Home » , » އަހަރެންގެ ހިތް އަނބުރާ އަހަންނަށް ދޭށެވެ!

އަހަރެންގެ ހިތް އަނބުރާ އަހަންނަށް ދޭށެވެ!

Written By Afey Afra on Sunday 24 February 2013 | 00:24


ފަލަމަސްގަނޑަށް ބާރުވެފައިހުރި ބެލްގެ ޖީބުގައި އޮތް މޯބައިލް ފޯނަށް އައި ލޮޅުންގަދަ ވައިބްރޭޝަނަކާއި އެކު ލިބުނު މެސެޖެގައި ވަނީ އަޒްމީ ދަންޖެހެން އުޅުނު ވާހަކައެވެ. އެއީ ޝޯވްއެކަން އެވަގުތު އަހަންނަށް ޔަގީން ކުރެވުނެވެ. ވޭތުވެ ދިޔަ އަށެއްކަމަސް ދުވަސް ތެރޭގައި އަހަންނަށް ވަނީ އަޒްމީ ދަސްވެ ނިމިފައެވެ. އަޒްމީއަކީ އަބަދުވެސް އެފާޑަށް މީހުންނަށް ގޮތްދައްކައިގެން ހިތް އަނބުރާލަން އުޅޭ މީހެއްކަން އަހަންނަށް ވަނީ ވަރަށް ރަނަގަޅަށް މުރާޖާ ކުރެވިފައެވެ. އަންހެނުންނާއި ދަރިންގެ ކުރިމަތީގައި ވާގަނޑަކާއި ވަޅިއެެއް ހިފައިގެން ކޮޓަރިއަށްވަދެ ތަޅުލަން އެދިމާކުރީ ކާކަށް ބިރުދަންކަން ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ހަމަޔަގީނުންވެސް އަޒްމީގެ އަންހެނުން އެކަމާއި މޭބޮޑުވެގެން ނޫޅޭނެކަން އަހަންނަށް އެނގެއެވެ. އެއީ އެއަށް ވުރެން ހިތްވަރުގަދަ އަންހެނެކެވެ. އަހަންނަށް މިވަނީ ޒާހިރާގެ ހިތްވަރުގަދަކަން ލޮލުން ދެކި އަތުން ހިފިފައެވެ. އަހަންނާއި އަޒްމީ އާއި ދެމީހުން މިހާދުވަހު އެތަކެއް ގަނޑެއް ގަތްއިރު ޒާހިރާ ވަނީ އޭނާގެ ހިތްވަރުގަދަކަން ދައްކާފައެވެ. 


އެހެންނަމަވެސް އަޒްމީ ދަންޖެހެން އުޅުމުން އެހެންމީހުން އަންހަނަށް ފިތުނަވެރިކަމުގެ އިނގިލިދިއްކުރިކަމުގައި ވިއަސް މިކަމުގައި އަހަރެންގެ އެއްވެސް އިހްމާލެއް ނެތެވެ. އަހަންނަށް އެޅުނު ފިޔަވަޅަކީ ރަނގަޅު ފިޔަވަޅެއްކަން ހުދު ކޮންމެ މީހަކުވެސް ޤަބޫލް ކުރަން ޖެހޭނެއެވެ.     އަހަރެންގެ ފިރިމީހާ ކައިރިން ވަރިވެގެން އަޒްމީއާއި އެކު  އިރެއްގައި ގުޅުންބޭއްވިއަސް މިހާރަކު އެގުޅުމެއް ނެތެވެ. އަހަރެން އަޒްމީ އާއި ގުޅުން ބޭއްވީ ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ނިޔަތުގައެވެ. އަދި އަޒްމީގެ ފަރާތުން އަހަންނަށް ފިރިއެއްގެ ފުރިހަމަ ވާޖިބު އަދާކޮށްދޭނެކަމުގެ ފޮނި އުންމީދާއި އެކުއެވެ. އެހެންނަމަވެސް އެދުވަހު އަހަންނަށް ހުރެވުނީ ރަނގަޅަށް ނިދިން ނުހޭލެވި، ދެބަދޭތެރޭގައެވެ.  އަޒްމީ އަކީ މީހެއްގެ ފިރިއެއްކަން އެނގުމުން އެންމެ ހިނދު ކޮޅަކަށް ވެސް އަހަރެން އަޒްމީ އާއި ގުޅުންބާއްވާކަށް ބޭނުމެއް ނުވަމެވެ. އެހެންނަމަވެސް ދުވަސްކޮޅަކަށް ނަމަވެސް އެނގިހުރެ އަހަރެން އެގޮތުގައި ކުރިއަށް ދިޔައީ އާއިލާގެ މަސަލަހަތަށްޓަކައެވެ. އަހަރެންގެ ބައްޕަގެ އެދުމުގެ މަތިންނެވެ. އެހެންނަމަވެސް ހިތާއި ދެކޮޅަށް މީހެއްގެ ފިރިއަކާއި އެކު ގުޅުންތަކެއް ބޭއްވުމަށް އަހަރެންނަށް މާގިނަދުވަހަކު ކެތެއް ނުކުރެވުނެވެ. ވަގުތުން އަޒްމީއަށް އަހަރެންގެ ގަލަމުގެ ފޮޅުވަތްތައް ފޮނުވާލީމެވެ.

     “ ދަރިންތަކެއްގެ ބައްޕާ އެވެ. "ބޭ" ވަފާތެރި އަޒްމީއެވެ، އަޒްމީއަށް ޓަކައި އަހަރެންގެ ހިތް ހަދިޔާކުރީ ތިޔަ އުނގުތެރޭގައި އަހަރެންގެ ހަޔާތުގެ ބާކީ ދުވަސްތައް ހޭދަކުރުމުގެ ފޮނި އުންމީދާއި އެކުއެވެ. އަދި އަހަންނަށް އޯގާތެރިކަމުގެ އަތެއް ދިއްކޯލެވޭނެ ހަމައެކަނި ފަރާތަކީ އަޒްމީކަމުގައި ދެކި، އަހަރެންގެ ފިރިމީހާ ކައިރިން ވަރިވެ،  ހިތާއި ނަފުސް އަޒްމީއަށް ހަދިޔާ ކުރީމެވެ. ހެޔޮއެދޭ ފަރާތްތަކުން އަޒްމީއަކީ ކާކުކަން އަހަންނަށް ބުނެދިނުމަށްޓަކައި އެތަކެއް މަސައްކަތެއް ކުރިއެވެ. ނަމަވެސް ތިމާގެ ދަރި ތިމާއަށް ދޮންފުތު ވާނެއޭ ބުނާ އުސޫލުން އެމީހުންގެ ބަހަށް ބީރު ކަންފަތްދެމުން އަހަންނަށް އައި ފޯނު ކޯލްތަކަށް ޖަވާބުދެމުން ގެންދިޔައީ އަޒްމީގެ ދިފާއުގައެވެ،  އެހެންނަމަވެސް އެކޯލްތަކުން އަހަރެންގެ ކަންފަތުގެ ހިނދުރީގައި ގުގުމަމުން ދިޔައީ ހަޤީޤީ އަޑުތަކެއްކަން މިހާރު ޔަގީންކުރެވިއްޖެއެވެ.

 އަޒްމީއަކީ އޮފީހެއްގެ ވެރިއެއްކަމަށްބުނެ ބައްޕައަށް ދެެއްކި ދަޅައިގެ ސިކާރައަކަށް އަހަރެން ހަދާފައި، އަހަރެން އަޒްމީ އާއި ހަވާލުކުރީ ބައްޕަމެން ފައިސާގެ ދަހިވެތިކަމަށް ފެންބޮވައިގަނެފައި ތިބިލެއް ބޮޑުކަމުންނެވެ. ނަމަވެސް ވިދާހާއެއްޗަކީ ރަން ނޫންކަން މިހާރު ބައްޕައަށްވެސް ވިސްނި، ފެތުނު އޮޑިގެ ރިޔާ ދަށުވިއަސް ކަނަކު އަތްދަށުނުވުމަށް އަހަރެންގެ އާއިލާ މިހާރު ވަނީ އަޒްމު ކަނޑައަޅާފައެވެ. އަންބަކާއި ދަރިންތަކެއް ނިކަމެތިކޮށް ފުޅަންމަތިން ފުންމާލައިގެން މާބުރުގެ އުސޫލުން އަހަރެންގެ ކަރުގަނޑަށް ޖައްސަން ތިޔަ މަސައްކަތްކުރީ ފޮނިކޮޅު ބޯލާފައި އެހެން ދިމާލަކަށް ދާންކަން އަހަންނަށް އެނގެއެވެ. އެއްފުޅައްމަތިން ފުންމާލައިގެން އައިމީހަކު މިގޭ ފުޅައްމަތިންވެސް ފުންމާނުލާނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތެވެ. 

އަޒްމީ ކެޔޮކޭވަރު އެންގުމަށްޓަކައި، ބިތުފަންގި ނަގުމުގެ ކުރިން ފުޅަށްގަނޑު ހިތްލާލާފައި އަހަންނަށް ހުރިހާ ހަޤީޤަތެއްވެސް ސުލުހަވެރިކަމާއި އެކު ކިޔައިދިފައިވަނީ އަޒްމީގެ އަންހެނުން ޒާހިރާއެވެ. އެއީ ސުލްހަވެރި އަންހެނެކެވެ. އަޒްމީ ޒާހިރާއާއި ކައިވެނިކޮށްގެން 09 އަހަރު ވިއީރު އެތަކެއް އަންހެނުންނެއް ކައިރިއަށް ދުވިކަން އަހަންނަށް އެނގިއްޖެއެވެ، އެކަމަކު ތިޔަކައިވެނި ނުރޫޅުނީ ތިވަރުވެސް ތިވަނީ އިނދެވިފައި ހުރި މީހެއްގެ ސަބަބުން ކަން ހިތަށް އަރާފައި އަވަހަށް ޝުކުރުވެރިވާށެވެ، ކަށިބޯ ޖަންގައްޔަކުން ނެރެ ސަލާމަތްކޮށްދިނީތީވެ، ޒާހިރާއަށް ޝުކުރުވެރިވަމެވެ. މީއަހަރެންގެ އެންމެ ފަހުބަހެވެ، އަހަރެންގެ ހިތް އަނބުރާ އަހަންނަށް ދޭށެވެ، ނުދިނަސް އަތުލާނަމެވެ މިސިޓީ ކިޔާފައި މީހަކު މަރުދަން ޖެހެން މަސައްކަތްކުރަންވީ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. މިކަމާއި މެދު ފިތުރަތު ބުނާނީ ކީކޭ ބާއޭ؟
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved