Home » , » އިމްޕޯރޓް ޑިއުޓީ ނަގަނީ ކީއްކުރަން

އިމްޕޯރޓް ޑިއުޓީ ނަގަނީ ކީއްކުރަން

Written By Afey Afra on Wednesday 17 December 2014 | 01:25







އިމްޕޯރޓް ޑިއުޓީއަކީ ވިއްކުމަށްޓަކައި ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް އެތެރެކުރެވޭ މުދަލުން ކަނޑައެޅިފައިވާ އުސޫލެއްގެމަތިން އެތެރެކުރާ މުދަލުގެ އަގުގެ ނިސްބަތުން ދައުލަތަށް ނަގާ ފީއެކެވެ. މިޑިއުޓީ ނަގަން ޖެހޭ ސަބަބުތަކާއި މެދު އިގުތިސާދީ ދާއިރާގެ ފުންނާބު އުސް ބޭފުޅުން ހިޔާލު ފާޅުކުރަމުންދާއިރު އިގުތިސާދު ދުޅަހެޔޮކުރުމަށް، އިގުތިސާދު ބެލެންސް ކުރުމަށް އަދި ގައުމީ ތަރައްޤީގެ ދުވެލި ހަލުވި ކުރުންފަދަ ވަރަށް ގިނަ ސަބަބުތައް ބަޔާންކުރެއެވެ. އެހެން ނަމަވެސް މިލިޔުމުގައި އަޅުގަނޑު ބަލާލާނީ މައިގަނޑު 3 ސަބަބަކަށެވެ.
1.    ބޭރުވާ ފައިސާ މަދުކުރުމާއި އެކު އެތެރޭގައި އުފައްދާ އުފެއްދުން ކުރިއެރުވުމަށް
2.    ވަކިވައްތަރެއްގެ މުދާ އެތެރެވުން ކޮންޓްރޯލް ކުރުމަށް
3.    ދައުލަތަށް އާމުދަނީ ހޯދުމަށް

ފުރަތަމަ ނުކުތާއަށް އަލިއަޅުވާލާއިރު ގައުމުގެ އެތެރޭގައި އުފައްދާ މުދަލާއި އެއްފަދަ މުދަލެއް ބޭރުން އެތެރެކުރުމަށްފަހު އަމިއްލަ އުފެއްދުމަށް ވުރެ އަގުހެޔޮކޮށް ބޭރުން ގެންނަ މުދާ ވިއްކުމުގެ ފުރުސަތު އޮވެދާނެތީ އެތެރެކުރާ މުދަލުން އިމްޕޯރޓް ޑިއުޓީ ނެގުމަކީ އިގުތިސާދީ ނަޒަރިއްޔާތުތައް ތަރުހީބުދޭ ކަމެކެވެ. ބޭރުން ގެންނަ މުދާ އަމިއްލަ މުދަލުގެ މައްޗަށް ކުރި ހޯދައިފިނަމަ ގައުމުގެ އުފެއްދުން ބޭކާރުވެ، އުފެއްދުންތެރިން މާޔޫސްވެ ގައުމުގެ އުފެއްދުންތެރިކަން ބަރުބަލިކޮށްލައެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު ރާއްޖޭގައި އުފައްދާ އަދި އުފެދޭނެ ބާވަތުގެ (ހާއްސަކޮށް ދަނޑުވެރިކަމުގެ ބާވަތްތައް) އުފެއްދުންތައް އިތުރު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން ތަރުހީބުދީ، ބޭރުން އެތެރެކުރާ އެފަދަ އުފެއްދުންތަކުން ޑިއުޓީ އިތުރު ކުރުމަކީ އެތެރެކުރުން މަދުކުރެވިދާނެކަމެކެވެ. އަދި މިކަމަށް ހޭދަކުރާ ބޭރުފައިސާ ބޭރުވުން މަދުކުރެވޭނެކަމެކެވެ. ރާއްޖޭގެ ކާމޭޒުތަކުގެ މަތީގައި ދިވެހި އުފެއްދުންތައް ބޭނުންކުރުން އިތުރުވެގެން ދާނެކަމެކެވެ.

ގައުމެއްގެ އެތެރޭގައި މުދަލެއް އުފެއްދިޔަސް ހަމަ އެބާވަތުގެ މުދާ އެތެރެކުރުމަކީ އޮންނަން ޖެހޭނެ ކަމެކެވެ. ސަބަބަކީ ބައެއްގައުމު ތަކުގައި އެބާވަތްތައް މުޅިރައްޔިތުންނަށް ފުދޭމިންވަރަށް ނުއުފެއްދުމަކީ އެކަށީގެންވާކަމެކެވެ.  އެހެންކަމުން މުޅިރައްޔިތުންނަށް ލިބިގެންދާނީ އެތެރެކުރާ މުދަލާއި އެކުއެވެ. ނަމަވެސް އެތެރެކުރާ މުދަލާއި އުފައްދާ މުދަލުފައި އަގުގެ ގޮތުން ތަފާތެއް ހުންނަން ޖެހެއެވެ.

އެހެން ނަމަވެސް މިއުސޫލުން މިކަން ހިނގާނީ ރާއްޖޭގެ އުފެއްދުންތެރިއާވެސް ވިޔަފާރީގެ ސުލޫކީ މިންގަނޑު ނުވަތަ އެތިކްސް ހިފެހެއްޓިގެންނެވެ. އެގޮތުން އެތެރެކުރާ ވިޔަފާރި ވެރިޔާ ޑިއުޓީއާއިއެކު އަގު ބޮޑުކޮން ވިއްކަން މަޖުބޫރުވާއިރު، ޑިއުޓީއެއް ނެތި ބާޒާރަށް ނެރޭ އެތެރޭގެ މުދާވެސް ޖާއިޒުނޫން ގޮތެއްގައި ފައިދާއެއް ނެގުމަށްޓަކައި އެތެރެކުރާ ވިޔަފާރިވެރިޔާ ވިއްކާ އަގަށް ވިއްކައިފިނަމަ މިކަމުން ފައިދާއެއް ނެތެވެ.

ދެވަނަ ނުކުތާއަށް އަލި އަޅުވާލާއިރު އިމްޕޯރޓް ޑިއުޓީ ނަގާ ސަބަބެއްގެ ގޮތުގައި ބައެއްކަހަލަ މުދާ ކޮންޓްރޯލް ކުރުން ހިމެނެއެވެ. އެގޮތުން ދުންފަތާއި މިނޫންވެސް އިޖުތިމާޢީ މިންގަޑާއި ދުރުކުރާ ބާވަތްތަކުން ގިނަ ގައުމުތަކުގެ އިމްޕޯރޓް ޑިއުޓީ އެހެނިހެން އާއްމު ބާވަތްތަކާއި އަޅާބަލާއިރު ބޮޑެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު އެތެރެކުރެވޭ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުންވެސް އިމްޕޯރޓް ޑިއުޓީ ފެންނަނީ ބޮޑު ކުރެވެމުންދާތަނެވެ. ނަމަވެސް އޭގެ ސަބަބެއްގެ ގޮތުގައި ބެލެވިފައިވަނީ ވެރިކަންކުރާ ސިޓީ މާލެ ތޮއްޖެހުން ކުޑަކުރުމެވެ. ނަމަވެސް މިއައިޓަމަށް ބަލާއިރު މުޅި ރާއްޖެއަށް މިކަން ތަންފީޒު ކޮށްފިނަމަ އެންމެ ހަމަހަމަ ގޮތަކަށް އެކަން ނުވެއެވެ. މާލެސިޓިއަށް ބަލާއިރު ފުދި އިތުރުވާވަރަށް ހުރިހާ ޒާތެއްގެ ވެހިކަލްތައް އޮތުމުން މިއީ އެންމެ ރަނގަޅު ކަމެއްކަމުގައި ވީނަމަވެސް، ރާއްޖެތެރޭގެ ރަށެއްގައި އާއްމުދަނީ ހޯދުމަށް ޕިކަޕެއް ގެންނަ އުޅޭ މީހާ މިބުރަ އުފުލަން ޖެހުމަކީ ހަމަހަމަކަން ގެއްލިދާކަމެވެ.

ކަން މިހެން ހުރިއިރު ޓްރާންސްޕޯރޓް ރަޖިސްޓަރޭޝަން ސިސްޓަމަކީ ރާއްޖޭގައި ވަރަށް ރަނގަޅަށް ބެލެހެއްޓި ވަކި ވަކި ސަރަހައްދުތަކަށް ކޯޑު ނަމްބަރުތައް ދެވިގެން ހިންގާ ނިޒާމަކެވެ. ވީމާ މާލެއާއި އަތޮޅުތަކަށް އެތެރެކުރާ ވެހިކަލްތަކުން ޑިއުޓީ ތަފާތު ކޮށްލައި، އެފަދަ އެއްޗެހި ރަޖިސްޓަރީކިރުމުގެ މަރުހަލާގެކަންކަން ބަދަލުކޮށްލުމަކީ މާބޮޑު ކަމަކަށް ނުވާނެއެވެ. މިތަފާތު ގެނެވިއްޖެނަމަ އެއްގަމު ދަތުރުފަތުރުގެ ދާއިރާއިން ރަށްރަށުގެ ތަރައްޤީޤެ ދުވެލި ކުރިއަށްދިއުމަށް މަގުފަހިވާނެއެވެ. ހާއްސަކޮށް ބިންބޮޑަތި ރަށްރަށުގައި ވިޔަފާރި އުސޫލުން ޕަސެންޖަރުން އުފުލުމާއި މުދާ އުފުލުމުގައި ވެހިކަލްތައް ގެންނަން ބޭނުންވާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެން ދާނެއެވެ.

ތިންވަނަ ނުކުތާއަކީ ދައުލަތަށް އާމުދަނީ ހޯދުން ކަމުގައިވާއިރު ކޮންމެ ފަދަ މުއާމަލާތަކުންވެސް ޑިއުޓީއެއް، ޓެކްސްއެއް، ޓެރިފް އެއް ނުވަތަ މީނޫން ކޮންމެ ނަމެއްގައި ނަމަވެސް ނަގާ ފައިސާއަކީ ދައުލަތަށް ލިބޭ އާމްދަނީއެވެ. ފިސްކަލް ޕޮލިސީއަކީ ދައުލަތުގެ އާމްދަނީއާއި ހޭދަކުރުން ބިނާވެފައިވާ ސިޔާސަތަށްވައިރު މިސިޔާސަތުގެ މަފްހޫމަކީ ދައުލަތް ހިންގުމާއި އެކު ގައުމުގެ އިންފްރާސްޓްރަކްޗަރ ބިނާއި ކުރުމާއި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި އެކު ހަމަޖެހޭ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކުރުމެވެ.

ބުނެވިދިޔަ ތިން ނުކުތާގެ އިތުރުންވެސް އިމްޕޯރޓް ޑިއުޓީ ނަގަންޖެހޭ ސަބަބުތަކުގެ ތެރޭގައި ނަޒަރުހިންގާ ތަފާތު ސަބަބުތައް ހުންނާނެއެވެ. އިންޓަރނޭޝަނަލް ޓްރޭޑް (އިމްޕޯރޓް އެކްސްޕޯރޓް) ފިސްކަލް ޕޮލިސީ، ފަދަ ކަންކަމަކީ މެކްރޯއިކޮނޮމިކްސްގެ މުހިންމު ކޮންސެޕްޓްތަކެވެ. މެކްރޯއިކޮނިމިކްސްއަކީ ޕޮޒިޓިވް އިކޮނިމިކްސްއަކަށްވާއިރު މިކަންކަމަކީ ހިސާބު ނަމްބަރެއްފަދައިން ވަކި ޖަވާބެއް ހޯދައިގެން ނިންމޭނެ ކަންކަމެއް ނޫނެވެ. އެހެންކަމުން މިފަދަކަންކަމަކީ ދެކޮޅަށްވެސް ބަހުސްކުރެވޭ އަދި ދައްކާ ހުސްވާނޭ ވާހަކަތަކަކަށް ނުވާތީ ކުރުކޮށްލަމެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved