Home » , , » މާޒީވީ ހިތިދައުރުން - ވަކިވުން

މާޒީވީ ހިތިދައުރުން - ވަކިވުން

Written By Afey Afra on Tuesday 29 October 2013 | 14:56

އަހަރެންނަކީ ރާއްޖެތެރޭގެ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ، އަންހެން ކުއްޖެކެވެ. އަހަރެންގެ ބައްޕައަކީ ވަޑާންކޮށް، އަތްކަންކޮށް މަސައްކަތްތެރި ހީވާގި ބައްޕައެކެވެ. މަންމައަކީ އުގަންނައިދޭން މަސައްކަތްކުރުމަށްފަހު ރިޓަޔަރ ކޮށްފައިވާ މީހެކެވެ. އަހަރެން ގްރޭޑް 1 ގައިއުޅުނު އިރު މަންމަ ޓީޗަރަކަށް އުޅުނު ހަނދާން އިއްޔެވީ ކަމެއްހެން އެބަހުއްޓެވެ. އަހަރެންގެ މައިންބަފައިންނާއި މެދު އަހަރެން އަމިއްލަ އަށް ފަހުރުވެރިވަމެވެ.

އެއީ 1992 ވަނަ އަހަރުގެ ދުވަހެކެވެ. ގްރޭޑް 1 ނިންމާފައި ލިބުނު ބޮޑު ޗުއްޓީގައި އައްޑޫއަށް (އަސްލު ރަށެއް ނޫން) ބަލާލަން ދާންޖެހޭކަމަށް އަހަރެންކައިރީގައި މަންމަ ބުންޏެވެ. އަހަރެން އުފަލާއިއެކު ދަތުރަށް ތައްޔާރުވީމެވެ. މަންމައާއި އެކު ގެއިން ނިކުމެގެން ބަނަދަރަށް ދާންހިނަގައިގަތީމެވެ. މަންމައާއި ކޮއްކޮ ގެއިން ނިކުތުމުން ގޭގެ އޮޅިގަނޑު އަހަރެން ގިރާކުރީ މަގުމައްޗަށް ނުކުމެލާފައި ގެއަށް ވަންނަ އުސޫލުން ހިޔާލެއް ފިކުރެއް ނެތިއެވެ. އެއޮޅިގަނޑު އެވަގުތު އަހަރެންނަށް އަލުވަދާއު ކީކަމެއް އަހަރެންނަކަށް ނޭގުނެވެ. އަނގަމަތި މަސްދޯންޏެއްގައި އަޑުއަތޮޅަށް މިސްރާބު ހިފާފައިވާއިރު މަޑު މަޑުން އަމިއްލަ ރަށް އޮބަމުންދެއެވެ. ފެހިކުލައިން އަޅި ކުލައަށް ރަށުގެ މަލަމަތި ބަދަލުވެ އުދަރެސް ތެރެއަށް ވަދެގެން ދިޔައީ ފުވައްމުލަކަށް ފޭބުމުގެ އިންތިޒާރުގައި އިންދައެވެ.

ހުޅިގަނޑު ނަގާފައި އަންނަނ ބިޔަ ރާޅުތައްކާއި އެކު ކުޑަ ބޮއްކުރާގޮސް ގޮނޑުދޮށުގައި ބީއްސާލުމާއި އެކު އެރަށަށް ފޭބުނު ވަގުތު އުފާވެރިކަން އިހުސާސްކުރެވުނެވެ. ވަށައިގެން ވަނީ ޗާލުކަމެވެ. ގުދުރަތީ ރީތިކަމެވެ. އަހަރެންމެން ތިންމައިން ބާލާއައިސް މަންމަގެ ރައްޓެއްސެއްކަމަށްވާ މަރިޔަމްދައްތަ ހުއްޓެވެ. މަރިޔަމް ދައްތައާއި އެކު އަހަރެމެން އެގެއަށް ވަނީމެވެ. އެއީ އެރަށުގައި ގަދަރުވެރި އާއިލާއެކެވެ. ފޯރުންތެރިކަމާއި އެކު އަމިއްލަ ފައިމައްޗަށް ތެދުވެގެން ދިރިއުޅެމުންދިޔަ އާއިލާއެކެވެ. އެރަށުގައި ދެދުވަސް ވީއިރު އަހަރެމެން ތިބި ގެއަކީ އަމިއްލަ ގެކަމަށް އިހުސާސްކުރެވުނެވެ. ގޭކައިރިން އެއްފުރާގެ ރައްޓެހިން ލިބިޖެއެވެ. ގެއަކީވެސް މަންމައެވެ. ރަށަކީވެސް މަންމައެވެ. ކޮންމެތަނެއްގައި ހުއްޓަސް މަންމަ ކައިރީގައި ހުރެއްޖެނަމަ އަމިއްލަވަންތަ ކަން އިހުސާސް ނުވާން ޖެހޭ ސަބަބެއް ނެތެވެ.

އައްޑޫއަށް އައިތާ ތިންވަނަ ދުވަހެވެ. އެނބުރި ރަށަށް ދާންޖެހޭ ދުވަހެވެ. ހެނދުނުގެ ނާސްތާގައި މޭޒުގައިރީގައި އަހަރެމެން ދެބެއިން ތިމީބެވެ. އަހަރެމެންނާއި އެކު މަރިޔަމް ދައްތަގެ ދަރިންވެސް ތިއްބެވެ. ފުރަން އުޅޭތީ މަންމަ އުޅުނީ ނީސްތާއްޓަށް އަރައިގެންނެވެ. ރަށުން ފައިބައިންގެން ދާންޖެހޭތީ އަހަރެމެން ތިބީ ދެރަވެފައެވެ. އެރަށުގެ މަޖާކަމާއި ހިތްފަސޭހަކަން ފެނިފައި ދާހިތް ނުވެފައެވެ. އަދި އިތުރު ދުވަހަކަށް މަޑުކުރެވޭނެއޭ ހިތާހިތާ ކިޔާލަކިޔާލާ އިނީމެވެ. ސައިބޮއި ނިމި ދަތުރަށް ތައްޔާރު ވިތަނާ، އަހަރެންނަށް އިވިގެން ދިޔަ އަޑަކީ ފަސޭހަ އަޑެއް ނޫނެވެ. ނަމަވެސް އަހަރެންގެ މަންމަ އަހަރެން ކައިރީ އެބުނި ބަހަކީ އުއްމީދީ އަޑެކެވެ. އެއީ މަންމަގެ އުންމީދުކަން އަހަރެންނަށް އޭރުވެސް ވިސްނާލެވުނެވެ. މަންމަ އަހަރެން ކައިރީ ބުންޏެވެ. "ދަރިފުޅު މަޑުކުރޭ، ދަރުފުޅު މިރަށަށް ގެނައީ ކިޔަވަން، މިގޭގައި ދަރިފުޅު ހުންނާނީ މަންމަމެން ދެން ދާނީ، ހިތްހެޔޮ ކުރާތި އިރާދަކުރެވިއްޔަ ޗުއްޓީގައި ރަށަށް ގެންދާނަން" މިހެން ބުނެފައި މަންމައާއި ކޮށްކޮށް ހިނގައިގަތުމުން އަހަރެންވެސް ނިކުތީމެވެ. މަންމަގެ ފަހަތުން ބަނދަރުމައްޗަށް ދިޔައީމެވެ.


ބަނދަރުމަތީގައި އަހަރެންނަށް ގަބު އަރާފައި ހުރެވުނެވެ. މަންމަ އަހަރެން ކައިރީގައި ކުރިން އެވާހަކަ ނުބުނީ ކީއްވެބާއެވެ. ވަށައިގެން އެކިދިމަދިމާލަށް ނަޒަރުހިންގާލެވުނެވެ. އަހަރެން ދޫކޮށްލީ މާސިންގާ ބިޔަ ބޮޑުރަށަކަށެވެ. ވަށައިގެން ފުއްޓަރާއި ބިޔަ ބޮޑަތި ރާޅުތަކެވެ. ބިޔަ ބާނިތަކުގެ ތެރެއިން މަންމަ ނިކުމެގެން އެދިޔައީ ބީރައްޓެހި ރަށަކަށް އަހަރެން ދޫކޮށްލާފައެވެ. އަހަރެން ބަލަބަލާ ހުއްޓައެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved