އަހަރެން އޮފީހުގައި ތާށިވެފައި ގިނަވަގުތު އިންނަށް ޖެހުނީ ތަހާ ފޭސްބްކް
އޮންލައިންގައި އިންނީމައެވެ. ތަހާ ނިދިއިރަކުންނޫނީ އަހަރެންނަށް ގެއަށް
ވަދެވޭކަށްނެތެވެ. ގަޑިން 10 ގަޑި ބައިވީއެވެ. ކެބިންތެރޭގައި ހުރި
ސައިޑްޓޭބަލްގައި ބައިދާފައި އިން ދަނބުކުލައިގެ ޕާރުސަލާއި ދިމާއަށް އިރުއިރުކޮޅުން
ބަލާލެވެއެވެ. އެޕާރުސަލް ތަހާއަށް ދިނުމުން ލިބޭނެ އުފާވެރިކަން އަހަރެންނަށް
އިހްސާސް ކުރެވެނީ ހިތްހަމަ ޖެހުމާއި އުފަލާއި އެކުއެވެ. ކައިވެނިކުރިފަހުން
ހަތަރު އަހަރު ފަހަނައަޅާ ދިޔައިރު މޯބައިލް ފޯނުން ކޮށްލެވޭ ވެދުމުގެ ކުރު މެސެޖް
ފިޔަވައި އިތުރު އެއްޗެއް އުފަންދުވަހުގެ މުނާސަބަތުގައި އަހަރެންނަށް ތަހާއަށް
ދިކޮށްލެވިފައެއް ނުވެއެވެ. ވޭތުވެދިޔަ ހަތަރު އަހަރުވެސް ކަންދިމާވެފައިވަނީ
އެދުވަސް އަންނަން ވާއިރަށް އަހަރެން ރަށުން ބޭރަށް ދާން ޖެހުމެވެ. އެހެނަސް
މިފަހަރު އިރާދަކުރެއްވިޔާ މިއޮތީ ފިސާރި ރަނގަޅަށް ހަދިޔާއެއް ދެވޭނެ މަގު
ތަނަވަސްވެފައެވެ. އަހަރެންނަށް ލޯމަރާލެވުނެވެ. އަދި މަޑުމަޑުން ހިނިތުންވުމަކާއި
އެކު ދެމިޔަކަން ދަމާލުމަށްފަހު އަމިއްލައަށް ހީލެވުނެވެ.
ތަހާ ނިދީކަން ޔަޤީންކޮށްފައި ގެއަށްދާން އޮފީހުން ނިކުތީމެވެ. ދުނިޔެމައްޗަށް
ޖެހެމުންދާ ވައިގައި އާދައިގެ ވަރަކަށް ތެއްކަމެއް ހުރިކަމުގައި ވީނަމަވެސް،
މުޅިން ބުރުހަމަ ނުވާ ހަނދުން ފޮނުވާލާފައިވަނީ ތޫނު އައްޔެކެވެ. ސައިކަލް
ބެހެއްޓުމަށްފަހު ހަނދުގެ ރިހިއަލިން އަޅާފައިވާ ދޫލަމަތީގައި ހިނގާފައިގޮސް
ގެއަށްވަދެ ސިއްރުސިއްރުން ކޮޓަރި ހުޅުވާލީމެވެ. ހުދުކުލައިގެ ގަޔަށް ދޫ އަތްކުރު
ޓީޝާޓަކާއި ކަޅު ސޯޓުބުރިއެއް ލައިގެން ތަހާ އެއޮތީ އުޑުތިލަމަތިން
ލޯމަރައިގެންނެވެ. ކޮޓަރި ތެރޭގައި ވަނީ ހަމަ ހިނމޭންކަމެވެ. ޖައްސާފައިވާ އޭސީގެ
ވައިގެ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ. ސާދާކޮށް ބުނާނަމަ ދިރޭ ފަންޏެއްގެ
އަޑުވެސް ނީވެއެވެ. ނިދާފައިވާކަން ޔަޤީންކުރުމަށް ޕާރުސަލް ވެއްދުމުގެކުރިން ބޭރުގައި
ހުރެފައި މަޑުމަޑުން ކަރުކެހެލީމެވެ. ހިލަމެއްނެތެވެ. އެނާ އެއޮތީ ހަމަ ރަނގަޅަށް
ނިދާފައެވެ. އުފަންދުވަހުގައި މިފަދަ ސަޕްރައިޒްއެއް ދޭނެކަން ކުޑަކޮށްވެސް ތަހާ
ނުވިސްނާނެތާއެވެ. ގިލަމެއްވެސް ނުވާހާ މަޑުން ދޮރުޖެހުމަށްފަހު ޕާރުސަލް ސައިޑް
ޓޭބަލް މަތީގައި ބޭންދީމެވެ. ހެނދުނު ހޭލާއިރު ފެންނަގޮތަށެވެ. އެވަގުތު
ގުޑުމެއްވެސް ނެތި ލޯބިކޮށް ލޯމަރާލައިގެން އެއޮތް ލޮބުވެތި އަނބިމީހާ
އުފާވާނެވަރު އަމިއްލައަށް ވަޒަންކޮށްލެވުނެވެ. ތަހާ ހިނިތުން ވުމުގައި ހުންނަ
އިރު ޕިންކް ދެތުންފަތުގައި ހުންނަ އޮފްކަމާއި، ޗާލުކޯތާފަތުގެ ބައްޓަމަށް އަންނަ ޖާދޫވީ ހަރަކާތްތައް
އަހަރެންނަށް ސިފަވެގެން ދިޔައެވެ. ހީލީމާ ކޮލުގައި އިންނަ ހިނދިވަޅުގެ ސަބަބުން
ފަށުވިކަން އިތުރުވެގެން ދެއެވެ. މާދަމާއަކީ އުފާވެރި ދުވަހެކެވެ. ދެމަފިރިންގެ
ދެމެދުގައި އޮންނަ މަތިވެރި ބަދަހި ގުޅުމަށް ބޮޅެއް އިތުރުވެގެން ދާނެ
ދުވަހެކެވެ. ތަހާގެ ހިތް އުފަލުން
ފޮޅުވާލަދޭނެ ތަރީޚި ދުވަހެވެ. ލޯބީގެ ގުލްދަސްތާގައި ނުފޮޅިހުރި މާތަކުން މަލެއް
ފޮޅިގެންދާނެ ބަހާރީ ދުވަހެވެ. އުމުރުން ދުވަހެއް ދުނިޔެއިން ދުވަހެއް
ފާއިތުވެގެން ދާފަދައިން އުމުރުގެ އާހަރަކަށް މަރުހަބާ ކިޔާ ރަބީއުގެ އުފާވެރި
ދުވަހެވެ. ޕާރުސަލްގައިވާ އައިޕެޑާއި ސިއްރުން ގަނެދީފައިވާ ބެޓްރީ ސައިކަލްގެ ތަޅުދަނޑި
އާއި އޭގެ ރިޖިސްޓަރީ ފެނިފައި ތަހާގެ ހުވަފެން ހަޤީޤަތަކަށް ބަދަލުވާ އުންމީދީ
ދުވަހެވެ. އުންމީދުން ފުރިގެންވާ ފިކުރަކުން މިފަދައިން އަހަރެންނަށް
ހިޔާލުކޮށްލެވުނެވެ.
ސޯޓުބުރި ލައިގެން މަޑުމަޑުން އެނދަށް އަރައި ތަހާގެ ބިއްދޮށުގައި ހަމަޖެހިލިއިރު
ތަހާގެ އަތްދަށުގައިވާ މޯބައިލް ފޯނަށް މިސްޑްކޯލެއް ނުވަތަ މެސެޖެއް އައިސްފައިވާ
ކަން ރަމްޒުކޮށްދިނުމުގެ ގޮތުން އޭގެ ކުރިމަތީގައި އިންނަ ވިދެއްވަރުގެ ކުޑަބޮކި
އިރުއިރު ކޮޅުން ނިވިދިއްލެމުންދެއެވެ. އިރުއިރުކޮޅުން ދިއްލިފައި ނިވުން އެއީ
އަހަރެން އެންމެ ބޮލަށް އުނދަގޫވާ އެއްކަންތަކެވެ. އަބަދުވެސް މަޖަލަށް ނަމަވެސް
އެފޯނަށް މަލާމާތްކޮށް ތަހާ ރުޅިއަރުވާ ސަބަބަކީ މިސްޑްކޯލެއް އަތުވެއްޖެ ނަމަ
އޭގެން ދިއްލޭ ދިލުމެވެ. ތަހާ ހޭލަފާނެކަމަށް ބަލާފައި މަޑުމަޑުން ފޯން ނަގާ
ދުރަށް ޖައްސާލަމުން ބޮލަށް ތުރާވަމުން ދިޔަކަންތަކަށް ހައްލެއް ގެންނަށް އަންލޮކް
ކޮށްލިއިރު ސްކްރީންގައިވަނީ ފާޑެއްގެ ނަމެކެވެ. "ޕްރިންސް"
އަމިއްލައަށް ބޭއިތިޔާރުގައި ބުނެލިވަގުތު ހީވީ ނަގޫރޯޅިއެއް ކޮޓަރިތެރެއަށް
ވައްޓާލިހެނެވެ. އަހަރެންގެ އަތުގައި އޮތް ފޯނު އޭގައިވާ ނަމްބަރުވެސް
ބަލާނުލެވެނީސް އޮތީ މަކަރުވެރިކަމާއިއެކު "ނިދާފައިވާ" ތަހާގެ
މުށުތެރޭގައެވެ. މިއީ ހުވަފެނީ އާލަމެއްހެއްޔެވެ. ނުވަތަ ހިޤީޤީ
މަންޒަރެއްހެއްޔެވެ. ތަހާގެ އަސްލު ހަޤީޤީ ސޫރަޔަކީ އެއީ ބާއެވެ. އަހަރެންނަށް
ގަބުކަމެއް އިހުސާސްކުރެވުނެވެ. ތަހާއާއި ދިމާ ބަލަހައްޓައިގެން އެނދުމަތީގައި
ފައިވައްކޮށްގެން އިރުކޮޅަކު އިނދެވުނެވެ. އޭނާ އެއޮތީ ފާޑަކަށް ރަކި ހިންޏަކުން
ހީފައި އަހަރެންނާއި ދިމަ ކަޅިޖަހާވެސް ނުލާ ބަލާށެވެ. ހިތުތެރޭގައި ގިނި އަނދަން
ފެށިއެވެ. ރުޅިވެރިކަމާއި އެކު އަހަރެން ތަހާއާއި ކުރިމަތި ލީމެވެ. " ކާކު
އެއީ، ޕްރިންސް އެއީ ކާކު"... "ނުބުނާނަން" ހިނިތުންވުމާއި އެކު
ތަހާ ބުނި ޖުމްލައިން އަހަރެންނަށް ލިބުނީ މާޔޫސްކަމާއި ހިތްދަތިކަމެވެ.
އަހެރެންގެ އަންހެނުންގެ ފަރާތުން މިފެންނީ ކޮންފަދަ ބޭވަފާތެރި އަމަލެއްހެއްޔެވެ.
އަދި މަޑުމޮޅި އަންހެނާ އާދަޔަ ޚިލާފް ހިތްވަރު ގެނެސްގެން އެއުޅެނީ ކޮންތާކުންހޭ ހިތާ
ސުވާލުކުރެވުނެވެ. "ކީއްވެ އަހަރެންގެ އަތުން ފޯން ތިދަމައިގަތީ، ތިޔަ
ޕްރިންސަކީ ކާކުކަން ނިކަން ބުނެބަލަ، ނޫނީ ޕްރިންސްގެ ނަމްބަރު އަހަރެންނަށް
ދައްކަ ބަލަ" ..... "ނޫޅެން ދައްކާކަށް" ޖަވާބު ސާދާވެފައި ކުރެވެ.
އެކަމަކު ހިނިތުންވުމަކަށް ބަދަލެއް ނާދެއެވެ. ތަހާ އެހެނީ އަހަރެން ރަކިކުރާށެވެ.
ނުވަތަ ސިއްރުން ކުރަމުން ދިޔަ ކަމެއް ފަޅާއެރުމުން ދެރަ ނުވާށެވެ. އަހަރެންގެ
ރުޅިވެރިކަން އިންތިހާއަށް ގޮސް ބޮއްސުންލީއެވެ. "ފޯނު ނުދީފިއްޔާ
ހާނިއްކަކޮށްގެންވެސް ގަދަކަމުން އަތުލާނީ" އަހަރެން މިހެން ބުނުމުން ތަހާގެ
ތުއިކަން އިތުރުކުރިއެވެ. އަހަރެންގެ ކެކުޅުމަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.
" ހޫންންން ކޮންމެހެން އެހެމްމްމްމް ހަދާނެކަމެއްނެތް، އަހަރެން ނުނިދަމޭ،
ތިޔަ އޮފީހުގައި އުޅޭ އަލިބެ މިއަދު މިގެއަށް އައިސްފަ އަނގަތަޅަމުން ބުނި،
ވަރުގަދަ ޕާރުސަލެއް ހެދުމުގައި އިބޫ އަވަދިނެތި އުޅޭވާހަކަ، އެހެންވެ އަހަންނަށް
އެނގިއްޖެ އެޕާރުސަލަކީ އަހަރެންގެ އުފަންދުވަސް ވީމާ ތައްޔާރުކުރާ އެއްޗެއްކަން
އެހެންވެ މިއޮންނަނީ ނުނިދާ
ތިގެންނަންދެން" މިހެން ބުނެފައި "ބޭވަފާތެރި" އަންހެނާ
ހޭންފެށުމާއި އެކު އަހަރެންގެ ކެތްތެރިކަން ކޮޅުން ލީއެވެ. ފުންމައިގެން ތެދުވެ
ސައިޑް ޓޭބަލް މަތީގައިވާ ބޮޑު ޕާރުސަލް ނަގާ ކުޑަދޮރުން ބޭރަށް ހޫރާލީމެވެ. އޭގެ
މަތީގައިވާ ފިޔާތޮށި ފިނިފެންމާ ކުދިކުދިކޮށްލާފައި ތަހާގެ ގަޔަށް އުކާލެވުނެވެ.
"އަހަރެން މިކިޔަނީ ޕާރުސަލެއްގެ ވާހަކައެއްނޫން، ތިޔަ ޕްރިންސަކީ ކާކުހޭ
އަޑުއިވިއްޖެ" އަހަންނަށް ހަޅޭއްލަވައިގަނެވުނީ ދުވަހަކުވެސް ތަހާއާއި
ދިމާއަށް ނުބުނާހާ ބާރަށް އެހާމެ ހަޑިކޮށެވެ. ކުޑަދޮރުން ޕާރުސަލު
"އުދުހިފައި" ދިޔަ މަންޒަރު ބަލަން އޮތް ތަހާގެ މޫނުމަތީގެ ކުލަވަރު
ބަދަލުވިއެވެ. ކުޑަކޮށް ލޯފޭދިއްޖެއެވެ. ކަރުނަ ހިލިއްޖެއެވެ. "ކޮންމެހެން
މަށަށް ދައްކަން ދެރަވާނެކަމެއްނެތް ގެނޭ ފޯނު…..
މުށުތެރޭގައި ބާރުކޮށްފައިވާ ފޯނު ދަމައިގަތުމަށް އަތުގައި ހިފެހެއްޓުމުން ފޮޅުވާލާފައި
ބަނޑުވަތަށް ޖެހި ދެއަތާއި އެކު ފޯނު މޭދަށަށް ލައި ބާރުކޮށްލިއެވެ. އަހަރެން
އޭނާގެ ކޮނޑުގައި ހިފަހައްޓާފައި ފުރުޅާލުމަށް މަސައްކަތްކުރުމުން، ހަރު
ހިލަގަނޑެއްހެން ހަރުދަނޑި އަރުވާލިއެވެ. ބަލާކަށްނުހުރެ، ތަހާގެ އުނަގަނޑުމަތީގައި
ދެކަކޫ ދެފަރާތުން ބޭރަށްލާފައި އިށީންދެފައި ތަހާގެ އިސްތަށިގަނޑު އަތަށް
އޮޅާލާފައި ލަތްކެއް ޖެހުނެވެ. "އައްދޯ"..... "ކޮން އައްދޯޔެއް،
ތިކަހަލަ މީހަކާއި އެކު އުޅޭކަށް ބޭނުމެއްނޫން" އަހަރެން މިހެން ބުނުމުން
ތަހާ ފުރޮޅިގަތްއިރު ދެލޮލުން ހޯސްލާފައިކަރުނަތައް އޮހެމުންދެއެވެ. މީގެ ކުރީގައި
ތަހާގެ ލޮލުން ކަރުނަ ތައް އަހަރެން ފޮހެދެމެވެ. ނަމަވެސް އެކަރުނައަކީ އެވަގުތަށް
އަހަރެންގެ ހިތްހަމަ ޖެހުމެވެ. އަހަރެންގެ ހިތް ބޭނުންވަނީ ތަހާއަށް
އަނިޔާކުރާށެވެ. މީގެ ކުރިން ދުވަހަކުވެސް ނުރުހުމުގައި ތަހާގެ ގައިގާ އަތްލާފައި
ނުވިއަސް އަހަރެން ބޭނުންވީ ރުޅިހުރިމިންވަރު ދައްކާލާށެވެ. ތަހާގެ މޫނުމަތީގައި
އަތްދަމާފައި ބޮނޑިއެއް އަޅާލެވުނެވެ. ގިސްލަމުން ބާރަށް ރޮމުން ދިޔަ ތަހާގެ
އަތުގައި އޮތް ފޯން ހޫރާލަމުން ރުޅިވެރިކަމާއި އެކު ބަނޑުގައި އަތްއަޅަމުން
އިތުރަށް ރޯންފެށިއެވެ.
ތަހާގެ ބަނޑުގައި އަތްއެޅުމުން އަހަރެންގެ ހިތް މަޑުމަޑުން ހަމަ ބިމަށް
ފައިބަން ފެށިއެވެ. ނަމަވެސް ތަހާއާއި ދޭތެރޭ އޮތް ރުޅިވެރިކަމަށް ކުޑަވެސް
ބަދަލެއް ނައެވެ. އަހަރެންނަށް ދެއްކުނު ހަރުކަށިކަމާއި މެދު އަމިއްލައަށް
ދެރަވެވުނެވެ. އަހަރެންގެ އަލަތު ދަރިފުޅު ތަހާގެ ބަނޑުގައިވާކަން
ކުޑަވަގުތުކޮޅަކަށްވެސް ހަނދާނުން ކައްސާލުމުން ދެރެވެވުނީއެވެ. އަހަރެން ހަމަ
ހޭގައި ހުރެގެން މާބަނޑު އަހެނެއްގެ ބުރަކަށި މައްޗަށް ނާރާނަމެވެ.
"ހިނދުކޮޅުގައި" އަހަރެންނަށް މިކުރެވުނީ ކޮންފަދަ އަނިޔާވެރި
އަމަލެއްހެއްޔެވެ. އޮށޯވެ އޮތް ތަހާގެ ގިސްލުމުގެ އަޑުން ގުގުމަމުން ދިޔަ ކޮޓަރި
ތެރޭގައި ފާރުގައި ލައްގަނެގެން އިރުކޮޅުކު ހިމޭނުން އެނދުމަތީގައި އިނދެވުނެވެ. ފާރުގައި
ދެފަހަރަކު ބޮލުގެ ފުއްކިބަ އާދައިގެވަރަކަށް ޖަހާލެވުނެވެ. އެއަމަލާއި މެދު
އަހަރެން ތަހާގެ ކިބައިން މާފަށް އެދެމެވެ. ނަމަވެސް ތަހާކުރިކަންތަކަށް
ދުވަހަކުވެސް މާފެއް ނޯންނާނެއެވެ. އަމިއްލައަށް ބުނެވުނެވެ.
އެނދުން ފައިބައިގެން ގޮސް ފައިފުހި މަތީގައި ނިކަމެތިކަމާއި އެކު އޮތް ފޯން
ނަގާ އޭގައިވާ ޕްރިންސްގެ ނަމްބަރު ބަލާލެވުނު ވަގުތު ހީވީ ފައިދަށުން ބިންގަނޑު
ދެމިގަތްހެންނެވެ. ދެމަފިރިންގެ ދެމެދުގައިވާ ހަރުދަނާ ގުޅުމަށް ބޮޅެއް
އިތުރުވުމުގެ ބަދަލުގައި ބޮޅެއް މަދުވެ ބާރުވީއެވެ. ހަޔާތް ތޫފާނެއްގައި
ޖެހުނީއެވެ. ތަހާ އޮޅުވާލަން މަސައްކަތްކުރުމަކުން ނޫނެވެ. އަހަރެންކައިރިއަށް
މިހާބޮޑަށް ރުޅި އަންނާނެކަން ކުޑަކޮށްވެސް ވިސްނާލާފައި އޭނާ ނެތެވެ. އިތުބާރަކީ
އެއީ އެވެ. ނަމަވެސް އަހަރެންނަށް ތަހާއަށް ކުރެވުނީ ކޮންއިތުބާރެއް ހެއްޔެވެ. އެންމެ
ބޮޑު ލައްގަނޑަކީ އަހަރެންގެ މާބަނޑު އަނބިމީހާ ހިނިތުންވުމާއި އެކު އޮއްވާ
ކުރެވުނު އަނިޔާއެވެ. އޭނާއާއި ދިމާއަށް ކިޔުނު ހަޑި އެއްޗެއްސެވެ. އެއީ ނުފިލާނެ
ހަނދާނެކެވެ. ކުރާނެކަމެއްނެތެވެ. ހުރިހާވެސް މައްސަލައަކީ އެބުނާ ޕްރިންސެވެ.
ޕްރިންސްގެ އަމަލެވެ. އެހެނަސް އެއީ ތަހާގެ ޕްރިންސެވެ. ތަހާދެކެ ލޯބިވާ
ޕްރިންސެވެ. އެއީ އަހަރެންނެވެ. ތަހާގެ ފޯނުގައިވާ ޕްރިންސް ނަމުގައިވަނީ
އަހަރެންގެ ފޯން ނަމްބަރެވެ. އެއީ އަހަރެން އޮފީހުން އަންނަމުން ނިދީތޯ ޔަޤީންކުރަން ތަހާއަށް
ގުޅުމުން އޮތް މިސްކޯލެވެ. އަހަރެން ބޮލުގައި ދެއަތް އަޅާލެވުނެވެ. ދުވެފައިގޮސް ދެލޯ
ދުޅަވެފައިވާ ތަހާގެ ގައިގައި ބައްދާލެވުނެވެ. (ނިމުނީ)
v nice. heeves nukuraa kahala gotheh vany
ReplyDelete