Home » , » ދެހިތެއްގެ ލޯބި

ދެހިތެއްގެ ލޯބި

Written By Afey Afra on Tuesday 19 March 2013 | 17:55


އިޝްގީ ބަލިމަޑުކަމެއްގެ ކަނޑުގައި ފައްސިޔަވަމުން، ބިތްވަމުންދާ ޖަމީލްގެ ނަފްސާއި ހިތް މަޖުބޫރީ ހާލަތަކަށް ގެނުވާ އެންމެ ފަހުގެ މަސައްކަތް ކުރުމަށް ޖަމީލަށް ގޮވާލި ވަގުތު އައިސް ޖެހުނީއެވެ. ބޭރުތެރެއިން ފެނުނީމާ ތުންއަބުރަމުން މޫނު ކުނިކުރަމުންދާ ސީމާގެ މޫނުމަތީގެ ކުލަވަރަށް ހެޔޮ ބަދަލެއް އަންނަން ފަށައިފިއެވެ. މާބޮޑު ހިނިތުންމުވެއް ނެތްނަމަވެސް ޖަމީލް ފެނުނީމާ ސީމާ ހުއްޓުން އަރާގޮތްވެއެވެ، ކޮޅުމަތި ފެންނަން ފެށީއެވެ، ރަނގަޅު ވަންޏަކަށް ވަދެވިއްޖެކަހަލައެވެ. ސީމާގެ ހިތް ލެނބެން ފަށައިފިކަން ހުދު ސީމާ އަށްވެސް ވިސްނިއްޖެއެވެ، ނޭގިހުރެ ޖަމީލްދެކެ ލޯބި ވެވިއްޖެކަން ގަބުލްކުރެވި، ލޯބީގެ ހަޔާތުގައި އަނެއްކާވެސް އާސަފްޙާއެއް ހުޅުވާ ބިސްމި އަޅާލެވުނީއެވެ. ދުވަހަކަށްވުރެ ދުވަހެއް ދެމީހުންގެ ގުޅުން ބޮޑުވެ، ޖަމީލް ހުށަހެޅި ލޯތްބަށް ސީމާ އިޖާބަ ދީފިއެވެ. ލޯބީގެ ގުލްދަސްތާގައި ނުފޮޅިވާ މާތައް ފޮޅި ބުލްބުލް ތަކާއި ކޮކާތަކުން ގުލްޒާރުގެ ނަޔާ ބަގީޖާ ޒީނަތްތެރި ކުރުވައިފިއެވެ.

ފަރުދާގެ ފުރަގަހުގައިވާ ހަގީގަތް ފޮރުވައި، ނަފްރަތަކީ ލޯބީގެ ފެށުންކަމުގައި ބުނެ އެކަން މޮޓޯއަކަށް ހަދައި ދެމީހުންގެ ލޯބީގެ ގުޅުން އާލަކުރުމުގައި ދުވަސްތައް ވޭތުކުރެވެން ފަށައިފިއެވެ. ދަރިންގެ ލޯބީގެ ހަޔާތަށް ނުފޫޒް ފޯރުވުމުގައި ކަނޑިތީމަށް މަސްހޫރުވެފައިވާ ސީމާގެ މަންމަ ހައްވާމަނިކެ ކިތަންމެ ނުގަބޫލަސް މިފަހަރުޖެހުނީ އިނގިލީގައި ދަތްއަޅައިގެން މަޑުން އިންނާށެވެ. ކުރޭވޭނެ އެއްވެސް ކަމެއް ނެތެވެ. ސީމާ އެހެރީ ހުސްވެފައެވެ. ޖަމީލަށް ޓަކައެވެ. ބުނެފިނަމަ ކަނޑަށްވެސް އެރޭނެއެވެ. ޖަމީލް އާއި ސީމާގެ ލޯބީގެ ހަޔާތު ނާމާ މުޅިރަށަށް ފެތުރިގެން ގޮސްފައިވަނީ ހަލުވިކަމާއި މަސްހޫރު ކަމާއި އެކުއެވެ، ދޮންހިޔަލަ އާއި އަލިފުޅު ފަދައިންނެވެ. ލައިލާ އާއި މަޖުނޫނު ފަދައިންވެސް ބައެއް މީހުން ސިފަކުރެއެވެ.
އުޑާއި ތަރިތަކާއި ހަނދު ހެކިކޮށް ހުވާތަކާއި ވައުދުތައް ކުރެވެމުން ރޭތައް ގުނަމުން ދާއިރު ސީމާ އެހެން މީހަކަށް މީގެ ދެއަހަރު ކުރިން ހިތް މިލްކު ކޮށްދީފައިވާކަން ކުޑަކޮންވެސް ހަނދާނެއް ނެތެވެ. އަދި ހަނދާންކުރާކަށް ސީމާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ޝާހިދު އަދިވެސް ހުރީ ސީމާއަށްޓަކައެވެ. ސީމާގެ އުފަންދުވަހާއި ގުޅިގެން މާރޗް 20 ވަނަ ދުވަހު ސަޕްރައިޒް އެއް ދިނުމައްޓކައި ތައްޔާރުވަމުންދާ ޝާހިދުއަށް ސީމާ މިހާރު ހުރީ ކޮން ހާލަތެއްގައިކަމެއް  ނޭގެއެވެ. އެކަން އެނގޭނަމަ ޝާހިދުގެ ހިތް ކުދިކުދި ކޮށްލާނެވެ. އުއްމީދުތައް ކަނޑުގެ ރާޅާއި އެކު އޮޔާލާނެއެވެ. ސީމާއަށާއި އާއިލާއަށް ނޭގި ސަޕްރައިޒެއް ދޭކަށް ރަށަށް އައުމަށް ދަތުރެއް ނުހަދާނެއެވެ.
ސީމާއާއި ޖަމީލް ބައްދަލުވުންތައް މެދުނުކެނޑި ކޮންމެރައަކުވެސް އޮންނާނީ ސީމާގެ ކޮޓަރީގައެވެ. މިކަމާއި އެއްޗެއް ބުނާނެ މީހަކު މިހާރު މިގެއަކު ނެތެވެ. މައިންބަފައިން އެތިބީ އައިރުޅީގައި ދަރިއެއް ނޫންކަމަށް ބުނެ ހުރިހާ ޒިންމާއެއް ބޮލުން ނައްޓުވާލައިގެންނެވެ. ޝާހިދު ރަށަށް އައިސް ފުރަތަމަވެސް އަވަސްވެގަތީ ސީމާ އާއި ބައްދަލުކުރާށެވެ. އެތައްކެއް ދުވަހު ދުރުގައި އުޅުމަށްފަހު ލޯބިމޫނު ދެކިލާއިރު އުފަލުން ސީމާގެ ހިތް ފޮޅުވާލަދިނުމަކީ ސާހިދުގެ އުންމީދެވެ. ނަމަވެސް ސީމާގެ އުފަންދުވަހުގެ ފޮނުމީރުކަމާއި އުފާވެރިކަން ހޯދަމުން އެދަނީ ޖަމީލު އާއި އެކު އެވެ. ޝާހިދުއަށް ރޭކާވެސް ނުލަނީހެއްޔެވެ. އެވާހަކަ ބުނެދޭނޭ މީހަކުވެސް ހަމަ ޝާހިދުއަށް ނުވީހެއްޔެވެ. މާރޗް 20 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ޖަމީލް އާއި ސީމާ ކޮޓަރީގައި ތިބެ އުފަންދުވަހުގެ އުފާވެރި ބައްދަލުވުން ކުރިއަށް ދާއިރު ބޭރުގޭގައި ހުރި ދިމާއެދުގައި ހަރުދަނޑިވެގެން އޮވެ ސީމާގެ ބައްޕަ ވަރުގަދައަށް ގުގުރި ދަމަނީއެވެ. ގުގުރީގެ އަޑުގެ ތެރެއިން ކުށްލިއަކަށް މީހަކު ދޮރުގައި ޓަކިދިން އަޑު އިވުނެވެ. ދޮރު ކުޑަކޮށް ހުޅުވާލާފައި ކުރު ހެދުމެއްގައި ހުރި ސީމާ ބޯދިއްކޮށްލިއެވެ. އެވަގުތު ކުރިމަތީގައި ހުރީ ޝާހިދުއެވެ. ސީމާގެ ހަރަކާތްތައް ހުއްޓި ހިތަށް ނުތަނަވަސްކަން ގެނުވައިފިއެވެ. ގައިން ހީބިހި ނަގައިގެންފިއެވެ. އެހެން ނަމަވެސް ޝާހިދުގެ މޫނުމަތީގައި ވަނީ ހިނިތުންވުމެވެ، އުޖާލާކަމެވެ. ސީމާއަށް ކަރުހިއްކައިގަންފައިވާ މިންވަރު ޝާހިދުގެ މޫނުމަތިން ހާމަވެގެން ދެއެވެ. ”ސީމާ ކީއްވެ ބަހެއް ނުބުނީ، ސަޕްރައިޒްވެފަތަ ތިހުރީ މިއޮތީ ސީމާއަށް ގެނައި އުފަންދުވަހުގެ ހަދިޔާ“ މިހެން ކިޔާފައި ޝާހިދުގެ އަތުގައި އޮތް ކޮތަޅު ހިފައިގެން ބަސްހުއްޓިފައިހުރި ސީމާއާއި އެކު ކޮޓަރިއަށް ވަންނަ ދޮރު ފޭކޮށްލިވަގުތު ކޮޓަރިތެރޭގައި ހުރި ޖަމީލު އައިސް ފުރަގަހުން ސީމާގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. (ނިމުނީ)
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved