Home » , » ލަކުނު

ލަކުނު

Written By Afey Afra on Friday 3 May 2013 | 15:29



އެއީ ބަލާލަން ނުސާފު ފިރިހެނެކެވެ. ތެޔޮވެފައިވާ މޫނާއި އަޅާފައިވާ ހެދުމަށް ބަލާއިރު އެއީ ސާފުތާހިރުކަން ކުޑަ އަމިއްލަ ދިރިއުޅުން އެހާ ފުދުންތެރި މީހެއްގެގޮތުގައި ބޭރުފުށުން ފެންނަންނެތް މީހެކެވެ. ހަރަކާތްތަށް މަޑުމައިތުރިވެފައި ފާޑަކަށް ޤަބުއަރާފައި ހުންނަގޮތެއް ހުރުމުން އެއީ ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ އިންސާނެތްކަމަށް ހީވާފަހަރު އާދެއެވެ. އަހަރެން މިތަނަށްވަތް ފުރަތަމަ ދުވަހުން ފެށިގެން އަހަންނަށް އޭނާ ފާހަގަކުރެވިފައިވަނީ ތަފާތު މީހެއްގެ ގޮތުގައެވެ. ފުރަތަމަ ދުވަހުވެސް އަހަރަންގެ ނަޒަރު ހުއްޓާލީ ކަތުރުކަށިގަނޑުން ފެށިގެން ދަތްދޮޅިއާއި ހިސާބަށް އޭނާގެ މޫނުގެ ކަނާއަތްފަރާތުގައި ފެތުރިފައިވާ ލަކުނާއި ދިމާއަށެވެ. އެއީ މާޒީގައި ކޮންމެވެސް އަނިޔާއެއް ލިބިފައިވާ މީހެއްކަން އެލަކުނާއި ދިމާއަށް ބަލާލުމުން ކޮންމެމީހަކަށްވެސް ފަހުމުވާނެއެވެ. ބަލާބެލުމަށް އެއީ ކޮންމެސް ޒަމާނެއްގައި ފިހި ފަސޭހަވެފައިވާ ފާރުގަނޑެކެވެ. އަހަރެންގެ ލޮލުގައި އަޅައިގަތް ފުރަތަމަ ދުވަހުންފެށިގެންވެސް އޭނާގެ ގައިގާ އެވާ ފޭރާމަށް ބަދަލެއް އައިސްފައެއް ނުވެއެވެ. މަޑުއަޅިކުލައިގެ އަތްދިގު ގަމީހެވެ. އައިސްބްލޫ ޖީންސެވެ. އަދި ބޮލުގައި ބާއްވާފައިވާ  ކައިރި ފުޅާ ތޮފީގެ ސަބަބުން "ކަވްބޯއީ" އަކާއިވެސް ވައްތަރެވެ. ބަލާ ބެލުމަށް އޭނާއެއީ އުމުރުގެ ސާޅީހުގެ އަހަރުތައް ގުނަމުންދާ މީހެއްކަމަށް ލަފާކުރެވެއެވެ.
ގާތްގަނޑަކަށް މިހޮޓަލަށް އަންހަނަނަށް ދިހައެއް ނުވަތަ އެއަށްވުރެ ގިނަފަހަރު ވަދެވިދާނެއެވެ. އަހަރެން ސްޕޭނަށް އައިފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެއްފަހަރު މިތަނުން ހައިހޫނުކަން ފިލުވަމެވެ. އޭނާ ނުފެންނަ ދުވަހެއް އަދި މިހާތަނަށް ނުދެއެވެ. ކޮންމެ ދުވަހަކުވެސް ފޫހިކަމެއް ނެތި އޭނާ ކުރަމުންދަނީ އެއްމަސައްކަތެކެވެ. ހޮޓަލަށް ވަންނަ މީހުންނަށް ލޮޓަރީ ޓިކެޓް ވިއްކަން މަސައްކަތްކުރުމެވެ. އެއީ އޭނާ ކާންބޯން ކުރާ މަސައްކަތްކަމަށްވެސް ވެދާނެއެވެ. ނަމަވެސް އޭނާ އެގެންގުޅޭ އެއްވެސް ޓިކެޓެއް އަދި އެއްވެސް މީހަކު ގަތްތަނެއް އަހަރެން ނުދެކެމެވެ. ކޮންމެ ދުވަހަކުވެސް އޭނާ މޭޒުތައް ވަށައިގެން ޓިކެޓްދިއްކުރަމުން ހިނގާތަން ބަލަން އަހަރެން ކޮފީތަށިހިފައިގެން އިންނަމެވެ. ބައެއް މީހުންކައިރިއަށް ދިޔުމުން އޭނާކައިރީގައި ބައިންދާފައި ކޮންމެސް ކާއެއްޗެއް ގެނެސްދެއެވެ. ނަމަވެސް އެއްވެސް މީހަކު ވިޔަފާރީގެ މުއާމަލާތެއް އޭނާއައި އެކު ހިންގާތަނެއް މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ފެނިފައެއް ނުވެއެވެ.
އަހަރެން އަޖައިބުވާ އެންމެ ބޮޑު އެއްކަމަކީ އަހަރެން ދެކެފަރިތަ މީހަކަށްވީއިރު އަހަރެން ކައިރިއަށް އޭނާގެ އެޓިކެޓްތައް ހިފައިގެން ނާންނާތީއެވެ. އަހަރެން އޭނާއަށް ޝައުގުވެރިވަމެވެ. ނަމަވެސް އަހަންނާއި ދިމާއަށް އޭނާ ބަލާލާފައިވެސް ދުވަހަކުވެސް ދިއްކޮށްލާފައެއް ނުވެއެވެ. ފަހަރުގައި އަހަރެންމީ ބޭރުމީހަކަށްވާތީ އޭނާވެސް ގެންގުޅޭ މިންގަނޑުތަކެއް އޮންނަނީކަމަށް ވެދާނެއެވެ. ކޮފީބުއިމަށްވުރެ ބޮޑަށް އެމީހާގެ ކަންކަން ބެލުމަށް ހޮޓަލުގައި ހޭދަކުރެވޭ ވަގުތު އަހަންނަށް މާބޮޑަށްވެސް ހިތްހަމަޖެހެއެވެ. އެއްދުވަހެއްގެ މެންދުރު ފަހުގެ ވަގުތެއްގައި އަހަރެންގެ އެކުވެރިއަކު ހޮޓާތެރެއަށް ވަދެގެން އަންނަމުން އޭނާގެ ކޮނޑުގައި އަތްޖަހާލާފައި  "ކޮބާ ވިޔަފާރިގަނޑު ކިހިނެތް" މިހެން ބުނުމާއި އެކު އޭނާ މަޑުމަޑު ރާގެއްގައި "މުޅިއަކުން ރަނގަޅެއްނޫން އަދި ގޯހެއްވެސް ނޫން" މިހެން ބުނެ ސާދާގޮތަކަށް އެކުވެރިޔާއަށް ޖަވާބުދިނެވެ. އަހަރެންގެ ހިތް އަވަސްވެގަތީ އެމީހާގެ ކިބައިން އެކުވެރިޔާ ސަލާމަތްވާނެ ވަގުތަކަށެވެ. އެއީ އޭނާގެ ހަބަރު އެކުވެރިޔާކުރެއިން އޮޅުންފިލުވުމަށެވެ. އެދެމީހުން ކޮޅަށްތިބި ވަގުތު އަހަރެން އެކުވެރިއާއަށް ހަނާއަޅާލުމާއި އެކު އަހަރެން ކައިރިއަށް އައިސް އިށީނެވެ. އަދި ކޮފީއެއް ގެނެވުމަށްފަހު އެއީ ކާކުތޯ އަހަރެން ސުވާލުކުރީމެވެ. އެކުވެރިޔާ ލޯމަރާލިއެވެ. އަދި ފުންނޭވާއެއް ލިއެވެ.
އެކުވެރިޔާ އަހަންނަށް ކިޔައިދިނެވެ.  "އޭނާގެ އަތުން އެދުވަހު ވަޒަން ހުސްނުވިނަމަ އޭނާއަކީ މިޤައުމުގައި މަތީމަޤާމެއްގައި ހުންނާނމީހެކެވެ. އެއީ ޤައުމުގެ ބޮޑަތި މަހުޖަނުން އަޑީގައި ތިބެގެން ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތުގައި ސަރުކާރާއި ހަނގުރާމަކޮށް ލޭއޮހުރުވުމަށް އަމަލީމައިދާނަށް ނިކުމެ މަރުން ސަލާމަތްވި ހަމަ އެކަނި މީހާއެވެ. އެއީ އެމީހުންގެ ކޮމާންޑާރެވެ. އެއީ ހިތްވަރުގަދަ ފަހުލަވާނެކެވެ. ބޮޑު ފައުޖަކާއި އެކު ގިނަދުވަސްތަކެއް ވަންދެން ހަގުރާމަކުރަމުން އައިސް ކާމިޔާބުގެ ވަސް ނޭފަތުގައި ޖެހެން ކައިރިވީއިރު އޭނާއާއި އެކު މައިދާނުގައި ތިބީ ޖުމްލަ ހަމީހުންނެވެ. އެހެނަސް އެހަމީހުންވެސް އެދުވަހު ޤައުމު ފަތަހަކުރީހެވެ. އިންގިލާބު ގެނައީހެވެ. ނަސީބު ހުރިގޮތުން އޭނާގެ އަތުން ވަޒަން ހުސްވެ އޭނާ ސިފައިންގެ އަތްދަށަށް ދިޔައީއެވެ. ނަތީޖާއެއްގެ ގޮތުން އޭނާއާއި އެކު މަސައްކަތްކުރި އަނެއް ފަސްމީހުން އަމާންދިނީއެވެ.
މިކަންތައްގަނޑުގެ ތެރޭގައި ވަގުތުން އެމީހުން މެރުމަށް އޭރުގެ އަސްކަރީ ލީޑަރު ނިޔާ ކަނޑައެޅިއެވެ. އަދި މަރުވެދާނެތީ އެމީހުން ކުޑަކޮށްވެސް ޖެހިލުން ނުވެއެވެ. ޖެހިގެން އޮތްދުވަހު ހެނދުނު އަވިއެރުމުގެ ކުރިން އެމީހުން މަރާގޮތަށް ހަމަޖެހުމާއި އެކު އެރޭ ހަތަރުދަމު އެމީހުން ޖަލުގެ ގޮޅިތަކުގައި ތިބެ ފަތިސްވަންދެން ތާސްބައި ކުޅުނެވެ. އަދި ފަތިހު ބިންމައްޗަށް އަލިވިވަގުތު ހަމީހުންވެސް ގެންގޮސް ރޭންޖުގައި ބަރިއަކަށް އަތުރާފައި ފުރަގަހަށް ބޭތިއްބިއެވެ. އަދި ކޮންމެ މީހަކާއި ދިމާގައި ފަހަތުގައި ބަޑި ހިފައިގެން ކޮންމެ މީހަކަށް ސިފައިންގެ މީހަކު އެތުރިގެން ތިއްބެވެ. އެމީހުންގެ ފަހަތުގައި ކޮމާންޑު ކުރުމަށް އޮފިސަރަކު ހުއްޓެވެ. މިގޮތުގައި އެމީހުން އަތުރާފައި ބައިގަޑިއިރަށްވުރެ ގިނައިރުވުމުން އޭނާ ސަކުވާކުރިއެވެ. އަދި އަވަހަށް މަރާލުމަށް އެދުނެވެ. ނަމަވެސް އެވަގުތު އެމައިދާނުގައި ހުރި ކޮމާންޑަރު އެމީހުންނަށް އެންގީ ޖެނެރަލް މިމަންޒަރު ބަލާލަން ބޭނުންވާތީ ޖެނެރަލް ވަޑައިގަންނަވަންދެން މަޑުކުރަނީކަމަށެވެ. މިހެން ވަގުތުތައް ގުނަމުން ދަނިކޮށް ޖެނެރަލް ކާރުކޮޅުގައި އެތަނަށް އައެވެ. ޖެނެރަލް ކާރުކޮޅުން ފޭބުމަށްފަހު އެމީހުންނާއި މުހާތަބު ކުރިއެވެ. އެއްވެސް މީހަކު ބުންނަން ބޭނުންވާ އެއްވެސް ވާހަކައެއް ނުވަތަ އެއްވެސް ކަމެއް އޮތްތޯ ޖެނެރަލް އެމީހުންނާއި ސުވާލުކުރިއެވެ. އަދި އޭނާގެ މޫނު އަނބުރާލުމަށްފަހު ޖެނެރަލްއާއި ދިމާއަށް އޭނާގެ އަންނެހުންނާއި ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނެލިއެވެ. އަނެއް ފަސްމީހުން ތިބިގޮތަށް ތިބެފައި ކަމެއް ބޭނުންނުވާކަން ރަމްޒްކޮށް ދިނުމުގެ ގޮތުން ބޯ ދެއަތަށް ހޫރާލިއެވެ. ޖެނެރަލްގެ އިޝާރާތާއި އެކު އުންޑައިގެ އަޑުތަކާއި އެކު އެފަސްމީހުން ބިންމައްޗަށް ވެއްޓި ދުނިޔެއާއި އަލްވަދާއު ކިޔައިފިއެވެ. އަންހެންނުން ހުރީ ކޮންތާކުތޯ ޖެނެރަލް އޭނާއާއި ސުވާލުކުރިއެވެ. ޖަލުގެ ދޮރިކައިރީގައި މިހާރު އަންހެނުން ހުންނާނެކަމަށް ބުނުމުން އަންހެނުން ގެނައުމަށް ޖެނެރަލް އޭނާގެ މުވައްޡަފުންނަށް އިޝާރާތްކުރިއެވެ.
ފަތިހުގެ ފިނިކަންމަތީގައި އޭނާގެ އަންހެނުން ސިފައިންގެ ދެމީހުންނާއި އެކު އެސަރަހައްދަށް ވަދެގެން އައީ ބާރު ހިނގުމެއްގައެވެ. ފިނިކަމުން ސަލާމަތްވުމަށްޓަކައި އޭނާގެ ދޮން މޫނު ފިޔަވައި ހުރިހާ ތަނެއް ވަނީ ނިވާކުރެވިފައެވެ. މުޅިހަށިގަނޑު ކަޅުކުލައިގެ ފޭރާމުން ފޮރުވިފައިވާ ޒުވާނާ ވަދެގެން އައިއިރު އެއަންހެނާގެ ބޮލާއި ކަރުވެސް ވަނީ ސަލަކާއި އެކު ނިވާކޮށްފައެވެ. އެއީ ދޮން މޫނެކެވެ. ޒުވާން ރީތި އަންހެނެކެވެ. ސަރަހައްދުގައި ތިބި ހުރިހާ ސިފައިންގެ ނަޒަރު އެރީތި ދޮން ނާޒުކު މޫނާއި ދިމާއަށް ހުއްޓުވާލިއެވެ. ވަކިހިސާބަކަށް ކައިރިވިތަނާ އޭނާ ދުވެފައިގޮސް އަންހެނުންގެ ގައިގާ އޮޅުލައިގަތެވެ. ލޯބިން ބައްދާލިއެވެ. އަންހެނުން ރޯންފެށިއެވެ. އަދި ފިރިމީހާ ތާއަބަދަށް އަލްވަދާއު ކިޔާތީ އޭނާގެ އަޑުގައި ވަނީ ކުރަކިކަމެވެ. މާޔޫސްކަމެވެ. ދެމީހުން ބައްދާލުމަށްފަހު ތުންފަތަށް ބޮސްދިނެވެ. އަންހެނުންގެ ލޮލުން އޮހިގެން އައި ކަރުނަތަށް ކޯތާފަތްމަތިން ފައިބަމުންދާއިރު އޭނާގެ ދެއަތްތިލައިން އެކަރުނަތައް ފޮހެލަދެއެވެ. އެރީތި އޮމާން ކޮލުގައި އޭނާގެ ތުންފަތް މަޑުމަޑުން ޖައްސާލިއެވެ. އަދި ޓީޝާޓު ދަށުން ވަޅިއެއް ނަގާފައި އަންހެނުންގެ ކަރަށް ހަރާލުމާއި އެކު ބޮކިޖަހާފައި އައި ލޭތަކާއި އެކު ހޫރެއްފަދަ އުޖާލާ މޫނުގެ ވެރިޔާ ވެއްޓިއްޖެއެވެ. ކައިރީގައި ތިބި މީހުންނަށް ލިބުނު ކުއްލި ސިހުމާއި އެކު އޭނާގެ ދެއަތުގައި ފުރަގަހަށް ބިޑި އަޅުވާފައި ގުދުކޮށްފިއެވެ. ވެއްޓިފައިވާ ޒުވާން އަންހެނާގެ ކައިރީގައި ސިފައިންގެ މީހަކު އިށީނުމަށްފަހު އެޒުވާނާ ވަނީ މަރުވެފައިކަމަށް ޖެނެރަލްއަށް ދެންނެވުނެވެ. ޖެނެރަލް އޭނާގެ އަތުން ބިޑި ނެއްޓުމަށް އަމުރުކުރިއެވެ. ބިޑިނެއްޓުމަށްފަހު އެގޮތަށް އަމަލުކުރީ ކީއްވެތޯ އޭނާއާއި ސުވާލުކުރިއެވެ. އޭނާގެ ޖަވާބު ވަރަށް ސާފެވެ. އެއީ އަހަރެން އަހަރެންގެ އަންހެނުންދެކެ އިންތިހާއަށް ލޯބިވޭ. ޖެނެރަލް ލޯމަރާލާފައި ފުންކޮށް ވިސްނާލިއެވެ. އަދި އޭނާއާއި ދިމާއަށް އޭނާ  ނުމަރާނެކަމަށާއި، އޭނާއަކީ ހިތްވަރުގަދަ މީހެއްކަމަށް ބުންޏެވެ."
އިތުރަކަށް އޭނާ ދެން ކަންވީ ގޮތުގެ ވާހަކަތަކެއް ކިޔައެއް ނުދެއެވެ. އޭނާއަށްވެސް އެވާހަކަ ކިޔައިދީ ނިމުނު އިރު ރޮވުނުކަމަށް އަހަރެންގެ އެކުވެރިޔާ ބުނެލިއެވެ. އެކުވެރިޔާ އިތުރުކޮށްލިއެވެ. "އަހަރެން އިނގުރޭސިބަހުން ކަލެއަށް މިކިޔައިދިނަސް އަހަންނަށް އޭނާ މިވާހަކަ ކިޔައިދިނީ ސުޕެއިން ބަހުން ވަރަށް އަސަރާއިއެކު އެއިހުސާސްތަކާއި އެކު އަހަރެން ކަލެއަށް ކިޔައިދޭނީ ކިހިނެތް އަދި އޭނާގެ ޓީޝާޓު ތެރެއަށް ވަޅިއެއް އޮންނަން ޖެހޭ ގޮތެއްވެސް އަހަންނަކަށް ނުވިސްނުނު" އަދިވެސް އަހަރެންގެ ހިތުގައިވާ ބޮޑު ސުވާލަށް ޖަވާބެއް ނުލިބުނެވެ. އަހަރެންގެ އެކުވެރިޔާއައްވެސް އޭނާގެ މޫނުގައިވާ ލަކުނާއި ބެހޭއެއްވެސް މައުލޫމާތެއް ސާފެއްނުވެއެވެ. ނަމަވެސް އެއީ އަނިޔާއެކެވެ.
އަހަރެން ދަތްދޮޅީގައި އަތްއަޅާލުމަށްފަހު ފިކުރު ހިންގާލީމެވެ. އެއީ ހަމަ ލަކުނުގެ ވެރިޔާއެވެ. އަހަންނަށް ވިސްނާލެވުނެވެ، ޖެނެރަލްގެ ނިންމުމާއި މެދުއެވެ. ޖެނެރަލް ކަންތައްކޮށްފައި އެވަނީ ވަރަށް ހިކުމަތްތެރިކޮށެވެ. އޭނާ ލޯބިވާ މީހާ އޭނާ މަރާލީ އޭނާވެސް މަރުގެ ތުންފަތްމަތީގައި ހުރުމުން އެހެން މީހެއްގެ އުނގަށް ލޯބިވާ މީހާ ގޮސްފާނެކަމަށް ބާލާފައި ކަމަށްވެސް ވެދާނެއެވެ. އެހެނަސް އޭނާމަރާލުމުން ދެމަފިރިންނަށްވެސް ދުނިޔެއިން ރައްކާވެވުނީތާއެވެ. ދުނިޔޭގައި ބެހެއްޓުމުން އޭނާގެ ލޯބިވާ މީހާ ނެތުމުގެ އުނިކަން އޭނާ އިހުސާސްކުރާނީ ކޮންފަދައަކުންތޯއެވެ. އަދި އޭނާގެ ލޮބުވެތިއަންހެނުންގެ ގާތިލަކީ އޭނާކަން އިހުސާސްކުރެވޭ ކޮންމެ ފަހަރަކީ އޭނާގެ ހިތުގައި ލަކުނުލެވޭނޭ ވަގުތެވެ. އޭނާގެ މޫނުގައި ވާ ލަކުނުގެ ހަޤީޤަތް އަހަންނަށް ނޭގުނު ކަމުގައިވިއަސް އޭނާގެ ހިތުގައި ފޮރުވިފައިވާ ބޮޑު ލަކުނުގެ ހަޤީޤަތް އަހަންނަށް އެނގުނީތާއެވެ. އެނާގެ ވަށައިގެން ވަނީ ލަކުނެވެ. ފަނާނުވާނޭ ލަކުނުތަކެކެވެ. ތާއަބަދަށެވެ. (ނިމުނީ)
Share this article :

4 comments:

ލިޔުމާއި ގުޅިގެން ޝުއޫރު ފާޅުކުރެއްވުމަށް ތިރީގައިވާ (ކޮމެންޓް އޭސް) ގޮޅިން ބޭނުންވާ ގޮތެއް ހިޔާރުކުރެއްވާ

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved