Home » , , » އައިކީގެ ހިޔަނީގައި

އައިކީގެ ހިޔަނީގައި

Written By Afey Afra on Saturday 16 August 2014 | 04:17








"ދެން ވަރިކުރޭ" ފާތުން މިހެން ބުނުމާއި އެކު އަހަރެން ބުނީމެވެ. އުހުން މިހާރަކު ނޫނޭނެވެ. އިތުރަށް ޚަރަދު ހިނގަނޭ ކަމެއް މިވަގުތު ކުރުން ބުއްދުވެރިއެއް ނޫނެވެ. "ކުރޭ ވަރި" އަހަރެންގެ ގަމީހުގެ މޭމަތީގައި ހުރި ގޮށްބަރި އަތަށް އޮޅާލައިގެން ހުރެ ފާތުން އޭނަގެ އެދުން ފާޅުކުރިއެވެ. "ފާތުން މާދަމާ ދޭ ކޯޓަށް، ގޮއްސަ އަމިއްލައަށް ފޯމްލާ، ބޭނުންވާ މީހާ ފޯމްލާނީ،  ކޯޓުން ބޭރުގައި ވަރިކުރެވޭކަށް ނެތް" އަހަރެން ކެތްތެރިކަމާއި އެކު ބުނީމެވެ.

އަހަރެން ފާތުންކައިރީގައި ބުނީމެވެ. ދެން ކޯޓަށް ގޮއްސަ ކިޔާނީ ކީކޭހެއްޔެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ. ފާތުން ޖަވާބުދިނެވެ. "ބުނެވޭނެ އެއްޗެހި ބައިވަރު ހުންނާނެ ބުނެވިދާނެ އެހެން އަންހެނަކާއި ހިތަވެގެން އުޅޭތީއޭ"  އަހަރެން އަމިއްލައަށް ނިތްކުރީގައި އަތްކާއްތާލީމެވެ. ހުރިހާވެސް މައްސަލައަކީ މިއީއެވެ. އެދުވަހަށްފަހު ފާތުންނަށް ބަދަލު އައިސްފިއެވެ. އަހަރެން އިތުރަށް ސުވާލުކުރިމެވެ. އެކަމުގެ ހުއްޖަތެއް ދައްކަބަލާށެވެ. ހަލުވިކަމާއިއެކު ފާތުން އަމުނާލިއެވެ.

"އައިކީ، އައިކީ، ދުނިޔެ އުމުރު ހުސްވިޔަސް އެކަމުން ސަލާމަތްނުވާނެކަން އެނގޭ، ދެންކީއްކުރަން އުޅޭކަށް، ބުނީމެއްނުން އެއީ ނުލިބުނު ލޯތްބެކެވެ. އަދިވެސް އެލިބޭތޯއެއްނުން ތިބަލަނީ،" އިރުކޮޅަކު ހިމޭން ވުމަށްފަހު ގިސްލާން އޮވެފައި އުދާސްގަނޑާއިއެކު ފާތުން ފުރަގަސްދީގެން އޮވެ ނިދައިފިއެވެ. ނިދާބޮކިން ކަނުކޮށްފައިވާ ކޮޓަރީގައި އަހަރެން ނިތްމައްޗަށް އަތްއެލައިގެން ހަދާނެ ގޮތަކާއިމެދު އޮއްވައި ފަތިސްވީކަން އެގުނީ ބަންގި ގޮވީމައެވެ.

އޮފީހަށް ވަދެވޭނެކަން ޔަގީންވާހާއިރުކޮށްފައި އާދައިގެމަތިން އަންނަ މެސެޖް ފޯނަށް އައެވެ. އައިކީގެ ގުޑްމޯނިންގ މެސެޖެވެ. ރިޕްލައި ކުރުމާއި އެކު ދެވަނައަށް އަންނަ "ހައު" މެސެޖުގެ ޖަވާބު އެހެން ދުވަސްދުވަހާއި ތަފާތުކޮށްލީމެވެ. އަހަރެން ލިޔުނީމެވެ. "ނޮޓް ގުޑް، ނުވެސް ނިދާ މިއައީ އޮފީހަށް" ޑެލިވަރ ވުމާއިއެކު ވަގުތުން ފޯނަށް ގުޅަން ފެށިއެވެ. ކޮމްޕިއުޓަރ އޮން ކުރަން ޖައްސާފައި ގަމީހުގެ ކަރުގޮށް ނައްޓާލާފައި ޓައީ ދޫކޮށްލުމަށްފަހު ގޮނޑީގައި ލެނގިލީމެވެ. ރިންގުވަމުންދާ ފޯނުގެ ސްކްރީނުގައި ޝަހާދަތް އިނގިލި ހުރަހަށް ދަމާލުމަށްފަހު ފޯނު ނަގާފައި ފޯނަށް ޖަވާބު ދިނީމެވެ.

އޮފީހުގައި މާބޮޑަށް ތަފްސީލުކޮށް މިވާހަކަ ކިޔައިދެވޭކަށް ނެތޭ ބުނުމުން ޖެހިގެން ހުރި މޭޒުގައި އިން ޝިފާއަށް ބޭއިހުތިޔާރުގައި  އަހަރެންނާއިދިމަ ބަލާލެވުނެވެ. ނަމަވެސް އައިކީ ކުރެއް ނުކުރިއެވެ. އަހަރެން ބުނީމެވެ. މިއުޅޭނީ ވައިފް އާއި މައްސަލަ ޖެހިގެން، ތީނަގެ ކަންތަކުގައި، މިހިސާބަށް ބުނިތަނާ އައިކީ ސުވާލުކުރިއެވެ. "އެހެންތަ ކިހިނެތްވީ"  އަހަރެން ބުނީމެވެ. "މަށަށް އޮތީ ދެގޮތުންކުރެ އެތްގޮތް ބްރޭކް ގަޑީގައި މީޓް ކުރާނީ އޭރުން ރަނގަޅުވާނީ" އައިކީ އެއްބަސް ވަމުން ބުންޏެވެ. " އާނ އޯކޭ ކޮންތާކަށް ދާނީ" އަހަރެން ވިސްނަލީމެވެ. "ސީވިއު ރަނގަޅުވާނެ މިބުނީ ލެމަންގްރާސް، މަދަމުން ދާނީ ތީނަ ގޮވައިގެން އެގަޑީގައި ނިކުމެ ހުންނާތި"

މޭޒުމަތީގައި ފޯން ބާއްވާފައި ޝިފާ އާއި ދިމަ ބަލާލީމެވެ. ބަލާލުމާއި އެކު ފާޑަކަށް ތުއިވެލާފައި ބުންޏެވެ. "އޭ ރޭގަ ބްރެޒިލް ބަލިވީނުން އިއްބެ އާއި ދިމާކޮށްލަން ވާނެނުން" ކިތަންމެ ނޫންކަމަށް ހެދިގެން ފޯނާއި ކުޅެން އިންކަމަށް ހެދިގެން އިނަސް އޭނަ އޭނީ އަހަރެންނަށް ކަންފަތް ދީގެންކަން އެނގުނެވެ.

ސްރީލަންކަން އެއާރލައިން ކުރިމަތީގައި މަޑުކޮށްލިވަގުތު އައިކީ އައިސް ފަހަތަށް އެރިއެވެ. އައިގޮތަށް އައިސް ކިހިނެތް ވީހޭ ކިޔާފައި ފަށައިފިއެވެ. އަހަރެން ކިޔައިދިނީމެވެ. އެއްކަލަ ދުވަހު މުސްތަފާ އައިކީ ވަރިކޮށްލި ވަގުތު އަހަރެންނަށް ގުޅުމުން އަހަރެން ފޯންގައި އޮއްވާ ފާތުން ބަދިގޭގައި ހުރެފައި އައީ، އޮފީހަށް ނުދާތީ އައީ، އޮފީހަށް ނުގޮސް މާނުގަޑިއެއްގަ ފޯނެއްގައި އޮތީމައި ސުވާލުކުރީ، އެކަމު ސުވާލު ކުރީ އޭގެ ދެދުވަސް ފަހުން "ހާދަލަހުން" އައިކީ ހައިރާންވިއެވެ. އަހަރެން ބުނީމެވެ. އާއެވެ. އެރޭ ވަރަށް ރަނގަޅަށް އަހަރެން ކިޔައި ދިނީމެވެ. އަހަރެމެން ދެމީހުންގެ ގުޅުމަކީ މާޒީގައި އޮތް ކަމެއްކަން ބުނީމެވެ. ފާތުންވެސް ހުރީ ތީނަގެ މައުލުމާތު ހޯދާފައި އެނގޭ އަހަރެމެން ދެމީހުންނަކީ ދެލޯބި ވެރިންކަން، އެކަމު ފާތުން ހިއެއް ނުކުރެ ގުޅުން އޮންނަ ކަމަކަށް، އެކަމު އެރޭގައި ވަރަށް ކޫލް، ގަބޫލު ކުރި އަހަރެންގެ ވާހަކަ، އަހަރެންވެސް ހިތަށް އެރި ހާދަ ވިސްނޭ އަންހެނެކޭ، އެކަމު ފަހުން ވިސްނުނު ފާތުންގެ ހިތުގައި އަހަރެންނަށް ކޫރުމެއް އެޅުވުނުކަން، އަހަރެންނަށް ބުނެވުނު، އައިކީއަކީ ނުލިބުނު ލޯތްބެކެވެ. ބީވެގެން ދިޔަ އަގުބޮޑު ކޮންމެސް އެއްޗެކެވެ.

އެހިސާބުންހެން ހީވަނީ ވިސްނުން ބަދަލުވީ ހިތުގައި އެކަން ބާއްވައިގެން އޮވެ އެންމެފަހުން ފެޅުނީކަންނޭގެ މިހާރު ވަރިއަށް އެދެފި، މިހާހިސަބަށް ބުނިތަނާ އައިކީ ހައިރާންކަން ފާޅުކުރިއެވެ. "ހުވާ، އަޅޭ" ސައިކަލް މަޑުކޮށްލިވަގުތު އައިކީ ބުންޏެވެ. " އޭ މީނީ ތިގޭ ޒިޔާދުގެ ސައިކް، އޭނަ ވާނީ މިތާގައި ކަންނޭގެ ކިހިނެތް ހަދާނީ" އަހަރެން ބުނީމެވެ. ވިއްސަރަވީ ދޯއޭވެ. އޭނަ އޯކޭ ވާނެއެވެ. ގަޑިއަށް އޮފީހަށްވެސް އެނބުރި ދާންޖެހޭނެއެވެ. މިފަހަރުދެން މިތަނަށް ވަންނާނީއެވެ.

ލެމަންގްރާސް ސީވިއު ތެރެއަށް ދެމީހުން ވަދެގެން ދިޔައިރު އައިކީ ހުރީ ނުތަނަވަސްކަމެއްގައެވެ. ހުސް މޭޒަކާއި ދިމާއަށް މިސްރާބު ޖަހާފައި ހުއްޓައި ހުޓުން އަރުވާލީ ފެނުނު މަންޒަރާއި އެކުއެވެ. ޒިޔާދު އާއި އެކު ފާތުން އޭނީ މިތަނުގައެވެ.

 އަހަރެމެން ދެމީހުން ފެނުމާއި އެކު ފާތުން އައިސް އައިކީ އަށް ބަވާލިއެވެ. " ކަލޭތީ ހާދަ ހަޔާތް ކުޑަ އަންހެނެކެވެ. ކަލެއަށް ނޭގޭތަ މީހެއްގެ ފިރިއެއްކަން" އައިކީ އަހަރެންގެ ފުރަގަހަށް ވަނެވެ.
މައްސަލަ ހޫނުވެ އެތަނުގައި ތިބި މީހުންގެ ނަޒަރު އަހަރެންމެންނަށް ހުޓުމުން އެންމެފަހުން ދުރުގައި އިން ޒިޔާދުއަށް ކެތްނުކުރެވިގެން އައެވެ. "ތުއްތުބޭ ދެން ތީ ކޮންކަމެއް" ޒިޔާދު މަޑު ހުންނާށެވެ. އަހަރެން ބުނީމެވެ.

ގޭތެރޭގައި ކުޅުނު މަންޒަރު ފާތުން ތަކުރާރުކޮށްލިއެވެ. އަހަރެންގެ ޓައީ އަތަށް އޮޅާލާފައި ބުންޏެވެ. ދެންވަރިކުރާށެވެ. އެންމެގެ ތެރޭގައި ފަލީހަތްވެ ނިމުނީއެވެ. އަހަރެންގެ ގާތަށް ފާޑެއްގެ ރުޅިއެއް އައެވެ. ދެރަ ނުވާން އަހަރެން ބުނީމެވެ. ތިހިރީ ވަރިކޮށްފައެވެ. މިހެން ބުނުމާއި އެކު "ދަނޑަހީލް" (ދަމާލާ ރާގަކަށް) މިހެން ގޮވާލާފައި ފަހަތުގައި ހުރި އައިކީގެ އަޑު ގުގުމާލިއެވެ. "ވިސްނާފަ ކަންކަން ކޮށްބަލަ" މިހެން ބުނަމުން އައިކީ ބޭރަށް ނިކުތުމަށް ދުއްވައިގަތެވެ.

"އަދި ބުނެފިއެއްނުން ވިސްނާފަ ކަންކުރާށޭ، ނުވެގެން އުޅުނު ކަންތައް ވީނުން" މިހެން ބުނެފައި ފާތުންވެސް ނިކުމެގެން ދާންފެށުމުން ޒިޔާދު ފާތުންގެ ފަހަތުން ހިނގައިގަތެވެ. އަހަރެން ޒިޔާދުއަށް ގޮވީމެވެ. ކަލޭ ދާނެކަމެއް ނެތެވެ. މިހާރު އެއީ ކަލޭގެ ފަހަރިއެއް ނޫނެވެ.

އެމީހުން ނިކެމެގެން ދިޔައީ އަހަރެން އެކަނި ބައިބޯ މާހައުލުގައި ހުންނާށޭ ބުނާފަދައިންނެވެ. އައިކީވެސް މަޑުކޮށްލިނަމަ އަހަރެންނަށް ކޮންމެސް ވަރެއްގެ ގަޓެއް މިތަނުގައި ލިބުނީހެވެ. އަހަރެންވެސް ބޭރަށް ނިކުތީމެވެ. ޒިޔާދު ފަހަތުގައި ފާތުން ގޮސް އޮބައިފިއެވެ. އައިކީ ފެނޭތޯ އަހަރެން ހޯދާލީމެވެ. ހެދިގޮނޑުދޮށް ސަރަހައްދު ވަށައިގެން ވާ ތިރި ފާރުބުރިމަތީގައި ގަހެއްގެ ހިޔަލުގައި ދެއަތް އުރާލައިގެން އިނީ އައިކީއެވެ.


އަހަރެން މަޑުމަޑުން ގޮސް ފާރުބުރި މައްޗަށް ކޮޅަށް އަރައި ގުދުވެފައި އައިކީގެ ދެކޮނޑުގައި ފުރަގަހުން ހިފަހައްޓާލީމެވެ. އައިކީ ފޮޅުވާލިއެވެ. "ދެން މަށާ ވާހަކަ ނުދައްކާ، އަހަރެންނުން އެންމެފަހުން ފަލީހަތްވީ،" އަހަރެން އައިކީ އާއި ދުރަށް ހިނގައިގަތީމެވެ. ދުނިޔެ ދެކެފާނެ ގޮތަކާއި މެދު ލަދު ނުގަންނާށެވެ. އައިކީގެ ދިރިއުޅުން ނިމުނީ އަހަރެންނަށް އެދުވަހު އަތުގައި ހިފުނީމައެވެ. މިއަދު އަހަރެންގެ އަލަތު ކައިވެނީގެ ދަތުރު ނިމިގެން މިދިޔައީ އައިކީގެ ހިޔަނީގައެވެ. އެހެނަސް އައިކީއަކީ ކުއްވެރިއެއް ނޫނެވެ. އަހަރެމެންނަކީ އެމީހުން ހީކުރާކަހަލަ ބައެއް ނޫނެވެ. މަޖަލަކަށް ނަމަވެސް ފޯނުން ދެއްކި ވާހަކަ އަޑުއަހާފައި ޝިފާ އެކުރީ "ކަޑަ" ކަމެކެވެ. ފާރުބުރިމަތީގައި ހިނގަމުން ގޮސް ކޮޅަށް ދެވުނު އިރު އަހަރެންގެ އަޑެއް އައިކީއަށް ނީވޭނެއެވެ. (ނިމުނީ)
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved