Home » , » ދެކޭހިތްވޭ ނިކަން

ދެކޭހިތްވޭ ނިކަން

Written By Afey Afra on Thursday 6 March 2014 | 02:36









ދުވާލަކު އެތަކެއް ބަޔަކު ޕާސްޕޯޓު ހައްދާށައި އާކުރަން އާދެއެވެ. އެތަކެއް ބަޔަކަށް އަހަރެންގެ ކައުންޓަރުން ޚިދުމަތްދެވިފައި ހުންނާނެއެވެ. އައިޑީ ކާޑު ދިއްކޮށްލުމުން ފޮޓޯއަށާއި، ކުރިމަތީގައި އިންނަ މީހަގެ މޫނަށް ބަލާލާ ޔަޤީން ކޮށްލުމަކީ އެންމެ ފުރަތަމަ ކުރެވޭ ކަންތަކެވެ. މަދުންނަމަވެސް ރައްޓެހިންނާއި، ދެކެފަރިތަ މީހުންނާއި، ކާކުކަން ނޭގުނަސް ދަންނަ ގޭގޭ މީހުންނާއި ދިމާވެއެވެ. ވަޒީފާގެ ހަތަރު އަހަރުވީ ހަޔާތުގައި އަހަރެންނަށް ލިބުނު ފުރަތަމަ ސިހުމަކީ "ހ.މަހިނޫރު" އެވެ. އެއީ އަހަރެންގެ މާޒީގެ ސަފްހާތަކުގައި ލިޔެފައިވާ ނަންތަކުގެ ތެރެއިން ނަމެކެވެ. އިސްޤީ ހަޔާތުގެ ކަފިތަކުން ހަރުފަތަކަށްވުރެ ހަރުފަތެއް ތިރިއަށް ފައިބަމުން ދާއިރު އެންމެ ފުރަތަމަ ބިންގާ އެޅުނު ބުޑުގަނޑެވެ. އައިޑީ ކާޑުގައިވާ އެނަމާއިއެކު އަހަރެން އޭނާގެ މޫނަށް ދެވަނަ ފަހަރަށް ބަލާލީމެވެ. އެއީ ރައިޝާއެވެ. އަހަރެން ހިނިތުންވެލީމެވެ. ތަފާތެވެ. ވަރަށް ތަފާތެވެ. ރައިޝާއަށް އަހަރެން މާކުރިން އެނގިއްޖެއެވެ. އަހަރެންނަށް ދެނެގަނެވުނީ ރައިޝާގެ މޫނަކުންނޫނެވެ. ގޭގެ ނަމުންނެވެ. ކިހިނެތްހޭ އަހާލުމުން ޖަވާބު ދިނެވެ. ތަފާތު ހިނިތުންވުމަކާއި އެކުއެވެ. ބަލާލުމައިއެކު ހަތަރުކަޅި ހަމަވުމަށް ނޭދޭ ފަދަ ގޮތަކަށް އިސްޖަހާލީ އެދުވަހު އެހެން ނުވިނަމައޭ ބުނެދޭފަދަ ގޮތަކަށެވެ. ކަޅުހެދުމާއި އެކު ކަޅު ބުރުގާ އަޅާފައިވާ ރައިޝާ ފެނުމުން އަހަރެންގެ ހަނދާނަށް އަދިވެސް ސިފަވަނީ ކިހިލިފަތް ފެންނަވަރުގެ އަތްކެނޑިއާއި ބަނޑުފެންނަވަރަށް ކުރުކޮށްފައި ހުންނަ ޓޮޕާއި ކުރު ސޯޓު ބުރި އެއްޗެހި ލައިގެން އުޅުނު ރައިޝާއެވެ. އެއީ މާޒީއެވެ.

ވެސްޓަރނައިޒޭޝަން އަރާ އަރުފޯދިގެން އޭގެ އާރޯކަންމަތީގައި ހަލުވިދުވެލީގައީ އަތުފަތު ނުޖެހޭހާ ބާރުމިނުގައި ދިޔައެވެ. ބުރުސޫރައަށްވުރެ އަޅާ ހެދުމަކީ ޗާލުކަމާއި ބިޓިންވަންތަކަން ގެނެސްދޭ މައިގަނޑު އަސާސެވެ. ބުރުހަމަ ހަނދުފަދަ ބަނިއާދަމް ކުދިންވެސް ތަންކޮޅެއް ދިގުކޮށް ހެދުން އަޅާއިފިއްޔާ އެއީ "ކަޓުމުއްލާ" އެކޭ ބުނެ ގަޔާވާ މީހުން މަދުވެއެވެ. މަގުމަތީގެ މެޖޯރިޓީއަކީ ގަޔަށްބާރު ކުރު ޓޮޕާއި ބެލް ނުވަތަ ނިކަބޮކައެވެ. މުޖުތަމައުގެ ޓްރެންޑާއި އެއްގޮތަށް ގަޔާ ވުމައި ގަޔާ ނުވުންވެސް ކަނޑައެޅިގެން ދަނީ އެންމެ އެއްފިކުރެއްގެ މަތީގައި ތިބެގެންނެވެ. މަގުމަތީގައި އަންހެން ކުދިން ހިނގާފައި ދާއިރު ވީހާވެސް ގަޔަށް ބާރު އެއްޗެއް ލާފައި ހުރިއްޔާ ބަލާ ފިރިހެނުން އިތުރެވެ. އަހަރެންވެސް އިސްތިސްނާއެއް ނުވަމެވެ.

އެއީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނަމޫނާ ގޯޅިގަނޑެކެވެ. ރޯދަމަހެއް ހިނގަމުންދާއިރު ރޭގަނޑު ގަޑީގައި ގޯޅިތެރޭގެ ހޭލަމޭލަވުން އިތުރުވެއެވެ. ފުރާވަރުގެ ދެޖީންސް ކުދިންވެސް ކޯޅި ކޯޅިއަށް ހޭދަކުރަމުންދާނީ މަޖަލުގައި މަގުމަތީގައެވެ. ގޭތެރޭގައި ބަންދުވެފައި ތިބޭކުދިންވެސް ވީއްލާ ރޯދައާއިއެކު މަންމަގެ އަތްދަށުންވެސް ވީއްލި ގޯޅިތެރެއަށް ނިކުމެ އުދުހެން ފަށައެވެ. އާއްމުކޮށް ފެންނަ ވައްތަރަށްވުރެ މަދުންފެންނަ ދޫނިތައް ފެނެއެވެ. އޭގެތެރެއިންވެސް އާއްމު މަސްމަހުގައި ގޭތެރޭގައި ހިމާޔަތްކުރެވިފައިވާ ވިތުންގަދަ ރަންމުތެއް އެތަނުގައި ވެއެވެ. އެގެއާއި ޖެހިގެން ތިންގެ ދޫކޮށްފައި އަހަރެން އުޅުނު ގެ ހުންނަ އިރުވެސް އެކުއްޖާ ފެންނާނީ ހުދުކާޅެއް ފެންނަ ފަދައިންނެވެ. އެއީ ރީތި ޒުވާން ޅަނދޮޅު ހަށިގަނޑެއް ލިބިފައިވާ ޗާލު މަލަކާއެވެ. ރީތި ކުދިން ގިނަ އެހިސާބުގަ އުޅޭ ހުރިހާ ކުދިންނަށްވުރެ އޭނާގެ ޗާލުކަން އިތުރެވެ. ލާފައި ހުންނާނީ ކުރު ޓޮޕެވެ. ކަށިމަތި މެދާ ހިސާބަށް އަންނަ ކުރު ޓައިޓް ވައްޓާލާފައި ހުންނައިރު ކުޑަކަޅުވާއަކީ އެންމެ ސަޅިކަން ގެނެސްދޭ ގުނަވަނެވެ. ސޯޓުލާފައި ހުންނަ އިރު ފަލަމަސްގަނޑުގެ ދޮންކަން އިންތިހާއެވެ. އިނގިލި ކުރި ޖައްސާލިއަސް ލޭކުލަ އަރާނެއެވެ. ބުޑުމަސްގަނޑަށް ބާރުކޮށްލާފައި ހިނގާފައި ދާނީ ފެޝަންޝޯވް އެއްގައި ހިނގާލާގޮތަށެވެ. ހަށިގަނޑު ހެލިފެލިކޮށްލާ ކޮންމެފަހަރަކު ސާފު ދޮންބަނޑު ގިނައިން ފެނެއެވެ. ކަރުފުޅާ ޓޮޕު ލަފައި ހުންނައިރު ކޮނޑު މަތީގައި އޮންނަ ވާގަނޑު ނުފެންނަ ފަހަރެއް މަދުވާނެއެވެ. ދެއްކުންތެރިކަމާއި ފޮނިކަމޭ ބައެއް ފަހަރު ހިތަށް އަރައެވެ. އެހެނަސް ޗާލެވެ. ހިތްގައިމު މަންޒަރެކެވެ. ރޯދަމަހާއި އެކު މޮޑެލް ކުރާ ކުއްޖާގެ މޫސުމެވެ. އެއީ އޭރުގައި މޫސުމީ ދޫންޏެކެވެ. ފަހުން ރައިޝާއެވެ.

ހޭލަމޭލައަށް އުޅޭ މަންޒަރު ބެލުމަށް ގޯޅީގެ އެއްފަރާތުގައި ޕާރކުކޮށްފައިވާ ސައިކަލުތަކުން ކޮންމެސް ސައިކަލެއް މަޑިމަތީގައި އަހަރެން އިނީ ފޫހިކަމެއް ނެތިއެވެ. ތަރާވީހުގެ ފަހުން ހާރުކެއުމާއި ދޭތެރޭގައި ގިނަވަގުތު ހޭދަކުރެވެއެވެ. މުހިންމު ޑްރާމާއެއް ނުވަތަ ޓީވީ ޝޯވްގައި ފޯރިގަދަ އެއްޗެއް އޮތިއްޔާ ބައިމަދުވުމުން ފޫހިކަން އިހުސާސް ކުރަންޖެހޭ ރޭތައްވެސް ދެއެވެ. އެހުރިހާ މަންޒަރަކުންވެސް ގިނަވަގުތު ކަޅި އެއްލިފައި ހުންނާނީ ރައިޝާގެ ޖާދުވީ ހަރަކާތްތަކަށެވެ. އިންސާނީ ތަބީޢަތުގައި ރީތި އެއްޗެއްސައް ފަސޭހައިން ސަމާލުކަން ދެވޭނެއެވެ. ހައްތާވެސް ދެކެފަރިތަ މީހުންކަމަށްވާތީ ސަރަހައްދުގައި އުޅޭ ފިރިހެންކުދިންނަށް ނިތްއެއްލާ އެމީހުން ޖަހާ ސަކަރާތުގައި ބައިވެރިވުމަށް ހީލަމެވެ. ސަކަރާތުގެ ތެރެއިން ރައިޝާގެ އަތުގައި އޮތް ބެޑްމިންޓަން ރެކެޓް އަތުލަން އެހެން ކުޖަކު އުޅުމުން ރައިޝާ ދުއްވައި ގަތެވެ. ރައިޝާގެ ފައިވާނުގެ ވަދު ކަނޑައިގެން ދިޔައީ އަހަރެންނާ ދާދި ގާތުންނެވެ. ފައިވާން ކިބަ އަތަށް ނަގަމުން ތުއި ރާގަކަށް "މީނައާއި ހެދި ވާކަންކަން" މިހެން ބުނެ ފަހަތުން އައި ކުއްޖާ އާއި ދިމާއަށް ކޮނެގަތެވެ. ވަސްޖެހޭހާ ކައިރީގައި އެއްފަރާތުގައި މީހަކު އިންކަން ރައިޝާއަށް ރޭކާލީ އެހެން ބުނެވުނު ފަހުންނެވެ. ރަކި ހިންޏަކުން ހެމުން އަހަރެންނާއި ދިމަ ބަލާލާފައި ހީލިއެވެ. އަހަރެންވެސް މަޖަލުގައި ބައިވެރިވުމަށް މިޔަކަން ދަމާލީމެވެ. އެއަށްފަހު ދެކެފަރިތަވީކަމަށް ނިންމާ ހީލަމެވެ. ރައިޝާވެސް އެކުވެރިކަން ސިފަވާގޮތަށް ހިނިތުންވުން ދައްކާލައެވެ. ރޯދަމަހުގެ ހިމަކޮޅަށް އެޅުމުން އެހީލުން އަހަރުދުވަހަށް މެދު ކެނޑޭނެކަމުގެ ރަނގަބީލު ކަންފަތުގައި ޖެހެން ފެށިއެވެ. ފަރި މޮޑެލިން ހަރަކާތްތައް ފަނޑުވެގެން ދާދުވަސް އަންނަނީއެވެ. އަހަރެން ރައިޝާއާއި ވާހަކަ ދައްކާލަން ހިތް އެދުނެވެ. ނަމަވެސް އޭނާގެ ވަށައިގެން އަބަދުވެސް މީހުން އޮވެއެވެ. އެއީ އަހަރެން ފަދަ މީހަކަށް ކުޅަދާނަ ކަމެއް ނޫނެވެ. މިހެން ހިތާހިތާ ކޮންމެ ރެއަކު ކިޔާލަ ކިޔާލާ އިންދާ އަހަރެން ސިއްސުވާލިއެވެ. ކޯޅިގަނޑުން ވަކިވެގެން ލަތްކަލަށް ދުވެފައި އައިސް ބުންޏެވެ. ގޯޅި ކުދިން ބައިބަލާ ޕްރެކްޓިސް ކުރާތަނަށް އެންމެ ނައްޓާލަނީއެވެ. ދާން ހިނގާށެވެ. ސިހުމާއި އެކު އަހަރެންނަށް ނޫނެކޭ ބުނެވުނެވެ. "ހާދަ ލަދުގަންނަ ކުއްޖެއް" މިހެން ބުނެފައި ރައިޝާ އެނބުރި އައިފަހަށް ދިޔައެވެ. އިންތިޒާރު ކުރީ ރައިޝާމެން އަންނާނެ އިރަކަށެވެ. އެހެން އިންދާ އަންހެން ގްރޫޕް ވަދެގެން އައީ ގޯޅީގެ އަނެއް ކޮޅުންނެވެ. ލަދު ގަންނަ ކުއްޖެކޭ އަހަރެންނާއި ދިމާއަށް ބުނެފައި ދިޔުމުން މިއޮތީ ފުރުސަތެކޭ ހިތަށް އެރިއެވެ. ކޮންމެ ގޮތެއްވިއަސް އެމީހުން ތިބޭ ޕޮއިންޓަށް ދެވޭނީ ކުރިމަތިން ހުރަސްކޮށްފައި ކަމަށްވާތީ ރައިޝާ އަށް ގޮވާލަން އަމިއްލައަށް ހިތްވަރުލީމެވެ. އެމީހުން އައީ އެކަކު އަނެނަކަށް ސަކަރާތް ޖަހަމުންނެވެ. އަހަރެންނާއި އަރާ ހަމަވުމުން އެކަކު އަނެކަކު ގައިގަ އަޅާ ކޮށްޕާފައި އަޑުގެ ނެތްތަނަށް ހެމުން ސަކަރާތްގަނޑުގެ ދަރަޖަ މަތިކޮށްލިއެވެ. އަރާ ހަމަވުމާއި އެކު ކުއްޖަކު ގޮވާލިއެވެ. ރައިޝާ ސަލާމް ބުންޏެވެ.

ރައިޝާގެ ސަލާމާއި އެކު އަހަރެން ފިކުރު ކުރީމެވެ. އެމީހުން ސަކަރާތް ޖަހަނީއެވެ. އަހަރެން ނުދާން ބުނީމައި ހައްތާ ބޮޑަށް ލަދުގަންނުވަން މަސައްކަތްކުރަނީބާއޭ ހިތަށް އެރިއެވެ. ޖެހިގެން އައިރޭ ގޯޅިތެރޭގައި ހުރި ފިހާރައިގެ ތެރެއަށް ރައިޝާ ވަދެފައި ބިއްލޫރި ގަނޑު ކައިރިއަށް އައިސްފައި ހީފައި އޮވެގެން އަހަރެންނަށް އަންނާށޭ ބުނާގޮތަށް ހަނާ އެޅިއެވެ. އަހަރެން ދިޔައީމެވެ. ފިހާރައިގައި އެންމެ އެތެރޭގައި މުދާ ޖަހާފައި ހުރި ހަރުގަނޑައި ދިމާއަށް އޭނާ މިސްރާބު ޖެހިއެވެ. އަހަރެން އޭނާ ފަހަތުން ގޮސް ހުއްޓުމުން ބުންޏެވެ. ހާދަ ލޯތްބެވެ. އަހަރެން ބުނީމެވެ. ރައިޝާވެސް ހާދަ ލޯތްބެވެ. އަހަރެންނަށް މަޖަލެވެ. ބީރައްޓެހިކޮށް އުޅުނު މޫސުމީ ދޫނި އަހަރެންނާއި ވާހަކަ ދައްކަނީއެވެ. ދެވަނަރޭވެސް އަހަރެން ރައިޝާ ގެންދިޔައެވެ. އެރޭ ބުންޏެވެ. ސީރިއަސްވެ ބަލާށެވެ. ވާހަކަ އެއް ބުނަން ހެއްޔެވެ. ސަކަރާތް ޖަހާއިރު ފިރިހެން ކުދިން އަހަރެންނައި އެކު ވަރަށް ގިނައިން އުޅޭނެއެވެ. އެއްޗެކޭ ހީނުކުރާށެވެ. އަހަރެން ބޮޑު ވާހަކައެއް ބުންނަން ވެފަ އެބައޮތެވެ. ހާރުކައިގެން ނުނިދާށެވެ. ފަތިހު އެންމެ ނިދީމައި ނިކުމެބަލާށެވެ. މަވެސް ނިކުންނާނަމެވެ.

އަހަރެން ފުންކޮށް ވިސްނާލީމެވެ. ރައިޝާ އަހަރެންނަށް ސެޓްވީބާއެވެ. ރައިޝާ ލިބޭނެ ކަމަށް ހަޔާތުގެ ކޮޅުންވެސް ސިފަކޮށްލެވިފަނެތެވެ. ވާހަކަ ނުދައްކާ ބީރައްޓެހިކޮށް އުޅުނު ކުއްޖާ އަހަރެންނަށް ކާމިޔާބު ވާނެކަމަށް ދުވަހަކު ވެސް ހިތުނުލަމެވެ. ފަތިހަށް އިންތިޒާރު ކުރީމެވެ. ހިތުގައި އުފާވެރިކަމާއި އެއްވަރަށް ބިރުވެރިކަންވެސް އިންތިހާއެވެ. ނުކިއްސަރު ގަޑިއެއްގައި މީހަކަށް ފެނިދާނެތީއެވެ. "އަންނާނަމޭ ކިޔާފައި ނާންނަމެއްނުން، އަހަރެން ތީނަ ނިކުމޭތޯ ދޮރުން ބޯދިއްކޮށްގެން އޮތިން" ޖެހިގެން އައިރޭ ރައިޝާ އަހަރެން ކައިރިއަށް އައިސް ޝަކުވާ ކުރިއެވެ. އަހަރެން ބުނީ ނިދުނީއެވެ. ރައިޝާ ބުންޏެވެ. އެހެންވިއްޔާ ގޯޅި ކަންމަޗައްގޮސް ލަނބާލާ ހިސާބުގައި މަޑުކޮށްބަލާށެވެ. މަމިއަންނަނީއެވެ. އަހަރެން ހުއްޓުންތަނާ ރައިޝާ ފަހަތުން އައިސް ބުރަކަށީގައި އަތްއަޅާ ކޮށްޕާލިއެވެ. ދުރަށް ހިނގުވާފައި ބުންޏެވެ. ވާހަކައެއް ބުނަން ހެއްޔެވެ. "އަހަރެން ވަރަށް ލޯބިވޭ، ބައްދާލާފައި ދޮނެއްދީ" އަހަރެންނަށް ސިހުން ގެނުވިއެވެ. އަހަރެން ބުނީމެވެ. މިހާރު ހެއްޔެވެ. މީ މަގުމައްޗެވެ. އެހެން ބުނުމުން އާހުންނާށޭ ބުނެ ރައިޝާ އެނބުރި ދިޔައީ ނުރުހުމާއި އެކުއެވެ. އެދިޔަ ގޮތަށް ރައިޝާ ދިޔައީއެވެ. ރައިޝާ އަހަރެންގެ އިހުސާސްތަކާއި ކުޅެލުމުން އަހަރެންގެ ހިތްވެސް ރައިޝާއަށް ލެނބުނެވެ. ނަމަވެސް އެދުވަހަށްފަހަ ރައިޝާގެ ހިނިތުންވުން ފޮރުވާ ކުރީގެ ބީރައްޓެހިކަން ދެއްކިއެވެ. އެއަށްފަހު ރޯދަމަހާއި އެކު ރައިޝާ ގާދޮށަށް ވަނީއެވެ. އަހަރެން ރައިޝާ ބޭނުންވިއެވެ. ދެކޭހިތްވިއެވެ. އަހަރެންވެސް ދިރިއުޅުން އެހެން ދިމާލަކަށް ބަދަލުވެ ދުރަށް މާދުރަށް ދާންޖެހުނީއެވެ.



އަޑީ ކާޑު ދިއްކޮށްލަމުން އަހަރެން ރައިޝާގެ މޫނަށް ބަލާލާފައި ހީލީމެވެ. ރައިޝާވެސް ކުރީފަހަރުގެ ލަދުރަކި ހިނިތުންވުން ތަކުރާރު ކުރިއެވެ. ޖެހިގެން އިން ޓޯކަން އަށް ނުގޮވާ އަހަރެން މަޑުކުރީ ރައިޝާއަށް ބެލުމަށެވެ. ރައިޝާ ތަފާތެވެ. ވަރަށް ތަފާތެވެ. ގަޔަށްދޫ ކަޅުހެދުމުގައި ހުންނަ އިރުވެސް ރީއްޗެވެ. އަހަރެންނަކީ ރައިޝާގެ ޗޮއިސް އެކެވެ. ރައިޝާ އަކީ އަހަރެންނަށް ލިބުނު އޮޕަޗިއުނިޓީއެވެ. އެދުވަހު ރައިޝާގެ ހޮވުމަކީ ރަނގަޅު ހޮވުމަކަށް ނުވީ އަހަރެންނަށް މަގުމަތީގައި ރައިޝާއަށް ދޮނެއް ދޭން ނުކެރުނީމައެވެ. އަހަރެންނަށް ލިބުނު ފުރުސަތު ގެއްލިގެން ދިޔައީ މަގުމަތީގައި ބައްދާލަން ނުކެރުނީމައެވެ. ފަތިހު ބައްދަލުކުރަން ބިރުގަތީމައެވެ. ނޫންނަމަ މިއަދު އެނގޮޑީގައި އިންނާނީ އަހަރެންނެވެ. މިއަދު އެގޮނޑިން ތެދުވެގެން ރައިޝާ ގޮވައިގެން އެދާ މީހާއަކީ އޭނާގެ ފިރިމިހާކަން ކަށަވަރެވެ. ރައިޝާގެ ކަޅު ހެދުމަކީ އޭނާގެ އަމިއްލަ ޗޮއިސްކަމެއް ނުވަތަ ކައިރީގައިވާ "މާތް" ފިރިމީހާގެ ނިންމުން ކަމެއް އަހަރެންނަކަށް ނޭގެއެވެ. އަދިވެސް ރައިޝާ ދެކޭހިތްވެއެވެ.


Share this article :

1 comments:

  1. meehama hageegee haadhisaa eh. e golhiganduga ulhun kuhjjaage Aslunamakee. Aroosha.

    ReplyDelete

ލިޔުމާއި ގުޅިގެން ޝުއޫރު ފާޅުކުރެއްވުމަށް ތިރީގައިވާ (ކޮމެންޓް އޭސް) ގޮޅިން ބޭނުންވާ ގޮތެއް ހިޔާރުކުރެއްވާ

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved