Home » , , » ފަޤީރު އެހެނަސް ނަމޫނާ އަވަށެއް

ފަޤީރު އެހެނަސް ނަމޫނާ އަވަށެއް

Written By Afey Afra on Tuesday 18 February 2014 | 04:11

ދަތުރުކުރަމުން ދިޔަ ހިމަމަގުގެ ދެފަރާތުގައިވާ ބިރުވެރި ފެހިކަން ގަދަ ޖަންގަލި ތެރެއިން އަލިކަން ފާއްދާލައި އަލި ބިމަކަށް ވަދެވުމުން އިންތިޒާރުގެ ނިމުން އައުމުން ހުރިހާ ބައިވެރިންވެސް މިސްރާމު ޖެހީ އެއްދިމާއަކަށެވެ. "ސަޅި" މަގުގެ އެއްފަރާތުގައި އިންވެގެން ބޯޖަންގަލި ސުރުންސުރަށް ވާއިރު އަނެއް ފަރާތުގައި ވަނީ އިސްކޮޅު ކިރިޔާ ހިންދެމިލެވޭވަރުގެ ކުދި ކުދި ގެތަކެވެ. ސަރާސަރު މަގުގެ އެއްކޮޅުން އެނެއްކޮޅަށް އެއް އިންވެގެން ބަރިއަކަށް ތިރީހަކަށް ގެ ހުރިއިރު ގޭގެ ސަރަހައްދު ވަނީ ވަކިކުރެވިފައެވެ. ބައެއް އިމުގައި ފުޅަށް ޖަޙާފައި ހުރިއުރު އަނެއް ބައި އިމުގައި ވަނީ ބަރިބަރިއަށް ގާއަތުރާފައެވެ. އެއްބައްޓަމަކަށް އެއްސައިޒަކަށް އެއް ޑިޒައިނަކަށް ހުރި މި ގެތެށް ފެނުމުން އެންމެ ފުރަތަމަވެސް ހަނދާން އާވެގެން ދިޔައީ ސުނާމީ ރިލީފް ކޭމްޕަތައް ހުންނަ ގޮތެވެ. ތަފާތަކީ ގެތަކުގެ ކުރިމަތީގައި ހިނގަން އޮންނަ ހަނި މަގުގައި ތަޅުން އަޅާފައިވާ ކަމެވެ. މަގުގެ އަނެއް ފަރާތުގައި ބިޔަގަސްތަކާއި އެކު ބޯ ޖަންގަލި ވާކަމެވެ. އެއީ ޓަމިލްނާޑޫ އާއި ކެރެލާއާއި ގުޅޭ ބޯޑަރު ލައިން ކައިރީގައި އޮންނަ މާސިންގާ ޖަންގަލީގައިވާ ބީއާރު ހިލް ކިޔާ އުސްގަނޑު ތަކުގައިވާ ފަގީރުން ދިރިއުޅެމުންދާ އެތަކެއް ވިލެޖެއްގެ ތެރެއިން އެއް ވިލެޖެވެ. އެތަނުގައި ތަފާތު އެތަށް ވިލެޖެއްވެއެވެ.

ލަދުރަކި ކަމާއި ހަމަހިމޭންކަން:
ދަތުރުގައި ހިމެނޭ 43 ބައިވެރިންނާއި އެކު އަޅުގަނޑުވެސް ވިލެޖުގެ ތެރެއަށް ވަދެގެން ދިޔައިރު މަގުމަތީގައި ކޯޅިގަނޑަކަށް ތިބި ތުއްތު ކުދިންތައް ދުވެފައި ގޮސް ގެތަކުގެ އަނެއް ފަރާތަށް ވަނެވެ. ބައްކުދިން ދުވެފައި ދުރަށް ގޮސް ބަލަހައްޓައިގެން ހެޔޮވަރުވަރަކަށް ހެވިފައި ހިނިތުންވުމާއި އެކު ތިބޭތަން ފެނުމުން އެކުދިން ދުއްވައިގަތީ ބިރުން ނޫންކަން އެނގެއެވެ. އެކުދިންގެ މޫނުމަތީގައި ވަނީ އަމިއްލަވަންތަކަމާއި އުފާވެރިކަމެވެ. ފަންތީގެ ގޮތުން ތަފާތު ބައެއް އެކުދިން ކައިރިއަށް ޒިޔާރަތްކޮށްފިކަން އިހުސާސްވާފަދަ އިސްޖެހުމަކާއި ލަދުރަކިކަމެއް އެކުދިންގެ މޫނުމަތިން ދިޔައީ ފެންނަމުންނެވެ. ބައެއް ގޭގޭ ދޮރުމަތީގައި ދުވަސްވީ އަންހެނުން އެގެއަށް އަންނާށޭ ބުނާފަދަ ގޮތަކަށް ބަލަހައްޓައިގެން މަޑުމޮޅި ކަމާއި އެކު ތިބި އިރު، މަޑުމައިތިރި ގޮތަށް ހިނގާފައި އައި އުމުރުން ދުވަސްވީ ފިރިހެނަކު އަޅުގަނޑުމެންނާއި ކުރިމަތިލިއެވެ. އެއީ މަޑުމައިތިރި ސާދާ މީހެކެވެ. ވާހާކަ ދައްކާ ބަސް ސީދާ އަޅުގަނޑުމެންނަށް ނޭގުނު ކަމުގައި ވީނަމަވެސް އެމީހާ އައީ އަޅުގަނޑުމެންނަށް މަރުހަބާ ކިޔަންކަން ޔަޤީންވިއެވެ. އަޅުގަނޑުމެންނާއި ހަވާލުވެ ހުރި މުދައްރިސްގެ އެހީތެރިކަމާއި އެކު ބަސް ތަރުޖަމާކޮށް ދެއްވުމުން އެއީ އެވިލެޖުގެ ޗީފްކަން އެނގިގެން ދިޔައެވެ. ޗީފްގެ އެހީތެރިކަމާއި އެކު ލޯމަތިން ގެއްލިގެން ދިޔަ ކުޑަކުދިން ކަތާކޮށް އެކުދިން ކައިރިއަށް ގެނެވޭތޯ އިރުކުޅަކު މަސައްކަތްކުރަން ޖެހުނެވެ. އިންސާނިއްޔަތުގެ ދަރަޖާގައި އެމައުސޫމް ކުދިންނަކީ ހަމަ އަޅުގަނޑުމެންނެކޭ އެއްފަދަ ކުދިންކަން އިހުސާސް ކޮށްދިނުމުގައި އަޅުގަނޑުމެން ސޯޝިއޮލޮޖީ ފެމެލީގެ ހުރިހާ މެމްބަރުންމެވެސް އެއްވާމެއްގައި މަސައްކަތްކުރާތަން ފެނުނެވެ. ބައެއް ބައިވެރިން އެކުދިންގެ އަތުގައި ހިފާ ގަޔާ ކައިރިކޮށްލިއިރު އަނެއް ބައި ކުދިން ހަދިޔާ ދިއްކޮށްލާ އެކުދިން ގެނެސް ގައިގާ ތަތްކޮށްލިއެވެ. ވަކިވަކިން ގުރޫޕް ގުރޫޕަށް ފޮޓޯ ނެގުމުމުގައި އެކުދިންނާއި އެކު ވަގުތު ހޭދަކުރެވުނެވެ. އެއީ ފުއްދުންތެރިކަން ލިބިފައި ނުވާ އެހެނަސް ފުދިގެން އުޅެން ދަސްވެފައިތިބި ރިވެތި އަހުލާޤުގެ ވެރިކުދިބައެކެވެ. އެއީ އެސަރަހައްދުގައި އެން.ޖީ.އޯ އަކުން އަޅާދީފައިވާ ސުކޫލެއްގައި ޕްރައިމަރީ ތަޢުލީމު ހާސިލް ކުރަމުންދާ ތުއްތު ކުދިންތަކެވެ. އެއީ އެގޭތަކުގެ ހަޤީޤީ އަހުލުވެރިންނެވެ.

ހަޤީޤީ ވައްޓަފާޅިއެއް، ތަފާތު ސަޤާފަތެއް: (އޮރިޔާމުން ގަސްގަހުގަބަނދެފައި މާމުއި ގަޔަށް އެޅި ދުވަސްވަރެއްވެސް ދިޔަ)
އެއީ އަސުރުންތިރިވެ އިރުގެ ބާރުކެނޑި ހަވީރުގެ ފިނި ޖެހި އަވި ނިވާލުމަށް ތައްޔާރުވަމުން ދިޔަ ވަގުތެވެ. ސަރަހައްދުން ފެންނަމުން ދިޔައީ މުޅީންވެސް އުމުރުން ދުވަސްވީ ދެޖީންސްގެ މީހުންނާއި ޅަފުރައިގެ ދެޖީންސްގެ ކުޑަކުދިންނެވެ. ހަރުފުރައިގެ މީހުންވަނީ ޖަންގަލި ތެރޭގައިވާ ދަނޑުބިންތަކުގައި މަސައްކަތަށް ގެއްލި ހުސްވެފައެވެ. އެމީހުންގެ މަސައްކަތަކީ ދަނޑުވެރިކަމެވެ. ދަނޑުވެރިކަމުގެ
އަސޭމިރުސް އަޅާފައިވާ ގަހެއް
ތެރެއިން ކޮފީ އާއި އަސޭމިރުހަކީ މައިގަނޑު ގޮތެއްގައި ހަމައެކަނި އެމީހުން އުފައްދާ އުފެއްދުމެވެ. ރަށްފުށުގެ ގޯތިތެރޭގައި އިންދާފަދައިން ފޮނިލުނބޯ ފަދަ މޭވާ ގަސްގަސް ގޯތި ތެރޭގައިވާ ކުޑަ ޖާގަ ތަކުގައި އިންދާފައިވެއެވެ. ބިމުގެގޮތުން ސަރަހައްދު ބޮޑަސް ގޯތީގެ ސައިޒް ވަނީ އަމިއްލައަށް ސާފުކޮށްލައިގެން ބެލެހެއްޓޭ މިންވަރަކަށް ހަނިކޮށްފައެވެ. ބިމުގެ ސައިޒަކީ އެތަނުގެ އަހުލުވެރިންނަށް މާބޮޑު އެއްޗަކަށް ނުވެއެވެ.
ކަރަންޓާއި ފެނާ ސަރުކާރުގެ އެހީގައި ހިލޭ އެތަނަށް ފޯރުކޮށްދީފައިވާއިރު މަގު ދިއްލުމަށް މަގުބައްތިކޮޅެއްވެސް ޖަހާދީފައިވުމުން ސަރުކާރުގެ އަޅާލުން ކިތަންމެ ދުރުގައި ތިބިނަމަވެސް ލިބޭ އިހުސާސް އެބައިމީހުންނަށް ކުރެވެއެވެ. އެހެން ނަމަވެސް ޗީފްގެ ވާހަކައި އެނގިގެން ދިޔައީ ސަރުކާރު އަޅާލުން މާބަޑޮށް ލިބުމުން އެމީހުނަށް އުނދަގޫތަކެއް ހުރިކަމެވެ. އެތަނަކީ ހިމާޔަތް ކުރެވިފައި ނުވަތަ ޝެޑިއުލް ކުރެވިފައިވަ ޓަރައިބެއްގެ ގޮތަށް، ސަރުކާރުގެ ނުފޫޒު ވަނުމުން މިނިވަންކަން ގެއްލޭކަމަށް ޗީފު ހާމަކުރިއެވެ. ޗީފުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދަނޑުވެރިކަން ކުރާ ގޮތްތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވުމެވެ. އެހެން ނަމަވެސް ސަރުކާރެއް ވާކަން އިހުސާސްކުރަން ޖެހޭ ފަހަރުވެސް ހުންނަ ކަން ޗީފް ފާހަގަކުރިއެވެ. ހާއްސަ ގޮތެއްގައި މީހަކު ހާލު ބޮޑުވެގެން ސިއްހީ ފަރުވާއަށް ސިޓީއެއްގެ ތެރެއަށް ދާން ޖެހިއްޖެ ނަމަ، ދަތުރު ފަތުރު ސަރުކާރުން ހަމަޖައްސަދެއެވެ. އަދި އެތަކެއް ކިލޯމީޓަރު ދުރުގައި ވާއިރު ޕަބްލިކް ޓްރާންސް ޕޯރޓްގެ ނިޒާމްގެ ވިއުގައިގަ އެސަރަހައްދުވެސް ހިމެނިފައި އޮންނަ ކަން އުފަލާއި އެކު ޗީފް ފަހަގަކުރިއެވެ.
ކައިވެންޏަކީ ކޮންމެ މުޖުތަމައެއްގައި އޮންނަ ކަމަކަށްވާއިރު އެފަދަ ވިލެޖު ތަކުގައި ވެސް ކާވެނި ކުރެވެއެވެ. ރަށުން ބޭރުން މީހުންނާ ކައިވެނިކުރާ ފަދައިން  ކައިރި ވިލެޖު ތަކުންވެސް މީހުންނާ އިންދެވެއެވެ. ދެމީހަކުކުރާ ކައިވެންޏެއްގައި އެއްފަރާތުގެ ބެލެނިވެރިން ނުރުހުނުކަމުގައި ވީނަމަވެސް ކައިވެނި ކޮށްދެއެވެ. ނަމަވެސް ތަފާތަކީ ނުރުހުމުގައި ކައިވެނި ކުރާ ކުއްޖާ ބާރަ ރުޕީސް އިން ޖޫރިމަނާ ކުރާކަމެވެ.
ޗީފް މެދުގައި: ބައިވެރިން ސުވާލުކުރުމުން ޖަވާބުދެނީ
އެތަނުގައި މީހުން އާބާދުވީ ވަކި މިވަނި ދުވަސްވަރެއްގައިކަން ޗީފަށް ނޭގުނު ކަމުގައި ވީނަމަވެސް އެތަނުގައި ވަކި އުސޫލު ތަކަކާއި ހަމަތަކާއި މިންތަކެއް އޮންނަ ކަން ޗީފް ފާހަގަކުރިއެވެ. އަދި އެކަން ކަމަކީ އެންމެން ވެސް ބޯލަނބަން މަޖުބޫރު ކަންކަމެވެ. އެތަނުގެ އިޖުތިމަޢީ މިންގަނޑު ހިފެހެއްޓުމަކީ ޒަމާނުއްސުރެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. އާއްމު އިޖުތިމައީ މިންގަޑާއި ހިލާފްވެއްޖެ ނަމަ އެމީހަކަށް އަދަބު ދެއެވެ. ނަމަވެސް ސަރުކާރާއި ހިއުމަންރައިޓްސްގެ ނުފޫޒު ވަދެފައިވަތީ ކުރިން ކުރިގޮތަށް އަދަބު ނުދެވެއެވެ. އަދަބު ނުދިން ކަމުގައި ވީނަމަވެސް އެތަނަކީ ކްރައިމް ފްރީ، އެއްބަޑު އެއްބަފާކަންމަތީ ދިރިއުޅޭ ރައްޔިތުން ތިބި ތަނެއްކަން ފާހަގަ ކުރެވުނެވެ. ޗީފްގެ އިންޓަވިއުގައި އެންމެ އަޅާގަތް ތަންކޮޅަކީ، ތަންކޮޅެއް ކުރީގައި އަދަބުދީ އުޅުނު ގޮތެވެ. އިޖުތިމާޢީ މިންގަނޑުން ކައްސާލައިގެން ދާމީހުން އޮރިޔާން ކޮށްފައި ގަހެއްގައި ބަނދެފައި މާމުއި އަޅާފައި ބަހައްޓާ ބެހެއްޓުމަކީ އެމީހުންގެ ޝާޤާފަތުގައި މާޒީވެފައިވާ ކަންކަމެވެ. އަދި ބަދު އަހުލާޤީ އަމަލު ނުވަތަ ނަހަމަ ގޮތުގައި ޖިންސީ ގުޅުމެއް ހިންގައިފި ނަމަ އެކަން ކުރި އަންހެނަކާއި ފިރިހެނަކާއި ދެމީހުންވެސް އެފަދައިން އޮރުޔާމުން އެއްކޮށް ގަހެއްގައި ބަނދެފައި މާމުއި އެޅި ދުވަސްވަރަކީ ތަފާތު އަދި މާޒީގެ ކަޅު ސަޤާފަތެއްކަން ހާމަވެގެން ދިޔައެވެ.
އޮބިފައިވާ ސަޤާފަތުގެ ތެރެއިން ފާހަގަކޮށްލެވުނު އުސްއަލިތަކުގެ ތެރޭގައި ތަންކޮޅެއް ކުރީ ޒަމާނުގައި ފިރިހެން ކުއްޖާ ވިލެޖުން ބޭރުން އަންހެން ކުއްޖަކާ ކައިވެނި ކުރާނަމަ، ކައިވެނި ކުރުމުގެ ކުރިން ތިން އަހަރު ވަންދެން ފިރިހެން ކުއްޖާ އަންހެން ކުއްޖާގެ ގޭގައި ގުލާނު ކުރަންއުޅެން ޖެހޭވާހަކަ އަކީ ބައިވެރިންނަށް ސިހުން ގެނުވުނު އެއްވާހަކައެވެ.
ގޭދޮރު މައްޗަށް އަޅުގަނޑުމެން ދަތުރުވެރިން އެރުމުން އެގޭގޭ ދައްތަމެން އަވަސް އަރުވާލާފައި ފެން ރުނބަލުގައި ބޯފެން ގެނެސްދީ ދިއްކޮށްލާ މަންޒަރަކީ ދިރިއުޅުމުގެ ހަޤީޤީ ވައްޓަފަޅި ރަމުޒުކޮށްލެވޭނެ އެންމެ މުނާސިބު ވަގުތެވެ. މެހެމާންދާރީގެ ދަރަޖަ ކަނޑައަޅަން ލިބޭނެ ރަނުގެ ފުރުސަތެވެ.

ސާފުތާހިރުކަމުގެ ނަމޫނާ
އެއީ ގުދަށް އޮވެގެން ވަދެވޭ ވަރަށް ތިރިތިރިކޮށް ހަދާފައިވާ ތަނެކެވެ. އެތަނުގައި ކައްކާ ހަދާނީ ތިރި ގޮނޑީގައި އިށީންދެ ތިބެގެންނެވެ. ބޭނުންކުރަނީ ދަރު އުނދުނެވެ. އެތެރޭގައި ވަނީ ފުރިހަމައަށް ތަޅުން އެޅިފައެވެ. ބަދިގެއަކަށް ވީތީ ހުންނަން ޖެހޭ ދެއްޔާ ދުބުޅި ތަޅުމުން ފެށިގެން ފުރާޅަށް ހުއްޓެވެ. އަޅުގަނޑުބޭނުންވީ އެތެރެއަށް ވަދެގެން ފޮޓޯ އެއް ނަގާށެވެ. ނަމަވެސް އަޅުގަނޑުގެ އެކުވެރިޔާ އަޅުގަނޑު ފިޔަވަޅު ނަގަގަނާ އޮއްވާ ގޮވާލިއެވެ. ނުވަންނާށެވެ. ބޫޓާ އެކި ނުވަންނާށެވެ. ކުއްޖަކު ވަންތަނުން ނެރެފިއެވެ. އެމީހުން ބަދިގޭގައި އުޅެނީ ހުސްފަޔާ އެވެ. މެހެމާނުން ކުރިއަސް އެމީހުންގެ އުސޫލު ހިފެހެއްޓުމަށްޓަކާ މަނާކުރަނީ ތާއެވެ. މުށިޖަހާ މޮޕް އަޅާ އޮފްކޮށްފައި ނެތްކަމުގައި ވީނަމަވެސް ބަދީގޭގައި އެންމެ ވެލި ފުކެއްވެސް ކުނި ކޮޅެއްވެސް ނެތެވެ. ހަމަ އެކަނީ ފެނުނު އެއްޗަކީ ދުނބުޅިއެވެ. ދަރު އުނދުނު ކައްކާއިރު ދުނބުޅި ނާރާނެ ގޮތެއް ހެދޭނަމަ އެމީހުން އެކަން ވެސް ކުރީހެވެ. އެއީ ސާފުތާހިރު ކަމަށް ލޯބިކުރާ ޖަމާއަތެކެވެ. ސަރަހައްދުގައި ކުނީގެ އަސަރެއް ނެތެވެ. ސަރާސަރުދިގު މަގު ވަނީ އެކީ އެކައްޗަކަށް ކުނިކަހާ އޮމާން ކޮށްފައެވެ. ޖަންގަލި ފަޅިގައިވާ ބިޔަގަސްތަކުން ވައިރޯޅިއާއި އެކު ވައްޓާލާ ފަތްތަކާއި ވާދަކުރުމުގައި އެމީހުން އެވަނީ ކޮންމެ ދުވަހަކުކުރި ހޯދާފައެވެ. ތުއްތު ކުދިން ހުސްފަޔާ ހޭލަމޭލައަށް ސަރަހައްދުގައި އުޅޭއިރު އެކުދންގެ ފައިތިލައިގައިވާ ސާފު ތާހިރުކަމާއި ބެލެހެއްޓުން ތެރިކަން، ފައިވާނާއިއެކު އުޅޭ އާއްމު މީހާއަށްވުރެ ޗާލުވެފައި ރީއްޗޭ ބުނުމުން ޤަބޫލު ކުރަން ދަތިވާނެއެވެ. އަޅުގަނޑު އެކަން ފޮޓޯ އިން ދައްކައި ދޭނަމެވެ.


ކަރުނައިން ލޯފޭދިފާ..
އެބައިމީހުން ހަބަރުތައް ހޯދުމަށްފަހު ވަކިވެގެންދަމުން ކުޑަކުދިންނާއި އަދި ބޮޑަތި މީހުންނާ ސަލާމް ކޮށް ވަދާއީ ހަނާ އަޅަމުން އެންމެންވެސް ދިޔައެވެ. އެންމަފަހުން ޗީފް އާއި ސަލާމް ކުރަން ދިޔަ ބައިގަނޑުގައި އަޅުގަނޑު ހިމެނުނެވެ. ކޮނޑާ ކޮނޑު ޖައްސާ ސަލާމް ކުރެވުނު ވަގުތު މަޑުމޮޅިކަމާއި އެކު ހިނިތުންފެވައިވާ ހުރި ފިރިހެންމީހާގެ ލޮލުން ކަރުނައިގެ ވިދުން ފެނުނެވެ. ހާލުބަލާލަން މާދުރުން ކިޔަވާ ދަރިވަރުންތަކެއް އައީތީ ޝުކުރުވެރިވާ ހާލުގައެވެ.


އެއީ ވަކި ނިޒާމެއްގެ ތެރެއިން ވަކި އުސޫލުތަކަކަށް ދިރިއުޅެމުންދާ ލާމަސީލު ބައެކެވެ. އިންޑިއާގެ އެހެނިހެން ސިޓީތަކުގައި ވަސީލަތްތައް ޤާއިމު ކުރެވިފައިވާ ތަންތާގައި ދިރިއުޅޭ ފަޤީރުންނަށްވުރެ އަމިއްލަ އިންތިޒާމް ފުރިހަމަ، އެމީހުންނަށްވުރެ ސާފުތާހިރު، ލިބޭ މިންވަރުން އަމިއްލަ ފުދުންތެރިކަން ފުއްދުމުގައި ދެވަނައެއްނެތް މިސާލެކެވެ. އެހެނިހެން ސިޓީތަކުގައި ސަލާމް ޖަހެމަށް "ހަޔާތް ކަނޑާލުމަށްފަހު" ބޮޑަތި މީހުންގެ ޖީބުތައް ފަހަތުން އަތްދިކުރަމުންދާ ކުޑަކުދިންނާއި އެއްފުރައިގެ ކުދިން އެތަނުގައި ފެނުނީ ފަގީރު ހެދުމުގައި ތިބެ ލަދުރަކި ކަމާއި އެކު އިސްޖަހާލި ތަނެވެ. އެކުދިންގެ ނިޔަނެތިކަން ފެނިފައި ހެޔޮހިތުން ހަމްދަރު ދީއާއި އެކު އެއްޗެއް ދިއްކޮށްލާހިތް ނުވާ ހަމަ އެކަކުވެސް ނުހުންނާނެވެ. ވަދެގެން ދިޔައިރު ފިލަން ދުވި ތުއްތު ތުއްތު ކުދިން ނިމިގެން ނިކުމެގެން އައިއިރު، ތިޔަ ދައްތަމެންނާ ބޭބެމެން އަދިވެސް އަންނާށޭ ހިތާހިތުން ބުނާހެން ހީވިއެވެ. އެއީ ތަފާތު މުޖަތަމައެކެވެ. ނަމޫނާ ޖަމާއަތެކެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved