Home » , » ބެލެންސް އޮފް ޕޭމަންޓް - އިޤުތިޞަދީ ހާލަތު ވަޒަންކޮށްލަދޭ މުހިންމު ބައިވެރިއެއް

ބެލެންސް އޮފް ޕޭމަންޓް - އިޤުތިޞަދީ ހާލަތު ވަޒަންކޮށްލަދޭ މުހިންމު ބައިވެރިއެއް

Written By Afey Afra on Sunday 16 June 2013 | 01:43

ބެލެންސް އޮފް ޕޭމަންޓް އަކީ ކޮންމެ ގައުމަކުންވެސް ބޭރުދުނިޔެއާއި އެކު ކުރެވޭ އިޤުތިސާދީ މުއާމާލާތުގެ ހިސާބުކިތާބު އެއްކޮށް ކެނޑުމަށްފަހު އަހަރުން އަހަރަށް ނުވަތަ މަހުންމަހަށް ނިކުންނަށް ފަރަގެވެ. ކުރުގޮތަކަށް ބުނާނަމަ ޤައުމަށް ވަންނަ ފައިސާގެ އަދަދާއި ގައުމުން ބޭރުވާ ފައިސާގެ އަދަދުގެ ތަފާތު ބެލުމެވެ. މިގޮތަށް ކުރެވިފައިހުންނަ މުއާމަލާތުގެ ހިސާބުތަކުން ގައުމަށް ވަންނަ ފައިސާއަށްވުރެ ގައުމަށް އެތެރެވެފައިވާ ފައިސާ މަދުނަމަ ކިޔާނީ ބެލެންސް އޮފް ޕޭމަންޓް ޑެފިސިޓްއެވެ. ދިވެހިރައްޖެއަކީ އިމްޕޯޓު މުދަލަށް ބަރޯސާވެފައިވާ ގައުމަކަށްވެފައި އަދި ގިނައަދަދެއްގެ ބިދޭސީ މުވައްޡަފުން އެކިއެކި ދާއިރާތަކުގައި ވަޒީފާ އަދާކުރަމުންދިޔުމާއި އަދި ބޭސްފަރުވާގެ ކަންކަމުގައި ގިނަބަޔަކު ރާއްޖެއިން ބޭރުން ޚިދުމަތް ހޯދަން ޖެހިފައިވުމާއި މިކަންކަމާއި އަޅާބަލާއިރު އަމިއްލަ އުފެއްދުންތެރިކަމުން ކުރެވޭ އެކްސްޕޯޓާއި ދެވޭ ޚިދުމަތް (ފަތުރުވެރިކަން) އަކީ ނިސްބަތުން ކުޑަ މިންވަރެކެވެ. އެހެން ކަމުން ރާއްޖޭގައި އަބަދުވެސް ވަންނަ ފައިސާއަށްވުރެ ބޭރުވާ ފައިސާ ގިނައެވެ. ވީމާ ރާއްޖޭގެ ހާލަތުގައި ބެލެންސް އޮފް ޕޭމަންޓް އާއި ބެލެންސް އޮފް ޕޭމަންޓް ޑެފިސިޓް އެއްމާނައެއްގައި ބޭނުންކުރެއެވެ.


ބެލެންސް އޮފް ޕޭމަންޓްގައި ހިމެނޭ ބައިތަކަށް ނަޒަރު ހިންގާލާއިރު ކަރަންޓް އެކައުންޓް، ކެޕިޓަލް އެކައުންޓް އަދި ފައިނޭސް އެކައުންޓް ހިމެނެއެވެ. ކަރަންޓް އެކައުންޓަކީ އެތެރެކުރެވޭ މުދަލާއި ބެރޭކުރެވޭ މުދަލާއި، ގައުމުގެ ރައްޔިތުން ބޭރުން ހޯދާ ހިދުމަތާއި ބޭރުގެ ރައްޔުތިން އެތެރެއިން ހޯދާ ހިދުމަތާއި، ބޭރުގައި ދިރިއުޅޭ ގައުމުގެ އާއިލަތަކަށާއި ކިޔަވާކުދިންނަށް ގައުމުން ބޭރުކުރާ ފައިސާއާއި، ގައުމުގައި ދިރިއުޅޭ ބޭރުގެ އާއިލާތަކާއި ކިޔަވާކުދިންނަށް ބޭރުން އަންނަ ފައިސާއާއި، ގައުމުގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ގައުމުން ބޭރުކުރާ ފައިސާއާއި ބޭރުގައި އުޅޭ ގައުމުގެ މަސައްކަތްތެރިން ގައުމަށް އެތެރެކުރާ ފައިސާ އާއި މިފަދަ ހުރިހާ އެއްޗެއްގެ ފަރަގެވެ. ކަރަންޓް އެކައުންޓަކީ ބެލެންސް އޮފް ޕޭމަންޓްގެ އެންމެ މުހިންމު އަދި މައިގަނޑު އަސާސް ކަމަށްވާއިރު ކަރަންޓް އެކައުންޓްގެ ދަރަނި އަހަރުން އަހަރަށް ބޮޑުވާނަމަ ބެލެންސް އޮފް ޕޭމަންޓް ޑެފިސިޓް (ދަރަނި) ބޮޑުވެގެންދެއެވެ.

މީގެ އިތުރުން ކެޕިޓަލް އެކައުންޓާއި ފައިނޭސް އެކައުންޓަކީވެސް ބެލެންސް އޮފް ޕޭމަންޓްގެ ހިސާބުކިތާބުގައި މުހިންމު ދެއެކައުންޓެވެ. ކެޕިޓަލް އެކައުންޓަކީ ރިއަލް އެސްޓޭޓް ފަދަ ގައުމުގެ ހަރުމުދާ ބޭރަށް ވިއްކުމާއި އެހެން ގައުމެއްގެ ހަރުމުދާ ގައުމަށް ގަތުމުގެ މުއާމަލާތުގެ ފަރަގު ބަލަހައްޓާ ބެލެހެއްޓުމެވެ. ފައިނޭސް އެކައުންޓަކީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓާއި އެކިއެކި ކުންފުނިތަކުން ބޭރުގައުމުތަކާއި މެދު ކުރެވޭ ހިއްސާގެ މުއާމަލާތާއި އެހެނިހެން މާލީ ކަންކަމުގެ ފަރަގު ދެނެގަންނަ އެކައުންޓެވެ.

އިޤުދިސާދީ ވަސީލަތްތައް މަދު އަދި އުފެއްދުންތެރިކަން ދެރަ ނިކަމެތި ގައުމުތަކަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ބެލެންސް އޮފް ޕޭމަންޓް ދަރަނި މަދުކުރުން ނުވަތަ އެއްވަރެއްގައި ހިފެހެއްޓުމުގެ ބަދަލުގައި އެދަރަނި ބޮޑުވެގެން ދިޔުމުވެ. ބެލެންސް އޮފް ޕޭމަންޓް ޑެފިސިޓް ކުޑަކުރެވޭނީ އުފެއްދުންތެރިކަން އިތުރުކޮށް މުދަލާއި ހިދުމަތް އެކްސްޕޯޓްކުރާ މިންވަރު އިތުރު ކުރެވިގެންނެވެ.

ޤައުމުގެ ރަސްމީ ރިޒަރވް ކަނޑައެޅުމުގައި ބެލެންސް އޮފް ޕޭމަންޓްގެ ހިސާބުތަކަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ރާއްޖޭގެ ރަސްމީ ރިޒަރވް ނުވަތަ ގްރޮސް އިންޓަނޭޝަނަލް ރިޒަރވް އަކީ އެމް.އެމް.އޭގައި ޔޫ.އެސް ޑޮލަރުން ހުންނަ ރިޒަރވް އެކެވެ. ރިޒަރވުން އިމްޕޯޓްކުރެވޭ މިންވަރު ނުވަތަ މަންތްސް އޮފް އިމްޕޯޓް އިން ދައްކުވައިދޭނީ ރިޒަރވްގެ ގެގޮތުގައި ހުންނަ ފައިސާއިން ފުދޭނީ ކިތައް މަސްދުވަހުގެ އިމްޕޯޓަށް ކަމަށެވެ.

ކަންމިހެން ހުރިއިރު އިޤުތިސަދީ ނަޒަރަކުން ވިސްނާއިރު ބެލެންސް އޮފް ޕޭމަންޓްގެ ދަރަނި އަހަރުން އަހަރަށް ބުޑުވެގެންދާ ނަމަ އެންމެ ބޮޑު އަސަރެއް ކުރާނީ ފައިސާގެ ބާޒާރަށެވެ. ބޭރުގައުމުތަކާއި އެކު ވިޔަފާރީގެ މުއާމަލާތް ކުރަން ބޭނުންކުރާ ފައިސާ (ޔޫއެސް ޑޮލަރ) މަދުވުމުގެ ސަބަބުން މަދު ޑޮލަރުތަކެއް ފަހަތުން ގިނައަދަދެއްގެ ލޯކަލް ފައިސާ ދުވަން ފެށުމުން ބޭރުފައިސާ ގަނެވިއްކާ އަގު އެއްވަރެއްގައި ހިފެހެއްޓުމުގެ ބަދަލުގައި ބޭރުފައިސާގެ އަގު ބޮޑުކުރަން މަޖުބޫރުވެއެވެ. އިޤުތިސާދީ މާހިރުން ބުރަވާ ގޮތުގައި ބޭރުފައިސާ ގަނެވިއްކާ އަގުތައް (އެކްސް ޗޭންޖް ރޭޓް) ވަކި ރޭޓެއްގައި ކަނޑައަޅާފައި ފިއްތާފައި ބޭވުމުގެ ބަދަލުގައި އޭތި ފްލޯޓް ކޮށްލުން ނުވަތަ ދޫކޮށްލުން މާރަނގަޅެވެ. އޭރުން ފައިސާގެ ހަމައަގު އަސްލު ސޫރާގައި ފެނިގެން ދާނެއެވެ. އަދި ކަޅުބާޒާރުގައި ކުރެވޭ ބޭރުފައިސާގެ ވިޔަފާރި ނިމުމަކަށް އައިސް އަވަސް އަވަހަށް އެކްސްޗޭންޓް ރޭޓް ފްލަކްޗުއޭޓްވެ (އޭގެ ޒާތުގައި ހަމައަގުން ބަދަލުވަމުންދާނަމަ) ބޭންކިންގ ސެކްޓަރ ނުވަތަ ފައިނޭންސިއަލް ސެކްޓަރއަށް އާދިރުމެއް ލިބިގެން ދާނެއެވެ.


ވީމާ ބެލެންސް އޮފް ޕޭމަންޓަކީ މެކްރޯ އިކޮނޮމިކްސްގެ އެއް ކޮންޓެންޓަށް ވާއިރު އިޤުތިސާދީ ސިޔާސަތު ކަނޑައެޅުމުގައި ކޮންމެ ގައުމެއްގައިވެސް ބެލެންސް އޮފް ޕޭމަންޓަށް ނަޒަރު ހިންގައެވެ. އަދި ބެލެންސް އޮފް ޕޭމަންޓް ޑެފިސިޓް ކުޑަކުރުމަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މަނިޓަރީ އަދި ފިސްކަލް ޕޮލިސީ ތެރޭގައި ހިމެނޭ މައިގަނޑު އެއްލަނޑު ދަނޑިއެވެ. ޖީ.ޑީ.ޕީ، ޖީ.އެން.ޕީ ފަދައިން ބެލެންސް އޮފް ޕޭމަންޓަކީވެސް ޤައުމުގެ އިޤުތިސާދީ ހާލަތު ވަޒަންކޮށްލަދޭ މުހިންމު އިންޑިކޭޓާރއެކެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved