Home » , » ވިރެމުންދާ ހިތް

ވިރެމުންދާ ހިތް

Written By Afey Afra on Sunday 8 June 2014 | 02:26

ނޯޓު: މިވާހަކަ ފުރަތަމަ ޕަބްލިޝް ކުރެވުނީ 2009 ވަނަ އަހަރުއެވެ.







އަސުރުން ތިރިވެ އިރުގެ ބާރުކެނޑި އޮއްސެން ދޮޅު ކައިވަތަށް ވެފައިވާއިރު ގޭގެ މެދުއޮޅިމަތީގައި ކާސިމްބެ އިށީނެވެ. އަތް ތުރުތުރުލެވުމާއި ލޯބޯ ކޮށިވުމުގެ ސަބަބުން ފުޅީގައި ހުރި ކަރާސީނުތައް ފުޅިބައްތިއާއި ދިމާވަމުން ނުވަމުން މެދުގެއަށް އެޅެމުން ދާއިރު، ބޯގޮދުކޮށްގެން އިނދެ ތިނޯހެއްގެ ފަގައަށް ރޮދިލައްވަން މަސައްކަތްކުރާ ބީދައިން ފަރުވާތެރިކަމާއިއެކު ރެއަށް ތައްޔާރުވަމުން ދެއެވެ. އުމުރާއި އަޅާކިޔާފައި މީހަގެ ލޫޅާފަތިކަމާއި ވަރުގަދަކަމުން ހަތްދިހައިން މައްޗަށް ގޮސްފައިވާ ކާސިމްބެއަކީ ގިނަޒަމާންތަކެއް ވަންދެން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ މީހެއްކަން ސާބިތުވެއެވެ.
ވީރާނާވަމުންދާ ގޭތެރޭގައި ބަބުރުވަހާއި ތަތްމޫޑުވަހުން ތަގައްޔަރުވެފައިވާ އެތެރިގޭގައި އެލުވާފައިވާ ބަނބުކެޔޮ ފިލާމަތީގައި އޮތް ތިރީހުގެ ބަނޑޭރިގަނޑުވަނީ ހިރަފުހުގެ އަޅިކުލައިން ޖަރީވެފައެވެ. މިއިން ދުވަހަކު އޭގައި މީހަކު އަތްޖައްސާލާފައި ނުވެއެވެ. މެދުގެއަށް ކޮންމެވެސް ޒަމާނެއްގައި ދޮންވެލި ލާފައި ހުއްޓެއްކަމަކު ހުސްފަޔާ ހިނގާލައިފި މީހެއްގެ ފައިގެ ދަށްފުށް އަޅިކުލައިގެ އިސްޓާކީނަކުން ޖަރީކޮށްލާނެއެވެ. އުވަޔާއި ތެޅިގަލުން ރާނާފައިހުރި ފާރުގެ ލޯވަޅުތަކުން ވަންނަމުންދާ ހިމަހިމަ އަލި ދޯދިތަކުގެތެރޭގައި އެވާ އަވިކޮކާތަކުން ދިރުން ގެނެސްދިން ކަމުގައިވިއަސް، ތަނުގައި ވަނީ ހަމަހިމޭންކަމެވެ. އެތެރިގޭގެ އުތުރުފަރާތު ބިތްކައިރީގައި ރޯނުފުރާފައި ހުރި "އުތުރު އެނދު" ގައި ކުނަލެއް އަޅައިގެން ގެނބިފައި އެއޮތީ ފުރާނަ ހުއްޓަސް މަރުވެފައިވާ މަސްގަނޑެކެވެ. ކައިރީގައި ހުރި ކޮޅުފިލާ ގޮނޑިމަތީގައި ރޯފަނި ތައްޓަކާއި ފެންލޯވައްޓެއް ބަހައްޓާފައި ހުއްޓެއްކަމަކު އޭގެން ފެންފޮދެއްވެސް އަމިއްލައަށް ބޯލާނެ ވަރެއް ދޮންމަރިޔަނބުގެ އަތްފަޔަކު ނެތެވެ. ހަޔާތުގެ ސަފްހާތައް ފޮޅުވަތްތަކުން ފުރި އުކެމުންގޮސް ފަސްދޮޅަސް ފަސް އަހަރުވެފައިވާއިރު އެއިން ސަފްހާއެއް އަލުން ރީތިކޮށް އިސްލާހްކޮށްލާނެ ވަގުތެއް ދެނެއް ދޮންމަރިޔަބަކަށް ނުލިބޭނެއެވެ. އެދުވަސްވަނީ ހިތްދަތިކަމާއި ވޭނާއިއެކު މާޒީވެ ގޮސްފައެވެ.

" ފަސްދަރިން ދުނިޔެއަށް އުފަންކުރީތީ މުސްކުޅިވިދުވަހު އުފަލެއް ލިބުނީކީ ނޫން، އެއްޗެއް ނުދޭތާގައި ހާލުބަލާލަނީކީވެސް ނޫން، ދޮށްޓަށް ތިބި ދެބެއިން އެތިބެނީ ޖަލުކޮށްތު ކައިގެން މާފުށީގައި، ނުވިތާކަށް ހަގަށް ތިބި ތިން އަންހެން އެތި އެއުޅެނީ އަހަރެމެން ދޫކޮށްފައި ތަންތަނުން މީހުންނާއި އިނދެގެން ރަށުންބޭރުގައި، އަހަރެމެން ބަލަން ޖެހިދާނެތީވެ، އަމާއުޅުނުގޮތަކަށްނުން ކުދިންވެސް އުޅޭނީ އަމަޔަކީވެސް ބުނަންޏަ އޭރު "ހަވަރު ތުންފުއްސެއްހެން" އުޅުމީހެކޭ، މީހުންގެ ދަރިން މާލެ ފޮނުވާތީ އެކުދިންވެސް ކިޔަވާށޭ ކިޔާފައި މާލެ ނުފޮނުވައިގެން ފަޔަށް ހިނި އަރައިގެން އުޅުނުއިރު ހީވީ އަރަތްބަކު ރާބޮއިގެން އުޅުނުހެން، މިގެވެސް ފުނޑުފުނޑުކޮށްލާ ދަރަޖައަށް ކަންތައްގަނޑުދިޔަ، މޮޅުތަކެއް ވެއްޖެއެއްނުން، ގެގަނޑު މިހިރަގެން ބޯމައްޗަށް ފައިބަނީވިއްޔަ" ލަސްފިޔަވަޅުތަކަކާއި އެކު ޝަކުވާގެ ރަނގަބީލް ދޮންމަރިޔަނބުގެ ހިނދުރީގައި ބީހެން ފަށައިފިއެވެ. ފިރުކެމުންދާ ކަޅު ބޯވިލާގަނޑެއްގެ ތެރެއިން މިލަހނދުވަރެއްގެ އަލިކަން ފާއްދާލާ ފަދައިން އެތެރިގެއަށް ފުޅިބައްތީގެ އަލިކަން ވަދެއްޖެއެވެ. ފިލާގަނޑު ފޮޅިފައިވާ ލަކުޑި މޭޒުމަތީގައި ބައްތި ބެހެއްޓުމަށްފަހު ކާސިމްބެ ނިކުމެގެން ހިނގައްޖެއެވެ. ނިކުމެގެން ދަމުންވެސް ގޮވަމުންދާ ފަތިވަރަކަށް ބަދަލެއް ނުގެނެއެވެ. މުސްކުޅިވިދުވަހު ދަރިން އެހީ ނުވާތީ އެކަމުގެ ހުރިހާ ވަރެއް ކާސިމްބެ ބާލަނީ އުނދުމަތީގައި އޮތް އޭނާގެ އަންހެނުންނަށެވެ. ދެމަފިރިން އެކަނި އުޅެމުންދާ މިގޭގައި ކަމެއް ކުރާކޮންމެ ފަހަރަކު އެފަތިވަރު ނުގޮވާ ދުވަހެއް ނުދާނެއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް ދޮންމަރިޔަނބުގެ ވިރެމުންދާ ހިތް ހީވަނީ ބުރަބުރައިގެން ގޮސްފާނެހެންނެވެ. ކުރާނީ ކީއްހެއްޔެވެ. މީހުންދައްކާ ވާހަކަ އަޑުއިވުނަސް ވާހަކަދެއްކޭނެ ވާތްގެއް ދުލަކު ނެތެވެ. އެއްފަޅިން ވާގިގޮސްފައިވާ ދޮންމަރިޔަނބުގެ ނޭވާ ހޮޅީގައި ހުރިކަން އެކަންޏެވެ.
                                               

އުމުރުގެ ޒުވާން ދުވަސްވަރު މައިންބަފައިންނާއި މުޅި އާއިލާގެ ނުގަބޫލުގައި އަމިއްލަ ރަށް ދޫކޮށްފައި ކާސިމްބެއާއި އިނދެގެން ކާސިމްބެއަށްޓަކައި ޖާނާއި މާލުން ގުރުބާންވިއަސް އެކަމުގެ ރައްދަކަށް ކާސިމްބެ ޖެހީ މޫނުމަތީގައި ކޮޅުފައިންނެވެ. ގާތްތިމާގެ މީހަކު ދަތުރުވަރިއެއްގައި އަޔަސް އަޅާލުމަށް ކާސިމްބެ ދެކޮޅު ހަދައެވެ. ކާސިމްބެގެ ބަހަކީ އެންމެ ފަހުބަހެވެ. ތިމަންނައާއި ކައިވެނިކުރަން ނުގަބޫލޫވި ބަޔަކު ތިމަންނަ އުޅޭ ތާކަށް ވަދެގެން ނުވާނެއެވެ. އެތަކެއް ޒަމާނެއްކުރިން މައިންބަފައިން ބަލިހާލާއި އެކު ދުނިޔެ އަޅާ ދިޔައިރު އެމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވިފައި ނުވާތާގައި ލޮލުގެ ހިމަކޮޅަށްވެސް ފެނުނީކީ ނޫނެވެ. ހުދުމުހުތާރު ފިރިމީހާއަށްޓަކައެވެ. ހަޔާތުގެ ބޮޑުބައި ހިތްދަތިކަމާއި ވޭނާއި އެކު ތަހައްމަލުކުރަމުން އައިސް އެންމެ ފަހުގެ ދުވަސްތައް ބަލިއެނދުގައި ގުނަން ފެށިފައިވާއިރު ކަރުނައިން ދެލޯ ތެންމާލައިގެން އޮތުން ނޫންގޮތެއް ދޮންމަރިޔަބަކަށް ނެތެވެ. ތިމާގެ މީހަކު ވަސްޖެހޭ ހިސާބުގައި ނެތްއިރު އަތްދިކޮށްލާނޭ މީހަކު މިރަށުގައިވެސް ނެތެވެ. ދުނިޔެމަތީގައި އުފަން ދަރިން ތިބެ، އޯގާތެރިކަމުގެ އަތެއް ދިއްކޮށްނުލިކަމުގައި ވީނަމަވެސް ވިރެމުންދާ އެހިތަށް ކުރެވޭ ތަސައްވަރެއް އެބައޮތެވެ. ހެޔޮދުއާ ކުރާނެ މީހަކު ނެތަސް މަރުވީމާ ކޮންމެވެސް ބަޔަކު ނިކުމެ އޭނާގެ މައްޗަށް ކަށުނަމާދުކޮށް ވަޅުލާނެކަން ޔަޤީނެވެ. 


Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved