑު ވަހަކުން ވަކި ހިއްޕާލާފައިވާ ކޮޓަރީގެ ތެރޭގައި ހަމައެކަނި ޤުދުރަތީ ދިރުމަކަށް ފެންނަށް އޮތީ މުސްކުޅިކަމާއި އެކު މަރާއި ހަނގުރާމަކުރަމުންދާ ހަލީމް އެވެ. ގުލްސަންފާ މައު ޖެހި ބެޑްޝީޓެއްގެ މަތީގައި ގެނބިގެން  ނިތްކުރިމައްޗަށް އަތްއެއްލައިގެން އޮވެ، ދަމިލަ ނުރައިން ފަޅުވިލުވާފައިވާ ތުނބުޅީގައި އެއްއަތުން ފިރުމަމުން މާޒީގެ ފުންހިޔާލަށް ގެއްލި ފެންކަޅިވެފައިވާ ހަލީމްގެ ނަޒަރު ހުއްޓިފައިވަނީ ފާރުގައި ބަހައްޓާފައިވާ ފޮޓޯ ލޯގަނޑާއި ދިމާއަށެވެ. އަލަތުކައިވެނީގެ ހަފްލާގައި މީގެ 30 އަހަރުކުރިން އިނގިރޭސި ވިލާތުގެ އިޕްސްވިޗް ޓައުންގައި ނަގާފައިވާ ފޮޓޯއިން ފެންނަމުންދަނީ އެމީހަކަށްޓަކައި ޖާނާމާލު ގުރުބާންކޮށް ޖިސްމާއި ނަފްސުން ހަންދަމާލައިގެން ހަޔާތުގެ ބައިވެރިއަކަށް އިހްތިޔާރުކުރި ނޫރާ ހުދުކުލައިގެ ވެޑިންގ ޑްރެހުގައި ހިނިތުންވެފައިވާ މަންޒަރެވެ. ނޫރާގެ ނާޒުކީ ހިނިތުންވުމުން ސިފަކޮށްދެނީ ކަޅުލުލައިގެ ކޯޓެއްގައި، ނޫރާގެ އަތުގައި ބޮސްދޭން ތައްޔާރުވެގެން ސިޑިކައިރީގައި ހުއްޓިގެން އެހެރަ ހަލީމްގެ މުޅިހަޔާތްވެސް އެހިނިތުންވުމުން ބާއްޖަވެރިކޮށްދޭނެ އަލިގަދަ ހެއްކެއްގެ ގޮތުގައެވެ.

 ހަލީމް އާއި ނޫރާ ފުރަތަމަ ބައްދަލުވީ ކޭމްބްރިޖް ޔުނިވާސިޓީގައި ކިޔަވަމުން ދިޔަ ދުވަސްވަރެވެ. އެނެޓަމީ އެންޑް ފިޒިއޮލޮޖީ އިން މާސްޓާރސް ހަދަމުންގެންދާ ހަލީމްގެ ނަޒަރު ނޫރާއަށް ހުއްޓުވާލީ ފިނި މޫސޫމެއްގެ ހިމޭން ހަވީރެއްގައި ލެސްޓަރ ސިޓީގެ ޕާރކެއްގެ ތެރެއިންނެވެ. ނުރާގެ ކޮންމެ ހަރަކާތަކީ ހަލީމްގެ ހިތްދީވާނާ ކޮށްލާފަދަ ޖާޒްވީ އަސަރުތަކެއް ކުރުވާ ހަރަކާތްތަކެކެވެ، ހިނގުމާއި، އިށީނުމާއި، ރަށްޓެހިންނާއި އެކު އުޅޭއިރު އިރުއިރު ކޮޅުން ދަތްކުނޑި ވިކާލާފައި އަންނަ ވިޔަރި ގަނޑަކީ ޅަކުއްޖެގެ ލާމަސީލް މިސާލެކެވެ. ނުރާގެ ލޯބި ހޯދުމަށް ހަލީމް މެކުހަށް ޖަހާލާ، އެލޯބި ހާޞިލްކުރިއެވެ. އެއައަށް ފަހު ޑީޖޭ ތަކުންނާއި ޕާޓީތަކުން ދެމީހުން އެކުގައި ފެންނަން ފެށިއެވެ.

     1979 ވަނަ އަހަރުގެ އޯގަސްޓް 12 ވަނަ ދުވަހަކީ ދެމީހުންގެ ކައިވެނީގެ ގޮށްޖަހާލެވުނު ތާރީޚީ ދުވަހެވެ. ނޫރާވެސް ހަލީމްދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި ހަލީމް ނޫރާދެކެ ވަނީ ސާފު ސީދާ ސާދާ ލޯތްބެކެވެ. އިޕްސްވިޗްޓައުންގައި ބޭއްވުނު ކުލަގަދަ ކައިވެނީގެ ހަފްލާއަށް އެކިއެކި ފަންތީގެ މީހުން ޒިޔާރަތް ކުރިއެވެ. ނޫރާގެ އާއިލާގެ ފޯރުންތެރިކަމުގެ އިނާޔަތްތަކުގެ ދަށުން ޕެރިހުންނާއި މިލާނުން، މޮސްކޯއިން އަދި ދިވެހިރާއްޖެއިން ރައްޓެހިން ޗާޓަރު ފްލައިޓްތަކުގައި ހަފްލާގައި ބައިވެރިކުރުމުވަށް އިނގިރޭސި ވިލާތަށް ގެނައެވެ. ކައިވެނީގެ ހަފްލާ ނިމިގެންދިޔައީ އުފަލާއި އެކު ދެފަރާތަށްވެސް ހިތްހަމަޖެހުންތަކެއް ލިބިގެންނެވެ.

ފުރިހަމަ ކައިވެންޏެއްގެ އަލިގަދަ ހަފްލާއަކަށް ފަހު މާމުއި ހަނދުގެ ދުވަސްތަށް ހޭދަކުރުމަށް ދެމީހުންގެވެސް އަމާޒަކަށް ވީ ހީތުލޮޖް ހޮޓެލް އެވެ. ހަފްލާގެ ބައިވެރި އެންމެހާ މެހެމާނުންނާއި ސަލާމްކުރުމަށްފަހު، ރޭގަނޑުގުގެ އަނދިރިކަމުގެ ތެރެއިން އަޅިކުލައިގެ ބެންޒެއްގައި ބާމިންގހަމް ސިޓީގައި ހުންނަ ހީތުލޮޖް ހޮޓަލަށް ދިޔުމަށްޓަކައި ދެމީހުންގެ ރާސްތާ ފެށްޓިއިރު ދެފަތާރުގެ އާއިލާގެމީހުން އަލްވަދާއު ކިޔުމަށް ގޭޓްކައިރީގައި އަތްހޫރަހޫރާ ބާއްޖަވެރި ދަތުރަކަށް އެދިއެދި ތިއްބެވެ. ރޭގަނޑުގެ ހަލަބޮލި ކަމުގެ ތެރޭގައި ކާރޫ ބާރޫބޮޑު ހައިވޭތަކުންނާއި ބުރިޖަތަކުން ދަތރުކުރަމުންގޮސް މެދުތެރޭގައި އޮންނަ ނޯތްހެމްޓަނުން ބާމިންގހަމް އަށް އަޅާފައިވާ އުސް ބުރިޖަށް އެރުނު އިޚްސާސްކުރެވުނެވެ. އެހެންނަމަވެސް ކުޑަހިނދުކޮޅެއްގެ ތެރޭގައި ކުއްލިއަކަށް ދިމާވި އެކްސިޑެންޓެއްގައި ދެމީހުންގެ ހަނީމޫން ދަތުރު ކިލަނބުވުމުގެ އިތުރުން ހަލީމްގެ ހަޔާތައްވެސް އަބާއްޖަވެރިކަން ގެނުވިއެވެ. ބަދުނަސީބީ ހަޔާތެއްގެ ސިއްކަ ޖަހާ މޫނުމަތީގައި ހިތާމަވެރިކަމުގެ ލޯގޯ ކުރަހާލީ ކުޑަކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައެވެ.

އޭރޭގެ ފަހުން އަދިއަދަށް ދާންދެންވެސް ނޫރާގެ ސޫރަވެސް ހަލީމެއް ނުދެކޭނެއެވެ. ހަމައެކަނި އެނގޭ ކަމަކީ އެކްސިޑެންޓެއް ވީކަމެވެ. ހޭއެރިއިރު ބެލްޖިއަމްގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައި ހަލީމް އޮތެވެ. ނޫރާއަށް ވީ ކިހިނެތްކަމެއް ވީ ކޮންހިސާބެއްގައި ކަމެއް އެނގޭނެ މީހަކު ކައިރީގައި ނެތްތާގައި ހަލީމް ދަންނަ މީހަކުވެސް ނެތެވެ. އެންމެ ފަހުން އޭގެ 03 މަސްފަހުން ސިންގަޕޫރުމަގުން މާލެގެނެސް އައި.ޖީ.އެމް ހޮސްޕިޓަލްގައި އެޓްމިޓް ކުރިއިރު ކައިރީގައި އުޅުނީ ކޮންބައެއްތޯ ނުވަތަ މިވަނީ ކީއްތޯވެސް ސުވާލުކޮށްލާނެ، ހިތްވަރެއް ގަޔަކު ނެތެވެ. އެދުވަހު މީހާ ހުރީ އާގަމަ ގަންފައެވެ.  ކޮޓަރީގައި ނިތްކުރިއަށް އަތްއެލައިގެން އޮތް ހަލީމަށް ގިސްލެވުނެވެ. އަދި ރޮވުނެވެ. އަލަތު ކައިވެންޏެއްކޮށް އެކަމުގެ ލައްޒަތާއި އާރާމާއި އުފަލުގެ ފޮނިރަހަ ނުލިބި އުޅެނިކޮށް ލޯބިވެރިޔާ ގެއްލުނީއެވެ. 30 އަހަރު ފާއިތުވެގެން ދިޔައިރު އެރޭގެ ފަހުން ނޫރާގެ ވަސްވެސް ހަލީމް އަށް ނުދުވިތާގައި އެއްފަސްގަނޑަކަށް އެރުމުގެ ނަސީބުވެސް ނެތީއެވެ. ކަނިވެ ނިވެމުންދާ ހަލީމްގެ ހަޔާތުގެ އެންމެ ފަހު ސަފްހާތަށް އުކެމުންގޮސް ރަތް ބޮކި ދިއްލޭއިރު 30 އަހަރުގެ މާޒީގައި ހުސް ފޮޅުވަތްތަކަކުން ފުރާލެވިފައިވާ ކަޅު ސަފްހާތަކުގެ އަދަދު ގިނައެވެ. (ނިމުނީ)

Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved