Home » , , » ރޫބީ 1 ވަނަ ބައި

ރޫބީ 1 ވަނަ ބައި

Written By Afey Afra on Sunday 2 February 2014 | 01:24

ލަޔާގެ ސިލްސިލާ

"ރޫބީ.." ޔަޒަންއަށް ސިއްސައިގެން ގޮސްފައި ހޭލެވުނު އިރު މުޅިމީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ފެނުނު ހުވަފެނާއިމެދު ވިސްނާލަމުން އޭނާ އަތުގެ ތެރޭގައި މޫނު ފޮރުވާލިއިރު ހިތުގައި ނޭނގޭ ނުތަނަވަސްކަމެއް އުފެދިފައިވެއެވެ. އަބަދުވެސް ހުވަފެނުގައި އޭނާގެ ރޫބީ އޭނާއާއި ވަކިވެގެންދާ މަންޒަރު ފެންނަނީ ކީއްވެގެން ހެއްޔެވެ؟ ޔަޒަން ފުން ނޭވާއެއް ލަމުން ކައިރީގައި އޮތް ފޯނު ނަގާ ގަޑި ބަލާލިއެވެ. އެވަގުތުވެސް އޭނާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ.

"މާތް ކަލާކޯ.. ރޭގަ 8 ޖެހިއިރު ނިދި މީހާ.. މިހާރު އެއޮށް 3 ޖެހީ.." ޔަޒަން އަމިއްލައަށް ވާހަކަ ދައްކަމުން ލައިގެން ހުރި ބޮކްސާގެ މަތިން ކަށިމަތީ ސޯޓެއް ލައިގެން މިސްރާބު ޖެހީ ކޮޓަރިން ބޭރަށް ނުކުތުމަށެެވެ. ތެދެކެވެ. މެލޭޝިޔާގައި 3 މަސްދުވަހު ހުރުމަށްފަހު އޭނާ މާލެ އައީ ރޭގައެވެ. ދިރިއުޅުމާއި އުޅެމުންދާ ވަޒީފާގެ ގޮތުން އޭނާ ހުންނަން ބޭނުންވީ ކަމުގައިވިޔަސް އިތުރަށް މެލޭޝިޔާގައި މަޑުކުރެވޭ ގޮތް ނުވީއެވެ. ގޮތެއް ނެތުމުން އޭނާ އުފަން ރަށަށް މައިންބަފައިންގެ ގާތުގައި އުޅުމަށް އައި ނަމަވެސް އެހިތުގެ ހަމަޖެހުމާއި އުފާތަައް އޭރުވެސްވަނީ މެލޭޝިޔާގައެވެ.
ޔަޒަން ބަނޑުގައި އަތްކާއްތަމުން  ކޮޓަރިން ނުކުތްއިރު ސިޓިންގ ރޫމުގައި ހުރި ސޯފާގައި އޭނާގެ މަންމަ ލައިލާ ޓީވީ ބަލަން އިނެވެ. އޭރު އޭނާގެ އެއްބަނޑު އެއްބަފާ 16 އަހަރުގެ ފިރިހެން ކޮއްކޮ ޔަކްޒަން ކައްކާ ބައިގައި ކަޕް ނޫޑްލްސް ތައްޓެއް ހިފައިގެން އުޅެއެވެ. ޔަޒަން ބޯކަހާލަމުން އިށީނދެލީ އޭނާގެ މަންމަގެ ގާތުގައެވެ.

"މަންމަ ގޮވާވެސް ނުލަމެއްނު.." ޔަޒަން އާދައިގެ ގޮތަކަށް ލައިލާގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލިއެވެ. އެވަގުތު ޔަކްޒަންވެސް ކަޕް ނޫޑްލްސް ތަށި ހިފައިގެން އައިސް އެއްއަރިމަތީގައި ހުރި ކާމޭޒުދޮށުގައި އިށީނީއެވެ. ކައްކާ ބަޔާއިއެކު ކާމޭޒު ސިޓިންގ ރޫމާއި ގުޅުވާލެވިފައިވީނަމަވެސް އެގެއަކީ ފުދޭވަރަކަށް ތަނަވަސް އަދި ޒަމާނީ ފެންވަރަކަށް ހެދިފައިވާ ގެއެކެވެ. ލައިލާގެ ފިރިމީހާ ޔާސީންއަށް އޭނާގެ ބައްޕަގެ ފަރާުތުން ވާރުތަކުރި ގެއިން ލިބުނު އެޕާޓްމެންޓް އެވަނީ ފުދޭވަރަކަށް ހަދާ ތަނަވަސް ކުރެވިފައެވެ. އެޕާޓްމެންޓުގައި މުޅިއެކު 3 ކޮޓަރިއާއިއެކު ފުދޭވަރެއްގެ ތަނަވަސް ސިޓިންގް ރޫމެއް ވެއެވެ. ސިޓިންގް ރޫމާއި، ބަދިގެއާއި އަދި ކޮޓަރިތަކުގައިވެސް ބޭނުން ކުރެވިފައިވަނީ މިހާރުގެ ފަރުނީޗަރުތަކެވެ. ޔާސީންއަކީ ކުރިއްސުރެވެސް މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތް ކުރަމުން އަންނަ ގިނަ ބަޔަކު ދަންނަ ފަރާތެކެވެ. އުޅެމުންދާ ވަޒީފާއިންނާއި، ލައިލާއަކީވެސް މާލޭ ރައްޔިތެއްކަމުން އޭނާގެ ގެ ކުއްޔަށް ދީގެން ލިބޭ އާމްދަނީއިން އެއާއިލާއަށް ދަތިތަކަކާއި ނުލާ އުޅެވޭވަރުވެއެވެ. މާ މުއްސަނދި ނޫނަސް ލިބުނު ތިން ކުދިން ބޮޑެތިވުމުން މިހާރު އެގެއަށް އިތުރު ތަނަވަސްކަމެއް ލިބިފައިވެއެވެ.

"ދޮގެއް މަންމާ.. އޭނަ ހޭލައިފިއްޔާ ގޭގަ މައިތިރިއެއް ނުވާނެ.." ލައިލާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޔަކްޒަން އަޑުގަދަކޮށްލިއެވެ.

"ތިވެސް ތެދެއް.. މަންމަ އަސްލު ނުގޮވީ އަމިއްލައަށް ހޭލެވެންދެން.. ވަރަށް ނިދާލަން ބޭނުންވެފައެއްނު ހުންނާނީވެސް.." ލައިލާ ހީނލަމުން ޔަޒަންއަށް ބުނެލިއެވެ.

"ހޫމްމް.. މާ ގިނައިންވެސް ނިދިއްޖެ.. ކޯޗެއްތަ ކާން ހުރީ.. ޔަކްޒަންބޯ ދެން ނެތްތަ ކަޕް ނޫޑްލީހެއް.." ޔަޒަން ތެދުވެގެން ގޮސް ޔަކްޒަންގެ އިސްތަށިގަނޑު ހަޑިކޮށްލުމަށްފަހު ޖެއްސުން ކޮށްލިއެވެ. އެވަގުތު ޔަކްޒަން ނުރުހިފައި ޔަޒަންގެ އަތުގައި ޖަހާލިއެވެ.

ޔަޒަން ބަދިގެ ބަޔަށް ވަދެ ހުރިހާ ތެލިތަކާއި، ތަށިތަކަށް ދާންދެން ބަލާ ޗެކްކުރިއެވެ. އެހެން ނަމަވެސް އޭގެން ކާހިތްވާފަދަ ހިތްހަމަ ޖެހޭ އެއްޗެއް ނުފެނުމުން ދެންގޮސް އައިސް އަލަމާރި ހުޅުވާލާފައި އޭގެތެރެ ޗެކްކުރަން ފެށިއެވެ. އެވަގަުތު ދޮރުފަތުގައި ހުރި ބިސްތައް ފެނުމުން އެއްމިޔަކަނުން ހީނލާފައި ވަގުތުން ހަތަރު ބިސް އަތްމައްޗަށް ނަގާލިއެވެ.

"ބަލާބަލަ.. ހަތަރު ބިސް.. އެއުޅެނީ ބޮޑު އޮމްލެޓް ހަދަން.." ޔަޒަން އަތްމައްޗަށް ބިސްތައް ނެގުމާއިއެކު އަނގައިގައި ހުރި ނޫޑްލްސްތަކާއިއެކު ޔަކްޒަން އަނގަ ތަޅުވަންފެށިއެވެ. އެވަގުތު ޔަޒަން ޝަހާދު އިނގިލި ތުންފަތުގައި ޖައްސާލަމުން "ޝްޝް" އޭ ބުނެލާފައި އުނދުނާއި ދިމާއަށް ހިނގައިގަތެވެ. ޔަޒަން ތަވާގައި ހަތަރު ބިހުގެ ބޮޑު ބިސްގަނޑެއް ފިހެލުމަށްފަހު، އައިސް ފެނުގައި ކިރުތައްޓެއްވެސް ހަދާލީ އަމިއްލައަށެވެ. 29 އަހަރުގެ ޒުވާން ޔަޒަން އެހުރިހާ ކަމެއް އަމިއްލައަށް ކުރިއިރުވެސް ލައިލާ ހަމަޖެހިލާފައި ޓީވީ ބަލަން އިނެވެ. މަންމަ ފެންނަ ހިސާބުގައި އިންދާ އަމިއްލައަށް ކާއެއްޗެހި ހަދާލާ ނިންމާލި ޔަޒަންއަށްވެސް އެއީ މާބޮޑު ކަމަކަށް ނުވެއެވެ. ތެދެކެވެ. ލައިލާއަކީ އެފަދަ ކަންތައްތަކަށް މާބޮޑު ފަރުވާތެރިކަމެއް ބަހައްޓާ އަންހެނެއް ނޫނެވެ. ގޭގައި ކައްކާނީ މެންދުރު އެކަންޏެވެ. ހެނދުނު ސައި ބޮވޭގޮތަށް ޕާނާއި، ޖޭމާއި، ބިސް ފަދަ ތަކެތި ހުންނާތީ ހެނދުނު ބަދިގެއަށް ވަނުމަކީ އޭނާ ކުރާކަމެއް ނޫނެވެ. އަނެއްކޮޅުން މެންދުރު ކައްކާއިރު ރޭގަނޑަށް ވާވަރަށް ކެއްކުމުން އޭނާގެ ބަދިގޭ މަސައްކަތް ނިމުނީއެވެ. ކާން ހެދުމާއި، ތަށިމަތި ހަދައިގެން އާއިލާ އެއްތަށިމަތީގައި ކެއުމަކީ އެއާއިލާގައި އޮންނަ ކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް ބަނޑުހައިވީމާ އަޅައިގެން ކާންވީއެވެ. ޔާސީންވެސް ގެއިން ކާ މަދުފަހަރެއްގައިވިޔަސް ކަންކުރާނީ މިއުސޫލުންނެވެ. ކުޑައިރުއްސުރެ އެ އާދަތައް ހަރުލާފައި ހުރުމުން ޔަޒަންއަށާއި ޔަކްޒަންއަށްވެސް އަމިއްލައަށް ކެއުމަކީ މާބޮޑު ކަމެއް ނޫނެވެ. ވަކީން ޚާއްސަކޮށް ޔަކްޒަންގެ އަތުގައި ލާރިކޮޅެއް ހަރުލައިފިއްޔާ ނޫޑްލްސް، ސްޕެގެޓީ ފަދަ ތަކެތި ގަނެގެން އަމިއްލައަށް ކެއްކުމަކީ އޭނާގެ އާދައެކެވެ. އާއިލާގެ ތެރޭގައި މާބޮޑު ގުޅުމެއް ނޯންނާތީ އެކަކު އުޅޭތަނެއް އަނެކަކަށް ނުމެ އެނގޭމެއެވެ. ޔަކްޒަންގެ ގިނަ ވަގުތު ސްކޫލާއި ޓިއުޝަން ތަކުގައި ހޭދަކުރާއިއރު ޔަޒަން އުޅޭނީ އޮފީހުގަި ނުވަތަ ރައްޓެހިންނާއިކު ބޭރުގައެވެ. އާއިލާގެ ތެރޭގައި ގުޅުމެއް ނެތްނަމަވެސް ނަސީބު ދިމާކުރި ގޮތުން އޭގެތެރެއިން އެއްވެސް ކުއްޖަކު ގޯސްމަގެއް ޚިޔާރެއް ނުކުރެއެވެ.

"ޓަނާ...." ޔަޒަން ބިސްގަނޑު ކައި ނިންމާލާފައި ކިރުތަށި ތުނބުގައި ޖަހާލި ވަގުތު ސިއްސައިގެން ދިޔައީ ގޭގެ ދޮރު ހުޅުވާލާފައި ވަތް އަންހެން ކުއްޖެއްގެ އަޑުންނެވެ. އެވަގުތު އޭނާގެ ކޮއްކޮ ޔައުލާ އާއި އޭނާގެ 5 އަހަރުގެ ދަރިފުޅު ޔަޝައު ފެނުމުން ޔަޒަންގެ މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

"ޒެން ދޮންބޭ.. ޔަޝައު ހަދިޔާ ކޮބާ.." ޔަޒަން ފެނުމާއިއެކު ކުޑަ ކުޑަ ޔަޝައު ދުވެލާފައި އައިސް އޭނާގެ އުނގުތެރެއަށް ވަނެވެ. އެވަގުތު ލޯ ހަނިކޮށްލަމުން ޔަޒަން ބަލާލީ ދުރުގައި ހެވިފައި ހުރި ޔައުލާއަށެވެ. ޔައުލާ ކިޔާ ނުދެނީސް ޔަޝައު އެހެން ނުބުނާނޭކަން ޔަޒަންއަށް ޔަގީންވީއެވެ.

"މެލޭގަ އުޅެލީމަ ބަލާބަލަ ދޮންވެލާފަ ހުރިވަރު.. މިހާރު މަންމައަށްވުރެ ދޮން.." ޔައުލާ އައި ގޮތަށް ޔަޒަންގެ ކައރީގައި އިށީނދެލިއެވެ. އޭރު ޔަޝައު ޔަކްޒަންއާއި އެކީގައި ކޮޓަރިއަށް ވަދެއްޖެެއެވެ.
"ޔައުއަށްވުރެ ދޮޮންވީމަ ޖޭވީ ދޯ.. އެހެން ނޫނަސް ތީ ދޮން މީހެއް ނޫނެއްނު.." ޔަޒަން ގަސްތުގައި ޔައުލާ ރުޅިއަރުވާލުމަށް ބުނެލިއެވެ. އެއާއިއެކު ޔައުލާ އޭނާގެ  އަތުގައި ބާރުބާރަށް ވިކައިގަތުމުން ޔަޒަންއަށް "އައުޗް" އޭ ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. ދުވަސްތަކަކަށްފަހު ޔައުލާ ފެނުމުން ޔަޒަން އިނީ ނުހަނު ހިތްހަމަ ޖެހިފައެވެ. ޔައުލާއަކީ މުޅި އާއިލާއިންވެސް އޭނާ އެންމެ ލޯބިވާ ފަރާތެވެ. އެއާއިލާ ތެރެއިން ނުފެންނަ ފަދަ ގާތްކަމެއް އެދެބެންގެ ކިބައިގައި ހަރުލާފައި ވެއެވެ. ޔައުލާގެ އުމުރުން 25 އަހަރު ވީއިރު އަދިވެސް އެދެމީހުންގެ ދެމެދުގައި އޮންނަނީ ކުޑައިރުގެ އުސޫލެވެ. ސަކަރާތް ޖެހުމާއި ޖެއްސުން ކުރުމެވެ. ކައިވެންޏަށްފަހު ފިރިމީހާގެ ގެއަށް ދިރިއުޅުން ބަދަލު ކުރުމުން އެދެބެންގެ ގުޅުުމަށް ހީނަރުކަމެއް އައި ނަމަވެސް އެކަކު އަނެކަކާއި ބައްދަލުވުމުން އެކަމެއް ނޯވެއެވެ.
"ކޮބާ ޝަޒިލް.. އޭނަވެސް ގޮވައިގެން އައިނަމަ.." ވާހަކަ ދައްކަމުންގޮސް ޔަޒަން ބުނެލިއެވެ.

"އޭނަ ދާނެ މިހާރު ގެއަށް.. މަށަށްވެސް ހުރެވޭކަށް ނެތޭ.. ޔަޝައު ގުރްއާން ކްލާހަށް ދާންޖެހޭނެ.. މަވެސް ޖެހޭނެ މިރޭ އޮފީހަށް ދާންވެސް.. ޒެން އައިކަން އެނގިގެން މި ޖައްސާލީވެސް.. " ޔައުލާ ވާހަކައިގައި ހުރެ ތެދުވެގެން ގޮސް ލައިލާގެ ގާތުގައި އިށީނދެލިއެވެ.
"ކޮބާތަ ބައްޕަ..މިގެއަށް އަޔަސް ބައްޕަ ނުފެންނާނެ.." ޔައުލާ ލައިލާއަށް ބުނެލިއެވެ.
"ޔައުއަށް އެނގެއެއްނު ބައްޕަގެ ގޮތް.. އޮފީހުން ގެއަށް އާދެވޭނީ ނިދަން.." ލައިލާ ހިނިތުންވެލާފައި ބުނެލިއެވެ.
ގޭގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ޔައުލާ ދިއުމުން ލައިލާ ޓީވީ ނިއްވާލާފައި ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ޔަކްޒަންވެސް ޓިއުޝަނަށް ހިނގައްޖެއެވެ. އެންމެން އެކި ތަންތަނަށް ދިއުމުން ސިޓިންގ ރޫމުގައި އިން ޔަޒަން އިނީ ފޫހިވާގޮތްވެފައެވެ. އެހެން ނަމަވެސް ފެންވަރާހިތް ނުވެފައި ހުރިވަރުން އޭނާ ރައްޓެއްސަކާއި ގުޅާލާ ބޭރަށްދާ ޚިޔާލެއްވެސް ނުކުރިއެވެ. އެންމެފަހުން ކޮޓަރިއަށް ވަދެ ފޯނާއި ހެޑްސެޓް ހިފައިގެން ނުކުމެ ލަވައެއް ޖަހާލަމުން އޭނާ ހުއްޓިލީ ސިޓިންގ ރޫމުން ނުކުމެވެން ހުންނަ ބެލްކަނީގައެވެ.  ޖަހާލާފައި ހުރި އިނގިރޭސި ލަވައިގެ ތަންކޮޅެއް ކިޔާލަމުން އޭނާ ދަގަނޑުގައި އަތްއަޅުވާލާ ގުދުވެލިއެވެ.  އެތާ ހުންނައިރު ފެންނަނީ ދުރަށް ދުރަށް ދާންދެން އޮތް މަގާއިއެކު،ކައިރީގައި ހުރި އެކިވަރުގެ އިމާރާތްތަކާއި، ހަދަންފަށާފައި ހުރި ބިލްޑިންގތަކެވެ. އުޑުމަތި ސާފު ރީތި ދުވަހެއްކަމުގައި ވުމުން އުޑުމަތީގެ ރީތި ގުދުރަތްތެރިކަން ފިޔަވާ އެހެން ރީތިކަމެއް ޔަޒަންއަކަށް ނުފެނެނެވެ. ނޫނެކެވެ. މުޅިއަކުން އެހެންނެއް ނޫނެވެ. އޭނާ ކުޑަކޮށް ބޯ އަރިކޮށްލަމުން ބަލާލީ ގެއާއި ކުރިމައްޗަށް ވާގޮތަށް ހުރި ގެއެއްގެ ޓެރަސް މަތީގައި އެއްޗެހި ހިއްކަން އަޅަންހުރި އަންހެންކުއްޖާއަށެވެ. ޓެރަހެއް ކަމަކު އެއީ މާ އުސް އިމާރާތެއް ނޫނެވެ. އަދި އެއީ ހަދަން ފަށާފައި ހުރި ތަނެއްކަމުން ތަނުގައި އޮތީ ފިލާގަނޑުތަކާއި އެބާވަތުގެ ތަކެއްޗެވެ. ހުދުކުލައިގެ ވަށިގަނޑެއް ތިރީގައި ބަހައްޓައިގެން ފަހަރަކު އެއްޗެއް ރޯނުގައި އަޅަމުން ދިޔައިރު އޭނާގެ ހަރަކާތްތަކަށް ބަލަން މީހަކު ހުރިކަމެއް އެކުއްޖާއަށް ރޭކާވެސް ނުލައެވެ.

"ހަވީރުވީމަވެސް ބޭރުގަ އެއްޗެހި ހިއްކަން އަޅަނީ.." ޔަޒަން އެއްމިޔަކަނުން ހީނލަމުން ހިތާއިހިތުން ބުނެލިއެވެ. އޭނާ އެއްފަރާތަށް ޖެހިލުމަށްފަހު އިތުރަށް އެއަންހެން ކުއްޖާގެ ހަރަކާތްތަކަށް ސަމާލުވިއެވެ. އެއީ މީގެ ކުރިން އޭނާއަށް ފެނިފައިވާ ކުއްޖެއް ނޫނެވެ. އިސްކޮޅުން ދިގުވެފައިި ލޫޅާފަތި ހަށިގަނޑެކެވެ. ލާފައި ހުރި ރަތްކުލައިގެ އަތްކުރު ޓީޝާޓާއި ފަޔަށް ހިފާފާއި ހުރި ކަޅު ޖީންސުގެ ސަބަބުން އެކުއްޖާގެ ބައްޓަން ނުހަނު ރަނގަޅަށް ހާމަވެއެވެ. އުނަގަނޑާއި ދިމާއަށް ހިމަވެފައި ހުރުމުން ލާފައި ހުރި ހެދުން އެހަށިގަނޑާއި ނުހަނު ގުޅެއެވެ. އަތްކުރު ޓީޝާޓްގެ ސަބަބުން ހާމައަށް އޮތް ދޮންދޮން އަތާއިއެކު ހިމަދިގު އިނިގިލިތައްވެސް ޔަޒަންގެ ލޮލުގައި އަޅައިގަތެވެ. އެއްއަރިއަށް ވާގޮތަށް ހުރުމުން މާ ރަނގަޅަށް މޫނުމަތި ނުފެނުނު ކަމުގައިވިޔަސް އެއީ ނުހަނު ރީތި ކުއްޖެކޭ ޔަޒަންގެ ހިތް ބުނާކަހަލައެވެ. ކަޅު އިސްތަށިގަނޑު ބޮޑު ހުޅިއަކަށް ހިފަހައްޓާލާފައި އޮތް އިރު ނިއްމައްޗަށް ބައެއް އިސްތަށިކޮޅުތައް ފައިބާފައި ހުއްޓެވެ.


އެއަންހެން ކުއްޖާގެ މޫނު ފެންނާނެ އިރެއްގެ އިންތިޒާރުގައި ކެތްތެރިކަމެއްނެތި ހުރި ޔަޒަންގެ ހިތައް ހަމަޖެހުމެއް ލިބުނީ އެކުއްޖާ އެއްޗެހި ހިއްކަން އަޅާ ނިންމާލުމަށްފަހު ރީތިކޮށް އެނބުރިލުމުންނެވެ. އޭނާގެ ދޮންދޮން އެހާމެ އޮމާން މޫނުގައި އެއްވެސް އައިބުކަމެއް ނެތެވެ. ކުޑަކުޑަ ނޭފަތަކާއިއެކު ރަތްކަންގަދަ ފުޅާ ތުންފަތެކެވެ. ލޯ ބޮޑު ނޫނަސް އެސްފިޔަތައް ދިގުވެފައި އަދި އެލޮލުގެ ބައްޓަމުގެ ސަބަބުން އާދަޔާ ޚިލާފު ރީތިކަމެއް ލިބިގެންވެއެވެ. "ކުރަނގި ދެލޯ.." އެދެލޯ ފެނުމާއިއެކު ވަގުތުން ޔަޒަންގެ ހިތްބުނެލިއެވެ. އެކުއްޖާގެ ލޮލުގައި ޔަޒަން އަޅައިގަތީ ބޮލުގައި އިސްތަށިގަނޑު ހަރުކޮށްލަން ޖަހާފައި އިން ދަތިގަނޑު ނައްޓާލިވަގުތެވެ. އެވަގުތު ނިއުޅިގެން ދިޔަ ބޯ ރާޅުބާނީ އިސްތަށިގަނޑުން މުޅި ކަނދުރާއާއިއެކު އަތުގެ ބޮޑުބައެއްވެސް ނިވާވެގެންދިޔައެވެ. އެމަންޒަރު ފެނުމުުންވެސް ޔަޒަންއަށް ބުމަ އަރުވާލެވުނީ އުނަގަނޑުން ތިރިއަށް އޮތް އިސްތަށިގަނޑުގައި ހުރި އާޝޯޚް ވާހާ ރީތިކަމެއްގެ ސަބަބުންނެވެ. އޭނާއަށް ޔަޒަން ފެނުނު ވަގުތު ހަރަކާތްތަކަށް ހުއްޓުން އަރާފައި ކުޑަވަގުތުކޮޅަކު ބަލަހައްޓައިގެން ހުއްޓެެވެ. އެއާއިއެކު ޔަޒަން ހިނިތުންވެލުމުން ސުވާލުގެ ނަޒަރަކުން އިތުރަށް ބަލާލުމަށްފަހު ތިރީގައި ހުރި ވަށިގަނޑު ހިފައިގެން ހިނގައިގަތީ ސިޑިއާއި ދިމާއަށެވެ. ލޯމަތިން އެކުއްޖާ ގޮސް ގެއްލުމުން ޔަޒަން އިތުރަށް ހިނިތުންވެލިއެވެ. އެހާ ރީތި ކުއްޖަކު އޭނާ އަދި ނުދެކެއެވެ. ނޫނެކެވެ. އޭނާގެ ރޫބީ އެއަށްވުރެ މާ ރީއްޗެވެ.
ނުނިމޭ
Share this article :

1 comments:

ލިޔުމާއި ގުޅިގެން ޝުއޫރު ފާޅުކުރެއްވުމަށް ތިރީގައިވާ (ކޮމެންޓް އޭސް) ގޮޅިން ބޭނުންވާ ގޮތެއް ހިޔާރުކުރެއްވާ

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved