Home » » މެރަތަންއަށް ނަންދެވުނު ގޮތާއި ދިގުމިން ކަނޑައެޅުނުގޮތް

މެރަތަންއަށް ނަންދެވުނު ގޮތާއި ދިގުމިން ކަނޑައެޅުނުގޮތް

Written By Afey Afra on Sunday 26 January 2014 | 03:00

ހާފްމެރަތަން މުބާރަތެއްގެ  އަންހެންބައި ކާމިޔާބުކުރި އިނާޔާ ރޭސް ނިންމަނީ- ފޮޓޯ ޙުސައިން ޝިނާން
މެރަތަން އަކީ ކަސްރަތީ ކުޅިވަރުތަކުގެ ތެރެއިން ދުނިޔޭގައި ރަސްމީކޮށް މިންގަޑު ކަނޑައަޅާފައިވާ އެންމެދިގު ދުވުމުގެ ރޭހަށް ކިޔާ ނަމެވެ. މެރަތަން ރޭސްގެ ދިގުމިނަކީ 26.2 މޭލު ނުވަތަ 42.16 ކިލޯމީޓަރެވެ. މެރަތަންއަށް އެނަން ދެވުނީ ކީއްވެގެންކަމާއި އަދި މެރަތަން ރޭހުގެ ދިގުނިމުގައި 26.2 މޭލު ކަނޑައަޅާފައިވަނީ ކީއްވެތޯ އެއީ ގިޔަބަކު ކުރަމުންދާ ސުވާލެކެވެ. ދިގުމިނާއިމެދު ހިތުގައި އުފެދޭ ސުވާލަކީ 26 އަކީ ހަމަ އަދަދަކަށް ވާއިރު ޕޮއިންޓް 2 ލާފައިވަނީ ކީއްވެގެން ތޯއެވެ.


މެރަތަން ވުޖޫދަށް އައުމުގެ އަސްލަކަށްވެސް ވެފައިވަނީ އޮލީމްޕިކްވެސް އުފެދުނު ގައުމުކަމަށްވާ ގްރީސް އިންނެވެ. ހަޤީޤަތުގައި މެރަތަންއަކީ ގްރީސްގެ ސަރަހައްދަކަށް ނުވަތަ ސިޓީ އަކަށް ކިޔާނަމެކެވެ. ގްރީސްގެ އޮލިމްޕިއާއިން އޮލީމްޕިކް އުފެދުނު ފަދައިން މެރަތަން ރޭސް ވުޖޫދަށް އައިސްފައިވަނީ މިދެންނެވުނު ގްރީސްގެ މެރަތަން ކިޔާ ސިޓީގައި ހިނގި ހާދިޘާއެއްގެ ސަބަބުންނެވެ. އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 490 އަހަރު ކުރިން މެރަތަންގައި ބޮޑު ހަނގުރާމައެއް ކުރެވުނެވެ. އެހަނގުރާމާގައި ފަތަހަ ހޯދާ ކާމިޔާބުވީކަން ވެރިންނަށް ދެންނެވުމަށްޓަކައި، ގްރީސްގެ ސިފައިންގެ މީހަކު މެރަތަންއިން ވެރިރަށް އެތެންސް އަށް ދުވެފައި ދިޔަދިޔުމަކީ މެރަތަން ރޭސް ވުޖޫދަށް އައުމުގެ އަސްލެވެ. މެރަތަން އާއި އެތެންސް އާއި ދެމެދު ހުންނަނީ 25 މޭލެވެ. 25 މޭލު ދުވެފައި ކަޑަތު ކުރުމަށްފަހު ސިފައިންގެ މީހާ އޭނާގެ ވެރިންނަށް ކާމިޔާބުގެ އުފާވެރި ހަބަރު ދިނުމާއި އެކު އޭނާ ބިންމައްޗަށްވެޓި ހަބަރު ހުސްވިކަމަށް ނުވަތަ މަރުވީކަމަށްވެސް ވާހަކަ ދެކެވެއެވެ. މިދެންނެވުނު ފަހުލަވާނު ދެއްކި ހިތްވަރާއި އެކު އޭގެ ފަހުން، 25 މޭލު ދުވުމަށް "މެރަތަން" މިނަން ބޭނުން ކުރެވުނެވެ.


ނަމަވެސް މީހުން ކުރާ ސުވާލަކީ ގްރީސްގެ މެރަތަންއިން އެތަންސް އަށް 25 މޭލުގެ ރާސްތާއެއް ހުންނަ އިރު މިޒަމާނުގެ އޮލިމްޕިކްގައި މެރަތަންގެ ސްޓޭންޑަރޑް ދިގުމިނެއްގެ ގޮތުގައި 26.2 މޭލު ކަނޑައަޅާފައިވަނީ ކީއްވެގެން ހެއްޔެވެ. 1908 ވަނަ އަހަރު ލަންޑަންގައި ބޭއްވުނު އޮލީމްޕިކް ގޭމުގައި ހިމެނޭ މެރަތަން ރޭހުގެ ނިންމާ ޕޮއިންޓް ކަނޑައެޅިގެން ދިޔައީ އިނގިރޭސި ސާހީ އާއިލާއިން ބޭނުންވި ތަނަކަށެވެ. ނުވަތަ ސާހީ އާއިލާއަށް ރީތިކޮށް މަންޒަރު ފެންނާނެ ޕޮއިންޓަކަށެވެ. ސާހީ އާއިލާއިން އެދުމުގެ މަތިން އެއިންތިޒާމް ހަމަޖެހިގެން ދިޔައިރު އެފަހަރު ދުވަން ޖެހުނު ދިގުމިން ވަނީ 26.2 މޭލް އަށް ދިގުވެފައެވެ. އޭގެ 24 އަހަރު ފަހުން ފްރާންސްގެ ޕެރިސްގައި ބޭއްވުނު އޮލީމްޕިކްގައި މިދިގުމިނަކީ ނަމޫނާއެއް ކަމަށްބަލާ  ރަސްމީ މިންގަޑު ކަމުގައި ކަނޑައެޅިގެން ދިޔައެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved