Home » , » ނޭމާ - ފުރަތަމަ ބައި

ނޭމާ - ފުރަތަމަ ބައި

Written By Afey Afra on Thursday 19 June 2014 | 04:16









ނޭމާ ބުނެފާނެ އެއްޗަކާމެދު އަހަރެން ވިސްނަމެވެ. މިނޫން ގޮތެއް އަހަރެންނަށް ނެތީބާއޭ ހިތަށް އެރިއެވެ. ފެންފޮދެއް ބޯލާފައި ހިތްވަރުކޮށްލީމެވެ. "މިރޭ މަޑުކުރޭ އަހަރެން ބިރުގަނޭ" ނުކެރި އިނދެ އަހަރެން ބުނީމެވެ. "ކޯޗެއް މިތާ އޮވެގެން ބިރުން ތިއުޅެނީ މިގެއަކު ނޫޅޭނެ ކަލޭ ކާލާނެ އެއްޗެއް" ކާން އިންތަށި އަހަރެންނާއި ދިމާލަށް ކޮށްޕާލަމުން ނޭމާގެ ރުންކުރުކަން ދައްކާލިއެވެ. "އަޅެ ޕްލީސް ތިހެން ނުހަދަބަލަ"  އަހަރެން އާދޭސް ކުރީމެވެ. ފެންތަށިން ކޯވަރެއް ދަމާލާފައި ކޮޅަށް ހުރި ނޭމާ އަހަރެންނާއި ދިމާއަށް ބަލާލީ ކޯފުއްޕާފައި ހުރެގެންނެވެ. "އަހަރެން މިބުނީނުން މިތާކު ނޫޅެޔޭ ކަލޭ ކާލާނެ އެއްޗެއް، ކައްކާފަ ބަހައްޓާތި މާދަމާ މެންދުރު އަންނަން ވާއިރަށް" ނޭމާ ނިކުމެގެން ދިޔައީ އަހަރެން ކުރި އާދޭހަށް ފުރަގަސްދީފައެވެ. މިނޫން ދުވަހައް އަހަރެންނަށް ފެންނާނީ ކޮން ދުވަހަކުންބާއޭ ހިތަށް އެރިއެވެ. ކައިވެނި ކުރެވުނު މޮޔަ ހީވާނެ ހަމަ އެކަނި އަންހެނަކީ އަހަރެން ހެއްޔެވެ. އަހަރެންގެ ދުވަސް ވޭތުވެގެން ދަނީ އެކަނިމާ އެކަނި މިފަޅު ގޭގައެވެ.

ހެނދުނު ހޭލާގޮތަށް ނުތެދުވެ އޮންނަން ފަސޭހައެވެ. ކައްކާފަ ކާންދޭނެ ފިރިއަކު ހުންނަނީ ހަމައެކަނި މެންދުރުވެގެން އަންނަ އިރުއެވެ. މިއީ ދިރިއުޅުމެއް ހެއްޔެވެ. މެންދުރު 11 ޖަހަންދެއް ނިދަން އޮންނަން ކޮންމެ އަންހެނަކަށްވެސް ފަސޭހައެވެ. ކައިވެންޏެއް ކުރަނީ ރަނގަޅު އާދަތަކުގައި ދެމިހުންނާށެވެ.

"މަންމަ ކައިރީގައި ބުނެފީމެއްނުން މިގޭ ދޮރު ހުރީ ބޭރުން ތަޅުލާފައެވެ" "ނުވާނެ އެހެނެއް މިފަރާތުގައި މީހަކު ވާނެ" އަންހެނަކާއި ފިރިހެނެއްގެ ޒުވާބު އަރެންގެ ކަންފަތުގައި ޖެހުމުން އެނދުން ތެދުވެގެން ކުޑަދޮރު ކައިރިއަށް ޖެހިލީމެވެ. ބަލާބެލުމުން ދެބައި އުމުރުން މައްޗަށް ގޮސްފައިވާ އަންހެނަކު ޒުވާން ފިރިހެންކުއްޖެ އަތުގައި ހިފަހައްޓައިގެން ހެނދުނުގެ ދިލަ އަވިގަނޑުގައި ހުއްޓެވެ.

އެމީހުންގެ ވާހަކަ ހުރިގޮތުން އެއީ ދެމައިންކަން އެނގުނެވެ. އެފިރިހެން ކުއްޖާއަށް އަހަރެން ފެނުމާއި އެކު އޭނާގެ މަންމަގެ އަތުގައި ހިފާފައި ބާރަށް ދުއްވައި ގަތެވެ. އަތް ފޮޅުވާލަމުން އަންހެންމީހާ ބުންޏެވެ. "ކޮންތާކަށް ދާކަށް އަހަރެން ދޫކޮށްލާ" ފިރިހެން ކުއްޖާ އޭނާގެ މަންމައާއި ދިމާއަށް ބުނެލިއެވެ. " އެގޭ ތެރޭގައި އެބަހުރި އަންހެން ކުއްޖެއް، އެހެން ވިއްޔާ މަންމަ ބުނެބަލަ ބޭރުން ތަޅުލާފައި ހުރުމުގެ މާނައެއް" އެއަންހެން މީހާ އޭނާގެ ދަރިފުޅަށް ޖަވާބު ދިނެވެ. "އެއީ ބައެއް ފިރިހެނުން އެމީހުންގެ އަނބިންނާ އެހެން މީހުން ވާހަކަ ދައްކަން ނޭދޭތީވެ" އެކުއްޖާ ނުރުހިފައި ހުރެ މޫނު ހަދާލިއެވެ. " ދެން އެހެން ވިއްޔާ މަންމަ ކީކުރަން ތިއުޅެނީ" ފިރިހެން ކުއްޖާ އެހެން ބުނުމުން އަންހެން މީހާކައިރިއަށް ހިސާބަކަށް ރުޅި އަތުވިއެވެ. "އެއީ މިގެއަށް ގެނެސްފައި ހުރި ފަހަރިއެއް ކަލެއަކަށް ނޭގޭނެ އެއްވެސް އެއްޗެއް އަހަރެން ބުނީމަ ބުނާގޮތް ހަދާ އަހަރެން ބޭނުމީ އޭނައާ ވާހަކަ ދައްކަން" ފިރިހެން ކުއްޖާ އޭނާގެ މަންމައަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން މަންމެގެ ދެކޮނޑުގައި ހިފާފައި އަހަރެން ބަލަން ހުރި ކުޑަ ދޮރާއި ދިމާއަށް އަނބުރާލިއެވެ. " މަށަކަށް ނުކެރޭނެ މަންމަ ދޭ ކުރިއަށް އަހަރެން މިތާގަ ދުރުގަ ހުންނާނަން"

 ދެއަތް ކުރިމައްޗަށް ނެރެގެން އެއަންހެން މީހާ ހިނގާފައި އައި އިރު އެއީ ލޯފަން މީހެއްކަން އަހަރެންނަށް ޔަގީން ކުރެވުނެވެ. އައި ގޮތަށް އައިސް އަހަރެންގެ މޫނުގައި އޭނާ އަތް ޖެއްސިއެވެ. "ތީ ކާކު" އަހަރެންގެ ސުވާލަށް އޭނާ ޖަވާބު ދިނެވެ. " އަހަރެންނަށް ކިޔަނީ އާމިނަތު، އަހަރެން މީ ނޭމާގެ މަންމަގެ ވަރަށް ގާތް އެކުވެރިއެއް، އަހަރެންމެން ދިރިއުޅުނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ނޭމާ ވިހެއީ އަހަރެންގެ އަތްމައްޗަށް، ވިހެއުމުގެ ތެރޭގައި ނޭމާގެ މަންމަ މަރުވީ" އޭނާގެ ތަޢާރަފް ނިންމާލަމުން އަހަރެންގެ ނަން އެހިއެވެ.

"މަށަށް ކިޔަނީ ޖެނިފާ" އަހަރެން މިހެން ބުނުމާއި އެކު އޭނާ އަހަރެންގެ މޫނުގައި އަތްކާއްތަން ފެށިއެވެ. "ރީތި ސޫރައެއް ލިބިފައި ހުރި ކުއްޖެއްހެން ހީވޭ، އިސްތަށިގަނޑުވެސް ވަރަށް އޮމާން، ތުންފަތްވެސް ވަރަށް މަޑު" އަހަރެން ހަދާނެ ގޮތް ހުސްވިއެވެ. އެއަންހެނާ އަހަރެންގެ މޫނުގައި އަތްކާތަން ފެށުމުން ތުރުތުރު އަޅަން ފެށިއެވެ. "ކޮންއިރަކުންތަ ނޭމާ އަންނަނީ ގެއަށް"  މެންދުރު ކާން އަންނާނެވާހަކަ އަހަރެން ބުނީމެވެ. "އަހަރެންގެ ދަރިފުޅު ބުނި މިގޭ ބޭރުދޮރު ހުރީ ބޭރުން ތަޅު އަޅުވާފައޭ ކަނބުލޮއަށް ނޭމާ އިތުބާރު ނުކުރަނީތަ" އަހަންނަށް ބުނާނެ އެއްޗެއް ނޭގިފައި ހުރެވުނެވެ. "ވާހަކަ ދައްކަބަލަ" އަހަރެންގެ އުދާސްތައް ބޭއިހުތިޔާރުގައި ބޭރުކޮށްލެވުނެވެ.

"ނޭގެ އިތުބާރު ނުކުރާކަމެއްވެސް ކުރާކަމެއްވެސް، ނޭމާ އަންނާނީ މެންދުރު ކާން އެކަނި، އެއީ ވާހަކަ ދައްކަ މީހެއްނޫން، އެހެން ހަދާ މިހެން ހަދާ ބުނެފަދާނީ، އަނބިފިރިކަމުގެ ގުޅުމަކީ އަހަރެންގެ ހަޔާތުގައި އަދި ތަޖުރިބާ ކުރިކަމެއްނޫން އެކަމަކު ކައިވެނިކޮށްގެން މިގެއަށް އައިތާ ދެމަސްވަނީ މުޅިންވެސް ނިދަނީ އެކަނި" ލޮލުން ހިލުނު ކަރުނަތަކާއި އެކު އަހަރެންނަށް ގިސްލެވެން ފެށިއެވެ. "ނުރޮއި ހުއްޓާލާ އަހަރެން މިތަނަށް އައީ ކަނބުލޮ ރޮއްވާކަށް ނޫން ހުއްޓާލާ ތިކަން ހައްލު ކޮށްދެން އަހަރެން މަސައްކަތްކުރާނަން" އަހަރެންގެ އިސްތަށިގަނޑުގައި ފިރުމަމުން އާމިނާގެ އޯގާތެރި ބަސްތައް ކަންފަތަށް އިއްވާލަދިނުމުން އަހަރެންނަށް ހިތްވަރެއް ލިބުނެވެ." އަހަރެންގޭގައި ނިދަނީ މަންމަކައިރީގައި ނޭމާ އާއި ކައިވެނި ކުރުވާފައި އެތަކެއްމޭލު ދުރަށް އަހަރެން ފޮނުވާލީ މަންމަމެން ނޭމާއަށް އިތުބާރުކޮށްފަ، މިގެއަށް އައިފަހުން ނޭމާ ފިޔަވައި އަހަރެން ވާހަކަ ދެއްކި މީހަކީ ތިއީ، ކިހިނެތް މިހެން ދިރިއުޅޭނީ، އަހަރެން މަންމަމެންނަށް މިކަން އަންގާލާދީބާ! މީހަކު މެދުވެރިކޮށްނަމަވެސް" އަހަރެންގެ ހިތުގެ އެދުން ހާމަ ކުރިތަނާ އާމިނާ އޭނާގެ ދަރިފުޅަށް ގޮވާލިއެވެ.

" ރޫނީ، އާދެބަލަ، ދޭބަލަ ގެއަށް، މަންމަ ނިދާ ކޮޓަރީގައި ހުންނަ ލަކުޑި ފޮށިތެރޭގައި  އިންނާނެ ކުޑަ ދަޅެއް އޭގައި ފޮތި ބޮނޑިއެއް އޮޅާފައި އޮންނާނެ މޫތަކެއް އޭގެއިން ތިން މޫކޮޅު ގެނެސްދީބަލަ ނިކަން އަވަހަށް" އަހަރެން އޭނާއާއި ސުވާލު ކުރީމެވެ. ކީކުރާ މުލެއް ހެއްޔެވެ. "އެތަނުން މޫކޮޅެއް ލާފައި ސައިކައްކާފައި ނޭމާއަށް ދީބަލަ، އޭރުން ހައްލުވީ" ހައިރާންކަމާއި އެކު އަހަރެން ބުނީމެވެ. އެއީ ކިހިނަކުންވާނެ ކަމެއްހެއްޔެވެ. އެމުލުގެ މޮޅުކަމުގެ ވާހަކަ އާމިނާ ފެށީ އޭނާގެ ހަޔާތުން ބައެއްގެ ގޮތުގައެވެ.

"އެއީ އަހަރެން ޅައުމުރުގައި މީހަކު ދިން އެއްޗެއް، އަހަރެންނަކީ ލޯ އަނދިރި މީހެއްކަމުން އިންނާނެ މީހެއް ނުވެފައި ހުރީ، އަހަރެން އިންނަން ބޭނުންވާ މީހާ އެއްދުވަހަކު އަހަރެމެން ގެއަށް އައުމުން މޫކޮޅެއްލާފައި ސައިހެދީ، ދެތިން ދުވަސްފަހުން އެމީހާ އަހަރެންނާ އިނދެއްޖެ، ރޫނީ އަކީ އަހަރެންގެ ކައިވެނީގެ ހެކި" އަހަރެން އަޖައިބުވިއެވެ. "އެކަމް އޯ ދައްތާ! އަހަރެން މިހުރީ މީހަކާ އިނދެގެނެންނުން" މިހެން ބުނުމުން އާމިނާ މޫނުމަތިން ހިނިތުންވުން ދައްކާލީ އިތުބާރު ކުރާށޭ ބުނާކަހަލަ ގޮތަކަށެވެ.


" އަދިވެސް މަންމަ މިތާ ކޮޅައްތަ" ރޫނީ މިހެން ބުނުމުން އާމިނާ އެކުއްޖާއަށް ރައްދު ދިނެވެ. " ވާހަކަ ނުދައްކާ ތިގެނޭ" އަހަރެންގެ ކޮނޑުން ފެށިގެން ތިރިއަށް އަތްކާއްތަމުންގޮސް އަތްތިލާގައި ހިފަހައްޓާފައި މުށުތެރެއަށް މޫކޮޅު ލަމުން ބުންޏެވެ. "ފިކުރު ނުކުރޭ ތަފާތުވާނެ، ހުރިހާ ނޭމާގެ އަޑާއި އެކު އަހަރެން ސިއްސުވާލިއެވެ. " އޭ އަހަރެން ދަނީ " އާމިނާ އެހެން ބުނެފައި ރޫނީގެ އަތުގައި ހިފައިގެން ހިނގައި ގަތެވެ. " މިއަދު މަށަށް ނުކައްކަނީތަ" ރުޅިވެރިކަމާއި އެކު މޫނުރަތްކޮށްގެން ނޭމާ ކޮޓަރި ތެރެއަށް ވަދެގެން އައިއިރު، އަހަރެންގެ މުށުގައި އޮތް މޫކޮޅުފޮރުވަމުން ނޭމާ އާއި ދިމާލަށް އެނބުރުނީމެވެ. (ނިނިމޭ)
އިތުރުބައިތައް
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved