Home » , » ހިލަހިތުގެ ނިމުން

ހިލަހިތުގެ ނިމުން

Written By Afey Afra on Friday 4 October 2013 | 02:30

މަޑު މޮޅިކަމާއި އެކު ހަމަޖެހޭކަމަށް ހެދިގެން ހުރި ރަފޭލް ޗެމްބަރު ތެރެއަށް ވެދެގެން ދިޔައިރު އޭނާ އާއި އެކު އާނަންދުއާއި މެތިއުވެސް ވަނެވެ. ސަކަމިޒާޖައިއެކު އާނަންދު އާއި މެތިއު ދިޔައީ ކުޑަކޮށް ސަކަރާތް ޖަހަމުން އެކަކު އަނެކަކަށް ހީސަމާސާކުރަމުންނެވެ. ނަމަވެސް ރަފޭލްގެ މޫނުމަތީގައި ވަނީ މަޑު މޮޅިކަމެވެ. ޗެމްބަރުތެރެއަށް ތިންމީހުން ވެދެގެން ދިޔައިރު ބޮޑު ގޮނޑީގައި ވެޑުވިފައި ސްރިނިވާސް އިނެވެ. ކުރިމަތީގައި އިން ބެންޗުގައި ތިންމީހުން އިށީނުމާއި އެކު ސްރިނިވާރސް ސުވާލުކުރިއެވެ. ފަހަރަކު މީހަކު ކޮޅަށް ތެދުވެފައި އަމިއްލަ ތައާރަފެއް ދިނުމަށް ފަހު އިށީނެވެ. ސްރިނިވަރސް ޕުނީތާކުރެން އެއްސެވިއެވެ. ޔަހޫދީ ކަލޭގެ ޙާޟިރުވެޖެހެއްޔެވެ. ޕުނީތާ ޖާވާބުދާރީ ވުމުން، ސައިލަމްއަށް  އެތެރެއަށް ވަނުމަށް އެންގުމަށް ސްރިނިވާރސް ޕުނީތާއަށް އަމުރުކުރިއެވެ.


ރަފޭލް އާއި އެކު އޭނާގެ ދެއެކުވެރިން ކަނާއަތް ފަޅީ ބެންޗުގައި އިށީންދެގެން ތިބި އިރު ވާއަތް ފަޅިގައި އެމީހުންނަށް މޫނު ލައިގެން ސައިލަމް އިށީންދެއިނެވެ. މައްސަލައިގެ ބާވަތުން ދެފަރާތުންވެސް އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމް ކުރުމަށާއި، ގޮތްދޫކުރުމަށާއި ރަހްމާއި ހަމްދަރުދީ އިސްކުރުމަށް ސްރިނިވާރސް ނަސޭޙަތްތެރިވިއެވެ. އަދި އިންސާނެއްގެ ފުރާނައަށް ނުރައްކާވާ ޒާތުގެ ކަމަކަށް މަގުފަހިވުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ރަހުމާއި ހަމްދަރުދީކަމުގައި ސްރިނިވާރސް އަޑަށް ބަރުލާފައި އެންގިއެވެ. " އަހަރެން މި މަޑު ޖައްސާލަނީ މުޅިން އާފަނޑިޔާރަކު އަންނާތީ ، ކުރިއަށް އޮތް ބައި ގަޑިއިރުތެރޭގައި އަހަރެން ރިޓަޔަރ ކުރާނެ، ޝަރީއަތް ދިގުދެމިގެން ދާނީ ކިހާއިރަކަށް ކަމެއް ކަނޑައެޅިގެން ނޭގޭ، ނަމަވެސް އަހަރެންގެ ނަސޭހަތުގައި ތިޔަ ފަރާތްތަކުން ހިފަހައްޓާނެ ކަމަށް އުންމީދުކުރަން" ސްރިނިވަރސް މިހެން ބުނުމާއި ސިޓީއުރައެއް ހިފައިގެން އައިސް ހުރި މީހަކު ބޭރުގައި އެބަހުރި ކަމަށް ޕުނީތާ ދެންނެވިއެވެ. ސިޓީއުރަ ސްރިނިވާރސް އަށް އެރުވުމުން ސިޓީގައިވާ އިބާރާތް ކިޔާފައި ޕާޕިއާ ވަޑައިގަތީހެއްޔެވެ. ބުނެފައި އެތެރެއަށް ވެއްދުމަށް އެންގިއެވެ. ބޮލާއި ކަނދުރާ ނިވާކޮށް ރީތި ކަޅުހެދުމެއްގައި ހުރި ޕާޕިއާ އެތެރެއަށް ވަނުމުން، ސްރިނިވާރސް ކޮޅަށް ތެދުވެފައި، ޕާޕިއާ އަށް މަރުހަބާ ދެންނެވިއެވެ. އަދި ސްރިނިވާރސްގެ ގޮނޑި އަތުގެ އިޝާރާތުން ޕާޕިއާއަށް ދައްކާލުމަށްފަހު، ކުރިއަށް ގެންދަވާށޭ ކިޔާފައި ސްރިނިވާރސް ނިކުމެގެން ދިޔައީ އެނބުރި ނާންނާނެ ގޮތަށް ތާއަބަދަށެވެ.

ފެންނަ ފެނުމަށް އުމުރަށްވުރެ އަޑުގައި ޒުވާންކަމެއް ހުރި ޕާޕިއާ ގަނޑުތައް ހާވަފައި ސައިލަމް ކުރެން އެއްސެވިއެވެ. މައްސަލައަކީ ކޮބާހޭ، ހިތްހަމަ ނުޖެހިފައި ހުރި ސައިލަމް ރޫޑު ގޮތަކަށް ބުނެލިއެވެ. އަހަރެން އަތުން އަނބުރާ ދައްކާގޮތަށް ނަގަފާއިވާ ފައިސާ ރަފޭލް އަހަރެންނަކަށް ނުދެއްކިއެވެ. އަހަރެން ބޭނުންވަނީ އެގްރީމެންޓްގައި ވާގޮތުގެމަތިން ރަފޭލްއަށް ހައްޤު އަދަބު ދިނުމަށެވެ. ރަފޭލް އާއި ސުވާކުކުރުމުން ރަފޭލް އެދުނީ އެއްބައި ދައްކާ ގޮތަށެވެ. އަދި އޭނާގެ އެކުވެރި މެތިއު އާއި، އާނަންދު އެވަގުތު އެފައިސަ އެއްކޮށް ދެއްކި ދާނެކަމަށާއި، އަވަހަށް މިކަން ނިންމަން ފަނޑިޔާރު ޕާޕިއާއަށް ދެންނެވިއެވެ. ސައިލަމް ހިތްހަމަ ނުޖެހިފައި ހުރެ ބުންޏެވެ. އިއްޒަތްތެރި ފަނޑިޔާރެވެ، ކަމަނާ އަޅުގަނޑަށް އިންސާފު ހޯދައިދޭށެވެ. އަޅުގަނޑެއް ލާރިއެއް ބޭނުމެއް ނޫނެވެ. އެވަގުތު ހައިރާންވެފައި އިން ޕާޕިއާ ތިޔަބުނާ އިންސާފަކީ ކޮބައިކަން އިއްވައިދޭށޭ ބުންޏެވެ. ސައިލަމް ބުންޏެވެ. އަނބުރާ ދެއްކުމުގެ މުއްދަތު މިހާރު ވަނީ ފަހަނައަޅާ ގޮސްފައި ، މިހާރުއަހަރެން ބޭނުމީ ފައިސާއަށް ވުރެ ބޮޑަށް އެގްރިމެންޓްގައި އޮތް ގޮތަށް ކުރިއަށް ގެންދަން، އެގްރިމެންޓްގައިވަނީ މިހާލަތަށް ގޮސްފިކަމުގައި ވާނަމަ އަހަރެންނަށް ރަފޭލްގެ މޭމަތިން މަސްގަނޑެއް ދިނުމަށެވެ. ޕާޕިއާ ހައިރާންވެފައި ބުންޏެވެ. މިހާރު ރަފޭލްގެ ފަރާތުން ފައިސާ ދެއްކުމަށް އެވަނީ ތައްޔާރުވެފައެވެ. އެހެން ކަމުން މީހަކަށް ގެއްލުމެއް ދިނުމަށްވުރެ، އެންމެ ރަނގަޅު ގޮތަކީ އެފައިސާގައި ހިފުމެވެ. އިންސާނެއްގެ މައްޗަށް ކުޑަވެސް ރަހުމެއް ނެތީހެއްޔެވެ. ހިތްހަމަ ނުޖެހިފައިވާ ސައިލަމް އޭނަގެ ބަރު އަޑުން ބުނެލިއެވެ. މަށަށް އިންސާފު ލިބޭނެ ކަމުގެ އެއްވެސް ގެރެންޓީއެއް މިހާރު މިތާ ކަންކަން މިދާގޮތުންނެތެވެ.

ސައިލަމްގެ ގޮތްދޫ ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ޝަރީއަތުގެ ހަމަޖެހުމަށް ބުރޫއަރާ، ކުޑަކޮށް ޕާޕިއާއަށް ޕްރެސަރު ކުރިމަތިވުމުން، ރަފޭލް ތެދުވެފައި ބުނެފިއެވެ. އެގްރިމެންޓްގައި ބުނެފައިވާ ގޮތަށް އަމަލު ކުރުމަށް އަހަރެންގެ އެއްވެސް އިއުތިރާޒެއް ނެތެވެ. މިހިސާބުން، ޕާޕިއާ ސައިލަމް އަށް އެނގިއެވެ. އޭނާގެ އިއުތިރާޒެއް ނެތިއްޔާ އަވަހަށް އެމަސްކޮޅު ނަގާށެވެ، ކައިރީގައި އިން އާނަންދަށް ކެތްނުކުރެވިގެން ސައިލަމް އާއި ދިމާއަށް ބުންޏެވެ. ކަލޭގެ ކިބައިގާ ރަހުމެއް ހަމްދަރުދީއެއްވެސް ނެތީހެއްޔެވެ. އެވަގުތު ރަފޭލްގެ ގަމީސް ބާލާ މޭދިއްކޮށްލިއެވެ. ފެންކަޅިވެފައިވާ މެތިއު ބުންޏެވެ. މާފުކުރަށެވެ. އަހަރެންގެ މަންފާއަކަށްޓަކައި ރަފޭލް ކޮށްދިން ކަމެއްގެ ސަބަބުން ތިފަތަ ބޮޑު އުގޫބާތެއް ލިބޭކަށް ބޭނުމެއް ނުވެއެވެ. އަހަރެންގެ މޭ ކަފާލަށެވެ، މިވަގުތު އެންމެ އައުލާކަން ބޮޑީ އަހަރެންގެ ގައިން މަސް ނެގުމެވެ. ޕާޕިއާ އެންގިއެވެ. އެގްރިމެންޓްގައިވާގޮތުން އެހެން މީހަކަށް މިކަމުގައި އަނިޔާއެއް ލިބުމެއް ނެތެވެ. ދެރަވެފައިވަ މެތިއުގެ ބަޑިފަޅައިގެން ދިޔައެވެ. ރޮމުން ރޮމުން ބުނެލިއެވެ. ނޫނެކޭ، އިއްޒަތްތެރި ފަނޑިޔާރުއެވެ، މިއަދު އަހަރެންގެ އަންހެނުންނަށްވުރެވެސް، އަހަރެންނަށް އަގުބޮޑުވެގެން މިދަނީ އަހަރެންގެ އެކުވެރިއާއެވެ. މަށާއި މަގޭގެ އަންހެނުން ގުރުބާން ކުރަން ޖެހުނަސް އަހަރެންގެ އެކުވެރިޔާ ގަދަވެ ސަލާމަތުން ބަހައްޓަން އަހަރެން ބޭނުމެވެ. ޕާޕިއާ ދެލޯ ބޮޑު ކޮށްލާފައި ބުންޏެވެ. ކަލޭގެ އަންހެނުން މިތާގައި އިންނަމަ އެވާހަކަތައް އަޑު އަހާކަށް ބޭނުމެއް ނުވާނެއެވެ. އަދި އެކަމާ އޭނާ އިންކާރު ކުރާނެކަން ކަށަވަރެވެ.

ހުސްގަޔާ ހުރި ރަފޭލް އަރިމަތީގައި ހުރި މޭޒުކައިރިއަށް ގޮސް ކަރުދާސްތައް އެއްފަރާތަށް ޖައްސާލުމަށްފަހު މޭޒުމަތީގައި އުޑުތިލަ މަތިން އޮށޯތެވެ. ސައިލަމްގެ އިސްޓާކީން ދަށުން ވަޅި ނަގާފައި މުށުތެރެއަށް ލައިގެން ހިނގަތެވެ. ޖަނަވާރެއް ޝިކާރަކުރަން ދާމީހެއް ފަދައިން ތިލައިގައި ހައިންޗި ހުރި ވަޅި ހިފައިގެން ކުރިއަށް ދާ ސައިލަމް އާއި ދިމައަށް ޕާޕިއާ އިންޒާރު ދިނެވެ. އެހަށް މަޑު ކުރާށެވެ. ތިކަން ކުރުމުގެ ކުރިން ދިމާވެދާނެ ކަމަކަށްޓަކައި މިތަނަށް ޑޮކްޓަރަކު ގެންނަން ޖެހޭނެއެވެ. ވަގުތުން ސައިލަމް ބުންޏެވެ. އެގްރިމެންޓްގައި ޑްކޮޓަރެއްގެ ވާހައެއް ނޯންނާނެއެވެ. މިހާހިސަބުން ޗެމްބަރު ހަލަބޮލިވެގެން ދިޔައެވެ. ރަފޭލްގެ ހައްޤުޤައި ވަކާލަތު ކުރަމުންދާ އާނަންދު އާދޭހައި އެކު ދެންނެވިއެވެ. އިއްޒަތްރި ފަނޑިޔާރެވެ. އެކަން އެގޮތަކަށް ކުރިއަނުދެއްވާށެވެ. ކަމަނާގެ ކިބައިގާ އަދުލު އިންސާފެއް ހުރިނަމަ ޤާނޫނަށް ހުރުމަތްތެރިކޮށް ހިތާށެވެ. މިތަނަށް ބޭރުން އަރާހުރި މީހަކަށް މަދަނީ މައްސަލައެއްގައި މިގައުމުގެ ރައްޔިތަކު ކަތިލެވޭނީ ކިހިނަކުންހެޔެވެ. ޕާޕިއާ ސައިލަމް އަށް އަމުރު ކުރިއެވެ. ކަލޭ ރަފޭލްގެ މޭމަތިން މަސްނަގާށެވެ. ނަމަވެސް އެގްރިމެންޓްގައިވާ މިންވަރަށެވެ. ތިލަފަތަށްލާ ކިރާއިރު އެއަށްވުރެ ބަރުވެގެންވެސް އަދި ލުއިވެގެންވެސް ނުވާނެއެވެ. އަދި އެގްރިމެންޓްގައި ލޭގެ ވާހަކައެއްވެސް ނެތެވެ. މޭޒުމަތީގައި އެވާ ފިރިހެނާގެ ގައިން އެންމެ ލޭތިއްކެއްވެސް ވައްޓާލައިގެން ނުވާނެވެ.

ސައިލަމް އޭނާގެ ބަރު ފިޔަވަޅު މަތީގައި ހުއްޓުން އަރާފައިވާ އިރު، ޖޯޝާއި އެކު ވާހަކަ ދައްކަމުން ދިޔަ ފަނޑިޔާރުގެ ބަސްތަކުން ރަފޭލް އަށާއި އޭނާގެ ދެއެކުވެރިންނަށް ހިނިތުންވުން ގެނުވައިފިއެވެ. އަހަރެން ހަވަލާމިދެނީ މިގައުމުގައި އައިސް އުޅޭ ބޭރުމީހުންނާއި ބެހޭ ޤާނޫނަށެވެ. ބިދޭސީއަކު މިގައުމުގެ ރައްޔިތެއްގެ ގައިން އެންމެ ލޭތިއްކެ ވާއްޓާލައިފި ނަމަވެސް އެމީހާ މަރަން ޖެހެއެވެ. އަދި މިގައުމުގެ ރައްޔިތަކަށް އަނިޔާވެރިވުމަށް ހިތުލައިގެން އެކަމަށް ކުޑަކުޑަ މިންވަރަކަށް ނަމަވެސް މަސައްކަތްކޮށްފި މީހެއްގެ އަދަބަކީ އޭނާގެ މުދަލުން ދެބައި ކޮށްފަ އެއްބައި ދައުލަތަށް ނަގާ، އަނެއްބައި އަނިޔާލިބޭ ނުވަތަ އަނިޔާ ރައްދުވާ މީހާއަށް ދިނުމެވެ. އެހެންކަމުން މިޤަނޫނުގެ ދަށުން ސައިލަމް ތިހުރީ ކުށްވެރިވެފައި ކަމަށާއި، އެގްރިމެންޓުގައިވާ މާއްދާއަކީ ޤާނޫނައި ހިލާފަށް ހަދާފައިވާ މާއްދާއެއް ކަމަށާއި އެހެންކަމުން އެގްރިމެންޓް ބާތިލުވެއްޖެ ކަމަށް ހުކުމް ކުރިއެވެ.

ހިނިތުންވެފައިވާ މެތިއު ބުނެލިއެވެ. ރީތި އަޑެއް އިވުނު ހެއްޔެވެ. އެވަގުތު އާނަންދު ސައިލަމް އާއި ދިމާއަށް ބުންޏެވެ. މިހާރު ކަލޭ ދަންޖެހެން ބޭނުންވިއަސް ވާގަނޑެއްވެސް ގަނެދެން ޖެހިފައި މިވަނީ ދައުލަތުންނެވެ. ކަލޭގެ މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނެތެވެ. މޮޅިވެރިކަމާއު އެކު ހުރި ސައިލަމް ޕާޕިއާއަށް ދެންނެވިއެވެ. އަހަރެން ދެން މިކަން ކުރާކަށް ބޭނުންމެއް ނޫނެވެ. އަދި އަހަރެންގެ ފައިސާއެއްވެސް ދެނެއް ބޭނުމެއް ނޫނެވެ. މިނޫން ގޮތެއް ނެތީހެއްޔެވެ. ޕާޕިއާ ޖަވާބުދަރީވިއެވެ. ދައުލަތަށް ނަގާބައި ކަލެއަށް މާފު ކޮށްދެވިދާނެއެވެ. ނަމަވެސް ރަފޭލްއަށް ލިބޭބައި ވަނީ އޭނާގެ އިހުތިޔާރުގައެވެ. އެވަގުތު މެތިއު ބުންޏެވެ. މިނުލަފާ ރަހުމުކުޑަ މީހާއަށް ހަމްދަރުދީވުމެއް ދެނެތްނެތެވެ، އެވަގުތު ރަފޭލް ބުންޏެވެ. ނޫން ނޫން، އަހަރެން އޭނާގެ މުދަލުން އެއްވެސް އެއްޗެއް ބޭނުމެއްނޫން، ނަމަވެސް އަހަރެންނަށް ލިބޭބައި ދޫކުރަކަށް ނެތީމެވެ. މިވަގުތުން ފެށިގެން މުދަލުގެ ދެބައިކޮށްފައި އެއްބައި ސައިލަމްގެ ފިރިހެން ދަރިފުޅު އިނދެގެން އުޅޭ ސޯމިއާއަށް ހިބައިން ދިނުމަށާއި، ސައިލަމްގެ އަންހެނުން ސުޖާތާ ތިންދުވަސްތެރޭގައި ވަރިކުރުމަށާއި، އަހަރެމެންގެ ދީނަށް ސައިލަމް ވަނުމަށް ސައިލްމް އިޤުރާރުވާށެވެ. އެހެން ބުނުމާއި އެކު ފިއްކެނޑިފައި ހުރި ސައިލަމް ފަނޑިޔާރުގެ ކުރިމަތީގައި ރަފޭލްގެ ހުށަހެޅުން ގަބޫލުކޮށް އެއްބަސްވެޖެއެވެ. އަދި ކޯޓުން ނިންމާ ކޮންމެ ގޮތެއް ވަރިހަމައޭ، އަހަރެން އެދެނީ އަހަރެން ދުނިޔޭގައި ބެހެއްޓުމަށެވެ. މިހެން ކިޔާފައި ޕާޕިއާގެ އިޒުނައައިއެކު ތުރުތުރު އަޅަމުންދާ ސައިލަމް ޗެމްބަރުން ބޭރަށް ގޮސް އޮބައިފިއެވެ.

ކިތަންމެ ހަރު ހިތެއްގެ ވެރިއަކުވެސް އަދި ކިތަންމެ ބޮޑު މުއްސަންޖަކުވިއަސް ޤާނޫނުގެ ކުރިމަތީގައި ބަލިކަށިވާން ޖޭހޭނެކަމީ މިއަދު ފެންނަން ރިވެތި މިސާލެއް ކަމަށް އާނަންދު ބުންޏެވެ. ރަފޭލް ޕާޕިއާ އާއި ދިމާއަށް ބުންޏެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ތިޔަ ދައްކަވައިދެއްވި އަދުލުވެރި މިސާލަށް ފަށްފަށުން ޝުކުރިއްޔާއެވެ. މިހެން ބުނެފައި ރަފޭލްގެ ކަރުގައިވާ ފަށްނަގާ ޕާޕިއާއަށް ދިއްކޮށްލިއެވެ. ޕާޕިއާ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. ތިޔައީ ކޯޗެއްހެއްޔެވެ. އަހަރެން އެއްޗެއް ބޭނުމެއް ނޫނެވެ. އަހަރެން އެއްޗެއް ބޭނުންވާނަމަ ބޭނުމީ ކަލޭގެ އެކުވެރި މެތިއުގެ އަތުގައިވާ އަނގޮޓިއެވެ. މިހެން ބުނުމާއި އެކު ފަސްޖެހިފައިވާ މެތިއު ބުންޏެވެ. ނޫން ނޫން، މީގެ އެހެން އަނގޮޓިއެއް ކަމަނާއަށް އަހަރެން ގަނެދީފާނަން، މީ އަހަރެންގެ އަންހެނުން އަހަރެންނަށް ދީފައިވާ އަނގޮޓިއެކެވެ. ޕާޕިއާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ބުނާބަހާ އަމަލާ ދިމާ ނުވަނީ ކީއްވެހެއްޔެވެ. އަދި ހަނދާން ނެތޭހާ އިރެއް ނުވޭ ނުންހެއްޔެވެ. އެކުވެރި ރަފޭލަށްޓަކައި ލޮބުވެތި އަންހެނުން ގުރުބާން ކުރަން ތައްޔާރަށް ހުރި މީހަކު، އަންހެނުން ދީފައިވާ އަނގޮޓި މަށަށް ދޭން ނުކެރުނެވެ. އަހަރެން ތިޔެއް ބޭނުމެއްނޫނެވެ. ކަލޭގެ ފެންވަރު ބަލާލީއެވެ. މިހެން ބުނެފައި، ޕާޕިއާ ގޮނޑި ދެތުވެ، ޗެމްބަރުން ބޭރަށް ނިކުތެވެ. އެވަގުތު އާނަންދު މެތިއުއާ ދިމާލަށް ރުޅިއައިސްފައި ބުންޏެވެ. ކަލޭތީ ވަތާވެފައި ހުންނަ އާދަމުގެ ދަރިއެއްހެޔެވެ. ތީތީ އޭނައަށް ދޭށެވެ. އެހެން އަނގޮޓިއެއް ގަނެގެން އިނގިލީގައި އަޅައިގެން އުޅުނަސް އަންހެނުންނަށް އެނގޭނީ ކިހިނެއްހެއްޔެވެ. ޝުކުރުކޮށްބަލާށެވެ. މިހެން ބުނުމާއި އެކު މެތިއުގެ އިނގިލިން އަނގޮޓި ނަގާ ރަފޭލް އަތަށް ދިނެވެ. ރަފޭލް ދުވެފައި ސިޑިންފައިބައިގެން ދިޔައިރު ޕާޕިއާ ކުރިއަށް ދަނީއެވެ. ރަފޭލް ގޮވާލި އަޑަށް ޕާޕިއާ ހުރި ފިޔަވަޅު މަތީގައި ފުރަގަސް ދީގެން މަޑުކޮށްލާފައި ބޮލުގައިވަ ސްކާފް ނެގިއެވެ. އަދި ކަޅުހެދުމުގެ ފުރަގަހުގައިވާ ޒިބު ނައްޓާލުމަށްފަހު ހެދުން ގައިން ތިރިއަށް ސޮއްސާލިއެވެ. އެތެރެއިން ޖީންސަކައި ޓީޝާޓެއް ލައިގެން ހުރި ޒުވާން އަންހެނާ، ރަފޭލް އައި ކުރިމަތިލަމުން، މޫނުގައިވާ ދުވަސްވީ އަންހެނެއްގެ ސިފަ ޖަހާ މާސްކް ނައްޓާލުމަށްފަހު ހިނިތުންވެލިއެވެ.. ރަފޭލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި ތަނކޮޅެއް ދުރުން ފަހަތުން ގުންފައި ޖަހާފައި ހިންގަމުން އައި މެތިއު ދުއްވައިގެންފައި ޒުވާން އަންހެނާގެ ގައިގާ ބައްދާލިއެވެ. ދެމީހުން ބައްދައިގެން އޮޅުލާން ތިބިއިރު ހައިރަންފެވައިވާ ރަފޭލް ބުނާނެ އެއްޗެއް ނޭގުނެވެ. މިކަންތައްގަނޑު ހިނގަނިކޮށް ސިޑިން ފައިބައިގެން އައި އާނަންދު ތުންފިއްތާލާފައި މަޑުމަޑުން ރަފޭލް ކައިރީގައި ބުނެލިއެވެ. މުޅިން ފްލޮޕް ވީއެވެ. ނަމަނަމަ އަނގޮއްޓި ނުދައްކަޗެވެ. މެތިއުގެ އަންހެނުން މިތަނަށް ވައްޓާލީ ކޮންއިރަކު ހެއްޔެވެ. ރަފޭލް ރަކިހިންޏަކުން ހީލާފައި ބުންޏެވެ. ސުހާނީ މިތަނުގައި އަހަރެމެންނާއި އެކު އުޅޭތާ ކިހާ އިރެއްހެއްޔެވެ. މެތިއުއަށްވެސް އެނގުނީ ދެންމެއެވެ. މިކަންމިގޮތަށް ވުމުގެ މޭސްތިރިއަކީ ސުހާނީއެވެ. އަދިވެސް ހޭވެރިކަން ނުވޭހެއްޔެވެ.

ނޯޓު: މިވާހަކަ އަކީ މީލާދީން ސޯޅަވަނަ ގަރުނުގައި ވިލިއަމް ސޭކްސްފިއަރ ލިޔެފައިވާ މަސްހޫރު ޑްރާމާ "ދަ މާރޗަންޓް އޮފް ވެނިސް" ގެ އެކްޓް ހަތަރެއްގެ ފުރަތަމަ މަންޒަރު ސިފަކޮށްދީފައިވާ ގޮތް އަސްލަކަށް ބަލައިގެން، އެމަންޒަރުން މައިގަނޑު ހިޔާލު އުފައްދައިގެން މުޅި އެތި ނަކަލު ކުރުމުގެ ބަދަލުގައި ކުދިކުދި އަމިއްލަ ބަދަލުތަކަކާއި އެކު ލިޔެފައިވާ ހުލާސާ ސިފަކުރުމެކެވެ. ޒަމާނަށް ނުފެތޭނެ ކަންކަން ހުރުމަކީ ހަމަ ގައިމު ކަމެކެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved