Home » » ހަތް ކުޅަނދު ހަމަވަނީ ކިހިނެތް؟

ހަތް ކުޅަނދު ހަމަވަނީ ކިހިނެތް؟

Written By Afey Afra on Saturday 2 March 2013 | 17:34


ކުޅަދު މާނަކުރުމުގައި އެކި މީހުން އެކިގޮތަށް ބުނެއުޅުނުކަމުގައި ވީނަމަސް ކުޅަނދުގެ ހަޤީޤީ މާނައަކީ ކަނޑައެޅިފައިވާ ވަގުތެއްގައި ކުރަން ބޭނުންވާ ކަމެއްކުރުމަށް ކުފޫ ހަމަވުމެވެ. މިސާލަކަށް ބަލާނަމަ ވަރަށް ފެންވަރު ރަނގަޅު އެތުލީޓުންނަކީ އާއްމުގޮތެއްގައި ފިޓް މީހުންނޭ ބުނެ އެޅެއެވެ. ނަމަވެސް އެހެމީހުންނަށް ދުވާ ޓްރެކްގައި ކާމިޔާބީއާއި ހިސާބަށް ވާސިލު ވުމަށް ޤާބިލްކަން ލިބިފައި ހުރިކަމުގައި ވިއަސް އެފަދަ މީހުންނަށްވެސް އާއްމު ދިރިއުޅުމުގައި އާއި ވަޒިފާގެ މައިދާނުގައި ބައެއް ކަންތައްތައް ކަމިޔާބު ކުރުމުގައި އަންފިޓް ނުވަތަ ކުފޫ ހަމަނުވާ ކަންކަން ހުރެދާނެއެވެ. އެހެންކަމުން ޓޯޓަލް ފިޓްނަސް ނުވަތަ ޖުމުލަ ގޮތެއްގައި ކުފޫ ހަމަވުމަކީ އެމުނިއެކުލެވިގެންވާ މަފުހޫމެއްގެ ތެރޭގައި ހިމެނޭ ތަފާތު ހަތްކަމަކާއި އެކު ދިރިއުޅުން ކާމިޔާބު ކުރުމަށް މަސައްކަތްކުރުމެވެ. ނުވަތަ ހަތްކުޅަނދު ހަމަވުމެވެ.

1- ރޫހާނީގޮތުން ލިބޭ ހިތްހަމަ ޖެހުން:
ރޫހާނީ ގޮތުން މީހާ ދުޅަ ހެޔޮވުމަކީ، އެމީހަކުޤަބޫލު ކުރާ ޤަބޫލު ކުރުންތަކާއި އެކު، ކަމެއް ކުރުމުގެ ރޫހު ހިތަށްވަދެ، އެކުރާކަމެއް ކުރުމުގައި ފުރިހަމަ އީމަންތެރިކަމާއި އެކު އަޤީދާއެއްގެ މަތީގައި ހުރެގެން އެކަމެއްގައި ދެމިހުރެވޭނެ ކަމުގެ އަމިއްލަ ހިތްހަމަޖެހުން ރޫހާނީ ގޮތުން އެމީހަކަށް ލިބިގެން ދިޔުމެވެ.

2- ޖަޒުބާތީ ދުޅަ ހެޔޮކަން:
ޖަޒުބާތީ ދުޅަހެޔޮކަމަކީ ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫ ކަންކަމާއި ދެކޮޅަށް ތެދުވެ އެކަންކަން އަމިއްލަ އަށް ތަހައްމަލުކޮށް ކާމިޔާބާއި ހިސާބަށް ތެދުވަށް ހިތްވަރު ލިބޭ އެއް ތަޅުނދަޑިއެވެ. ދިރިއުޅުމުގައި ދިމާވާ ހިތްދަތިކަމާއި ހިތާމަ އާއި ރުޅިވެރިކަން އަދި އުފުލާއި ހިތްހަމަޖެހުން  އެއްމިނެއްގައި ހިފައްޓާ މިހާގެ އަމިއްލަ ޒަމީރު އެމީހެއްގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓޭނީ ޖަޒުބާތީ ގޮތުން ދުޅަހެޔޮކަމެއް ލިބިގެންނެވެ. 2011 ވަނަ އަހަރުގެ އޮކްޓޯބަރ 18 ވަނަ ދުވަހު އަޅުގަނޑުގެ ފޭސްބުކު ސްޓޭޓަސްގައި މިފަދައިން އަޅުގަނޑު ލިޔުނީމެވެ. " އެއްވެސް ކަހަލަ ޖަޒުބާތެއްގައި އެކްޝަނެއް ނުނަގާ އަދި ގޮތެއްވެސް ނުނިންމާށެވެ، މިހާ ހަމަބިމަށް ތިރިވެ، އާދައިގެ ހަލަތަކަށް އަންނަ ވަގުތު އެނިންމި ނިންމުމާއިމެދު ފަހުން ކަރުނަ އަޅާ ރޯންޖެހިދާނެއެވެ." މިއީ ހަމަ އެކަނި އަޅުގަނޑު ބުނެފައިވާ އެއްޗެއް ނޫނެވެ، ތަފާތު އެކިއެކި ނަފްސާނީ އިލުމުވެރިންވެސް ތާއަބަދު ބުނަމުން ދަނީ މިފަދައިންނެވެ.

3-އިޖުތިމާޢީ ދުޅަހެޔޮކަން:
އިޖުތިމާއީ ދުޅަހެޔޮކަމަކީ ދިރިއުޅުމުގެ މައިގަނޑު ބިންގާއެވެ. އިޖުތިމައީ ގޮތުން ކަންކަމުގައި ބައިވެރިވުމާއި، މީހުންގެ ތެރޭގައި އުޅެން އެނގުމާއި، އަނެއްމީހާގެ އިހްސާސްތައް ދެނެގަނެވުމާއި، އަނެކާ ދައްކާ ވާހަކަވެސް ހަޖަމުކުރުމުގެ ޤާބިލުކަން ލިބިގެން ވުމަކީ އިޖުތިމަޢީ ގޮތުން ދުޅަހެޔޮވުމެވެ. އަދި ރަހްމަތްތެރިކަން އަލާކުރުމާއި އެކަކު އަނެކަކަށް އަޅާލުމަކީވެސް މުހިންމު ކަންކަމެވެ. އިޖުތިމައީ ގޮތުން ދުޅަހެޔޮކަން ލިބިފައިވާ މީހުން އެހެން މީހުންނަށްވުރެ މުޖުތަމަޢެއްގައި ޕާފޯމްކުރާ ދަރަޖަ މަތިވާނެއެވެ.

4- ހަށިހެޔޮކަން:
ހަށިހެޔޮކަމަކީ އެމީހަކު ކުރަން ބޭނުންވާ ކަންކަން ކުރުމުގައި އެއްވެސް ކަހަލަ އަނިޔާއެއް ނެތި، ހެލެފެލިވެ އުޅުމާއި، އެކަމެއް ކުރުމުގައި އިންތިހާއަށް ބުރަހެލިކަމެއް އިހުސާސް ނުވުމާއިއެކު ޖިސްމާނީ ގޮތުން މިހާ ހެޔޮކޮށް ހުރުމެވެ.

5- ނަފްސަނީ ދުޅަހެޔޮކަން:
ދިރިއުޅުމުގެ ކޮންމެ ވަގުތެއްގައި ވެސް ވިސްނުމާއި ފިކުރު ކުރުމުގެ ފުރިހަމަ މިނިވަންކަމާއި ޤާބިލްކަން ލިބިފައި ވުމާއި އެކު ދުވަހުން ދުވަހަށް ހެޔޮ ރަނގަޅު ގޮތައް ވިސްނާ އެކަންކަން ތަރައްޤީކޮށް، މުޖުތަމެއްގައި އެމީހާގެ ހަރަކާތްތަކައި ބަސްމަގު އާއްމު މިންގަނޑެއްގެ ތެރޭގައި ބެހެއްޓޭނީ ނަފްސާނީ ގޮތުން ދުޅަ ހެޔޮކަން ލިބިގެންނެވެ.

6- މިންހެޔޮ ކާނާ:
ރަނގަޅު މިންހެޔޮ ކާނާ ބޭނުންކުރުމާއި އެކަންކަމަށް އާދަކުރުމަކީ އިންސާނާގެ ވިސްނުމާއި ފިކުރުކުރުމާއި ދުޅަހެޔޮކަން އެއްމިންގަނޑެއްގައި ހިފެހެއްޓޭނެ އެންމެ މުހިންމު އެއްކަންތަކެވެ.

7- ސިއްހީ ދުޅަހެޔޮކަން:
އަޅުގަނޑުމެން ކުރަންބޭނުންވާ ކޮންމެކަމެއްވެސް ކުރުމުގައި އަޅުގަނޑުމެންގެ ސިއްޙަތު އަޅުގަނޑުމެންނަށް ތަންދޭންޖެހެއެވެ. ދިރިއުޅުމުގެ ކަންކަން އިންތިޒާމުކުރުމުގައި ބަލިތަކުން ދިފާއުވުމަށް މަސައްކަތްކުރުމާއި، ސިއްހަތަށް ރައްކާތެރިވުމަކީ ސިއްހީގޮތުން ދުޅަހެޔޮކަންމަތީ ގައި ހުރެވޭނެ ހަމައެކަނި ގޮތެވެ.

ކަންމިހެން ހުރުމާއި އެކު އަޅުގަނޑުމެން ކުރަންބޭނުންވާ ކަންކަން ކުރުމުގައި ޖުމްލަ ގޮތެއްގައި ކުފޫހަމަވެ ފުރާ ފުރިހަމަވެ، ހަތްކުޅަނދު ހަމަވާނީ މިދެންނެވުނު ހަތްކަންތަކަށް ފަރުވާތެރިވެ، އެކަންތައްތައް ޤަބޫލުކުރެވިގެންނެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved